ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ފަހެއް އިންސައްތަ އަކީ ދޮށީ އުމުރުގެ މީހުންކަމަށް ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާ، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ހާމަކުރައްވައިފިއެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން ތަފާސް ހިސާބާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލްށް ރާއްޖޭގައި އުމުރުން ދުވަސްވީ 444 މީހުންނަށް ވަނީ ކޯވިޑް ޖެހިފައެވެ. އެއީ ރާއްޖެއިން ކޯވިޑް ޖެހިފައިވާ 10354 މީހުންގެ ތެރެއިން 5 އިންސައްތައެވެ. ބަލި ޖެހުނު ދޮށީ ޢުމުރުގެ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 61 އަހަރުން މަތީގެ މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަލި ޖެހިފައިވަނީ އުމުރުން 61 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންނަށެވެ. އެއުމުރުގެ މީހުންގެ ތެރެއިން ބަލި ޖެހިފައިވަނީ 269 މީހުންނަށެވެ. އެއީ 146 ފިރިހެނުންނާއި 123 އަންހެނުންނެވެ. އުމުރުން 71 އަހަރާއި 80 އަހަރުގެ މީހުންގެ ތެރެއިން ބަލި ޖެހިފައިވަނީ 125 މީހުންނަށެވެ. އެއީ 56 ފިރިހެނުންނާއި 60 އަންހެނުންނެވެ. އުމުރުން 80 އަހަރުން މަތީގެ 50 މީހުންނަށް ބަލި ޖެހިފައިވާއިރު އޭގެތެރޭގައި ހިމެނެނީ 30 ފިރިހެނުންނާއި 20 އަންހެނުންނެވެ. ދޮށީ އުމުރުގެ މީހުންގެ ތެރެއިން މި ހުރިހާ އުމުރު ފުރައަކުންވެސް ބަލިޖެހިފައިވާ ފިރިހެނުންގެ އަދަދު އަންހެނުންނަށް ވުރެ އިތުރެވެ.
ކޯވިޑްގައި މަރުވެފައިވާ ޢުމުރުން ދުވަސް ވީ މީހުންގެ ތަފާސް ހިސާބެއް ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާ އިން ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކޯވިޑްގައި ރާއްޖެއިން މަރުވި ދިވެހިންގެ ތެރޭގައި ގިނައީ ދޮށީ އުމުރުގެ މީހުންނެވެ. އަދި ހާލު ބޮޑުވެގެން އައިސީޔޫގައާއި ވެންޓިލޭޓަރުގައި ފަރުވާ ދޭންޖެހޭ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. މިހާތަނަށް ކޯވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ 34 މީހުންނެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ އާބާދީ ނުވަތަ އުމުރުން 56 އަހަރުން މަތީގެ މީހުންގެ އާބާދީއަކީ 18178 އެވެ. އެއީ 9322 ފިރިހެނުންނާއި 8855 އަންހެނުންނެވެ. ދޮށީ އުމުރުގެ މީހުންގެ ތެރެއިން 9223 އުޅެނީ މާލޭގައެވެ. އަތޮޅު ތަކުގައި އުޅެނީ 8955 އެވެ.
އުމުރުން ދޮށީ މީހުންގެ ތެރެއިން 65 އަހަރާއި 69 އަހަރުގެ އުމުރުފުރާގެ މީހުންގެ އާބާދީއުޅެނީ ހަހާހުގައެވެ. އުމުރުން 70 އަހަރާއި 74 އަހަރުގެ އާބާދީ އުޅެނީ ހަތަރު ހާހާއި ފަސްހާހާ ދެމެދުގައެވެ. އުމުރުން 75 އަހަރާއި 79 އަހަރާދެމެދުގެ އާބާދީ އުޅެނީ ތިންހާހާއި ހަތަރު ހާހާ ދެމެދުގައެވެ. އުމުރުން 80 އަހަރުންމަތީގެ އާބާދީ އުޅެނީ ހަތަރު ހާހުން މަތީގައެވެ.