މާސްކް ނާޅައި އުޅުނު ހަތަރު މީހަކު 1000 ރުފިޔާއިން ޖުރިމަނާކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަޙައްދުގެ އާއްމު ތަންތަނުގައި މާސްކް އެޅުން މަޖުބޫރު ކޮށްފައި ވަނިކޮށް އެއަމުރާ، ތަކުރާރުކޮށް ޚިލާފުވި ހަތަރު މީހަކު  1000 ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، މާސްކް ނާޅާ މީހުންނަށް ފުލުހުން ފުރަތަމަ ދެނީ ނަސޭހަތް ކަމަށެވެ. ޖުރިމަނާ ކުރަނީ ނަސޭހަތް ދިނުމުން ވެސް ދެވަނަ ފަހަރަށް ވެސް އެކަން ރަނގަޅު ނުކުރުމުން ކަމަށެވެ. އެގޮތުން މިއަދު މެންދުރު އެކަކުން ފެށިގެން 116  މީހުންނަށް ފުލުހުން ނަސޭހަތް ތެރިވެފައިވާކަމަށެވެ. އަދި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

މާލެ ސަރަޙައްދުގެ އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުމަށް ޢަލުކުރަން ފެށީ މިއަދުއެވެ. ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން ވަނީ މާސްކް އެޅުމުގެ އަމުރުން އިސްތިސްނާކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.