ޝާފިޔާގެ އެދުރު އަށި: ސެލްފް ރެގިޔުލޭޓެޑް ލަރނިންގ ނުވަތަ އަމިއްލައަށް ރާވައިގެން އުނގެނުން

މިއަދުގެ ކޮލަމު މިޚާއްޞަކޮށްލަނީ ދަރިވަރުން އަމިއްލައަށް އުނގެނުން މެނޭޖުކުރަން ދަސްކޮށްދޭނީ ކިހިނެއްކަން އަދި އެކަން ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ. މި މައުޟޫޢަށް ލިޔަން ގަސްތުކުރެވުނު ހިނދު އަޅުގަނޑުގެ ހަދާނަށް އައީ މެލޭޝިޔާގައި މާސްޓަރސްއަށް ކިޔެވި ދުވަސްވަރުގެ ހަދާނެކެވެ. މި މައުޟޫޢަކީ މާސްޓަރސް ކޯހުގައި އަޅުގަނޑު ދިރާސާ ހެދި މައުޟޫޢުއެވެ. ދިރާސާގެ މައިގަނޑު މަގުސަދަކީ ސެލްފް ރެގިޔުލޭޓެޑް ލަރނިންގއާއި  ދަރިވަރުންގެ އުގެނުމުގެ ކާމިޔާބީއާ ގުޅުން ހުރީ ކިހާ މިންވަރަކަށްތޯ ބެލުމެވެ. ބެރީ ޒިމަރމަންއަކީ އޭރު އަޅުގަނޑުގެ ލިޔުމުގެ ތެރޭގައި އެންމެ ގިނައިން ހަވާލާ ދެވުނު އެއްފަރާތެވެ. ބެރީ ޒިމަރމަންއަކީ 1990 ގެ އަހަރުތަކުއްސުރެ މި މައުޟޫޢުގައި އެތައް ގިނަ ދިރާސާތަކެއް ހައްދަވާފައިވާ ފަރާތެކެވެ. އަޅުގަނޑު ދިރާސާ ހެދީ ސެކަންޑަރީ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ވެސް ހިމަނައިގެންނެވެ. ދިރާސާގައި ބޭނުންކުރެވުނީ ވެސް ބެރީ ޒިމަރމަންގެ 2002 ވަނަ އަހަރުގެ ދިރާސާއެއްގައި ބޭނުން ކުރެވިފައިވާ ސާރވޭ ސުވާލުތަކުގެ އިތުރުން މުދައްރިސުންނާ އެކު ހެދުނު ބަސްދީގަތުންތަކެކެވެ. އަޅުގަނޑުގެ ދިރާސާގެ މައިގަނޑު ހޯދުންތަކުން ހާމަވީ ޒިމަރމަންގެ ކުއެސްޗަނިއަރގައިވާ ސެލްފް ރެގިޔުލޭޓެޑް ލަރނިނގގައި 10 ގޮތުގެ ތެރެއިން އުނގެނުމުގައި އެންމެ ކާމިޔާބު ދަރިވަރުން 4 ގޮތެއް ވަރަށް ގިނައިން ބޭނުންކުރާ ކަމެވެ. އެއީ ނޯޓް ނެގުމާއި، ގުރޫޕްސްޓަޑީ ހެދުމާއި، މަޢުލޫމާތު ޚުލާޞާކުރުމާއި، އަމިއްލަ ކިޔެވުމުގެ ވަގުތު މެނޭޖްކުރުމެވެ. މިގޮތްތަކަކީ މުދައްރިސުން ވެސް ވަރަށް ބޮޑަށް ބާރު އަޅާ ގޮތްތަކެއްކަން ވެސް ދިރާސާގެ ހޯދުންތަކުން ހާމަވެފައިވެއެވެ. ދިރާސާއިން ހާމަވިގޮތުގައި ސްކޫލުގެ އެންމެ ކާމިޔާބު ދަރިވަރުން މޮޅުވުމުގެ ސިއްރަކީ އެކުދިން އަމިއްލައަށް ކިޔެވުން މެނޭޖުކޮށް، މޮނިޓަރ ކުރުމަށް ގެންގުޅޭ މި ފާހަގަ ކޮށްލެވުނު ގޮތްތަކެވެ. ޚާއްޞަކޮށް ހާސިލުވަމުންދާ މިންވަރަށް ބަލައިގެން އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަން ގާތުން ދެނެގަނެ އަމިއްލައަށް ރާވައި/ރެގިޔުލޭޓް ކުރާ ކަންކަމެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ސެލްފް ރިގިޔުލޭޓެޑް ލަރނިންގއަކީ ކިޔަވައިދިނުމުގެ ތެރޭގައި މުދައްރިސުންނަށް ވަރަށް ބޮޑަށް ބާރު އެޅިދާނެ ދަރިވަރުންގެ ހިއްސާ އިތުރު ކޮށް އުނގެނުމުގެ ކާމިޔާބީ އެތައް ހަރުފަތެއް މައްޗަށް ޖައްސާލެވިދާނެ ކަމެއް ކަމެވެ.

ސެލްފް ރެގިޔުލޭޓެޑް ލަރނިންގގެ ޢިލްމީ ވިސްނުން

އެންމެ ފުރަތަމަ ސެލްފް ރެގިޔުލޭޓެޑް ލަރނިންގއާ ބެހޭ ގޮތުން އުނގެނުމުގެ ކާމިޔާބާއި ގުޅުވައިގެން ލިޔުއްވި ޢިލުމުވެރިންގެ ތެރޭގައި ހިމެނެނީ ބެރީ ޒިމަރމަންއެވެ. ނަމަވެސް މި ކޮންސެޕްޓް/މަފްހޫމުގެ އަސްލު މާނަ ގުޅިގެންދަނީ ކެނެޑާގެ މަޝްހޫރު ޢިލުމުވެރިއެއް ކަމަށްވާ އަލްބަޓް ބަންދޫރާގެ މައިގަނޑް "ސޯޝަލް ލަރނިންގ ތިއަރީ" (އިޖުތިމާޢީ ގުޅުމުގެ ތެރެއިން އުނގެނުން) މި ތިއަރީއާއެވެ.  1986 ގެ އަހަރުތަކުގައި އަލްބަޓް ބަންދޫރާ ތަޢާރަފުކުރެއްވި މި ތިއަރީއަކީ ދަރިވަރުންގެ އިޖުތިމާޢީ ވިސްނުން އަދި އިޖުތިމާޢީ އުނގެނުން މި ދެ ބައި ގުޅުވައިގެން ކިޔަވައިދިނުން ފަރުމާ ކުރުމަށް އިރުޝާދު ދީފައިވާ ތިއަރީއެކެވެ. އަލްބަޓް ބަންދޫރާ (1991) ގައި ހާމަކުރައްވާފައިވާ ގޮތުގައި ސެލްފް ރެގިޔުލޭޝަން/އަމިއްލައަށް ރޭވުން މާނަ ކުރެވެނީ ދަރިވަރުންގެ އުނގެނުމުގެ ކަންތައްތައް އަމިއްލައަށް ރާވައި ހިންގާ އުނގެނުމުގެ ހުރިހާ ކަމެއް މެނޭޖުކުރުމުގައި ކޮންޓްރޯލާ އެކު ކުރާ ކަމެއްގެ ގޮތުގައެވެ. މިކަމުގައި ޚާއްޞަކޮށް ދަރިވަރު ބޭނުންވާ ވަކި ކަމެއް، އަމިއްލަ ޝައުގުވެރިކަން، ކޮންޓްރޯލް އަދި ޢަޒުމު ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ (ބައުމީސްތަރ، ރޯއި، ވޯސް، ކެޓްލީން، ޓައިސް، ޑަޔާން، 2007). މިބަޔާން ކުރެވުނު ހަތަރު ކަންތައް ހިމެނޭ ގޮތަށް އަމިއްލައަށް ރާވައި މޮނިޓަރ ކުރެވޭ އުނގެނުމަކީ ދަރިވަރުން، ކާމިޔާބާއި ހަމައަށް ވާސިލުވުމަށް ވަރަށް ބޮޑު ބާރެއް ފޯރުކޮށްދޭ ކަންތައްތަކެކެވެ. މާނައަކީ، ދަރިވަރު ބޭނުންވާ ވަކި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަދި ކުރި ހޯދުމަށް މަސައްކަތްކުރާނީ އެ ކުއްޖަކު އެކަމެއް ވަރަށް ބޮޑަށް ބޭނުންވެގެން އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައެވެ.

ބެރީ ޒިމަރމަން (2002) ހާމަކުރައްވާ ގޮތުގައި ސެލްފް ރެގިޔުލޭޓެޑް ލަރނިންގ/އަމިއްލައަށް ރާވައިގެން އުނގެނުމަކީ ވަށައިޖެހޭ ގޮތެއްގައި ހިނގާ ކަމެކެވެ. އެގޮތުން  (1) ދަރިވަރުން ބޭނުންވާ ވަކި ކަމެއް ޙާޞިލުކުރުމަށް ޕްލޭން ކުރުން (2) ޕްލޭންކުރި ކަންތައްތައް ދާ ގޮތް އަދި ހާސިލުވަމުންދާ މިންވަރު ރަނގަޅަށް ބަލައި މޮނިޓަރކުރުން، އަދި (3) ނަތީޖާ ހާޞިލުވަމުންދާ މިންވަރާ މެދު ރިވެލިކޮށް/ރިފްލެކްޓްކުރުން މިއެވެ. މި ތިން ކަމަކީ ވަށައިޖެހޭ ގޮތެއްގައި އަބަދު ވެސް އެއް ބައި އަނެއް ބަޔަށް އެޑްޖަސްޓްކުރެވި/ބަދަލުގެނެވި ކާމިޔާބާއި ހަމައަށް ދިއުމަށް ދަރިވަރުން އަމިއްލައަށް ކުރާ މަސައްކަތެކެވެ. މިކަން ވަށައިޖެހޭގޮތަށް ކުރެވޭ ގޮތް ބެރީ ޒިމަރމަން (2002) ތަޢާރަފުކުރައްވާފައިވާ ގޮތުގެ ކުރު ޚުލާޞާއެއް ހޫލަ 1ގައި ދައްކާލެވިފައި އެވަނީ އެވެ.

ހޫލަ 1. ސެލްފް ރެގިޔުލޭޓެޑް ލާރނިންގ (ޒިމަރމަން، 2002)

ކިޔަވައިދޭއިރު ސެލްފް ރެގިޔުލޭޓެޑް ލަރނިންގ/އަމިއްލައަށް ރާވައި، އުނގެނުމަށް ހިތްވަރުދޭނީ ކިހިނެއް؟

މުދައްރިސުން ދަރިވަރުންނަށް ކިޔަވައިދޭ ގޮތުން އެ ކުދިންނަކީ ވަކި ކަހަލަ ކަންތައްތަކަށް އާދަކުރުވި، ހޭނުވޭ ކުދިބަޔަކަށް ހެދިދާނެއެވެ. މިގޮތުން ސަމާލުކަން ދޭން ޖެހޭ އެންމެ މުހިންމު ކަމަކީ ދަރިވަރުން އަމިއްލައަށް އުނގެނެވިދާނެ ގޮތްތަކަކަށް ހޭނުވުމެވެ. ހުރިހާ އެއްޗެއް މުދައްރިސު ނުވަތަ އެހެން މީހަކު ކިޔައިދިނީމާ ނޫނީ ނޭނގޭނެކަން ދަރިވަރުންނަށް ވިސްނައި ދިނުމުގެބަދަލުގައި އަމިއްލައަށް ވެސް ކުރެވިދާނެ ކަންތައްތަކެއް ހުންނަކަން ވިސްނައިދޭން ޖެހެއެވެ. އަދި އިތުރަށް އެއްޗެއް އޮޅުން ފިލުވަން ބޭނުންނަމަ ނުވަތަ ދަސްކުރަން ޖެހޭނަމަ އެކަން ކުރާނެ ގޮތް ދަރިވަރުންނަށް ކިޔައިދީ، އެކަމަށް މަގުދައްކައިދީ ހޭނުވަން ވެސް ޖެހެއެވެ. ސެލްފް ރެގިޔުލޭޓެޑް ލަރނންގއަކީ ކޮންމެ މަރުހަލާއެއްގައި ކިޔަވައިދޭއިރު ވެސް ބާރު އެޅިދާނެ އަދި ދަރިވަރުންގެ އުނގެނުން އަމިއްލައަށް މެނޭޖުކުރުމަށް ދަސްކޮށްދެވިދާނެ ގޮތެކެވެ. ދެވިފައިވާ ވީޑިއޯއަކީ ފަށާ ތަޢުލީމުގެ ދަރިވަރުންގެ ކުލާސްރޫމެއްގައި ސެލްފް ރެގިޔުލޭޓެޑް ލަރނިންގ ހިމަނައިގެން ކިޔަވައިދިނުން ގެންދާ މިސާލެކެވެ. ބައްލަވާ ލެއްވުމަށް ވިޑިއޯއަށް ފިއްތަވާލައްވާށެވެ. މީގެއިތުރުން ސެލްފް ރެގިޔުލޭޓޭޑް ލަރނިންގ ހިމަނައިގެން ކިޔަވައިދޭއިރު މުދައްރިސުންނަށް ކުރެވިދާނެ ދެތިން ކަމެއް ތިރީގައި ބަޔާންކުރާނަމެވެ.

  1. މަސައްކަތެއް ނިމޭއިރު އޮންނަންވާ ގޮތުގެ މޮޑެލް/ނަމޫނާ ދެއްކުން: ކަމެއް ނިންމުމަށް ހަވާލުކުރާނަމަ، އެއެއްޗެއް ނިމޭއިރު އޮންނަން ޖެހޭގޮތުގެ ތަފާތު މިސާލުތައް ދައްކާ އެގޮތަށް އެއްޗެއް ތައްޔާރުކުރުމަށްޓަކައި އިތުރު މަޢުލޫމާތާއި ބޭނުންވާ ތަފުސީލުތައް ހޯދާނެ ގޮތް ކިޔައިދިނުމެވެ.
  2. ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދާއިމީގޮތެއްގައި ލިބޭނެގޮތް ހަމަޖެހިފައި އޮތުން: މިކަން ކުރާނީ،އެއްވެސް ހާލެއްގައި މަޢުލޫމާތުތަކެއް ދީގެނެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ، މަޢުލޫމާތު ހޯދާނެ ގޮތާއި، ވިސްނުން ބަހައްޓަންވާނެ ގޮތް، އަދި އިތުރަށް ކަމެއް ރަނގަޅުކުރަން ބޭނުންނަމަ އެކަން ކުރެވިދާނެ ގޮތް ކިޔައިދީ އެހީތެރިކަން ލިބިދާނެ ގޮތް ސާފުކޮށް ދެވިފައި އޮތުމެވެ.
  3. އުނގެނުމުގައި ދަރިވަރުންނަށް ހުރިހާ އެއްޗެއް ކިޔައިދިނުމުގެ ބަދަލުގައި ދަރިވަރުން ބާރުވެރިކުރުވުން: މިގޮތަށް ދަރިވަރުން ބާރުވެރިކުރުވުމުގައި އެ ކުދިންގެ އުނގެނުމުގެ ކަންކަން މެނޭޖުކޮށް މޮނިޓަރކޮށް ބަލަހައްޓާނެ ގޮތްތަކާ މެދު މަޝްވަރާކޮށްކުރަން ފުރުސަތުދޭންވާނެއެވެ.
  4. ތަފާތު ހުނަރުތައް ކުރިއަރުވަން މަސައްކަތް ކުރުމަށް ބާރު އެޅުން: މިގޮތުން، އުނގެނުމަކީ ވަކި ކަހަލަ ކަމެއް ދަސްކުރުމަށްވުރެ ބޮޑަށް، ގިނަ ހުނަރުތަކެއް ތަރައްގީކޮށް ކާމިޔާބީ ހާސިލުކުރަން ފަސޭހަވާނެ ގޮތެއްކަން ދަރިވަރުންނަށް ގަބޫލުކޮށްދޭންވާނެއެވެ.
  5. އުނގެނުމަށް ޝައުގުވެރިވުން އަދި ކާމިޔާބީގެ ހިތްހަމަޖެހުން ހޯދަން އެހީތެރިވެދިނުން: މިކަމުގައި އެންމެ މުހިންމު ކަމަކީ ނަތީޖާއާ ހަމައަށް ދިއުމަށް ބާރު އަޅައި، ދަރިވަރުންގެ އުނގެނުމުގެ ކަންކަން އެ ކުދިން ލައްވައި އަމިއްލަ ބަލުވައި އިތުރު ކުރިއެރުން ހޯދުމަށް އެހީތެރިވެދިނުމެވެ.
  6. ބޭނުންޖެހޭ ހާލަތުގައި އެހީތެރިކަން ހޯދާނެ ގޮތް ކިޔައިދިނުން:  މިގޮތުން މުދައްރިސުން، ދަރިވަރުން ކުރާ ކަންތައްތައް ކުރިއަރަމުން ދާ މިންވަރު ބަލައި އެހީތެރިކަން ހޯދިދާނެ ގޮތްތަކާއި ބޭނުންޖެހޭ ވަގުތު ކަންކުރެވިދާނެ ގޮތްތަކެއް ހުށަހަޅައި، އެ ކަންކަމާ މެދު މަޝްވަރާކުރެވި ދަރިވަރުންނާ އެކު އެއްބަސްވުންތަކެއް ކަނޑައަޅާފައި ބޭއްވިދާނެއެވެ.

ދަރިވަރުންނަށް ފީޑްބެކްދޭއިރު ސެލްފް ރެގިޔުލޭޓެޑް ލަރނންގ އަށް އެހީތެރިވެދޭނެ ގޮތް

ދަރިވަރުން ކުރާ މަސައްކަތަކަށް ފީޑްބެކްދޭއިރު ކުރެވުނު މަސައްކަތް އަމިއްލައަށް ރަނގަޅުކުރުމުގައި ކަން ކުރެވިދާނެ ގޮތް ދަރިވަރުންނަށް ބުނެދިނުމަކީ މުދައްރިސުންނަށް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ލިޔެވިފައިވާ އެއްޗަކަށް ފީޑްބެކްދޭއިރު ޢިބާރާތްތައް، ޕެރެގްރާފްތައް ސްޓްރަކްޗަރ ކުރާނެ ގޮތް، ލިޔުމުގެ ދޭހަ އިތުރުކުރުމުގައި ކުރެވިދާނެ ކަންތައްތައް ފަދަ ކަންކަމަށް ކޮމެންޓްކޮށް، އޭގެ އަލީގައި ދެން ކުރެވޭ އިސްލާހުތައް ކުރެވިފައިވަނީ ރަނގަޅަށްތޯ އަމިއްލައަށް ބަލާނެ ގޮތްތައް ކިޔައިދެވިފައި އޮތުމެވެ. ނިކޯލް އަދި މެކްފާރލޭން (2006) ހާމަކުރައްވާ ގޮތުގައި ފީޑްބެކްދިނުމުގައި އެންމެ ރަނގަޅު ގޮތަކީ ދަރިވަރުން ކުރާ މަސައްކަތްތަކަށް އަމިއްލައަށް ވެސް ފިޑްބެކް ދޭނެ ގޮތްތަކެއް އެނގުމެވެ. މި ދިރާސާވެރިން ފާހަގަކުރައްވާ ގޮތުގައި ފުރަތަމަ މުދައްރިސު ފީޑްބެކް ދިން ނަމަވެސް އެ މަސައްކަތް ދެވަނަ ފަހަރަށް ރަނގަޅުކުރާއިރު އެކުރެވެނީ ރަނގަޅަށްތޯ ބަލާނެ މިންގަނޑުތަކެއް ކަނޑައަޅައި، އެކަން ކުރެވެނީ ރަނގަޅަށްތޯ ޗެކްކުރާނެ ގޮތްތަކެއް ދަރިވަރުން އަމިއްލައަށް އެނގުން މުހިންމެވެ. މިސާލަކަށް ކުރިން ދެންނެވި ޕެރެގްރާފް އިސްލާހު ކުރާއިރު ރަނގަޅަށް ލިޔެވިފައިވާ ވޭތޯ ބަލާނެ ޗެކްލިސްޓެއް އަމިއްލައަށް ހަދައި މުދައްރިސާއެކު އެއާ މެދު މަޝްވަރާކުރެވި އެއީ މިންގަޑަކަށް ބަލައިގެން ޕެރެގްރާފު އިސްލާހުކޮށް ލިޔެވިފައިވަނީ ރަނގަޅަށްތޯ ދަރިވަރުން އަމިއްލައަށް ވެސް ބެލޭނެއެވެ. ފީޑްބެކްދިނުމާ ގުޅޭ ގޮތުން މި ކޮލަމުގެ އެހެން ލިޔުމެއްގައި ވެސް ވާނީ ތަފުސީލުކޮށް ލިޔެވިފައެވެ. މިފަދަ ގޮތަކަށް މުދައްރިސުން ފީޑްބެކްދޭން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ސަމާލުކަންދެވިދާނެ ދެތިން ކަމެއް ތިރީގައި ހިމަނާލާނަމެވެ.

  • ކަމެއް ކުރަންޖެހޭ ގޮތުގެ ނަމޫނާ، ސްޓޭނޑަޑް (މިންގަޑު) އަދި ހިމަނަންޖެހޭ މުހިންމު ބައިތައް ކިޔައިދިނުން
  • އަމިއްލައަށް ކުރެވިފައިވާ މަސައްކަތް ރަނގަޅުތޯ ނުރަނގަޅުތޯ ބަލާނެގޮތްތައް ބުނެދިނުން
  • ދަރިވަރުންގެ މަސައްކަތުގެ ފެންވަރު ސާފުކޮށްދިނުން
  • ފީޑްބެކްދޭއިރު ދަރިވަރާއި މުދައްރިސުގެ ވާހަކަދެއްކުމުގެ ތެރެއިން އިތުރަށް ބޭނުންވާ ބައިތައް ސާފުކުރުމުގެ ފުރުސަތު އޮތުން
  • އަމިއްލައަށް ކަންކަން ރަނގަޅުކުރުމުގެ ރޫހު އުފައްދައި، ރަގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް އެއީ،ދަރިވަރުގެ ހުރި އުނިކަމެއް ނޫންކަމާއި، އިސްލާހާއެކު އިހަށް ވުރެ ބޮޑަށް އުނގެނުން އިތުރުކޮށް ހެޔޮބަދަލުތައް ފެންނާނެކަން ގަބޫލުކޮށްދިނުން

މިކަންކަމުގެ އިތުރުން ސެލްފް ރެގިޔުލޭޓެޑް ލަރނިންގ ހިމަނައިގެން ކިޔަވައިދޭއިރު އެހީތެރިވެދޭނެ ބައެއް ހަރަކާތްތައް ހުށަހަޅައިލާނަމެވެ.

ސެލްފް ރެގިޔުލޭޓެޑް ލަރނިންގއަށް ދަރިވަރުން އާދަކުރުވުމުގެ ގޮތުން ކުލާހުގައި ރޭވިދާނެ ބައެއް ހަރަކާތްތައް

ހަރަކާތް ތަފުސީލު ސަމާލުކަންދޭނެ ކަންތައް
ތިންކް ޕެއަރ ޝެއަރ ކިޔަވައިދެމުން ދާއިރު ކިޔަވައިދޭ ބައިތަކަކާ ގުޅޭ ސުވާލެއް ނުވަތަ މަސައްކަތެއް ހަވާލުކުރާއިރު ފުރަތަމަ ދަރިވަރުން އެކަނި ވިސްނުން (ތިންކް)، ދެން އެކުގައި ވާހަކަ ދެއްކުން (ޕެއަރ) އެއަށްފަހު ގުރޫޕުގައި ހިއްސާކުރުން (ޝެއަރ)، މި ތިން ބާވަތް ހިމެނިގެން ކޮށް ނިންމަން  ހަވާލުކުރެވޭ މަސައްކަތަކީ ދަރިވަރުންގެ ސެލްފް ރެގިޔުލޭޓްޑް ލަރނިންއަށް އެހީތެރިވެދޭ ގޮތެކެވެ. ކޮންމެ ހަރުފަތަކަށް ވަގުތު ހަމަޖައްސައި ކަންކުރަންވީ ގޮތުގެ އިރުޝާދާއި ބޭނުންވާނެ މެޓީރިއަލްތައް/ރީޑިން ފޯރުކޮށްދިނުން. ދަރިވަރުން އެއް ހަރުފަތުން އަނެއް ހަރުފަތަށް ދާންޖެހޭ ސިގްނަލް/ފާހަގަ/ނިޝާންތައް ބޭނުން ކުރުން ވެސް މުހިންމު
ރިޓްރީވަލް ޕްރެކްޓިސް މި ހަރަކާތަކީ ދަރިވަރުން ކިޔާ މަޢުލޫމާތެއް ހަދާން ހުރީ ކިހާ މިންވަރަކަށްތޯ އަމިއްލައަށް ޗެކް ކުރާނެ ގޮތް ދެނެގަތުމަށް އާދަކުރުވާނެ ވަރަށް ރަނގަޅު ގޮތެކެވެ. އެހެންވީމާ، ރީޑިން ހަވާލު ކުރުމަށް ފަހު އެކިޔާފައި އޭގައި ވާ ބައިތައް އަމިއްލަށް ހަދާންކޮށް ކޮންސެޕްޓް މެޕެއް ހަދަން ނުވަތަ އެހެންމީހަކާ އެކު އެ މަޢުލޫމާތު ހިއްސާކުރަން ފުރުސަތުދިނުން ރަނގަޅެވެ.   މިފަދަ މަސައްކަތް ހަވާލު ކުރާނަމަ ކިޔާ ވަގުތު ހަމަޖެއްސުމަށްފަހު ވާހަކަ ދައްކާވަގުތު ވެސް ކަނޑައެޅި އަދި ވާހަކަ ދައްކާނީ ކާކާ އެކުކަން ވެސް އޮންނަން ޖެހޭނީ އިރުޝާދު ދެވިފައި.
ސޯޓިން، ޗަންކިން، އޮގަނައިޒިން މިބާވަތު ހަރަކާތް ދޭއިރު ކިޔަން ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހެއްގައިވާ މުހިންމު މަޢުލޫމާތުތައް ބައިތަކަކަށް އަޅައި(ސޯޓިން)، އެއްކޮށް (ޗަންކިން)، އަދި ވަކި ގޮތަކަށް އެކުލަވާލުން (އޮގަނައިޒިން) ފަދަ ކަންތައްތައް ކުރާނެ ގޮތް ކިޔައިދިނުން. މިގޮތުން ސާމްޕަލް ޓެމްޕްލޭޓެއް/ނަމޫނާ ނުވަތަ ކޮންސެޕްޓްމެޕް، އަދި ގްރެފިކް އޮގަނައިޒަރ، އިންފޯރގްރެފިކް ފަދަ ތަފާތު ބާވަތްތަކުގެ އެއްޗެހި ބޭނުންކުރާނެ ގޮތް ކިޔައިދިނުން ފަދަ ކަންކަން ބުނެދެވިދާނެއެވެ. މިފަދަ ހަރަކާތްތަކަކީ ކިޔަން ހަވާލު ކުރެވޭ ގިނަ ލިޔުންތައް ދަރިވަރުންނަށް  އެނގެމުންދާ އަދި އެނގިފައިވާ މިންވަރު އަމިއްލައަށް ބަލައިލަން ފަސޭހަ ކަމާއެކު ތަމުރީނުކޮށް ހޭނުވޭ ގޮތެކެވެ. މާނައަކީ އިމްތިހާނަކަށް ދަސްކުރާއިރު ވެސް ފޮތުގައިވާ ބާބެއްގައި ހިމެނޭ މުހިންމު ހުރިހާ މަޢުލޫމާތެއް އެފަދަ ގޮތަކަށް އެކުލަވާލާ އަތުރާލަން އެނގިއްޖެނަމަ އެ ކިޔުނު ބައިތައް ސިކުނޑިއަށް ނެގިފައިވާ މިންވަރު އިތުރުވާނެއެވެ. މިއީ ދަރިވަރުން އަމިއްލައަށް ކިޔެވުމުގައި ވަރަށް ބޭނުންތެރި ގޮތެކެވެ. ދެވިފައިވާ ތަފާތު ވައްތަރުގެ ވަސީލަތްތައް ބޭނުންކުރުމަށް ދަރިވަރުން އާދަކުރުވުމާއެކު، އެކުދިންގެ އަމިއްލަ އުފެއްދުންތެރިކަމާއި ބޭނުން ކުރެވިދާނެ ތަފާތު ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތަކާ އަދި އެހެނިހެން ގޮތްގޮތް ވެސް ބޭނުން ކުރުމަށް ފުރުސަތު ދިނުން.
ރީޑިން ރިފްލެކްޝަން މިބާވަތުގެ ހަރަކާތަކީ ކުލާހުގައި ދަސްކުރަން ނުވަތަ ކިޔަން ހަވާލުކުރެވޭ ބައިތަކެއްގައި ހިމެނޭ މުހިންމު ޕޮއިންޓްތައް ވަކިވަކިކުރަން ދަސްކޮށްދޭން ކުރެވޭ ކަމެކެވެ. މިސާލަކަށް ކިޔުމުގައި ހިމެނޭ މުހިންމު ޕޮއިންޓްތަކަކީ ކޮބާ؟ އެންމެ ބޮޑަށް ހައިރާންކަން އުފެދުނު ނުވަތަ ކުރިން ނޭނގޭ ހީނުކުރެވޭ މަޢުލޫމާތެއް ވާނަމަ އެއީ ކޮންބައެއް؟ އަދި ދޭހަ ނުވާ ބައެއް ވާނަމަ އެއީ ކޮންބައެއް؟ މިފަދަ ބައިތައް ހޯދަން ހަވާލު ކުރުން ވެސް ރަނގަޅެވެ. ބޭނުންވާ ރީޑިން/މެޓިރިއަލް ފޯރުކޮށްދިނުން. ކިޔަން ޖެހޭ ބައިން ޕޮއިންޓްތައް ހޯދުމުގައި ގެންގުޅެވިދާނެ ތަފަތު އުކުޅުތައް ކިޔައިދިނުން. ޚާއްޞަކޮށް މަޢުލޫމާތު ކިޔުމުގެ ބޭނުން ކުރެވިދާނެ ބައެއް އުކުޅުތައް ހިއްސާކުރުން

 

މިއަދު މި ހުށަހަޅާލެވުނީ ކިޔަވައިދޭއިރު ދަރިވަރުންގެ އުނގެނުމުގެ ކާމިޔާބީ ދެގުނަ އިތުރު ކުރެވިދާނެ ކަމަކާ ބެހޭގޮތުންނެވެ. ދަރިވަރުންނަކީ އުނގެނުމުގެ ކަންކަންކަމުގެ ޒިންމާނަގައިގެން ކިޔެވުމުގެ ކަންތައްތައް ކުރިޔަށް ގެންދާ ބަޔަކަށް ހެދުމަށް ޓަކައި ސެލްފް ރެގިޔުލޭޓެޑް ލަރނިންގެ ގޮތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން މުދައްރިސުން ކިޔަވައިދޭއިރު ވެސް ދަރިވަރުންގެ ކިބައިގައި މިފަދަ އުސޫލުތައް ހަރުލެއްވުމަށް ބާރު އަޅައި ތަމުރީނުކުރުމަކީ ބޭނުންތެރި ކަމެކެވެ.

އަޅުގަނޑުގެ އުއްމީދަކީ މިއަދު ވެސް މި ހިނަމާލެވުނު ވާހަކަކޮޅުން މުދައްރިސުންނާއި ބެލެނިވެރިންނަށް ވެސް ފައިދާވުމެވެ. މިގޮތަށް ހުށަހެޅޭ ޚިޔާލުތަކަކީ ކިޔަވައިދިނުމުގެ ދާއިރާގެ ކަންކަން އިތުރަށް ތަރައްގީކޮށް އަދި ދަރިވަރުންގެ އުނގެނުމުގެ ކާމިޔާބީތައް އިތުރުކުރުވޭނެ ގޮތެކެވެ. މިހުށަހެޅުނު ޚިޔާލުތަކުގެ ތެރެއިން ކިޔަވައިދޭއިރު މުދައްރިސުންނަށް ބޭނުންކުރެވިދާނެ ތަފާތު ހަރަކާތްތައް ތަޖުރިބާކޮށް، އަޖުމަބަލާ ބަޔަކަށް މުދައްރިސުން ވުމަކީ އަޅުގަނޑުގެ އުންމީދެވެ.  

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

1 ޚިޔާލު

  1. މިސް، ވަރަށް ފައިދާހުރި އާޓިކަލްއެއް. އަޅުގަނޑު ވަރަށް ބޭނުން ކައިރި ކުރިމަގެއްގައި "ދަރިވަރުން އުނގެނުމަށް ޒިންމާދާރުކަން އަށަގަންނަވާނީ ކިހިނެއް" މި މައުލޫއަށް. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ކުރަން ވަރަށް މުހިންމު ނަމަވެސް މިހާރު ނުކުރެވޭ ކަމެއްވީމަ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.