ޝާފިޔާގެ އެދުރުއަށި: ދަރިވަރުންނަށް ފީޑްބެކްދިނުން

މިއަދުގެ ލިޔުންކޮޅު ޚާއްޞަކޮށްފައި މިވަނީ ދަރިވަރުންގެ އުނގެނުން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ކޮންމެ މުދައްރިސަކުމެ ފަރުވާތެރިކަމާ އެކު ކުރަން ޖެހޭ މަސައްކަތަކާ ގުޅޭގޮތުނެވެ. އެއީ ދަރިވަރުންނަށް ފީޑްބެކްދިނުމެވެ. އެދުރުއަށީގެ ކުރީގެ ލިޔުމެއްގައި ވެސް އަޅިއަޅުވައިލެވިފައިވާނެ ފަދައިން ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގައި ސާފުކޮށް ލިޔެފައި ވަނީ މިހާރުގެ މުގައްރަރު ކިޔަވާދިނުމުގައި އުނގެނުމަށް ފަހި ވަޒަންކުރުން (އެސެސްމަންޓް ފޯރ ލާރނިން) ތަންފީޒު ކުރަން ޖެހޭކަމަށެވެ. މިކަން ކުރުމުގައި  މައިގަނޑު އެއް މަސައްކަތަކީ، ދަރިވަރުންނަށް ފީޑްބެކްދިނުމެވެ. އެންމެ ތިލަކޮށް ދަންނަވާނަމަ، ފީޑްބެކަކީ ކަމެއް ކުރެވިފައިވާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ދިނުމާ އެކު، އެކަން އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ކިޔައިދިނުމެވެ. މިއީ ހަމައެކަނި ކިޔަވައިދިނުމަށް ޚާއްޞަ ކަމެއް ނޫނެވެ. ނަމަވެސް އަޅުގަޑުގެ މިލިޔުމުގައި ބަލައިލާނީ އުނގެނުމާއި އުނގަންނާދިނުމުގައި މުދައްރިސުން ދަރިވަރުންނަށް ފީޑްބެކްދިނުމާ ގުޅޭ ގޮތުންނެވެ. މިއަދުގެ ލިޔުމުގައި ވެސް ފުރަތަމަ ބަލައިލާނީ ފީޑްބެކްގެ ޢިލުމީ ވިސްނުން އައިސްފައިވާ ގޮތަށެވެ. އެއަށްފަހު، ފީޑްބެކްދިނުމުގައި މުދައްރިސުން ސަމާލުވާން ޖެހޭ ކަންކަމަށާއި  އެންމެ އެދެވޭ ގޮތުގައި ދަރިވަރުންނަށް ފީޑްބެކްދިނުމުގައި  ގެންގުޅެވިދާނެ ދެތިން އުކުޅަކަށް ވެސް ބަލައިލާނަމެވެ.

 ފީޑްބެކްދިނުމުގެ ޢިލުމީ ވިސްނުން

ފީޑްބެކް މި ލަފުޒު ފުރަތަމަ ބޭނުން ކުރެވެންފެށީ 1920 ވަނަ އަހަރުތެރޭގައި ކަމަށް ބަހުގެ ޢިލުމުވެރިން ފާހަގަކުރައްވައެވެ (އެޓީމޯއޮންލައިން، 2010). ފީޑްބެކް މި ލަފުޒަކީ  އިގިރޭސި ބަހުގެ ދެ ލަފުޒު  (ފީޑް އަދި ބެކް) އެއްކޮށްގެން އުފައްދާފައިވާ އެކުވި ލަފުޒެކެވެ. މި  ލަފުޒަކީ  ހުރިހާ ދާއިރާއެއްގައި ވެސް މުޢާމަލާތުކުރުމުގައި، ކަންކަން އޮތް ގޮތާއި، ކަންކަން ރަނގަޅުކުރަންވީ ގޮތް ކިޔައިދިނުމަށް ބޭނުންކުރެވޭ ލަފުޒެކެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ފީޑްބެކްދިނުމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާ މުހިންމު ޢިލުމުވެރިން ކަމަށްވާ ޖޯން ހެޓީ އަދި ހެލެން ޓިމްޕާރލީ (2007) ފާހަގަކުރައްވާ ގޮތުގައި އެއީ ކަމެއް ކުރެވޭ ގޮތާ ގުޅޭ ގޮތުން މީހަކު އަނެކާއަށް ދޭ މަޢުލޫމާތެކެވެ. މިސާލަކަށް ކިޔަވައިދޭ މުދައްރިސު އަދި އެނޫން ވެސް އެފަދަ މަގާމެއްގައި ހުންނަވާ ފަރާތަކުން ކަމެއް ކުރެވިފައިވާ ގޮތާ ބެހޭގޮތުން ރަނގަޅު ނުރަނގަޅު ކަންކަން ކިޔައިދިނުމަކީ ފީޑްބެކްދިނުމެވެ. އެހެން ކަމުން ފީޑްބަކްދިނުމަކީ ކުރެވިފައިވާ ކަމެއް ބެލުމަށްފަހު ދެވޭ މަޢުލޫމާތެއް ކަމަށް ވެސް މި ދެ ޢިލުމުވެރިން ހާމަކުރައްވައެވެ. މީގެ އިތުރުން އެހެން ބައެއް އިލުމުވެރިން އިޝާރާތްކުރައްވަނީ އެއީ ސީދާ ދަރިވަރާ އެކު ކުރެވިފައިވާ މަސައްކަތެއް ވަޒަން ކުރުމުގެ ތެރެއިން އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތް ކިޔައިދިނުން ކަމަށެވެ (ޝޫޓް، 2008). މި ދެ ރައުޔަށް ވިސްނާލާއިރު ދޭހަވަނީ ފީޑްބެކް ދިނުމަކީ މަގުސަދަކާ އެކު ވަކި އަމާޒަކަށް ވާސިލުވުމަށް ކުރެވޭ ކަމެއްގެ ގޮތުގައެވެ. މާނައަކީ ފީޑްބެކް ދެނީ ކަމެއް ރަނގަޅު ކުރެވިދާނެ ގޮތްތައް ކިޔައިދޭއިރުގައެވެ. ހަމަ މިބީދައިން ފާހަގަކުރެވޭ އަނެއް ނުކުތައަކީ ފީޑްބެކަކީ އުނގެނުމަށް ފަހިވާނެ ގޮތަށް ކުރިޔަށް އޮތްތާގައި ކުރާނެ ކަންތައްތަކެއް ކިޔާދިނުން ކަމެވެ. މިޚިޔާލުތަކުން އެންމެ ބޮޑަށް ހާމަވަނީ، ހަމައެކަނި ކަމެއް ރަނގަޅޭ ނުވަތަ ގޯހޭ ބުނުމުން ފީޑްބެކް ދެވުނު ކަމަށް ނުބެލެވޭ ކަމެވެ.

ފީޑްބެކް ދިނުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރާނެ ގޮތް ދައްކައިދޭ މޮޑެލެއް ތަޢާރަފު ކުރެއްވި ޖޯން ހެޓީ އާއި ހެލެން ޓިމްޕާރލީ ފާހަގަކުރައްވާފައިވާ މުހިއްމު 3 ސުވާލެއް މިތަނުގައި ހިމަނައިލާނަމެވެ. މިޢިލުމުވެރިންގެ މޮޑެލްގެ ތެރެއިން ނެގި، ހޫލަ 1 ގައި ދެވިފައިވާ ތަފުސީލަށް ބަލާއިރު، ފީޑްބެކް ދިނުމުގެ މަސައްކަތުގައި މައިގަނޑު ތިން ބާވަތެއްގެ މުޢާމަލާމާތެއް ދަރިވަރާއި މުދައްރިސާ އެކު ކުރެވެއެވެ. ފުރަތަމަ ކަމަކީ، ދަރިވަރުން ކުރަންވީ ކަމެއް ރަނގަޅަށް ބުނެދިނުމެވެ. އެއީ ފީޑްއަޕް ނުވަތަ ހާސިލުކުރަންވީ ގޯލް ރަނގަޅަށް ސާފުކޮށް ދަރިވަރަށް ބުނެދިނުމެވެ. ދެވަނަކަމަކީ، ފީޑްބްކެ ދިނުން، މީގެ މާނައަކީ ދަރިވަރު ހުރި ހިސާބު ނުވަތަ ކުރެވެމުންދާ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާ ގޯލާއި ހަމައަށް ވާސިލުވުމަށް ކުރަންޖެހޭ ކަންތައްތަކަށް ދަރިވަރުންގެ ވިސްނުން ގެންދިއުމެވެ. ތިންވަނަ ކަމަކީ، ފީޑްފޯރވާރޑް ކުރުމެވެ. މީގެ މާނައަކީ ސީދާ ސީދަލަށް ކުރަންވީ ވަކި ކަމެއް، ހަދަންވީ ވަކި ގޮތެއް، ކަންކުރެވިދާނެ އެކި ގޮތްތައް ހޯދައި ބަލައި އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. މިން ކޮންމެ މަރުހަލާއެއްގައި ވެސް މުދައްރިސާއި ދަރިވަރާ މެދު ކުއްޖާގެ މަސައްކަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ކުއްޖާގެ އުނގެނުމަށް ފަހިވާ ގޮތަށް ދެކެވޭ ވާހަކަތަކަކަށާއި އަދި ކުރެވޭ މަސައްކަތްތަކަށް ވާންޖެހޭނެއެވެ (ހޭޓީ އަދި ޓިމްޕާރލީ، 2007).

ހޫލަ 1. ފީޑްބެކްގެ މަސައްކަތް ދަރިވަރާއި މުދައްރިސާއެކު ކުރެވޭ ގޮތް (ހޭޓީ އަދި ޓިމްޕާރލީ، 2007)

ފީޑްބެކް ދިނުމުގެ މަސައްކަތަކީ ކިޔަވައިދިނުމުގެ ދާއިރާގައި ވަރަށް ފުޅާކޮށް ދެކެވޭ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެއަށް ދެވޭ ސަމާލުކަން ވަރަށް ކުޑަ މަސައްކަތެއްކަން ފާހަގަކުރެވެއެވެ. ވަރަށް ގިނަ ފަހަރަށް ދަރިވަރު ކުރާ މަސައްކަތަކަށް ފީޑްބެކް ދެވެނީ ވަރަށް ޖެނެރަލް/ޢާއްމުކޮށް ރަނގަޅޭ ނުވަތަ މި ރަނގަޅުކުރާށޭ، ނޫނީ މިގޮތަށް ލިޔެގެން ކަމަކު ނުދާނޭ މިފަދަ ގޮތަކަށެވެ. ހަގީގަތަކީ، މިގޮތަށް ފީޑްބެކްދީގެން ރަނގަޅުކުރަން ކުރަންވީ ކަމެއް އަދި ދަރިވަރަށް ސާފުކޮށް އަންގައެއް ނުދެވެއެވެ. މާނާއަކީ ވަރަށް ގިނަފަހަރަށް ދަރިވަރުން ކުރާމަސައްކަތް ބަލާފައި ބިނާކުރަނިވި ފީޑްބެކް ދަރިވަރުންނަށް ނުދެވެއެވެ. މިކަންކަމާ ގުޅޭ ގޮތުން ތަޖުރިބާކާރުން ޓެޑް ޓޯލްކް ފަދަ ފޯރަމުތަކުގައި  މުހިންމު އެތައް ވާހަކައެއް ދައްކަވާފައިވެއެވެ. މިގޮތުން 2015 ވަނަ އަހަރު  ޑެނިއަލް ސްވެއިން ދެއްކެވި ވާހަކަ ކޮޅުގައި ތަފާތު މުއައްސަސާތަކުގެ މަސައްކަތް ކުރިއަރުވާ ތަރައްގީކުރުމަށް ޓަކައި ބިނާކުރަނިވި ފީޑްބެކްގެ މުހިންމުކަމުގެ ވާހަކަ ދެއްކެވިއެވެ.  މިގޮތުން އޭނާގެ ވާހަކައިގައި ސީދާސީދާ ފީޑްބެކްދިނުމުގެ މުޢާމަލާތާއި ކަން ހިނގާ ގޮތާ ބެހޭ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ބަޔާންކުރެއްވިއެވެ. ޚާއްޞަކޮށް ފީޑްބެކް ދޭ މީހާއާއި ފީޑްބެކް ލިބިގަންނަ ފަރާތާ ދެމެދު ދޭދޭ މުޢާމަލާތް ކުރެވޭ ގޮތާއި އަދި އެ ދެމެދުގައި ދެކެވޭ ވާހަކަތަކުގެ މުހިންމު އަސަރު ހިމެނެއެވެ. އޭނާ ހުށަހަޅުއްވާ ޚިޔާލު ހޫލަ 2  ގައި އެވަނީއެވެ. ފުރަތަމަ ކަމަކީ ފީޑްބެކް ލިބިދޭ ފަރާތަށް ފީޑްބެކް ދޭ ފަރާތުން ދޭން އުޅޭ މެސެޖް ވާސިލުވިތޯ، އޭނާ ރަނގަޅަށް އަޑުއެހިތޯ/ އެއާއެކު ދެން ކުރެވުނު ކަންތައްތައް ވަޒަންކުރެވުނުތޯ، ދެން އެއަށްފަހު އެ ކުރެވުނު ކަންތައްތަކުގެ ގޯލާ ހަމައަށް  ވާޞިލުވެވި، ރަނގަޅަށް ބޭނުންކުރެވޭނެތޯ ބެލުމެވެ. މޚިޔާލާ މެދު  ވިސްނާއިރު ފާހަގަ ކުރެވެނީ ކިޔަވައިދޭ މާހައުލެއްގައި ވެސް ދަރިވަރާ އެކު ކުރެވޭ ފީޑްބެކް މުޢާމަލާތުގައި މިދެންނެވި ފަދަ ކަންކަމަށް ސަމާލުވާން ޖެހޭކަމެވެ. ދަރިވަރަށް ކުރަންވީކަންތައް އެނގުމަށްފަހު އެދެވުނު ފީޑްބެކް ބަލައިގަނެވުނުތޯ، އަދި ކަމެއް ބަދަލުކުރަން ޖެހޭނަމަ ބަދަލުކުރާނެ ގޮތް އެނގުނުތޯ، އަދި ކުރެވުނު ވަކި ކަމެއް ގޯލާ ހަމައަށް ދިއުމަށް ކާމިޔާބީ ކިހާ މިންވަރަކަށްތޯ ދެނެގަނެވުމެވެ. އަދި މިގޮތަށް މިކަންކުރެވޭއިރު، ފީޑްބެކް ލިބޭފަރާތުގެ އިހުސާސް، ފީޑްބެކް ދެވޭ ވަގުތާއި ހާލަތް މުހިންމު ދައުރެއް އަދާކުރާކަމަށް ޑެނިއަލް ސްވެއިން އިޝާރަތް ކުރައްވައެވެ.

ހޫލަ 2. ފީޑްބެކް ދިނުމުގައި ސަމާލުކަން ދެވިދާނެ މުހިއްމު ކަންތައްތަކެއް (ސްވެއިން، 2015)

ޓެޑް ޓޯލްކްގައި މިނޫނަސް އެހެން ބޭފުޅުން މިދާއިރާއާ ގުޅޭގޮތުން ތަފާތު ތަޖުރިބާތައް ހިއްސާކުރައްވާފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް  ބޭފުޅަކީ، ޖޯއީ ހިރިޝްއެވެ. އޭނާއަކީ ޚާއްޞަކޮށް ތަޢުލީމީ ދާއިރާގައި ފީޑްބެކްގެ ބޭނުންތެރިކަމާ ގުޅޭ ގޮތުން ޝައުގުވެރި ކަންތައްތަކެއް ހުށަހެޅުއްވި މަޝްހޫރު ބޭފުޅެކެވެ. މިގޮތުން އޭނާ ގަބޫލުކުރައްވާ ގޮތުގައި ޑެނިއަލް ވެސް ފާހަގަ ކުރެއްވިފަދައިން، ފީޑްބެކް ލިބިގަންނަ ފަރާތް ނުވަތަ ދަރިވަރުގެ އިމޯޝަން/އިހުސާސް ކަމެއް ބަދަލުކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ޖޯއީ ހިރިޝް (2018) ގެ ޓެޑް ޓޯލްކްގައި ޚާއްޞަކޮށް އިޝާރާތް ކުރައްވަނީ ފީޑްބެކް ވާންޖެހޭނީ ދަރިވަރަށް ފަސޭހައިން ގަބޫލު ކުރެވޭ ގޮތަކަށް ދެވޭ އެއްޗަކަށް ކަމެވެ. ޖޯއީ އިތުރަށް ބާރު އަޅުއްވަނީ ހޭޓީއާއި ޓިމްޕަރލީގެ މޮޑެލްގައިވާ ފީޑްފޯރވާރޑްގެ (ހޫލަ 1) ބޭނުންތެރިކަމާއި ގުޅޭ ގޮތުންނެވެ. މިގޮތުން ވިދާޅުވަނީ ފީޑްފޯރވަރޑް ވާންޖެހޭނީ ގޯލާއި ހަމައަށް ވާސިލުވުމަށް ދަރިވަރުން އަމިއްލައަށް ކުރެވިދާނެ މުހިންމު ކަންތައްތަކެއް ހޯދައި ބަލަން ލިބޭ ފުރުސަތުތަކަކަށް ކަމަށެވެ. މިވާހަކަކޮޅުގެ އިތުރުން އަޅުގަނޑުގެ ޝައުގުވެރިކަން އެންމެ ބޮޑަށް ދިޔަ އެހެން ވާހަކަ ދެއްކުންތެރިޔަކީ ޕްރައިމަރީ ސްކޫލުގެ ތަޖުރިބާކާރު މުދައްރިސެއްގެ ޓެޑް ޓޯލްކްގެ ވާހަކަކޮޅަކަށެވެ. އެއީ ފީޑްބެކްދިނުމުގައި ދަރިވަރަށް އަމާޒުކޮށްގެން، ގާތް ގުޅުމެއްގެ ތެރެއިން، ނޮންޖަޖުމެންޓަލް/ވަކިގޮތަކަށް ގޮތް ކިޔާއުސޫލަށްވުރެ ބޮޑަށް ދޭދޭ ވާހަކަތެރެއިން ކުރެވެން ޖެހޭ ކަމެއްގޮތުގައެވެ. މިގޮތުން ވާހަކަ ދައްކަވަމުން، ނިކް ކޯލްސް (2019) ހާމަކުރެއްވި ގޮތުގައި ފޮތުގައި ބޮޅުއަޅައި، ކުރަހައި، ނުބައިފާހަގަ ޖެހުން ފަދަ ކަންކަންކަމަށް ވުރެ ދަރިވަރާ އެކު ދެކެވޭ ވާހަކަ ތެރެއިން ދަރިވަރުގެ ހިއްސާބޮޑުކޮށްގެން ދެވޭ ފީޑްބެކަކީ މާބޮޑަށް ވެސް ފައިދާހުރި ބިނާކުރަނިވި ގޮތެކެވެ. އިސްވެދިޔަ ހުރިހާ ޚިޔާލުތަކަކީ ވެސް ފީޑްބެކް ދިނުމުގެ މަސައްކަތާ ގުޅޭ ބަރުދަން ހުރި ވާހަކަތަކެކެވެ. މިކަންކަމަށް ރިޢާޔަތްކުރައްވައި  ބައެއް ލިޔުންތެރިން ލިޔުއްވާފައިވާ ފީޑްބެކް ދިނުމުގެ މުދައްރިސުންނަށް ބޭނުން ކުރެވިދާނެ ބައެއް އުކުޅުތައް ދަންނަވައިލާނަމެވެ.

ފީޑްބެކް ދިނުމުގައި މުދައްރިސަށް ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް

މިހާރުގެ ދިރާސާވެރިން ފާހަގަކުރައްވާފައިވާ ވަރަށް ގިނަ ކަންތައްތަކެއް ފީޑްބެކްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ތަންފީޒު ކުރެވިދާނެއެވެ. މިގޮތުން ތިރީގައިވާ ކަންކަމަކީ ދިރާސާތަކުން ހާމަކުރައްވާފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، މޭރިއޭން ސްޓެންގާރ (2014) ލިޔުއްވާފައިވާ 5 ކަމެކެވެ.

  1. ފީޑްބެކް ވަކިކަމަކަށް އަމާޒުކުރުން: މީގެ މިސާލަކީ ވަރަށް ރަނގަޅު މަސައްކަތެކޭ ބުނުމުގެ ބަދަލުގައި ރަނގަޅަށްކުރެވުނު ކަންތައްތައް ސީދާކޮށް ވަކިކަމެއް ފާހަގަކޮށް ބުނުން. އަދި ހަމައެހެންމެ ބަދަލުކުރަންޖެހޭ ކަމެއް ވެސް މިބީދައިން ރަނގަޅުކުރަންވީ ވަކި ކަމެއް ދަރިވަރާ އެކު މަޝްވަރާކުރުން.
  2. އަވަހަށް ފީޑްބެކްދިނުން: ކަމެއް ކޮށް ނިމޭހިނދު، ވީހާވެސް އަވަހަކަށް ފީޑްބެކް ދެވުމަކީ އޭގެ އެންމެ ރަނގަޅު ވަގުތުކަމުގައި ދިރާސާވެރިން ގަބޫލުކުރައްވައެވެ. ނަމަވެސް ކޮންމެ ކަމެއް ނިމޭ ވަގުތުގައި ހުރިހާ ދަރިވަރުންނަށް އެއްފަހަރާ އެއް ވަގުތެއްގައި ފީޑްބެކް ދިނުމަކީ ވެސް ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން ދަރިވަރުން މަސައްކަތެއް ނިމުމަށްފަހު، މާ ގިނަ ދުވަސްތައް ފާއިތު ނުވަނީސް ފީޑަބެކްދިނުން މުހިންމެވެ. މިސާލަކަށް، ހަފުތާތަކާއި މަސްތައް ވޭތުވެ ގޮސް ދަރިވަރުން ކުރި މަސައްކަތްތައް ހަނދާން ނެތޭހައި ދުވަސްކޮށްފައި ދެވޭ ފީޑްބެކުން އެންމެ ރަނގަޅު އަސަރެއް ނުކުރާނެއެވެ.
  3. ހާސިލުކުރަން ބޭނުންވާ ގޯލަށް ދަރިވަރު ގެންދިއުމަށް ސަމާލުވުން: މި ޚިޔާލަކީ ސީދާ ހޭޓީ އަދި ޓިމްޕަރލީ (2007)ގައި އިޝާރާތްކުރެއްވި ވިސްނުމުގެ މައްޗަށް ބިނާކޮށް ކުރެވޭ ކަމެކެވެ. މާނައަކީ ދަރިވަރުން ކުރަންޖެހޭކަމަކީ އޭނާއަށް ރަނގަޅަށް ގޯލު އެނގި އަދި އެގޯލާ ހަމައަށް ދާންވީ ގޮތާއި ކުރަންވީ ވަކި ކަމެއް ސާފުކޮށ އެނގޭ ގޮތަށް ފީޑްބެކް ދިނުމެވެ.
  4. ދަރިވަރުގެ ހުރިހާކަމަކަށް ސަމާލުވެގެން ހުރެ ފީޑްބެކް ދިނުން: މިކަމުގައި ޚާއްޞަކޮށް ވިސްނަންވީ 3 ނުކުތާއެއް ހިމެނެއެވެ. އެއީ ދަރިވަރަށް އޭނާ ކުރާ ކަންކަން މާ ބޮޑަށް މޮނިޓަރކޮށް ބަލާކަން އިހުސާސް ވިޔަ ނުދިނުން، މާބޮޑަށް ކޮންޓްރޯލްކުރާގޮތް އިހުސާސް ކުރެވޭފަދަ ގޮތަކަށް ފީޑްބެކް ނުދިނުން، އަދި ހަމައެހެންމެ، މާ ބޮޑަށް އެކަކު އަނެކަކާ އަޅައިކިޔޭފަދަ ވާދަވެރިކަމެއް އިހުސާސްކުރެވޭ ގޮތަށް ވެސް ފީޑްބެކް ނުދިނުމެވެ. މިގޮތަކީ ޚާއްޞަކޮށް ގުރޫޕެއްގެ މެދުގައި ފީޑްބެކް ދެވޭއިރު ދިމާވެދާނެ ކަމެކެވެ.
  5. ސީދާ ދަރިވަރުގެ ހިއްސާބޮޑުކުރުން: ފީޑްބެކް ދިނުމުގެ އެންމެ މުހިންމީ ދަރިވަރު ކުރަންވާ ކަންތައްތަކަށްވުމަކީ އޭނާގެ ދައުރު އޭގައި ބޮޑުވާން ޖެހޭ އެންމެ ބޮޑު ސަބަބެވެ. އެހެންކަމުން އޭނާއަށް ފީޑްބެކްދޭއިރު ދެކެވޭ ވާހަކަތައް ބަލައިގަނެވި، ވަކި ކަންތައްތަކެއް ކުރަންވީ ކީއްވެކަން އެނގި، އަދި ކުރަންވީ ކަމެއް ކުރަންވީގޮތް ރަނގަޅަށް ސާފުކޮށް އެނގުން މުހިންމެވެ. މިގޮތުން ފީޑްބެކް ދޭއިރު ދަރިވަރުން އަމިއްލައަށް ވަޒަންކުރުން، ރިފްލެކްޓް(ރިވެލި)ކުރުން އަދި މޮނިޓަރކޮށް ބެލުން ފަދަ ކަންތައްތައް ހިމެނުނު މިންވަރަކުން އެ ފީޑްބެކް ކާމިޔާބުވުން ގާތެވެ.

އެންމެ ފަހުގެ ވިސްނުން: ފީޑްބެކްގެ ބަދަލުގައި ފީޑްފޯރވާރޑް ކުރުން

މިހާރުގެ ކިޔަވާދިނުމުގެ ތަޖުރިބާކާރު ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި، ފީޑްބެކް ދިނުމަށްވުރެ ރަނގަޅީ ސީދާ ފީޑް ފޯރވާރޑް ކުރުމެވެ. މިޚިޔާލުގެ އަސްލު އައިސްފައިވަނީކުރިންވެސް އިޝާރާތްކުރި ޢިލުމުވެރިން ކަމަށްވާ ޖޯން ހެޓީ އާއި ހެލެން ޓިމްޕާރލީގެ މޮޑެލްގެ ތެރެއިންނެވެ. އަދި ޚާއްޞަކޮށް، ޖޯއީ ހިރިޝްގެ މައިގަނޑު ވާހަކަކޮޅުގައި ފާހަގަކުރައްވާފައިވާ ބައެއް ޚިޔާލުތަކާ ވެސް ގުޅުވައިގެންނެވެ. ޖެނިފާރ ގޮންޒޭލް (2018) ލިޔުއްވާގޮތުގައި، ފީޑްބެކްއަކީ މިހާރު ގަދީމީ ނުވަތަ ކުރީގައި ދަރިވަރުންގެ މަސައްކަތްތައް ރަނގަޅުކުރާނެ ގޮތާ ބެހޭގޮތުން މުޢާމަލާތުކުރެވޭ ގޮތެކެވެ. ރަނގަޅު ގޮތަކީ ފުރަތަމަ ފަށާއިރު ވެސް ފީޑްފޯރވާރޑް ކުރުމެވެ. މާނައަކީ ފީޑްބެކްދޭއިރު ބައެއްފަހަރު ކަމެއް އޮތް ގޮތް ރަނގަޅު ނުރަނގަޅު ވަކިކުރުން ފަދަ ކަންކަތައްތައް ކުރުމުން ދަރިވަރަށް ނުރަނގަޅު ކަންތައް ބަލައިގަންނަން ދަތިވާކަން ފާހަގަކުރެވުމެވެ. އަދި ހަމައެހެންމެ ގެންނަވީ ބަދަލުތައް ކިޔައިދެމުން ދާއިރު ވެސް ދަރިވަރުގެ މެންޓަލް ބްލޮކެއް (ހުއްޓުމެއް) ހުރުން ފަދަ ކަންކަން ވެސް މެދުވެރިވެއެވެ. ނަމަވެސް ފީޑްފޯރވާރޑް ކުރާނަމަ އަބަދު ވެސް ވާހަކަ ދެކެވޭނީ ދަރިވަރުގެ ހުންނަ/ހުރި ތަފާތު ކަންކުރުމުގެ ގާބިލުކަމަށް ސަމާލުވެ، އެކަމުގެ ތެރެއިން އޭނައަށް މަގުދައްކައިދިނުމަށެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި  ފާހަގަކުރެވޭ  ދެތިންކަމެއް ތިރީގައި ހިމަނައިލާނަމެވެ. މިއާ ގުޅޭ ވާހަކަ ކޮޅެއް ދެވިފައިވާ ޔޫޓިޔުބު ކުލިޕްއިން ބައްލަވާ ލެއްވުމަކީ މި ބައިތައް އިތުރަށް ދޭހަވާނެ ގޮތެކެވެ. ފީޑްފޯރވާރޑް ކުރާއިރު:

  • ކުއްޖާގެ ގާބިލިއްޔަތު އިތުރުކުރުން: ތަފާތުކަންކަމުގައި ދަރިވަރުގެ ގާބިލިއްޔަތާއި، ހުނަރުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ވާހަކަދެއްކުން. ޚާއްޞަކޮށް، ދަރިވަރަށް ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން ދެމުން އެކަމުގެ އިހުސާސްކޮށްދެމުން، ކުރެވެން ހުރިކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވި މަޝްވަރާގެ އުސޫލުން ފީޑްފޯރވާރޑް ކުރުން ހިމެނެއެވެ.
  • ކުރެވެން ހުރިކަންކަން އެނގުން: ފީޑްފޯރވާރޑް ކުރުމުން ދަރިވަރަށް ކުރެވެން ހުރި ވަރަށް ގިނަކަންތައްތަކެއް ހާމަވެ، އެކަން ތަޖުރިބާކުރެވި އުނގެނުން ކުރިއެރުވުމުގެ އިތުރު ގޮތްތަކާއި ކަންކަން ދެނެގަނެވުން ހިމެނެއެވެ.
  • ފީޑްބެކްދޭއިރު މާ ބޮޑަށް ވަކިކަމަކަށް އަމާޒުކުރެވިއްޖެނަމަ، ދަރިވަރުގެ ލިމިޓޭޝަންތައް ނުވަތަ ނުކުރެވޭ ކަންތައްތައް މާ ބޮޑަށް ފާހަގަކުރެވޭ ތަން އާދެއެވެ. ނަމަވެސް ފީޑްފޯރވާރޑް ކުރާއިރު ދަރިވަރު ހުރި ހިސާބާއި ހާލަތާއި ހުރިހާ ކަމަކަށް ސަމާލުވެގެން ހުރެ ކުރެވިދާނެ ކަންކަން ހޯދާ ބެލުމަށް ދަރިވަރަށް ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.
  • ވީހާވެސް ބޮޑަކަށް އަސްލާ އެއްގޮތަށް ވާހަކަ ގެންދިއުން: ދަރިވަރެއްގެ ވަކި ކަމެއް ބަދަލުކުރަން ބޭނުންވާއިރު އެކަމެއްގެ އަސްލުގޮތުގައި ދަރިވަރާ ވާހަކަ ދައްކައިގެން ހަގީގީ މައްސަލައަކީ ކޮބައިކަން ދަރިވަރުގެ ވާހަކައިގެ ތެރެއިން ހޯދުން. އެއްވެސް ހާލެއްގައި ސީދާ މުދައްރިސް މިއީއޭ މައްސަލައަކީ ނުބުނެ ރަނގަޅުކުރަންވީ ކަންތައް ދަރިވަރު ބައިވެރިކޮށްގެން ހޯދުން ހިމެނެއެވެ.
  • ދުރު މުސްތަގުބަލަކަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް: ފީޑްފޯރވާރޑް ދެވެނީ ދަރިވަރުގެ ދުރު މުސްތަގުބަލަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ނުވަތަ ސުލޫކެއް ރަނގަޅުކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށެވެ. އެހެންކަމުން ވަކިވަކިން އެއްކަމެއް ކުރުމުގެ ބަދަލުގައި ކުރެވިދާނެ ތަފާތު ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތްހޯދުން ފީޑްފޯރވާރޑް ކުރުމުގެ ތެރޭގައި ހިމެނެއެވެ.
  • ފީޑްފޯރވާޑްއަކީ ދަރިވަރުންގެ މެދުގައި ގުޅުން އިތުރު ކުރެވޭނެ ކަމެއް: ފީޑްބެކާއި ޚިލާފަށް ދަރިވަރުންގެ މެދުގައި ދެކެވޭ ވާހަކަތެރެއިން އުގެނުމުގެ ވަކި ގޯލެއް ހާސިލުކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތް ހޯދާ، ކުރާނެ ކަންތައްތަކެއް ނިންމުމަށް ޓަކައި ފުރުޞަތު ދިނުން ވެސް ހިމެނެއެވެ.

މިއަދު މި ހުށަހަޅާލެވުނު ވާހަކަކޮޅަކީ ކޮންމެ ލެވެލެއްގައި ކިޔަވައިދޭ މުދައްރިސަކަށް ވެސް  މުހިންމު ޚިޔާލުތަކެކެވެ. ޢިލުމުވެރިން ދައްކަވާފައި ހުންނަ ވާހަކަތަކާއި، ކަންކަމުގައި ވިސްނުން ބަދަލުވާ ގޮތާއި، ވަކި ކަމެއް ކުރުމުގައި ގެންގުޅޭ ފަހުގެ ގޮތްތަކަކީ  ކޮބައިކަން އެނގުމަކީ  ޚިޔާލުތައް ތަނަވަސްވެ، ފުޅާ ދާއިރާއެއްގައި  ކަންކަމާ މެދު  ވިސްނުމަށް ފުރުސަތު ލިބޭނެ ކަމެކެވެ.  އަޅުގަނޑުގެ އެދުމަކީ މިފަދަ ޚިޔާލުތަކާ މެދު ތަނަވަސްކޮށް ވިސްނައި ރިވެލި ކުރާ ބަޔަކަށް އަޅުގަނޑުމެންގެ މުދައްރިސުން ވުމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

1 ޚިޔާލު

  1. ވަރަށް ރަނގަޅު ވާހަކަތަކެއް. ޔުނިވަރަސިޓީގެ އެސައިންމަންޓްތައް މާކްކޮށްފަ ލެކްޗަރަރ އިން ރަނގަޅަށް ފީޑްބެކް ނުދޭކަން ފާހަގަވޭ. މިހެން ވުމުގެ ސަބަބުން، ދަރިވަރަށް މި ހެދެނީ ގޯސްކޮށް ވެސް ނޭނގި، އެއް ކުށްތަކެއް ތަކުރާރު ކުރެވޭގޮތް ދިމާވޭ. މީ ހުރިހާ މުދައްރިސުން ވެސް ކިޔައިލަން ރަނގަޅު ލިޔުމެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.