2012 ވަނަ އަހަރުގެ ކަރާޗީގެ ފެކްޓަރީއެއްގައި ރޯކޮށްލުމުގެ ކުށުގައި ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް

2012 ވަނަ އަހަރު އަލިފާން ރޯކޮށްލުމުގެ ސަބަބުން އަނދާފައިވާ ފެކްޓަރީ

ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަރާޗީގެ ބަލްދިޔާ ޓައުންގެ ފެކްޓަރީއެއްގައި 2012 ވަނަ އަަހަރު އަލިފާން ރޯވުމަކީ ހިނގި ހާދިސާއެއް ނޫންކަމަށާއި، ބަޔަކު ގަސްްތުގައި ކުރިކަމެއް ކަމަށް ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓު (އޭޓީސީ) އިން ނިންމައިފިއެެވެ. އަދި އެ އަލިފާން ރޯކުރި ކަމުގެ ކުށުގައި އެކޯޓުން ވަނީ ދެ މީހަކު މެރުމަށް ހުކުމްކޮށްފައެވެ.

2012 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ބަލްދިޔާގެ އެ ފެކްޓަރީގައި ރޯކޮށްލި އަލިފާނުގައި 264 މީހުން މަރުވެ 60 މީހުން ޒަޚަމްވިއިރު، މިއީ ޕާކިސްތާނުގެ ސިނާއީ މަރުކަޒެއްގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ.

އޭޓީސީގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ސިންދު ޕްރޮވިންސުގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ މުއްތަހިދާ ޤައުމީ މޫވްމަންޓް (އެމްކިއުއެމް) ގެ ދެ ހަރަކާތްތެރިން ކަމުގައިވާ ރުބައިރު އަދި ޢަބްދުއްރަޙްމާން އެ ފެކްޓަރީގައި ރޯކޮށްލީ ފެކްޓަރީގެ ވެރިން އަތުން ބޮޑު އަދަދެއްގެ ފައިސާ ހޯދަން އެ ދެމީހުން އެދުމުން އެ ފައިސާ ނުދިނުމުންނެވެ.

146 ސަފުހާ ދިގު ހުކުމުގައި ދެ މީހުންގެ މައްޗަށް 11 ކުށެއްގައި ހުކުމް އިއްވާފައިވާ އިރު، ދެ މީހުންގެ މައްޗަށްވެސް ދެ ކުށަކަށް މަރުގެ ހުކުމް، ހަތަރު ކުށަކަށް އުމުރު ދުވަހުގެ ޖަލުހުކުމް، ދެ ކުށަކަށްް 10 އަހަރު ދުވަހުގެ ޖަލުހުކުމް، ތިން ކުށަކަށް 7 އަހަރާއި، 3 އަހަރާއި، 2 އަހަރުގެ ޖަލުހުކުމް އިއްވާފައި ވެެއެވެ.

ކަރާޗީގެ ދެކުނުގެ ބަލްދިޔާ ޓައުންގައި ހުންނަ އަލީ އެންޓަޕްރައިޒަސް އިން ހިންގަމުން ދިޔަ ހެދުން އުފައްދާ ފެކްޓަރީގައި ރޯވި ހުޅުގަނޑަކީ މުޅި ގައުމު ސިއްސުވާލި، ބިރުވެރި ހަނދާންތަކެއް އާކޮށްދޭ ބޮޑު ހުޅެކެވެ.

"އަހަރެން މިހިރީ ކޯޓުގެ ހުކުމާ މެދު ވަރަށް ހިތްހަމަޖެހިފައި. ކޯޓުން އެމީހުންނަށް އިއްވާފައި ވަނީ ވަރަށް އެކަށީގެންވާ ހުކުމްތަކެއް." ޕަބްލިކް ޕްރޮސެކިއުޓާ ސާޖިދު މަހްބޫބު ޝޭޚް ވިދާޅުވިއެވެ.

ފެކްޓަރީގެ 4 ގޭޓްކީޕަރުންގެ މައްޗަށް މި ޖަރީމާއަށް މަގުފަހިކޮށްދިން ކަމުގެ ކުށް ސާބިތުވެ ހަތަރު މީހުން ބުރަ މަސައްކަތާއެކު އުމުރަށް ޖަލަަލަށް ލުމަށާއި، ދެމީހުންކުރެ ކޮންމެ މީހަކު 2 ލައްކަ ރުފިޔާއިން ޖުރްމާނާ ކުރުމަށާއި، މަރުވި މީހުން ވާރުތަވެރިންނަށް މަރުގެ ދިޔައިގެ ގޮތުގައި 27 ލައްކަ 77 ހާސް ރުފިޔާ ދިނުމަށް ވަނީ ހުކުމްކޮށްފައެވެ.

އިތުރު 4 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމިއިރު، އެމީހުންގެ ތެރޭގައި ސިންދު ޕްރޮވިންސުގެ އޭރުގެ އިންޑަސްޓްރީޒް މިނިސްޓަރު ރައޫފު ސިއްދީޤީވެސް ހިމެނިވަޑައިގަންނަވައެވެ.

އަށް އަހަރު ދުވަހަށް ދެމިގެން ދިޔަ މި ޝަރީއަތުގެ 171 އަޑުއެހުމުގައި 400 މީހުން ހެކިބަސް ދީފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.