ޕާކިސްތާނުގެ ރޭލެއްގައި އަލިފާން ރޯވެ 62 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި މިއަދު އަލިފާން ރޯވި ރޭލު އަނދަމުން ދަނީ

ޕާކިސްތާނުގެ ކަރާޗީން ރާވަލްޕިންޑީއަށް ދަތުރުކުރަމުން ދިޔަ ރޭލެއްގައި އަލިފާންރޯވެ 62 މީހުން މަރުވެއްޖެއެވެ. މުލްތާނުގެ ދެކުނުން 150 ކިލޯމީޓަރު ދުރުގައި އޮންނަ ލިޔާޤަތުޕޫރު ކައިރިން ދަތުރުކޮށްފައި ދަނިކޮށް ގޭސް ފުޅިއެއް ގޮވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު ރޭލުގެ ތިން ބަޔަށް ފެތުރިފައިވާ ކަމަށް ވެއެވެ.

ރެއިލްވޭ މިނިސްޓްރު ޝޭޚް ރަޝީދު އަހްމަދު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

"ޒަޚަމްވި މީހުން މިހާރު ހޮސްޕިޓަލަށް ގެންދަނީ. ނަސީބު ދެރަކަމުން އަނދައިގެ ފަރުވާ ދެވޭ ވަސީލަތްތައް ހުރި ހޮސްޕިޓަލެއް ކައިރީގައި ނެތް. އެހެންވެ، އަހަރުމެން މަދަނީ އެމީހުން ހެލިކޮޕްޓަރުގައި މުލްތާނަށް ގެންދިއުމަށް މަސައްކަތްކުރަމުން. މިކަމުގައި އަސްކަރީ ހެލިކޮޕްޓަރު ދަނީ ބޭނުންކުރަމުންނެވެ.

އަލިފާން ރޯވީ ދަތުރުވެރިންގެ ބަޔަކު ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ވެގެން ގޭސް އުނދުރެއް ރޯކުރުމުން އޭގައި ރޯވެ ކައިރީގައި ހުރި އުނދުންވެސް ގޮވައިގެންނެވެ.

"އެއް އުނދުން ގޮވީ. އޭގެ ސަބަބުން އަލިފާން ރޯވީ. އެއާއެކު ކައިރީގައި ހުރި އުނދުންވެސް ގޮވީ." ރޭލްވޭ މިނިސްޓީގެ އޮފިޝަލަކު ކަމުގައިވާ ފައިސަލް ނިޔާޒް ވިދާޅުވިއެވެ.

ރޭލްވޭ މިނިސްޓްރީން ބުނި ގޮތުގައި ކަރާޗީން ރާވަލްޕިންޑީއަށް ދަތުރުކުރަމުން ދިޔަ 'ތޭޒްގާމް' އެކްސްޕްރެސްގެ ރޯވި ބައިގައި ތިބީ ތަބްލީޣީ ޖަމާއަތުގެ މީހުންނެވެ. ހެނދުނުގެ ނާސްތާއަށް ކައްކަމުން ދިޔައީ އެމީހުންނެވެ. ރޭލްވޭ މިނިސްޓަރު ރަޝީދު އަހްމަދު ވިދާޅުވިގޮތުގައި، ކާއްކާ ތެޔޮ ކައިރީގައި ހުރުމުމުންވެސް ރޯވި އަލިފާންގަނޑު އިތުރަށް ބޮޑުވެގެން ދިޔައެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ބައެއް މީހުން މަރުވެފައިވަނީ ދަތުރުކުރަމުން ދިޔަ ރޭލުން ފުންމާލުމުގެ ސަބަބުންނެވެ.

ރޭލްވޭ އޮފިޝަލެއް ކަމުގައިވާ ނަބީލާ އަސްލަމް ވިދާޅުވި ގޮތުގައި، ކޮންމެވެސް ގޮތަކަށް ފޮރުވައިގެން ކުދި ގޭސްފުޅި ރޭލަށް އެރުވީއެވެ. އެނާ ވިދާޅުވީ ގޭސްފުޅި ރޭލަށް އެރުވުމަކީ މަނާ ކަމެއް ކަމުގައެވެ.

ބޮޑުވަޒީރު އިމްރާން ޚާން ވަނީ މިހާދިސާގައި މަރުވި މީހުން އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، ޒަޚަމްވީ މީހުންނަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގަވާފައެވެ.  

ޕާކިސްތާނުގައި ރޭލުގެ ހާދިސާތަކުގައި މީހުން މަރުވުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. މިއަހަރު ޖޫން މަހު ދެ ރޭލު ޖެހިގެން 20 މީހުން މަރުވެފައި ވެއެވެ. 2007 ގައި ހިނގި ރޭލުގެ ހާދިސާއެއްގައި 56 މީހުން މަރުވެފައި ވެއެވެ. އަދި 2005 ވަނަ އަހަރު ސިންދު ޕްރޮވިންސުގައި 3 ރޭލު ޖެހުމުގެ ސަބަބުން 130 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.