ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރާބެހޭ އިސްތިއުނާފުގެ އަޑު އެހުންތައް ނިންމާލައިފި

ދައުލަތަށް ލިބެންޖެހޭނެކަމަށް ޓާގެޓްކުރެވޭ ފައިސާގެ ޢަދަދު 100 މިލިއަނަށްވުރެ ގިނަ: ފުލުހުން

ރައީސް ޔާމީންގެ މުޅި މިލްކިއްޔާތު ފްރީޒްކުރުމުގެ އަމުރާބެހޭ އިސްތިއުނާފުގެ އަޑު އެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައްވައިފިއެވެ. 

މިއަދުގެ އަޑު އެހުމުގައި ފުލުހުން ވިދާޅުވީ ރައީސް ޔާމިންގެ މިލްކިއްޔާތުން ދައުލަތަށް ލިބެންޖެހޭނެކަމަށް ޓާގެޓްކުރެވޭ ފައިސާގެ ޢަދަދު 100 މިލިއަނަށްވުރެ ގިނަކަމަށެވެ. އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ، ޢަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރަށް ފުލުހުން އެދިވަޑައިގެންނެވިއިރު ދައުލަތަށް ލިބެންޖެހޭނެކަމަށް ޓާޖެޓްކުރެވޭ ޢަދަދު ސާފުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ. 

މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރުވަނީ އެކުންޓްތައް ފްރީޒް ކުރުމުގެ އަމުރަށް އެދި ވަޑައިގެންނެވި އިރު އެޢަދަދުތައް ހުށަހެޅުއްވައިފައިވާނެތޯ ސުވާލު ކުރައްވައިފައެވެ. ފުލުހުން ވިދާޅުވީ އެޢަދަދުތައް ވަކިން ހުށަހަޅައިފައި ނުވި ނަމަވެސް ބޭންކް ސްޓޭޓްމަންޓްތައް ހުށަހެޅުމުން އެ އަދަދު ހުށަހެޅުނީ ކަމަށް ދެކެވަޑަގަންނަވާކަމަށެވެ. އަދި އަމުރަށް އެދި ހުށަހެޅި ފޯމުގައި އެއްވެސް ޢަދަދެއް ބަޔާން ކުރައްވައިފައި ނުވާނެ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްތަކާ ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަޙްޤީޤް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއީ ހުރިހާ ބޭންކެއްގައި ހުރި ފައިސާއާ ގުޅޭ ގޮތުން ކުރެވޭ ތަޙްޤީޤެއްކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީން ވަނީ އެކަން ދޮގު ކުރައްވައިފައެވެ. 

މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްތަކުގައި ވާ ފައިސާގެ ތަފްޞީލްތައް ފުލުހުން ހޯއްދަވައިފައިވަނީ ޤާނޫނާއި ޤާނޫނު އަސާސީއާވެސް ޚިލާފަށް ކަމަށެވެ. ކޯޓް އަމުރަކުން ނޫނީ ބޭންކް އެކައުންޓްތަކުގެ ތަފްޞީލް ނުހޯއްދެވޭނެ ކަމަށެވެ. 

ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައިވާ ފައިސާއާއި އިސްލާމިކް ބޭންކުގައިގައިވާ ޢަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައިވާ ފައިސާ ގުޅޭ ސަބަބެއް ސާފުކޮށް ދެއްވުމަށް ފަނޑިޔާރު ސުޢޫދު އެދިވަޑައިގެންނެވުމުން ދައުލަތުގެ ފަރާތުން ވިދާޅުވީ އިސްލާމިކް ބޭންކްގައި ހުޅުވައިފައިވާ ރައީސް ޔާމީންގެ އެކައުންޓްތަކުގެ ތަފްޞީލްތައް ބައްލަވަން ޖެހުނީ އިސްލާމިކް ބޭންކުގައިވާ ރައީސް ޔާމީންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން އެސްއޯއެފްގެ އެކައުންޓުން އެއްމިލިއަން ޑޮލަރު ޖަމާވެފައިވާއިރު އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެފައިސާ ނޫންކަމަށް ތަޙްޤީޤަށް އެނގިފައިވާތީ ކަމަށެވެ. އަދި އެސްއޯއެފް އިން ޖަމާކޮށްފައިވާ ފައިސާ އިންވެސްޓްކޮށް އެމްއެމްއޭގެ އެސްޓީއާރުގައިވެސް ވާ ގޮތަށް އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފަރާތަކުން ހޯދި ފައިސާކަމަށް އެނގެން އޮތުމުން ކަމަށެވެ. 

ރައިސް ޔާމީންގެ ވަކީލުން ވިދާޅުވީ އެމްއެމްއޭގެ އެސްޓީއާރުގައިވާ ގޮތުން ސާފުކުރަންޖެހެނީ ރައީސް ޔާމީންގެ އެކައުންޓަށް އެހެން ފަރާތުން ހޯދައިފައިވާ އެއްމިލިއަން ޑޮލަރާ ގުޅޭ ކަންކަން ކަމަށް ފާހަގަ ކުރެއްވޭކަމަށެވެ. އެސްޓިއާރުން އިސްލާމިކް ބޭންކްގައި ހުރި އެކައުންޓްތަކުގެ ތަފްޞީލް ހޯދުމަށް އެދިފައި ނުވާކަމަށެވެ. އެހެހެން ކަމުން އެސްޓިއާރާ ނުވެސް ގުޅޭ މައްސަލަތަކެއް ފުލުހުން ބައްލަވައިފައިވާކަމަށެވެ. އެސްޓީއާރު ގައި ވާކަންކަމަށް ޖަވާބު ލިބިފައި ވަނިކޮށް އެސްޓީއާރު ބޭނުން ކުރައްވައިގެން ކަމާ ނުގުޅޭ އެކައުންޓް ތަކެއް ފްރީޒް ކުރުމަކީ ޤާނޫނީ ގޮތުން ޤަބޫލު ކުރެއްވޭނެ ކަމެއް ނޫންކަމަށް ރައީސް ޔާމީންގެ ވަކީލް ވިދާޅުވިއެވެ. 

އިސްލާމިކް ބޭންކްގައި ހުރި ފައިސާގައި އަތް ނުލުމަށް އޭސީސީއަށް އަންގައިފައި ވަނިކޮށް އެސްކްރޯ އެކައުންޓަށް އެހެން ފަރާތަކުން ފައިސާ ޖަމާ ކުރުމުން އިސްލާމިކް ބޭންކްގައި ހުރި އެމަނިިކުފާނުގެ ހުރިހާ އެކައުންޓްތައް ފްރީޒްކުރަންޖެހޭނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީން ވެސް ވިދާޅުވިއެވެ. 

އެސްޓީއާރު ނެރުނު ދުވަހުން ފެށިގެން އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރަށް އެދުނު ދުވަހާ ހަމަށް ފުލުހުންގެ ތަޙްޤީޤަށް ގިނަ މަޢުލޫމާތު ތަކެއް ހޯއްދެވިކަމަށް މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވިދާޅުވިއެވެ. އެގޮތުން ހޯއްދެވި މަޢުލޫމާތު ތަކުން ޝައްކުކުރެވޭ މުޢާމަލާތާތަކެއް ހިންގައިފައިވާކަން އެނގެން އޮތްކަމަށްވެސް މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވިދާޅުވިއެވެ. އެގޮތުން ކޯޓްއަމުރަށް އެދުނު އިރު ސުވާލު އުފެދޭ ބޭންކް ސްޓޭޓްމަންޓްހައިލައިޓްކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. 

ނަމަވެސް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތުޙުމަތު ކުރާ މައްސަލައެއް ފުލުހުން ބަލަން ފެށި ހިސާބުން އެއްވެސް ބޭންކެއްގައިވާ އެމަނިކުފާނުގެ އެއްވެސް އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށެވެ. އިސްލާމިކް ބޭންކުގެ އިންވެސްޓްމަންޓް އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވަނީ ވާނީ 2017 ވަނަ އަހަރު ކަމަށެވެ. 

މިމައްސަލައިގައި ދެން އޮންނާނީ ޙުކުމް އިއްވުމެވެ. ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާޠިލް ކުރުމުން އެނިންމުން އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ދައުލަތުގެ ފަރާތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.