މިސަރުކާރުން ކުރާކަމަކީ ހަލުވި ތަރައްގީ ގެނެސްދިނުން: ރައީސް

މި ސަރުކާރުން ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އޭގެ އެންމެ ހަލުއި ކަމާއެކު ރައްޔިތުންނާ ހަމާއަށް ފޯރުކޮށް ދެއްވުން ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ ލ. ފޮނަދޫއަށް ވަޑައިގެން ހައްދުންމަތީ ބޮޑުމަގާއި، ފޮނަދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ ދެން އަންނަ ދައުރެއްގެ ކުރީކޮޅު ހައްދުންމަތީ ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ބައިނަލްއަޤްވާމީ ފްލައިޓްތައް  އެއަރޕޯޓްގައި ޖެއްސޭ ވަރުކޮށް ދެއްވާނެ ކަމަށެވެ.

އެއީ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ހުޅުވިގެންދާ އިތުރު ފުރުސަތަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން މި ސަރުކާރުން އެންމެ އިސްކަން ދެއްވާ އިންޓަގްރޭޓެޑް ޓުއަރިޒަމް ރާއްޖޭގައި އިތުރަށް ފުޅާކުރެއްވުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ާއްޖެއަށް އަންނަމުންދާ ކޮންކްރީޓް ތަރައްގީއާއިއެކު ދިވެހިންގެ ވިސްނުންވެސް ތަރައްގީކުރަން ޖެހޭކަމަށެވެ. އެހެން ކަމުން ސެޕްޓެމްބަރު 23 ގައި އެންމެން ނުކުންނަންވީ މުޅި ދިވެހި ގައުމަށްޓަކައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، މާމެންދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައިފައެވެ. އަދި މާބައިދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައި، ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައިފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.