ޖަޕާނުގައި ވެރިކަންކުރާ ޕާޓީގެ ލީޑަރަކަށް ޔޮޝިހިޑޭ ސުގާ ހޮވައިފި

ޔޮޝިހިޑޭ ސުގާ

ޖަޕާނުގައި ވެރިކަންކުރާ ލިބަަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަރަކަށް ޔޮޝިިހިޑޭ ސުގާ އެޕާޓީން އިންތިޚާބުކޮށްފިއެވެ. އޭނާ މިހާތަނަށް ހުންނެވީ ޗީފް ކެބިނެޓް ސެކްރެޓަރީގެ މަގާމުގައެވެ. ޕާޓީގެ ލީޑަރުކަން ލިބިވަޑައިގަތުމާއެކު އިސްތިއުފާދެއްވި ބޮޑުވަޒީރު ޝިންޒޯ އާބޭގެ މަގާމަށް ވަޑައިގަންނަވާނީ ސުގާއެެވެ.

ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގައި ތިއްބަވާ އެލްޑީޕީގެ މެންބަރުންނާއި، ޕާޓީގެ ގޮފިތަކުގެ ލީޑަރުންގެ މެދުގައި ނެގި ވޯޓު ފަސޭހަކަމާއެކު ސުގާ ވަނީ ކާމިޔާބުކުރައްވާފައެެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 534 މެންބަރުންގެ ތެރެއިން 377 މެންބަރުންގެ ވޯޓު އޭނާ ހޯއްދެވިއެވެ. ލީޑަރުކަމުގެ މަގާމަށް އޭނާއާއި ވާދަކުރެއްވި ކުރީގެ ފޮރިން މިނިސްޓަރު ފުމިއޯ ކިޝީޑާ 89 ވޯޓު ހޯއްދެވިއިރު، ކުރީގެ ޑިފެންސް މިނިސްޓަރު ޝިގެރޫ އިޝީބާއަށް ލިބިވަޑައިގަތީ 68 ވޯޓެވެ.

ގާނޫނުހަދާ މަޖިލީހުގެ ދެ ގޭގައި ވެސް އެލްޑީޕީއަށް އަޣުލަބިއްޔަތު އޮތުމުން، ބުދަ ދުވަހު ބާއްވާ ގާނޫނު ހަދާ މަޖިލީހުން ޚާއްސަ ޖަލްސާގައި ބޮޑުވަޒީރުކަަމަށް ޔޮޝިހިޑޭ އިންތިޚާބުކުރުމަކީ ގާތްގަނޑަކަށް ޔަގީން ކަމަކެވެ،

ސަރުކާރަށް ލަފާދެއްވުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުއްވި ސިޔާސީ ގޮތުން ބާރުގަދަ، އުމުރުފުޅުން 71 އަހަރު ޔޮޝިހިޑޭ ސުގާ ބެލެވެނީ، ކުރީގެ ބޮޑުވަޒީރު އާބޭގެ ސިޔާސަތުތައް ކުރިއަށް ގެންދެވުމާއެކު ޖަޕާނަށް ހަމަޖެހުން ގެންނަވާނެ ބޭފުޅެއްގެ ގޮތުގައެވެ.

ޖަޕާނުގެ އުތުރުގެ ސަރަހައްދެއެް ކަމުގައިވާ އަކިޓާއަށް ނިސްބަތްވެ ވަަޑައިގަންނަވާ ސުގާއަކީ ސުޓްްރޯބެރީ ހައްދާ ދަނޑުވެރިއެއްގެ ދަރިކަލެކެވެ. އެހެންކަމުން، ރަށްފުށުގެ ސަރަހައްދުތަކުގެ މީހުން ބޮޑެތި ރަށްތަކަށް ހިޖުރުކުރުމުން އެ ސަރަހައްދުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެއްވުމަކީ އޭނާ އެންމެ އިސްކަން ދެއްވާނެ އެއްކަމެވެ.

އިސްތިއުފާދެއްވި ބޮޑުވަޒީރު ޝިންޒޯ އާބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރެވެ. އޭނާ ވަނީ 2012 އަހަރުން ފެށިގެން މެދުނުކެނޑި 8 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.