ޖަޕާނުގައި ވެރިކަންކުރާ ޕާޓީގެ އާ ލީޑަރަކަށް ކުރީގެ ޚާރިޖީ ވަޒީރު ކިޝީޑާ

ދެން ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އޭނާ

އެލްޑީޕީގެ އާ ލީޑަރު ފުމިއޯ ކިޝީޑާ

ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަރަކު ހޮވަން އިއްޔެ ބޭއްވި އިންތިޚާބު ކުރީގެ ޚާރިޖީ ވަޒީރު ފުމިއޯ ކިޝީޑާ ކާމިޔާބުކުރައްވައިފިއެވެ.

މި އިންތިޚާބު ބޭއްވީ އަހަރެއްހާ ދުވަހު ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ލީޑަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. ޕާޓީގެ ލީޑަރުކަން ލިބިވަޑައިގަތުމާއެކު، ސުގާއަށް ފަހު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ކިޝީޑާކަން ވަނީ ޔަގީންވެފައެވެ. އެއީ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އެލްޑީޕީއާއި އެޕާޓީގެ ބައިވެރިންނަށް ކަމަށް ވުމުން، އަންނަ ހޯމަ ދުވަހު ބޮޑުވަޒީރަކު ހޮވަން ލާ ވޯޓު ކިޝީޑާ ކާމިޔާބުކުރައްވާނެތީއެވެ.

ކުރިން ބޭންކިންގގެ ދާއިރާގައި މަސައައްކުރައްވާފައިވާ ކިޝީޑާ (64 އ.) އަކީ އާއްމުންގެ މެދުގައި އެހާ މަގުބޫލު ބޭފުޅެއް ނޫނެވެ. އަދި ޝަޚުސިއްޔަތު ބަލި ބޭފުޅެއް ކަމަށް އާއްމުން ދެކޭ ބޭފުޅެކެވެ. އެެހެންކަމުން، ނޮވެންބަރު ޖަޕާނުގައި އޮންނަ އާއްމު އިންތިޚާބުގައި އެލްޑީޕީއަށް މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޝީޑާ ލީޑަރުކަން ކާމިޔާބުކުރެއްވީ ކުރީގެ ދިފާއީ ވަޒީރު ޓާރޯ ކޯނޯ ބަލިކުރެއްވުމަށް ފަހުގައެވެ. ލީޑަރުކަމަށް ވާދަކުރެއްވި އަންހެން ދެ ބޭފުންކަމުގައިވާ ސަނާއެ ޓަކައިޗީއާއި ސީކޯ ނޯޑާ ވަނީ އެބޭފުޅުންގެ ނަންފުޅު އަނބުރާ ގެންދަވާފައެެވެ.

ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށްފަހު ކިޝީޑާގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޮވިޑް-19 ގެ ސަބަބުުން ވަޅުޖެހިފައިވާ ޖަޕާނުގެ އިގުތިސާދު ކޮޅަށް ޖެހުމެެވެ. އަދި އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ޗައިނާއިން ވަރުގަދަކުރަމުންދާ ނުފޫޒު ކުޑަކުރުމަށް އެމެރިކާއާއި، ޖަޕާނުގެ އެހެން ބައިވެރިންނާ ގުޅިވަޑައިގެން މަސައްކަތްޕުޅުކުރައްވަންވެސް އޭނާއަށް ޖެހިވަަޑައިގަންނަވާނެއެވެ.

"އަހަރުމެން މިތިބީ ގައުމީ މުސީބާތެއްގެ ތެރޭގައި. އަހަރުމެން ކޮރޯނާ ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންގޮސް، އަހަރު ނިމުމުގެ ކުރިން އެތަކެއް ޑަޒަން ޓްރިލިއަން ޔެންގެ އިގުތިސާދީ ޕެކޭޖެއް އެކުލަވާލަން ޖެހޭ." އެލްޑީޕީގެ ލީޑަރަކަށް ވެވަޑައިގަތުމަށް ފަހު ދެއްކެވި ވާހަަކަފުޅުގައި ފުމިއޯ ކިޝީޑާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ނޮވެންބަރު މަހު 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިޚާބުގައި އެލްޑީޕީއަށް ކާމިޔާބު ހޯއްދަަވައިދެއްވުމަށް ކިޝީޑާ ކުރައްވަން ޖެހޭ މަސައްކަތްޕުޅު އެހެން ހުރިހާ ކަމަކަށްވުރެ މުހިއްމުވާނެކަމަށް ބެލެވެއެވެ. އޭނާއަށް ވެސް އަދި އޭނާގެ ޕާޓީ، އެލްޑީޕީއަށް ވެރިކަން ގެއްލުމުގެ ބިރު އޮތަތީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.