ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ޢަލީ ރަޝީދު (އައްޔަ) ހޮވިވަޑައިގެންފިއެވެ. މިއަދު ބޭއްވުނު އިންތިޚާބުގައި އޭނާ މަގާމު ދިފާއު ކުރެއްވީ އަނެއްކޮޅުން ވާދަ ކުރެއްވި ޠާހާ ސަލީމް ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށް ފަހުގައެވެ. ޢަލީ ރަޝީދަށް ލިބިވަޑައިގަތީ 155 ވޯޓެވެ. ޠާހާ ސަލީމަށް ލިބިވަޑައިގަތީ 80 ވޯޓެވެ.
އެސޯސިއޭޝަންގެ އެހެން މަގާމުތަކަށްވެސް ހޮވިވަޑައިގަތީ ޢަލީ ރަޝީދުގެ ޓީމުގެ ބޭފުޅުންނެވެ. ނާއިބު ރައީސަކަށް ހޮވިވަޑައިގަތީ 152 ވޯޓު ހޯއްދެވި އަޙްމަދު ޝާޒިލެވެ. އިންޑިވިޖުއަލް އަންހެން މެންބަރަކަށް ހޮވިވަޑައިގަތީ ކުރީގެ ޗެމްޕިއަން އާމިނަތު ސަމާޙް ބިންތި ފިރާޤެވެ. އޭނާއަށް ލިބިވަޑައިގަތީ 143 ވޯޓެވެ. އިންޑިވިޖުއަލް ފިރިހެން މެންބަރަކަށް ހޮވިވަޑައިގަތީ އަމްޕަޔަރ ޢައްޒާމް އިބްރާހީމެވެ. އޭނާ ވަނީ 154 ވޯޓު ހޯއްދަވައިފައެވެ. އެސޯސިއޭޓް މެންބަރަކަށް ހޮވިވަޑައިގަތީ އިސްމާޢީލް ސުޖާޢުއެވެ. އޭނާއަށް ލިބިވަޑައިގަތީ 144 ވޯޓެވެ. ނަތީޖާއަށް ބަލާއިރު ޢަލީ ރަޝީދުގެ ޓީމު ވަނީ ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފައެވެ.
ޢަލީ ރަޝީދަކީ ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީޓީ ކުޅުންތެރިޔާއެވެ. އަދި އެސޯސިއޭޝަނަށް ޚިދުމަތް ކުރެއްވުމަށް ބަލާއިރުވެސް އޭނާ އަކީ ފާހަގަ ކުރެވޭ ބޭފުޅެކެވެ. 2006 ވަނަ އަހަރު ކުޅުން ހުއްޓަވައިލެއްވުމަށް ފަހު 2008 ވަނަ އަހަރާ ހަމައަށް އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތަކުގައި ވަރަށް ހީވާގި ކަމާއެކު ވަނީ މަސައްކަތް ކުރައްވައިފައެވެ. 2008 ވަނަ އަހަރު އެސޯސިއޭޝަންގެ ނާއިބު ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގަތެވެ. ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގަތީ 2016 ވަނަ އަހަރުއެވެ.
ޢަލީ ރަޝީދުގެ ރައީސްކަމުގައި ދިވެހިން ވަނީ ޓީޓީގައި 21 މެޑަލް ހޯދައިފައެވެ.
މި އަހަރުގެ އިންތިޚާބު މި ބޭއްވުނީ ބައެއް ވާދަވެރިން ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވަމުން ދަނިކޮށެވެ. އިންތިޚާބު ހުއްޓުވުމުގެ އަމުރަކަށް އެދި ކުރީގެ ޓީޓީ ޗެމްޕިއަން ތާޅަފިލި އަލިބެ ސިވިލް ކޯޓަށްވެސް ވަޑައިގަތެވެ. އެހެން ނަމަވެސް ކޯޓުން ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް އަންގާފައެވެ. އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ވަނީ މި މައްސަލައިގެ ތެރެއަށް ސިވިލް ކޯޓުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ވަދެއްޖެނަމަ ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑް ކުރާނޭ ކަމަށް އަންގާފައެވެ. ފެޑެރޭޝަނުން ބުނާ ގޮތުގައި އެސޯސިއޭޝަނާ ބެހޭ ކަމެއްގައި ރާއްޖެއިން އެންމެ ފަހުގެ ބަސް ބުނާނީ ރާއްޖޭގެ ގައުމީ ކުޅިވަރު ކައުންސިލުންނެވެ. އެހެން އެއްވެސް ބަޔަކު މިކަމުގެ ތެރެއަށް ވަދެގެން ނުވާނެއެވެ. ކައުންސިލުން ބުނެފައި ވަނީ އިންތިޚާބު ބޭއްވުން އެންމެ ރަނގަޅު ކަމުގައެވެ.
ބަޔަކު މީހުން ގޭބަދިގޭ ކުޅވަރަކަށް ހެދޭތޯ ކުރި މަސައްކަތް ނާކާމިޔާބު ވުމަކީ ކުޅޭ ކުދީންނަށް ލިބުނު ކުރިއެރުމެއް