ފުލުހެއްގެ ކިބައިން ގެއްލުމެއް ނުލިބޭނެ ކަމުގެ ތަޞައްވަރު މުޖުތަމަޢަށް ފޯރުކޮށްދޭން ޖެހޭ: ހޯމް މިނިސްޓަރ 

ފުލުހެއްގެ ކިބައިން ގެލުމެއް ނުލިބޭނެ ކަމުގެ ތަޞައްވަރު މުޖުތަމަޢަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއެއް ޤާއިމްކޮށް މުއައްސަސާއަށް ދައުލަތުން ޚަރަދުކޮށް މުއައްސަސާއަށް ވަޞީލަތްތައް ހޯދައި ދިނުމަށް ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރަމުން އަންނަނީ އެ ޒިންމާ އަދާކުރުމަށްޓަކައި ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ ފުލުހަކީ އަޅުގަނޑުމެންނަށް ނުލިބިފައިވާ ހައްޤު ހޯދައިދޭ މީހެއް ކަމަށް. އަޅުގަނޑުމެންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ މީހާ ކަމަށް. ކޮންމެ ނުރައްކަލެއް ކުރިމަތިވާ ހިނދު އެކަމުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭނެ މީހެއް ކަމަށް. ފުލުހަކީ އަޅުގަނޑުމެންނަށް ބިރުވެރިކަމާއި ނަމާންކަން ދިމާވާ ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ ކައިރީގައި ހުންނާނެ މީހެއް ކަމަށް. އަދި ވަކިން ޚާއްޞަކޮށް ފުލުހެއްގެ ކިބައިން އަޅިގަނޑުމެންނަށް ގެއްލުން ނުލިބޭނެކަށް." ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ އިންސާނީ މުޖުތަމައެއްގައި އެ މުޖްތަމައެއް ބިނާވެފައި އޮންނަ ވަކި ޚާއްޞަ އަސާސްތަކާއި ބަހާތަކެއް އޮންނަ ކަމަށެވެ. އެ އެސާސްތަކާއި ބަހާތައް ދެމެހެއްޓުމަކީ މުޖުތަމަޢުގައި ތިބޭ ވަކިކަހަލަ ބަޔަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތާ ގުޅިފައިވާ މުހިންމު ބަހާތައް ކަމުގައިވާ އިސްލާމްދީނާއި ދިވެހި ބަހާއި ތާރީޚާއި ޘަޤާފަތް ނަގަހައްޓައި ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް ބޮލުގައި އެޅިފައި އޮންނަނީ ފުލުހުންނާއި، ސިފައިންނަށް ކަމަށެވެ. އެ ދެ މުއައްސަސާއާ ނުލައި ވަޠަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއިން ކޮންމެ މުއައްސަސާއެއްގައި މަސައްކަތްކުރާ ފަރުދެއްގެ އަސާސީ ސިފައަކީ އެ މުއްސަސާއާއި، ވަޠަން ދެކެ ލޯބިވުން ކަމަށް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އަމިއްލަ ނަފްސާއި އަމިއްލަ އާޢިލާއަށް ވުރެ އަމިއްލަ މަސްލަޙަތަށް ވުރެ މުއައްސަސާއާއި ވަޠަންގެ މަސްލަތާއި ލޯބި އިތުރުވެގެން ނޫނީ މުއައްސަސާގެ ފުރިހަމަ ދަރިއަކަށް ވުމުގެ ސިފަ ފުރިހަމަ ނުވާނެ ކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

1 ޚިޔާލު

  1. ރައީސް އާއި ވަޒީރާއި ދައުލަތުން މުސާރަ ލިބޭ ހުރިހާ މުވައްޒަފުންނަކީ ރައްޔިތުންގެމުވައްޒަފުންކަން ފުލުހުންނަށް ވިސްނާދެވުމުން ރައްޔިތުންނަށް ޚިދުމަތް ދެވޭނީ. ނޫސްވެރިން ވެސް ކުރަންވީ އެކަންތައް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.