ޢައްޒަގެ ދިރާސީ ބަސް: ގ. ހަވަރުތިނަދޫގައި ހިނގި ހަމަނުޖެހުންތައް އިންތިހާއަށް!

ފޮޓޯ: ޢަބްދުލް ޙަކީމް ޙުސައިންމަނިކު.(1997)

ސުވާދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.


މިއަދުގެ ކޮލަމު މި ޚާއްޞަކުރަނީ ގ.ހަވަރުތިނަދޫ ސުވާދީބުގައި ބައިވެރިވުމުގައި އެ ރަށުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް މުހިންމު ކަންކަމުގެ މައްޗަށެވެ. މި ކޮލަމުގެ ކިޔުންތެރިންނަށް އެނގިވަޑައިގަންނަވާނެ ފަދައިން 1 ޖަނަވަރީ 1959 ގައި އައްޑު އަތޮޅު ގަމުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، ދިވެހި ސަރުކާރުން ވަކިވެ އައްޑު އަތޮޅުގައި،  ސުވާދީބު ނަމުގައި ދައުލަތެއް އުފެއްދިއެވެ. މި ސަރުކާރުގައި ބައިވެރިވީ އައްޑު އަތޮޅުގެ ހުރިހާ ރަށެއްގެ މީހުންނެވެ. އޭގެ ފަހުން ފުވައްމުލަކު މީހުންނާ ހުވަދު އަތޮޅު މީހުން ވެސް ބައިވެރިވިއެވެ. މިހިސާބުން އުފެދޭ ސުވާލަކީ، އޭރު ރާއްޖޭގައި އޮތް އެންމެ މުއްސަނދި ރަށް ގ.ހަވަރުތިނަދޫ މީހުން ދިވެހި ސަރުކާރާ ދެކޮޅުވެ، އިނގިރޭސިންގެ އެހީގައި އައްޑު އަތޮޅު މީހުން އުފެއްދި ސުވާދީބުގައި ބައިވެރިވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ފަހުން ލިޔުނު ކޮލަމުގައި މި ސުވާލުގެ ޖަވާބާ މެދު ކޮންމެވެސް ވަރަކަށް އަލިއަޅުވައިލެވިފައި ވާނެއެވެ.

މިއަދު ވެސް މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށް ވާ މާފައާއި ދޮންކަނބުލޮގެ ވާހަކައިން ފަށާނަމެވެ.

މާފަ: ކަނބުލޮ ކޮބާ މިއަދު ވާހަކަ ފަށަންވީ ކިހާ ހިސާބަކުންތަ؟

ދޮންކަނބުލޮ: މާފަ ބުނީމެއްނޫން މިއަދު ކިޔައިދޭނީ އަތޮޅުވެރިންގެ ވާހަކައޭ...

މާފަ: އާނ! ދަރިފުޅާ ދޮންކަނބުލޮ... މާފަ  ދޮންކަނބުލޮއަށް ކިޔައިދޭން މިއުޅެނީ... ވަރަށް އަސަރުކުރާ ވާހަކައެއް... މި ވާހަކަ ދޮންކަނބުލޮއަށް ކިޔައިދޭން އެހާ ފަސޭހައެއް ވެސް ނޫން.... އެކަމަކު ވެސް ތާރީޚަށް ޓަކައި ކަނބުލޮމެންނަށް މި ވާހަކަތައް ކިޔައިދޭން ޖެހޭނެތާ...

ދޮންކަނބުލޮ: މާފާ ތާރީޚުގައި ހާދަ ދެރަ ކަންކަން ހިނގާފައި އެބަ ހުއްޓޭދޯ؟

މާފަ: އާނ! ކަނބުލޯ... ދެރައީ... ބައެއް މީހުން ތާރީޚު އޮޅުވައިލައި އެމީހަކު ބޭނުން ގޮތަކަށް އެބަޔަކަށް ރީތިވާ ގޮތަކަށް ޖަރީކޮށްގެން ތާރީޚު ލިޔާތީ... އަހަރެމެން ހަވަރުތިނަދޫއަށް ނިސްބަތްވާތީ... އަހަރެމެންގެ ކާބަފައިންގެ ތެރެއިން ބަޔަކު އިސްކޮށްތިބެ ހިންގާފައިވާ އަނިޔާވެރި ޢަމަލުތައް ރަނގަޅުކަމަކަށެއް ނުހެދޭނެތާ...! ހަމަ އެގޮތަށް އިބްރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގައި ރާއްޖެއަށް ކިތަންމެ ޚިދުމަތެއް ކޮށްދެއްވާފައި ވިޔަސް ނާސިރުގެ ވެރިކަމުގައި ހިނގާފައިވާ ލާއިންސާނީ ޢަމަލުތަކެއް ވެސް ބަދަލެއް ނުކުރެވޭނެދޯ؟

ދޮންކަނބުލޮ: ހަމަ އެހާ އަނިޔާވެރި ކަންކަން ހަވަރުތިނަދޫގައި ހިނގާފައިވޭތަ މާފާ؟

މާފަ: ސުބުޙާނަﷲ! އަނިޔާވެރިވި މީހުންގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދިޔަ... އަތޮޅުވެރިން ނ.ތ. ހަސަންދީދީ ކަންކުރެއްވި ގޮތް ވެސް ރަނގަޅެއް ނޫން... އަދި އަތޮޅުވެރިންނާ މެދު މި ރަށުގެ ޒުވާނުން ކަންކުރީކީ އެއްގޮތަކަށް ވެސް ރަނގަޅަކަށް ނޫން... އަދި ދިވެހި ސަރުކާރުން ވެސް އެޅުއްވީ އިންސާފުވެރި ފިޔަވަޅުތަކެކޭ ވެސް ނުބުނެވޭނެ...

ދޮންކަނބުލޮ: މާފާ ހަވަރުތިނަދޫ ވާރުގެ ތަޅާލި ރޭ އަތޮޅުވެރިން ކިހިނެއްތޯ ހެއްދެވީ؟

މާފަ: ކުރީ ދުވަހު ވެސް މި ވާހަކަ ދެކެވުނުދޯ؟ އަތޮޅުވެރިން އެވަގުތު އިންނެވީ ތިނަދޫ އޭރުގެ ބޮޑުކަތީބުންގެ ތެރެއިން އެއް ބޭކަލެއް ކަމަށް ވާ ޢަބްދުﷲ ކަތީބާ ސުވާލުކުރައްވަން... ވަރަށް ކޯފާއިސްކުރައްވައި ވާހަކަދެއްކެވީ، ކަރަންޓީނުގައި ތިބި އޮޑިފަހަރުގެ މީހުން އަތޮޅުވެރިންގެ އެންގެވުމާ ޚިލާފުވާތީ...

ދޮންކަނބުލޮ: ދެން ކިހިނެއްވީ މާފާ؟

މާފަ: ހަމަ އެވަގުތު އެއްކަލަ ރަށުތެރެއިން ނުކުތް ޒުވާނުންގެ ބަޔަކާ އޮޑިވެރިންގެ ފަރާތުން މީހުންނާ އެކު ވާރުގެއާ ދިމާކޮށްލީ.. ދެން އަތޮޅުވެރިން ގޮވައިގެން ޢަބްދުﷲ ކަތީބު ވާރުގޭ ވަލުފަރާތު ފާރުމަތިން ފުންމާލައްވައިގެން އަތޮޅުވެރިން ސަލާމަތްކުރެއްވި ވާހަކަ ތާރީޚު ލިޔުންތެރިން ލިޔުއްވާފައިވޭ...

ދިރާސީ ނޯޓު: ދިރާސާގެ ބައިވެރިއެއް ކަމަށްވާ ތިނަދޫ ހުތާ ބެއްޔާ (އަސްލު ނަމެއް ނޫން) ކިޔައިދިން ގޮތުގައި އަތޮޅުވެރިން އެރޭ ފިއްލެވީ ތިނަދޫ ޝިހާބުގެ ގޭގައި ހުރި "އުވަފައްލަވައެއްގެ" (އުވަވަޅެއްގެ) ތެރޭގައި ކަމުގައެވެ. ހަމަ އެރޭ ހަވަރުތިނަދޫ އޭރުގެ މުދިމު ކާސިންހުތެބެއްޔާ އަތޮޅުވެރިންނަށް ހިމާޔަތް ދެއްވައި، އެ ގެއަށް އަތޮޅުވެރިން ގެންދަވައި އެރޭ އެގޭގައި ބެހެއްޓެވީކަމަށާ، ޖެހިގެން އައި ދުވަހުން އަތޮޅުވެރިން މަޑަވެއްޔަށް އަރުވާލެވުނީ ކަމަށް ވެސް އޭނާ މަޢުލޫމާތު ދިނެވެ.

ދޮންކަނބުލޮ: ދެން ކިހިނެއްތަ ވީ މާފާ؟

މާފަ: ކުރީ ދުވަހު ވެސް މާފަ ބުނީމެއްނުން އަތޮޅުވެރިން މަޑަވެއްޔަށް އަރުވާލީއޭ.

ދޮންކަނބުލޮ: ދެން ކާކުތަ އަތޮޅުވެރިޔަކަށްވީ؟ އެހެންވިއްޔާ؟

މާފަ: ކަނބުލޯ! އޭރު ކުޑަކަތީބަކާ އެކު ހައެއްކަ ކަތީބުން ތިއްބަވާ... އޭގެތެރެއިން ރަށުގެ އެންމެން އެންމެ ގަދަރުކުރާ އެއް ކަތީބަކީ ޢަބްދުﷲ ކަތީބު... ޢަބްދުﷲ ކަތީބަކީ ނ.ތ.ހަސަންދީދީގެ ކުރިން ހުވަދު އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި، އަދި މުޅި ރާއްޖެއަށް ވެސް މަޝްހޫރު ވިޔަފާރިވެރިޔާ، މޫސާ ހިރިހަމައިދިކަލޭގެފާނުގެ ދަރިކަލެއް... ހިރިހަމައިދިކަލޭފާނަށް ކުރާ ގަދަރު ޢަބްދުﷲ ކަތީބަށް ވެސް ކުރާކަން ވާރުގެ ތަޅާލި މީހުން ކަންތައް ކުރި ގޮތުން ވެސް ފާހަގަކުރެވޭ..

ދޮންކަނބުލޮ: ކިހިނެއްތަ އެމީހުން ކަންތައް ކުރީ؟

މާފަ: އެމީހުން ބޭނުންވި ކަންކަން ކޮށް ނިންމާލީ... ވާރުގެ ތަޅާލައި އެ ބައެއްގެ މުދާ އެބަޔަކު ގެންދިޔައީ... އަދި އަނދަގޮނޑީގައި ޖަހައި ބަންދުކޮށްފައި ތިބި މީހުން ވެސް ދޫކޮށްލީ... ދެން އެ މީހުން ބޭނުންވީ ޢަބްދުﷲ ކަތީބުގެ ބަހެއް.. ޢަބްދުﷲ ކަތީބު ރައްޔިތުންނާ ބައްދަލުކޮށް އެއްޗެއް ވިދާޅުވާން އެދުނީ... ޢަބްދުﷲ ކަތީބު ވަޑައިގެންނެވީ ދެފަހަރަކު ބަލައި ވެސް ގޮސް، މި ހަމަނުޖެހުން ހިންގި މީހުން، ވަޑައިނުގެންފިއްޔާ ބަންދުކުރާނެކަމަށް އިންޒާރު ވެސް ދިނުމުން ކަމަށްވޭ... ދެން ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ދެ ފޮތެއްގައި އެއް ގޮތަކަށް ލިޔެފައިވަނިކޮށް މާފައަށް ފެނިފައިވޭ... އެއީ ވަރަށް ޢިބްރަތްތެރި އަސަރުގަދަ ތަގުރީރެއް... ކަނބުލޮ ވެސް ވާނެ އެ ތަގުރީރު ކިޔާލަން... އެ ދިގުކަމުން މާފަޔަށް ހިތަކުން ކިޔައެއް ނުދެވޭނެ...

ދޮންކަނބުލޮ: އާނ! މާފާ... ކިޔާނަމޭ.. ދެން ވީ ކިހިނެއް މާފާ؟

ދިރާސީ ނޯޓު: ޢަބްދުލް ޢަޒީޒު އާދަމް (2009) އަދި އަބްދުﷲ ޞާދިޤު (2016) މި ދެބޭފުޅުން ޢަބްދުﷲ ކަތީބު ދެއްވި ތަޤްރީރު ލިޔުއްވާފައި ވަނީ، ހަމަ އެއްގޮތަކަށެވެ. ފާހަގަކުރެވުނީ ވަރަށް ކުޑަ ތަފާތެކެވެ. އެހެންވީމާ ބޮޑަށް ލަފާކުރެވެނީ 2009 ވަނަ އަހަރުގެ ލިޔުމަކީ އެއީ އަސްލުކަމަށެވެ. އެހެނީ ޢަބްދުﷲ ޞާދިޤު މަޢުލޫމާތު ހޯއްދެވި ބޭފުޅުންގެ ތެރޭގައި ޢަބްދުލް ޢަޒީޒު އާދަމް ހިމެނިވަޑައިގަންނަވާތީއާ ވެސް އެކު މިގޮތަށް ނިންމީއެވެ. ތިރީގައި މިވަނީ އެ ތަޤުރީރު އޮތް ގޮތަށެވެ. ތަންކޮޅެއް ދިގުވިޔަސް ތަޤުރީރު މިތަނުގައި ނަކަލުކުރަން ގަސްތުކުރީ، މިއީ ވަކި ތަހުލީލެއް ހަދަން ވެސް ރަނގަޅު މުހިންމު ލިޔުމަކަށް ވާތީއެވެ. ޝާއިޢުކުރައްވާފައިވާ ފޮތަކީ، ޢަބްދުﷲ ޞާދިޤުގެ ފޮތް ކަމަށް ވާތީ އެ ފޮތުގައި ވާގޮތަށް ނަކަލުކުރާނަމެވެ.

"... ޢަބުދުﷲ ކަތީބު ވާރުގޭ ދޮރުމައްޗަށް ވަޑައިގެން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ބިންމަތީގައި އިށީނދެވަޑައިގެން އިރުކޮޅަކު އިންނެވުމަށް ފަހު، ތެދުވެވަޑައިގެން ވިދާޅުވިއެވެ. މިކަންތައް މިއޮތީ ވާނެ އެއްޗެއްވެ ނިމިފައެވެ. އަޅުގަނޑަށް ފެންނަނީ ދެން އައްޑު އަތޮޅަށް ވަފުދެއް ދިޔުމަށެވެ. ރައްޔިތުން މިހާ ހޫނުވެގެން ގޮސްފައި މިވަނީ، ކާޑަށް ދަތިވެ ބަނޑުހައި ހޫނުކަމުގެ އިހުސާސްކުރަން ޖެހުމުގެ ސަބަބުންނެވެ. އެހެންޏާ ތިޔަ ރައްޔިތުންނަކީ ހާދަ ފޯރުންތެރިކަމާ އެކު، ޢިއްޒަތުގައި އުޅެމުން އައި ބަޔެކެވެ. އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމަށާއި ދަރިންނަށް ތަޢުލީމު ހޯދައިދިނުމަށް ޓަކައި، އަބަދާއިއަބަދު މިގެންދިޔައީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް، ދިވެހިސަރުކާރުން، ނެރެމުންދާ އާ ގަވާއިދުތަކުގެ ސަބަބުން، ވިޔަފާރީގެ ފުރުޞަތުތައް ވެސް ދަނީ ބަންދުވަމުންނެވެ. އަޅުގަނޑު ހުޅުވައިގެން އުޅޭ މަދުރަސާ އަދި ހިނގަމުން އެބަދެއެވެ. އެހެން ނަމަވެސް އެ މަދުރަސާ ހިންގުމަށް ބޭނުންވާ ގިނަ ތަކެއްޗަކީ، އަޅުގަނޑު ސިލޯނުން ގެންނަ ތަކެއްޗަށް ވުމާއެކު، ސިލޯނު ދަތުރުތަކުގެ މަގު ސަރުކާރުން ބަންދުކުރައްވަމުން ދާތީ، އަޅުގަނޑު މި ހުންނަނީ މި މަދުރަސާ ވެސް އެދެވޭ ގޮތެއްގައި ކުރިއަށް ނުގޮސް ހުއްޓިދާނެތީ ފިކުރުބޮޑުވެފައެވެ. ތިޔަ ފަރާތްތަކަށް އެނގިލައްވާނެ ފަދައިން ކުދިންނަށް ބޭނުންވާ ޔުނިފޯމު ފޮއްޗާއި، ފޮތް، ފަންސުރު ދަބަސް، ބޫޓު، އިސްޓާކީނު، މިހެން ގޮސް، ކުދިން ކުޅިވަރުކުޅޭނެ ބޯޅަޔާއި، ބެޑްމިންޓަން ކުޅޭނެ ބޯޅަޔާއި ނެޓްބޯޅަކުޅޭނެ ބޯޅައާއި ނެޓާއި ޕިންޕޮންކުޅޭނެ މޭޒާއި އަދި މި ނޫންވެސް ސާމާނާއި، މި ހުރިހާ ތަކެއްޗަކީ، އަޅުގަނޑުގެ އަމިއްލަ ޚަރަދުގައި މި އަތޮޅުގެ ކުދިންނަށް ހޯދައިދޭ ތަކެއްޗެވެ. މިއިން އެއްވެސް އެއްޗަކީ މާލެއިން ލިބޭ އެއްޗެއްސެއް ނޫނެވެ. ކުދިންނަށް މި ތަކެތި ލިބުން ބަންދުވީމާ، މަދަރުސާ ހިންގާނީ ކިހިނެއް ހެއްޔެވެ؟

މިހާރު ވެސް މި އަތޮޅުގެ 20 އޮޑި ކާޑުލައި ބަރުކޮށްފައި ފަރުބޭރުގައި އެ އޮތީއެވެ. ރަށުގައި ކާނެ އެއްވެސް އެއްޗެއް ނެތް އިރު ވެސް މިއުޅެނީ އެތަކެތި އެއްގަމަށް ބޭލޭނެ ގޮތެއް ނުވެގެންނެވެ. ސަރުކާރުގެ ގަވާއިދުތަކަށާއި އަމުރުތަކަށް އަހަރެމެން ކިޔަމަންވާން ޖެހޭނެއެވެ. އޮޑިފަހަރުން މުދާ ނުބާލާ މަޑުކޮށްގެން މިތިބީ ވެސް އެހެންވެގެންނެވެ. ސަރުކާރުގެ އަމުރު ލިބުނީމާ އެ ގޮތުގެ މަތިން ޢަމަލުކުރުމަށެވެ. އަޅުގަނޑުގެ ބައްޕަ ބޮޑުއޮޑީގައި ސިލޯނަށް ދިޔަނަމަ، ސަރުކާރުގެ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ބަޔަކަށް ނުނިންމޭނެއެވެ. އަދި މާލޭގައި ނުޖައްސާ އޮޑިފަހަރު އަތޮޅަށް އަޔަކަވެސް ނުދޭނެއެވެ. އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަޔާއި ދެ މީހުންނަކީ ފެށުނީއްސުރެ ދިވެހިސަރުކާރުގެ ޚިދުމަތުގައި އުޅެމުން އަންނަ މީހުންނެވެ. ސަރުކާރަށް ނުކުރެވިގެން އުޅޭ ބޮޑެތި ކަންތައްތަކުގައި އަޅުގަނޑުމެން ދެބަފައިން ގިނަ ޢަދަދެއްގެ އެހީތެރިކަން ފައިސާއިން ސަރުކާރަށް ކޮށްދެމެވެ. އަޅުގަނޑުމެންގެ މި އެހީތެރިކަން ކުރީގެ ސަރުކާރުތައް ހިންގެވި ބޭފުޅުން ކިތަންމެހާ ވެސް ރަނގަޅަކަށް ފާހަގަކުރައްވައެވެ. އަޅުގަނޑުމެންނާއި އެބޭފުޅުންނާ ދެމެދު އޮންނަނީ ފިސާރި ބަދަހި ގުޅުމެކެވެ. އަޅުގަނޑުމެންނަކީ ނުކިޔަމަންތެރި ބަޔެކޭ އެއްވެސް ބަޔަކަށް ނުބުނެވޭނެއެވެ. ޙަސަންފަރީދާއި މުޙައްމަދު އަމީނާއި އިބްރާހީމް ފާމްލަދޭރިކިލެގެފާނާއި މި ބޭފުޅުން މި ރަށާމެދު އެހާ ގާތް ގޮތެއް ބެހެއްޓެވީ އަޅުގަނޑުމެންގެ ކިޔަމަންތެރިކަމާ އިޚުލާޞްތެރިކަމުގެ ސަބަބުންނެވެ.

އަޅުގަނޑު މިއަދު ކަންބޮޑުވަނީ އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާއާ މެދަކު ނޫނެވެ. އަޅުގަނޑާއި އަޅުގަނޑުގެ ބައްޕައަށް މާލޭގައި ވެސް ވިޔަފާރި ފެށިފައި އެބަ އޮތެވެ. އަދި ސިލޯނުގައި ވެސް އަޅުގަނޑުމެންގެ ކަންތައް ހިނގަމުން އެބަދެއެވެ. ނަމަވެސް ކަންބޮޑުވަނީ ތިޔަ ރައްޔިތުންނާ މެދުގައެވެ. މި ރަށުގެ މަދަރުސާއާ މެދުގައެވެ. އަދި މި ލޮބުވެތި ރަށާ މެދުގައެވެ. އަޅުގަނޑު ބޭނުންވަނީ ތިޔަ ރައްޔިތުންނަށް ޚިދުމަތްކުރުން މަތީ ދެމިހުރުމަށެވެ. މި ރަށް ވަނީ ރަށްވެހިކަމުގެ ދުވަސްވަރު މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ. މި ރަށުގައި މިހިރަ ބޮޑު ޢިމާރާތްތަކާއި، ފާލަމާއި ފުޅާ ރީތި ތަނަވަސް މަގުތަކާއި ރީތި މިސްކިތްތަކާއި މި ރީތި ބޮޑު ޢިމާރާތްތަކާއި ފާލަމާއި ފުޅާ ރީތި ތަނަވަސް މަގުތަކާއި ރީތި މިސްކިތްތަކާއި މި ރީތި މަދުރަސާ އަޅުގަނޑުގެ ލޮލުގެ ދުރުމީން ފެންނަނީ ވަރަށް ބަނަކޮށެވެ. ތިޔަ ބޭކަލުންނަށް އިޙުސާސްނުވާ ކިތަންމެ ކަމެއް އަޅުގަނޑަށް މިހާރު އިޙުސާސްވަމުން އެބަ ދެއެވެ. ތިޔަ ބޭކަލުން ލޭ ހޫނުވެފައި ތިބި ވަގުތެއްގައި ނުވިސްނިގެން ތިޔަ ކުރެވުނު ޢަމަލުތަކުގެ ނަތީޖާއަކީ މި ތަރައްޤީވެފައިވާ ރީތި ރަށް އޭގެ ތާޒާކަމުން އެއްކިބާވެ، މިލައި މޯޅިވުން ކަމުގައި އަޅުގަނޑުގެ ހިތަށް އިޙުސާސްވަމުން އެބަ ދެއެވެ. އެއްޗެއް މިލައި މޯޅިވެއްޖެ ނަމަ ދެން އެންމެ އަވަސްވާނީ ބިންމައްޗަށް ވެއްޓުމެވެ. އަޅުގަނޑާއި ތިޔަ ލޮބުވެތި ރައްޔިތުންގެ ހިންމަތާއި މިންނަތުން ތަރައްޤީއާއި ކުރިއެރުން ގެނެސްދީފައިވާ މި ރީތި ރަށާ މެދު، އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތިން އެފަދަ ދުވަހެއް ފެނުން އެއީ އަޅުގަނޑުމެންނަށް ވަރަށް ފުން އަސަރުތަކެއް ކުރާނެ ދުވަހެކެވެ.

އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވަމުން މިއަންނަ ހުރިހާ ކަމެއްގެ އަސްލަކީ އަޅުގަނޑުމެންގެ ކަންތައްތައް އިހުސާސްކުރަން ނުދަންނަ ބަޔަކު ވެރިކަމަށް އައުމުގެ ނަތީޖާއެވެ. މީގެކުރިން ތިއްބެވި ވެރިންނަކީ ރައްޔިތުންގެ ކަންތައްތައް އިހުސާސްކުރެއްވި ރަނގަޅު ބައެކެވެ. ޚާއްޞަ ގޮތެއްގައި މުޙައްމަދު އަމީނުގެ ނަންފުޅު ފާހަގަކޮށްލަމެވެ. ރާއްޖޭގެ ރަށްތައް ތަރައްޤީކުރެއްވަމަށް ކުރެއްވި މަސައްކަތްޕުޅަށް ޓަކައެވެ.  ދަރިންގެ ތަޢުލީމު ކުރިއަރުވަން ކުރެއްވި މަސައްކަތްޕުޅުތަކަށް ޓަކައެވެ. މިއަދު ކަންތައް މި ފެންނަނީ އެހެން ތޯއެވެ؟ މިދަނީ ހުރިހާ މަގެއް އަޅުގަނޑުމެންނަށް ބަންދުވަމުންނެވެ. އަޅުގަނޑުމެންގެ ފަޅުރަށްތަކުން ލިބޭ ނަފާއާއި މަހުގެ ބާވަތްތަކުން ލިބޭ އާމްދަނީ ޖަމާވަމުން ދަނީ ސަރުކާރަށެވެ. އަލަށް މި ހަދާ ގަވާއިދުތައް ބުނާ ގޮތުން އަޅުގަނޑުމެންނަށް އެއްވެސް އެއްޗެއް ލިބޭނެ ގޮތެއް ނެތެވެ. އަޅުގަނޑުމެންގެ އަތޮޅުން ލިބޭ އާމްދަނީގެ 25 އިންސައްތަ އަޅުގަނޑުމެންގެ އަތޮޅު އެކައުންޓަށް ޖަމާވާ ގޮތަށް އޮންނަނަމަ، އަތޮޅުގެ ތަރައްޤީއަށް ޓަކައި އަޅުގަނޑުމެންނަށް ކިތަންމެ ބައިވަރު ކަންތައްތަކެއް ކުރެވޭނެއެވެ. ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީގެ މަސައްކަތްތައް ސަރުކާރުން ކޮށްދޭންޖެހޭނެއެވެ. މިހާރު ކަތީބުންނަށް މުސާރަ ދޭންޖެހެނީ ވެސް ރައްޔިތުން މަހަށް ގޮސްގެން ލިބޭ އެއްޗަކުންނެވެ. ލިބޭ ހުރިހާ އާމްދަނީއެއް ސަރުކާރަށެވެ.

ރައްޔިތުން އިންތިޚާބުކުރާ ވެރިންތަކެއް ތިބެގެން އަތޮޅު އެކައުންޓަށް އާމްދަނީ ލިބޭނެ ގޮތެއް އޮންނަނަމަ، މިހާރު މި އުފެދިގެން އުޅޭ ކަހަލަ ނުކިޔަމަންތެރިކަމުގެ އަސަރެއް އެއްވެސް އަތޮޅެއްގެ އެއްވެސް ބައެއްގެ ކިބައިން ނުފެންނާނެއެވެ. ތިޔަ ރައްޔިތުންގެ ކުރިމަތިން މި ފެންނަ ވާރުގޭގެ މިއޮއްބޮޑު ޢިމާރާތާއި ފަހަތުން އެ ފެންނަ ރީތި ބޮޑު ފާލަމާއި މި ރަށުގެ ރަށު އޮފީހާއި ހުކުރުމިސްކިތާއި ބޮޑުއަށިގޭގެ ޢިމާރާތާއި މިފަދަ ޢިމާރާތްތަކަކީ ހަމަ މާލެއިން ވެސް ފެންނާނެ ފަދަ ރީތި ޢިމާރާތްތަކެކެވެ. މި ޢިމާރާތްތައް ބިނާކުރުމުގައި ތިޔަ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެވެ. އޭރު ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު އޮތީ ވަރަށް ބޮޑަށް ހުޅުވިފައެވެ. މިނިވަން ވިޔަފާރީގެ ފުރުސަތު ކުރީގެ ސަރުކާރުން ވަރަށް ބޮޑަށް ހުޅުވާލައްވާފައި އޮތެވެ. ނަތީޖާއަކަށް ވީ ތަރައްޤީގެ މަގުގައި އަޅުގަނޑުމެނަށް ވަރަށް އުސް ހަރުފަތްތަކެއް ގިރާކުރެވުމެވެ. ނަމަވެސް މި ހުރިހާ މަގެއް މިއަދު މިވަނީ ބަންދުވެފައެވެ. އޭގެއިތުރުން އަޅުގަނޑުމެންނަށް ކާޑުކޮޅު ލިބޭނެ މަގު ވެސް މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ތިޔަ ރައްޔިތުންނަށް މިއަދު ތިޔަ ކުރެވިގެން އުޅޭ ޢަމަލުތައް ފަދަ ބޮޑެތި ނޭއްގާނި ޢަމަލުތައް ކުރެވެމުން ތިޔަ ދަނީ މިފަދަ ކަންތައްތަކުގެ ސަބަބުން ލޭ ހޫނުވެގެން އިޚުތިޔާރުން ބޭރުގައެވެ. ތިޔަ ބޭކަލުންނަށް ތިޔަ ކުރެވިގެން އުޅެނީ ހާދަހާ ބޮޑުކަމެކެވެ. މިކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށް ފެނެއެވެ. ވެރިކަމުގައި ހުރި ނާސިރުގެ ޠަބީޢަތަށް ވިސްނާއިރު އަޅުގަނޑަށް އިހުސާސްވަނީ މީގެ ނަތީޖާ ހިތިވާނެކަމެވެ. ކޮންމެއަކަސް މާ ދިގު ވާހަކަތަކެއް ރޮނގުގައި ދައްކާކަށް ނެތީމެވެ. މާދަމާގެ ވަގުތެއްގައި އަޅުގަނޑު އައްޑު އަތޮޅަށް ފުރާނަމެވެ. ވަގުތީ ގޮތުން ރަށާއި އަތޮޅުގެ ކަންތައް ހިންގަވަން ހުންނަވާނީ ބޭސް ދޮންކަލޭފާނެވެ. އަތޮޅުވެރިޔާގެ ބަދަލުގައި ވަގުތީ ގޮތުން ވާރުގޭގައި ހުންނަވާނީ އޭނާއެވެ.  ވައްސަލާމް" (ޢަބްދުﷲ ޞާދިޤު، 2016، ޞ65-69).

ކޮންމެއަކަސް ޢަބްދުﷲ ކަތީބު ދައްކަވާފައިވާ ވާހަކަފުޅުތަކާ މެދު ވިސްނާއިރު، ހަވަރުތިނަދޫގައި އެރޭ ވާރުގެ ތަޅާލައި އެ ހިންގި ޢަމަލުތަކާއި ސިލޯނުން ފުރައިގެން މާލެ ނުޖައްސައި އޮޑިފަހަރު އައި އައުން ފަދަ ދިވެހި ސަރުކާރުގެ އަމުރުތަކާ ޚިލާފުވުން އެއީ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ވާހަކަފުޅުން ޢަބްދުﷲ ކަތީބުގެ ދުރުވިސްނެވުމާއި ރަށުގެ ތަރައްޤީއަށާއި ދިވެހި ސަރުކާރުގެ އެކި ކަންކަމުގައި ހިރިހަމައިދިކަލޭފާނާއި އަބްދުﷲ ކަތީބު ދެއްވަމުން ގެންދެވި ދީލަތި އެހީތެރިކަން ވެސް ފާހަގަވެއެވެ. މިކަންކަން ކުރީގެ ސަރުކާރުން ބަލައިގަތް ނަމަވެސް، އިބްރާހީމް ނާސިރު ވެރިކަމަށް ހަމަ ވަޑައިގަތުމާ އެކު، ހިރިހަމައިދިކަލޭފާނު އަތޮޅުވެރިކަމުން ވަކިކުރައްވައި ނ.ތ.ޙަސަންދީދީއަށް އަތޮޅުވެރިކަން ދެއްވުން ވެސް އެއީ އެ ޢާއިލާއަށާއި ހިރިހަމައިކަލޭފާނުދެކެ ނުހަނު ލޯބިވާ ރައްޔިތުންނަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ. މި ބީދައިން ވާހަކަ ދައްކަވަމުން ދިރާސާގެ ބައިވެރިއެއް ކަމުގައިވާ، ތިނަދޫ ހުތާ ބެއްޔާ (އަސްލު ނަމެއް ނޫން) ބުނެފައި ވަނީ ހުރިހާ މައްސަލެއް ފެށުމުގެ އަސްލަކީ ހިރިހަމައިދިކަލޭފާނު އަތޮޅުވެރިކަމުން ވަކިކުރުންކަމުގައެވެ. މިހިނގި ހަމަނުޖެހުންތަކަށް ފަހު، އަތޮޅުވެރިކަން ދިނީ ވާދޫ ގެދޮރު އަލިމަނިކަށް ކަމަށާއި ނާއިބަކީ އިސްމާޢީލް ޒާހިރު (ނާއިބު އިސްމާޢީލްބެ) ކަމަށް ވެސް އޭނާ ބުންޏެވެ.

މާފަ: އާނ! ކަނބުލޮ... ދެން ބޭސް ދޮންކަލޭފާނު ވާރުގެއާ ޙަވާލުވެ ހުންނެވީ... ދެން  ވާދޫ ގެދޮރު އަލިމަނިކު ހަވަރުތިނަދޫއަށް ގެންނަވައި އޭނާއަށް އަތޮޅުވެރިކަން ދެއްވީ... ގެދޮރު އަލިމަނިކަކީ އަސްލު އައްޑު އަތޮޅު ބޭފުޅެއް... އޭނާ ވާދޫ ގައްދަނޑުގޭގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެން ވާދޫގައި އުޅުއްވީ... ނާއިބަކަށް ހުންނެވީ ނާއިބު އިސްމާޢީލްބެ... އަސްލު ނަމަކީ އިސްމާޢީލް ޒާހިރު...  މި ހިނގި ހަމަނުޖެހުންތައް ހިނގިއިރު ޢަބްދުﷲ ކަތީބު ރަށުގައި ހުންނެވި ނަމަވެސް އެ ރޭ ރައްޔިތުންނަށް އެ ދެއްވި ތަޤުރީރަށް ފަހު، ޖެހިގެން އައިދުވަހު އައްޑު އަތޮޅަށް ފުރާވަޑައިގަތީ ކަމަށް ތަގުރީރު ލިޔުއްވި ބޭފުޅުން ލިޔުއްވާފައި ވިޔަސް... އެކަން ހިނގީ ދުވަސްކޮޅެއް ފަހުންކަމަށް ވަނީ... ދިރިއުޅުން އެ ގޮތަށް ބަދަލުކުރެއްވީ އެ ހަމަނުޖެހުންތަކާ ހިތްޕުޅު ހަމަނުޖެހިގެން ކަމަށްވުން ވެސް އެކަށީގެންވޭ...

ދިރާސީ ނޯޓު: ވާރުގެ ތަޅައި، ހަމަނުޖެހުން ހިންގީ 28 ޖަނަވަރީގައި ކަމަށް އަބްދުﷲ ޞާދިޤު (2016) އަދި ޢަބްދުލް ޢަޒީޒު އާދަމް (2009) ބަޔާންކުރައްވައެވެ. މި ހާދިސާއަށް ފަހު ޢަބްދުﷲ ކަތީބު އައްޑު އަތޮޅު ހުޅުދޫއަށް ވަޑައިގަތީ ކަމަށް ވެސް މި ބޭފުޅުން ވިދާޅުވެއެވެ. ޢަބްދުﷲ ކަތީބު ހުޅުދޫއަށް ވަޑައިގެން ހުޅުދޫ އަންހެނަކާ ކައިވެނިބައްލަވައިގަނެ، އެ ބަނޑަށް ދަރިކަލެއް ވެސް ލިބިވަޑައިގެންނެވި ކަމަށް އައްޑޫ މަނިކުފާނުބެ (އަސްލު ނަމެއް ނޫން) ބުނެފައިވެއެވެ. އަދި ޢަބްދުﷲ ކަތީބުގެ ބައްޕަ ހިރިހަމައިދިކަލޭފާނަކީ ވެސް ހުޅުދޫ ބޭކަލެއް ކަމުގައި އޭނާ ބުނެއެވެ. ހުވަދު އަތޮޅުގައި ހަމަނުޖެހުން ހިނގިއިރު، ހިރިހަމައިދިކަލޭފާނު ހުންނެވީ އަރުވާލާފައި ކަމަށް ތިނަދޫ ހުތާބެއްޔާ (އަސްލު ނަމެއް ނޫން) ބުނެފައިވެއެވެ. އަދި މުޙައްމަދު ޒުހައިރު (2017) ވިދާޅުވަނީ، ހިރިހަމައިދިކަލޭފާނު ސިލޯނުގައި ހުންނަވަނިކޮށް މާލެ ގެންނަވާފައި ހުވަދު އަތޮޅުގެ އަތޮޅުވެރިކަން ނަންގަވައި ބ.އަތޮޅުގެ އަތޮޅުވެރިކަން ދެއްވީކަމަށެވެ. ދެން އެކަން ގަބޫލުފުޅު ނުކުރެއްވުމުން ކުޑަދުވަސްކޮޅަކަށް ބ.އަތޮޅު ފެހެންދޫއަށް ފޮނުއްވާލެއްވިކަމަށެވެ. ވީމާ، ހަވަރުތިނަދޫގައި ހިނގި ގިނަ ހަމަނުޖެހުންތައް ހިނގި އިރު، ހިރިހަމައިދިކަލޭފާނާއި އޭނާގެ ދަރިކަލުން ޢަބްދުﷲ ކަތީބު ނޫޅުއްވާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.

ދޮންކަނބުލޮ: މާފާ ދެން ކޮބައިތަ އޭރު ދިވެހި ސަރުކާރުން ފޮނުއްވި އަތޮޅުވެރިން ނ.ތ.ޙަސަންދީދީ؟

މާފަ: ކުރީ ހަފުތާގައި މި ވާހަކަ ނުބުނެވޭތަ؟ ވާރުގެ ތަޅާލުމަށް ފަހު، ޖެހިގެން އައިދުވަހު މަޑަވެއްޔަށް އަރުވާލީ... ދެން ދުވަސްކޮޅަކުން އަނެއްކާ ވެސް މި ރަށަށް ގެނެސް ބޭސްދޮންކަލޭފާނުގެ ގޭގައި ބަންދުގައި ހުންނެވީ... ދެން އައްޑޫ އަތޮޅަށް ވަފުދުތައް ގޮސް މަޝްވަރާތައްކުރެވެމުން ދިޔަ... ސުވާދީބުގެ ވެރިކަން ހިނގަމުން ދިޔައީ...

ދޮންކަނބުލޮ: ކިހިނެއްތަ ވީ އެ ވަފުދުތަކަށް؟

މާފަ: އެވާހަކަ އެހެންދުވަހަކުން ދޯ... މިއަދު ހިނގާ އަތޮޅުވެރިންގެ ވާހަކަތައް ކިޔަމާ... މިހެން އުޅެނިކޮށް އެންމެ ބޮޑަށް މީހުންގެ ލޭ ހޫނުވި ކަމަކަށްވީ މާލެއިން އައި އޮޑިއަކުން ލިބުނު ޚަބަރަކުން ކަމަށް ތާރީޚީ ފަތްފުށްތަކުގައި ލިޔުއްވާފައިވޭ... އޮޑިއެއް އައިސްގެން ލިބުނު ޚަބަރަކުން ބަޔަކު ނ.ތ.ޙަސަންދީދީ ތަޅައި މަރަން ދުއްވައިގަތީ ކަމަށް ލިޔުއްވާފައި އެބަ ހުރޭ.. ނަމަވެސް އެ އޮޑިން ލިބުނު ޚަބަރަކީ ކޮބައިކަން ލިޔުއްވާފައި ނުވަނީ ކީއްވެ ބާއޭ މާފަ ހިތަށް އަރާ...

ދޮންކަނބުލޮ: މާފާ މާފައަށް އެނގޭތަ؟ އެއީ ކޮން ޚަބަރެއް ކަން؟ އެހާ ވަރަށް ބަޔަކު ރުޅިއަންނާނީ ކޮންމެވެސް ބޮޑުކަމެއް ހިނގީމަދޯ؟

މާފަ: އާނ! ކަނބުލޮއަށް ވެސް އެވަރު އެނގޭދޯ؟ މި ބުނި ޚަބަރުގެ ވާހަކަ ބައެއް ފަތްފުށްތަކުން ފެންނަން ވެސް އެބަހުރި، އެއީ ސިލޯނުގައި ކިޔަވަން ތިބި 12 ކުދިން މާލެ ގެނެސް އަރުވާލި ޚަބަރު... އޭރު ކިޔަވަން ފޮނުވޭނީ ވެސް މުއްސަނދިންނަށްތާ... އޭގެތެރޭގައި ހިރިހަމައިދިކަލޭފާނުގެ ބޭފުޅެއް ވެސް ހިމެނޭ... އަދި ޢަފީފުދީދީއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކު ވެސް ހިމެނޭ... ނަމަވެސް މިކަން ހިނގިއިރު، ޢަބުދުﷲ ކަތީބުގެ ދެ ދަރިކަލުން ޢަބްދުއްޞަމަދު އަދި ޢަބްދުﷲ ލަތީފު އޭރުވީ ރޫސީވިލާތަށް ފޮނުއްވާފައި ކަމުން އެ ދެ ބޭފުޅުންގެ ކިޔެވުމެއް ނުހުއްޓޭ... ކޮޅުނބުން ގެނެވުނު ޒުވާނުންގެ ތެރޭގައި ކޮޅުނބަށް ގޮސް ފިލައިގެން ކޮޅުނބުގައި އުޅެމުން ދިޔަ ޒުވާނުން ވެސް ހިމެނޭކަމަށްވޭ... ދިވެހި ސަރުކާރުން މިކަން ކުރެއްވީ ސިލޯނު ފުލުހުންގެ އެހީގައިކަމަށް ބެލެވެނީ.... ކަނބުލޮއަށް އެނގޭތަ؟ މި ޢަބްދުއްޞަމަދަކީ ފަހުން މުޅި ރާއްޖެއަށް ވެސް މަޝްހޫރުވި ޑރ.ޢަބްދުއްޞަމަދު... އަނެއް ބޭފުޅަކީ ރައްޔިތުންގެ މަޖީލުގައި ހުވަދު އަތޮޅުގެ ދެކުނުބުރީގެ މެންބަރުކަން ކުރެއްވި މަޝްހޫރު ގޯގޯލަޠީފު...

ދޮންކަނބުލޮ: އެހެންތަ؟ ދެން ކިހިނެއްތަ ވީ؟ ކޮބައިތަ އެ ކުދިންގެ ކުށަކީ؟ ޢަބްދުﷲ ޢަފީފަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅާ ވެސް އަރުވާލިތަ؟

މާފަ: އިނގިރޭސިންގެ އެހީގައި އެ ބޭފުޅާ ގެންދެވުނީ އައްޑޫއަށް ދެން އަނެއްކާ ވެސް ކިޔެވުން ފުރިހަމަކުރުމަށް ފޮނުވީކަމަށް ފަތްފުށްތަކުގައި ވަނީ...

ދޮންކަނބުލޮ: އެހެންތަ؟ ދެން ހަވަރުތިނަދޫ ހުރިހާ ކުދިން އަރުވާލީތަ؟ ކިހާ ދެރަދޯ މާފާ؟

ދިރާސީ ނޯޓު: ތިނަދޫ ހުތާބެއްޔާ (އަސްލު ނަމެއް ނޫން) ކިޔައިދިން ގޮތުގައި އަތޮޅުވެރިން ނ.ތ.ހަސަންދީދީ ގައިގައި ތަޅައިގަންނަން ދިޔައީ ސަޢީދުކަތީބު އިސްވެ ހުންނަވައިގެން ކަމަށެވެ. މިކަން ހިނގަން ދިމާވީ، ސިލޯނުގައި ކިޔަވަންތިބި ކުދިން މާލެ ގެނެސް ބޮޑުވަޒީރު އިބްރާހީމް ނާސިރު އެ ކުދިން ރާއްޖޭގެ އެކި ރަށްރަށަށް އަރުވާލުމުން އެކަމާ ރުޅިއައިސްގެން ކަމަށް ވެސް ހުތާބެއްޔާ ބުނެފައިވެއެވެ. މި ކުދިންގެ ތެރޭގައި ހިރިހަމައިދިކަލޭފާނުގެ އެންމެ ހަގު ދަރިކަލުން ޢަބްދުލް މުޙުސިން އަރުވާލީ ކާށިދޫއަށް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ފަހުން ހުވަދުއަތޮޅުގައި ސުވާދީބު ރައީސްކަން ކުރެއްވި މުޙައްމަދު ޙަމީދާއި ނާއިބު ރައީސްކަން ކުރެއްވި އޯބެއްޔަގެ ޙަސަންދީދީ އަދި ބޭސް ޙަސަންދީދީ ވެސް ހިމެނޭ ކަމަށް ހުތާބެއްޔާ ބުންޏެވެ. އެހެންވީމާ، ހުތާބެއްޔާގެ ވާހަކަތަކަށް ވިސްނައިލާއިރު، މި އަރުވާލި ކުދިންނަކީ، ޒުވާނުން ކަމާއި، އެ ކުދިން ސަލާމަތްވެގެން އައިސް ސުވާދީބުގެ އަމުރުމައުރޫފު ހިންގެވުމުގައި ހަވަރުތިނަދޫގައި އިސްކޮށް މަސައްކަތްކުރެއްވިކަން ވެސް ފާހަގަކުރެވެއެވެ. ވީމާ، އިންސާނީ ޠަބީޢަތަށް ބަލައިލިކަމުގައި ވިޔަސް އަދަބު ލިބޭ މީހުންނަށް ކުރާ އަސަރު މި ވާހަކަތައް އަޑުއަހާ މީހުންނަށް ވުރެ މާ ބޮޑުވާނެތާއެވެ. ވީމާ، ހަވަރުތިނަދޫ ޒުވާނުންގެ ހިތްތަކުގައި ދެކޮޅުވެރިކަމުގެ ޚިޔާލު އުފެދުމުގައި ދިވެހި ސަރުކާރުން މި އެޅުއްވި ފިޔަވަޅު ފާހަގަކުރެވެއޭ ވެސް ދެންނެވިދާނެއެވެ.

މާލެއިން އޮޑިއެއް އައި ދުވަހަކު ލިބުނު ޚަބަރަކުން ބަޔަކު ދުއްވައިގަތީ ދާ ގޮތަށް ގޮސް ތަޅައިގަނެ، ހަސަންދީދީ މަރާލުމަށް ކަމަށް ޢަލީ ހުސައިން (2014) ވިދާޅުވިއެވެ. ނަމަވެސް މިއީ ކޮން ޚަބަރެއް ކަމެއް އަދި މި ޚަބަރުން ހަވަރުތިނަދޫ މީހުންގެ ލޭ ހޫނުވީ ކީއްވެގެން ކަމެއް ބަޔާންކުރައްވާފައެއް ނުވެއެވެ. ކޮންމެއަކަސް ހިރިހަމައިދިކަލޭފާނާއި އޭނާގެ ދަރިކަލުން ޢަބްދުﷲ ކަތީބު އޭރު ރަށުގައި ނޫޅުއްވާކަން އިސްވެދިޔަ ވާހަކަތަކުން އެނގެއެވެ. ވީމާ، އޭރު ރަށުގައި ހުންނެވީ ހިރިހަމައިދިކަލޭފާނުގެ ދަރިކަލުން ސަޢީދުކަތީބެވެ. ތިނަދޫ ދަލެކާއްތަ (އަސްލުނަމެއް ނޫން) ވިދާޅުވާ ގޮތުގައި ސަޢީދު ކަތީބަކީ ޢަބްދުﷲ ކަތީބު ކަހަލަ ބޭފުޅެއް ނޫނެވެ. އެހެންވީމާ ސަޢީދުކަތީބުގެ އެއްބަނޑު އެއްބަފާ އެންމެ ހަގު ކޮއްކޮ ޢަބްދުލް މުހުސިން ކިޔަވަން ސިލޯނުގައި ހުންނަވަނިކޮށް ގެނެސް އަރުވާލި ޚަބަރު ހަމަ ލިބުމާ އެކު ސަޢީދުކަތީބުގެ ލޭ ހޫނުވެ، ބަޔަކު ގޮވައިގެން ވަޑައިގެން، ނ.ތ.ހަސަންދީދީއަށް ހަމަލާދެއްވީކަމަށް ބެލެވެއެވެ.

މާފަ: އާނ! ދެރަކަމުގެ ކޮޅެއް ވެސް ނެތް... އެނގޭތަ ކަނބުލޮއަށް އެ ދުވަހު ސަޢީދުކަތީބާ އެކު ގޮސް ހަވަރުތިނަދޫ ޒުވާނުން އަތޮޅުވެރިންނަށް އެ ކުރި އަނިޔާތަކަކީ ވަރަށް ލާއިންސާނީ ޢަމަލެއް... އެއްގޮތަކަށް ވެސް އެއްވެސް އިންސާނަކާ މެދު ކަންކޮށްގެން ވާނެ ގޮތެއް ވެސް ނޫން... މިފަދަ ގޮތަކަށް ރާއްޖޭގެ އެއްވެސް ރަށެއްގައި އަތޮޅުވެރިޔަކާ މެދު ކަންކޮށްފައެއް ނުވޭ... އެހެނަސް ފުރަމާލޭގައި މުޙައްމަދު އަމީންދީދީއާ މެދު މިފަދަ ލާއިންސާނީ ގޮތަކަށް ރައްޔިތުންގެ ތެރެއިން ބަޔަކު ކަންކުރިކަން ތާރީޚުން އެނގޭ... މިކަމާ ވެސް ދިވެހިން މިހާރު ވެސް ހިތާމަކުރޭ... ތާރީޚުގެ އެ ކަޅު ސަފުޙާގެ ސަބަބުން މިހާރު ވެސް ތިނަދޫ މީހުން ލަދުގަނެ ދެރަވާން ޖެހޭ... އެހެންވީމާ، ކަނބުލޮމެން ވެސް ކަމެއް ކުރާ އިރު، ފަހަށް ވިސްނަންވާނެ. ތާރީޚުގައި ހިނގާ މިފަދަ ކަންކަމަކީ ފުހެވޭނެ ކަންކަމެއް ނޫން... މާފައަށް އަބަދުވެސް މިކަމާ ވިސްނޭ... މި ރަށު ބައެއް މީހުންނަކީ ވަރަށް ރުންކުރު... އަދި ފަހަށް ވިސްނާލުމެއް ނެތި ކަންކަން ކުރާ ބައެއް... އޭގެ ސަބަބުން އެ ހުތުރު ބަދުނާމު އެންމެންގެ ބޮލުގައި އެޅޭ...

ދޮންކަނބުލޮ: ހާދަ ދެރައޭ...

މާފަ: އާނ! ކަނބުލޯ... ނ.ތ.ހަސަންދީދީ ބަރަހަނާކޮށް، މަގުމައްޗަށް ނެރެ، އަނިޔާކުރަން ސަޢީދުކަތީބާ އެކު ދިޔަ ޒުވާނުން މަސައްކަތްކުރި... ނަމަވެސް އެ އަޑުފަށްގަނޑަށް މަގުތަކަށް ނުކުތް ކުދިބޮޑު އަންހެނުންނާއި ފިރިހެނުން ހަސަންދީދީ ސަލާމަތްކޮށް ހިމާޔަތް ދޭން އުޅުނު ވާހަކަ ހަސަންދީދީ އަމިއްލަފުޅަށް ކިޔައިދެއްވި ކަމަށް ފަތްފުށްތަކުގައި ލިޔެފައިވޭ...

ދިރާސީ ނޯޓު: މި ހިސާބުން މި ހިމަނައިލަނީ، ޢަލީ ހުސައިންއަށް ނ.ތ.ހަސަންދީދީ ކިޔައިދެއްވި ކަމަށް ވިދާޅުވެ ޢަލީ ހުސައިން (2014)، ޞ.150-152 އަށް) ލިޔުއްވާފައިވާ ބަޔާން އެ އޮތް ގޮތަށެވެ. ހަމަ މި ބަޔާން މި އޮތް ގޮތަށް ޢަބްދުލް ޙަކީމް ޙުސައިންމަނިކު (1997)، ޞ 218-219 ގައި ވެސް ހިމަނުއްވާފައިވެއެވެ.

"... ބަންދުކުރި ގޭގައި ފޮތެއް ކިޔާލަން އޮތީމެވެ. މާލެއިން އޮޑިއެއް އައި ދުވަހަކަށް ވާތީ، ރަށުގެ ގިނަ ބަޔަކު އެއްވެ އޮތީ، ރަށުގެ އަތިރިމަތީގައެވެ. ކުއްލިއަކަށް އިވުނީ، ހަޅޭފަޅޭލަވަމުން ބައިގަނޑެއް އަންނަ އަޑެވެ. އެ އައި ގޮތަށް އައިސް އަޅުގަނޑުގެ އަތުގައި ހިފުނުތަނެއްގައި ހިފާ ދަމާނެރެ ތަޅައިގަތީއެވެ. ވެރިއަކަށް ހުރީ ސައިދުކަތީބެވެ. އޭނާ އަރައިގެން ހުރި ފައިވާން ނަގާފައި ތަޅައިގަތީ ބޮލުގެ ފުއްކިބައިގައެވެ. އަނެކަކު އެތާ ކައިރީގައި ހުރި އުވަދޯންޏެއްގައި އޮތް ފަކީރާއެއް ނަގާފައި ލެޑީ ކަނާތްފަރާތު ކަރުގައެވެ. ހެދުންގަނޑު ވީދާލާ ކުދިކުދިކޮށްލައިފިއެވެ. ބިންމައްޗަށް ވެއްޓުނީމާ ވެސް ތަޅާބޭލީއެވެ. ކުއްލިއަކަށް ލިބުނު ހިތްވަރެއް ބުނެދޭކަށް ވެސް ނޭނގުނެވެ. މީހުންތަކުގެ ތެރެއިން ތެޅިފޮޅިގަނެފާ ތެދުވެ އަޅާ ދުއްވައިގެންފީމެވެ. އަޅުގަނޑު ހުރީ ރޯ އޮރިޔާމުން ހެއްދެވި ގޮތަށެވެ. ފަހަތުން އަންނަ މީހުންތަކުގެ ހަޅޭފަޅޭގެ އަޑަށް ގޭގެއިން އަންހެންވެރިންނާއި ކުޑަކުދިން މަގުމައްޗަށް ނުކުމެ އޮތީ ފުރިބާރުވެފައެވެ. ކޮން ތަނެއް ބަލާން ކަމަށް ތޯއެވެ؟ އެ މީހުންގެ ވެރިޔަކަށް ދިވެހިސަރުކާރުން ފޮނުއްވި އަތޮޅުވެރިޔާ ރޯއޮރިޔާމުން މަގުމަތީގައި ދުވާ ތަނެވެ. ދުވަމުންދުވަމުން ގޮސް ނުކުމެވުނީ އަތިރިމައްޗަށެވެ. ބަލާކަށް ނުހުރެ އެއްވެފައި އޮތް މީހުންގެ ތެރެއަށް ވަދެގެންފީމެވެ. ނަސީބަކުން ވަނަކަ ނުދޭކަށް ނޫޅެއެވެ. އޭރު ބޮލުގަޔާއި ކަރުގައި ތަޅައިގަތް ތަންތަނުން ދިޔައީ ލޭފައިބަމުންނެވެ. ބުރަކަށިން ފައިބާ ލޭ އަދި މާ ގިނައެވެ. މުޅި ގައިގާ ވެއްޔެވެ. މީހުންތަކުގެ ތެރެއަށް ވަދެގަތީމާ ވެސް ތަޅައިގަންނަން އުޅޭ މީހުން އުޅެއެވެ. ގިނައީ އެކަން މަނާކުރަންއުޅޭ މީހުންނެވެ. ހަމަނޭވާ ލެވިގެން ބަލައިލިއިރު، މިހުރެވުނީ ރޯއޮރިޔާމުންނެވެ. މުށްކެވިފައި އޮތް އަތުގެ ތެރޭގައި ވިދާލި މުންޑުގެ ފޮތިކޮޅެއް އޮތެވެ. ފޮތިކޮޅުވާނީ 6X4 އިންޗިވަރެވެ. އެއީ މުންޑު ދަމައިގަތަ ނުދޭންވެގެންނާއި، އޮރިޔާން ކުރިޔަ ނުދޭންވެގެން ކުރި މަސައްކަތުން ވީވަރެވެ. އަތު ތެރޭގައި އޮތް ފޮތިކޮޅު ނިއުޅާލާ ކުރިމަތިފަރާތް ނިވާވޭތޯ ބެލީމެވެ. ނަމަވެސް އެކަން ވާވަރެއް ނުވިއެވެ. އިރުކޮޅަކުން އަޅުގަނޑުގެ ހެދުމެއް ބަލައި ވެސް މީހަކު ފޮނުވައިފިއެވެ. އަދި އެއްވެފައިވާ މީހުންގަނޑު ނުތަޅާށޭ ނުތަޅާށޭ ނުތަޅާށޭ ގޮވަމުން ގެންދިޔައީ ފެންވަރުވާށެވެ. އެހާ ހިސާބަށް ދަންދެން ވެސް ހުންނަންޖެހުނީ ރޯއޮރިޔާމުންނެވެ. ކިޔަވަން މަދަރުސާގައި އުޅުނު ދުވަސްވަރު އޭރުގެ ވަރުން ކުޅިވަރުގައި ބައިވެރިވެ ދުވެފުމެ އުޅުނީމެވެ. ނަމަވެސް މިހާ ބާރަށް ދުވެވުނު ހަނދާނެއް ނުވެއެވެ. އޭގެ ދެ ސަބަބެއް އޮތްކަމަށް ހީވެއެވެ. ފުރާނަ ސަލާމްތްކުރުމުގެ އެދުމެވެ. ދެން ގައިގައި އެއްވެސް އެއްޗެއް ނެތުމެވެ. ... ކޮންމެއަކަސް އެކި މީހުންނަށް ހޯދޭނީ އެކި ރެކޯޑެވެ. އަޅުގަނޑަށް މި ހޯދުނީ އަތޮޅުވެރިޔާގެ ނަމުގައި ހުރެގެން ކުރާ އަމުރަށް ކިޔަމަންވާން ތިބި ރައްޔިތުންގެ ކުރިމަތީގައި ރޯއޮރިޔާމުން ދުވުމެވެ. މިފަދަ ކަމެއް އެހެން އަޅަކަށް މެދުވެރި ނުކުރައްވާށިއެވެ." (ޞ. 150-152).

މާފަ: ދޮންކަނބުލޯ ދެން އަތޮޅުވެރިން ފޮނުވާލެވުނީ ނަޑެއްލާއަށް... އެރަށުގެ ބޭސްވެރިޔާ އިބްރާހީމްދީދީ، ހަސަންދީދީއަށް ބޭސްކުރެއްވީ... ބޭސްކޮށް ނިމުމުން ދެން އަނެއްކާ އަނބުރާ ގެނެވުނީ މި ރަށަށް... ދެން މޯލްޑިވް ސްޓާރުން ނާސިރު މި ރަށަށް ވަޑައިގެން ހަސަންދީދީ ސަލާމަތްކުރައްވަންދެން ހުންނެވީ މި ރަށު ހުސައިންކަލޭފާނުގެ ގޭގައި...

ދޮންކަނބުލޮ: އެހެންދޯ؟ ވަރަށް ދެރަދޯ؟ ނ.ތ.ހަސަންދީދީއާ މެދު ކަންކަން ވީގޮތް

މާފަ: އާނ! ކަނބުލޯ.... ދެން އެވެސް ނުވާކަމަކަށް ނުހެދޭނެތާ...! މިއަދުގެ ވާކަހަތައް މާ ދިގު ވެސް ވެއްޖެދޯ؟ ދެން ހިނގާ ނިންމާލަމާ... އަދި އެބައޮތޭ ވަރަށް މުހިންމު ސިޓީއެއްގެ ވާހަކަ ވެސް... އެއްކަލަ ކިޔަވާކުދިން ބަންދުކުރި ޚަބަރު ގެނައި އޮޑިން މިސިޓީއެއް ވެސް ލިބުނީ... އެހެންވީމާ، އެ ވާހަކަ ދެން ފަހުން ކިޔައިދޭނަން...

ދޮންކަނބުލޮ: މާފާ ވަރަށް ބޮޑަށް ޝުކުރިއްޔާ! މާފަ މިއަދު ތިޔަ ކިޔައިދިން ވާހަކަތަކާ މެދު ވިސްނާލީމާ ވަރަށް ދެރަވޭ... އަހަރެމެން ކަންކަން ކުރުމުގައި ޢިބްރަތް ލިބިގަންނަން ޖެހޭނެ ވާހަކަތައް ހައްތާ ވެސް... ދެން މިއަދަށް ނިންމާލާނީ ދޯ މާފާ

މިއަދުގެ ކޮލަމު މިހިސާބުން މި ނިންމާލަނީއެވެ. މިއަދު މި ގެނެސްދެވުނު ކޮންމެ ހާދިސާއަކާ މެދު ވިސްނާލިޔަސް އެތައް ޢިބްރަތްތަކެއް ހާސިލުވާނެކަމާ މެދު ޝައްކެއްނެތެވެ. ވީމާ، މިފަދަ ޢިބްރަތުން ފުރިގެންވީ އިތުރު ޞަފުޙާއެއް ގެނެސްދިނުމުގެ އުންމީދުގައި މިއަދުގެ ކޮލަމު ނިންމާލާފައި ވަކިވެލީއެވެ. އަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާށެވެ.


ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް

ޢަބްދުލް ޙަކީމް ޙުސައިން މަނިކު. (1997). އިއްޔެ. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރޒް ޕވޓ.ލޓޑ.

ޢަބްދުލް ޢަޒީޒު އާދަމް. (2009). ތިނަދޫ މީހުން ރަށުން ބޭލި ސްޓޯރީ. (ޗާޕުނުކުރާ ފޮތެއް)

ޢަބްދުﷲ ޞާދިޤު. (2016). ސުވާދީބާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.

ޢަލީ ހުސައިން. (2014). ފުރިހަމަ މިނިވަންކަމާ ދިމާއަށް ދިވެހިން ކުރި ދަތުރުގެ ނިމުން. ދިވެހި ޑައިޖެސްޓް (މިނިވަން ނަންބަރު). މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް.

މުޙައްމަދު ޒުހައިރު. (2017). ހުވަދުއަތޮޅުގެ ވަރުގަދަ ޝަޚުޞިއްޔަތެއް ކަމުގައިވާ ހަވަރުތިނަދޫ ހިރިހަމައިދިކަލޭފާނު. (ޗާޕުނުކުރާ ލިޔުމެއް).

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.