ލީގް ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް އާސެނަލް ހޯދައިފި

އިނގިރޭސި ޕްރެމިއަރ ލީގްގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް އެފްއޭކަޕްގެ ޗެމްޕިއަން އާސެނަލް، ކޮމިއުނިޓީ ޝީލްޑް ޓްރޮފީ ކާމިޔާބުކޮށްފިއެވެ.

ކުޅުމުގެ ވަގުތު ހަމަވީއިރު ދެ ޓީމު 1-1 ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އާސަނަލް މޮޅުވީ  5-4 ލަނޑުންނެވެ. އާސަނަލް މޮޅުވި ޕެނަލްޓީ ޖެހީ ކެޕްޓަން ޕިއެރޭ-އެމެރިކް އޯބަމެޔަންގްއެވެ.

މެޗުގެ ފުރަތަމަ ލަނޑު 12 ވަނަ މިނިޓުގައި ޖަހައި ކުރިހޯދީ ޕްރެމިއަރ ލީގުގައި ވެސް މޮޅުކުޅުމެއްދެއްކި އާސަނަލްގެ އޯބަމެޔަންގްއެވެ.

ޗެލްސީ 2-1 ލަނޑުން ބަލިކޮށް އާސެނަލް އެފްއޭކަޕް ހޯދި މެޗުގައި ވެސް ދެ ލަނޑުޖެހީ އޯބަމެޔަންގްއެވެ.

ލިވަޕޫލުން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރީ މެޗުގެ 73 ވަނަ މިނިޓުގައެވެ. އެ ލަނޑު ޖެހީ ލިވަޕޫލާ އަލަށް ގުޅުނު ޖަޕާނުގެ ޒުވާން ފޯވާޑު ޓަކުމީ ނަމިނޯއެވެ.

ލިވަޕޫލުގެ ހޫނު ހަމަލާތައް ހުއްޓުވުމުގައި އާސެނެލްގެ ކީޕަރ މާޓިނޭޒުގެ ކުޅަދާނަކަން އޭނާ ވަނީ އެތައް ފަހަރަކު ހާމަކޮށް ދައްކާފައެވެ.

ޕެނަލްޓީގައި ލިވަޕޫލަށް ގެއްލުނީ ޒުވާން ފޯވާޑު ބްރުވްސްޓާރގެ ޕެނަލްޓީއެވެ. އޭނާގެ ޕެނަލްޓީ ހުރަސްދަނޑިއަށް އަމާޒުވެ ގޯލުތެރެއަކަށް ނުވަނެވެ.

އާސެނަލް މޮޅުކޮށްދިން ޕެނަލްޓީ ޖެހީ އޯބަމެޔަންގްއެވެ.

މިއީ އެފްއޭކަޕް ހޯދިތާ 28 ދުވަސް ފަހުން އާސެނަލް ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ކޮމިއުނިޓީ ޝީލްޑަކީ ލީގް ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަނުންގެ މެދުގައި ޕްރެމިއަރ ލީގް ފެށުމުގެ ކުރިން ކުޅޭ މެޗެކެވެ. މުބާރާތެއްގެ ފައިނަލު މެޗަށް ދޭ ސަމާލުކަން މި މެޗަށް ދެވިފައިވެއެވެ.

ދެން މި ދެ ޓީމުވެސް މެޗެއް ކުޅޭނީ ސެޕްޓެމްބަރު 12 ގައި ޕްރެމިއަރ ލީގު ފަށާ ދުވަހުގައެވެ. އާސެނަލް ފުލަމާ ބައްދަލު ކުރާއިރު ލިވަޕޫލް ކުޅޭނީ މިއަހަރު ޕްރެމިއަ ލީގަށް އައި ލީޑްސް ޔުނައިޓެޑާއެވެ.

ކޯޗު މިކޭލް އާޓެޓާ  މި އަހަރު ފާހަގަވެގެން ދިޔައީ ނަސީބުގަދަ ކޯޗެއްގެ ގޮތުގައެވެ. ވަރަށް ހާލުގައި އޮތް އާސެނަލްގެ ކޯޗު ކަމާއި ހަވާލުވެ އޭނާ ވަނީ އެފްއޭކަޕާއި ކޮމިއުނިޓީ ޝީލްޑް އާސެނަލްއަށް ހޯދާ ދިފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.