
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އައްޔަންކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ ބ. އޭދަފުށީ ދިޔަވަރު، އަހްމަދު ޢިމާދު އެމަޤާމަށް އައްޔަން ކުރެއްވުމަށް ރުހުން ދެއްވުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރެއްވީ މިއަދު އެކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި 10 މެމްބަރުންގެ ޢިއްތިފާޤުންނެވެ.
ޢިމާދަށް ރުހުން ދެއްވުމަށް ކޮމެޓީން ނިންމެވުމުގެ ކުރިން މިއަދުގެ ބައްދަލުވުމުގައި ވަނީ އޭނާ އާ ކޮމެޓީގެ މެމްބަރުން އިންޓަވިއު ކުރައްވައިފައެވެ. އިންޓަވިއުގައިވާނީ އޭނާ މަޤާމަށް ހޮވި ވަޑައިގަންނަވައިފިނަ ރާއްޖޭގެ މަނިޓަރީ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. އެކަންކަން ޙަޤީޤަތަކަށް ހެއްދެވުމަށް އޭނާގެންގުޅުއްވާ ތަޞައްވަރުތައް ވެސް ކޮމެޓީއާ ޙިއްޞާ ކުރެއްވިއެވެ.
ކޮމެޓީން ޢިމާދަށް ރުހުން ދެއްވުމުގެ ކުރިން، އޭނާ މަޤާމަށް އައްޔަން ކުރުމަށް ރުހުން ދިނުމާމެދު ޝަކުވާއެއް އޮތްތޯ ބެލުމަށް، އާންމުންގެ ހިޔާލުވެސް ވަނީ ހޯއްދަވައިފައެވެ. އޭނާ މިހާރުވެސް ހުންނެވީ އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމްގައެވެ. ކޮމެޓީން ފާސްކުރެއްވި ނަމަވެސް އޭނާއަށް ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާއެއްގައި ނެގޭ ވޯޓަކުން ފާސް ކުރަންޖެހެއެވެ. މާދާމާގެ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާއެވެ. މާދަމާ ޖަލްސާގައު ޢިމާދުގެ ނަމަށް ރުހުން ނުދީފިނަމަ އެނަމަށް ރުހުން ދޭނީ އެއްމަސް ފަހުން ފަށާ މަޖިލީހުގެ ތިންވަނަ ދައުރުގައެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާގޮތުން އަދި އެ އެމައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ.