އަތޮޅުތަކުގެ 33 ރަށެއްގައި 58 މީހަކު ކޮވިޑް ޖެހިފައި އެބަތިބި

އަތޮޅުތަކުގެ 33 ރަށެއްގައި 58 މީހަކު ކޮވިޑް ޖެހިފައި އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.

އަތޮޅުތަކުގައި ތިބި ބަލިމީހުންގެ ތެރޭގައި ހިމެނެނީ 51 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މިއަދު ރަށްރަށުން އަލަށް ބަލިޖެހިގެން ފެނިފައި ވަނީ ދެ މީހެއްކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއްވި ތަފާސް ހިސާބު ތަކުން ދައްކައެވެ. މިއަދުގެ ޢަދަދުތަކުން ދައްކާ ގޮތުން ކޮވިޑްގެ ބަލިމީހުން ތިބި ރަށްރަށުގެ ތެރެއިން އެންމެގިނަ މީހުން ވަގުތު ތިބީ އައްޑޫސިޓީ ހިތަދޫ އާއި ދ. ރިނބިދޫގައެވެ. އެއީ ފަސް މީހެކެވެ. ބަލި ޖެހިފައިވާ ހަތަރު މީހުން ތިބީ ރ. ދުވާފަރާއި ތ. އޮމަދޫގައެވެ. ބަލި ޖެހިފައިވާ ތިން މީހުން ތިން ރަށެއްގައި އެބަ ތިއްބެވެ. އެއީ އައްޑޫ ސިޓީ ފޭދޫ އާއި ކ. ހިންމަފުށްޓާއި މ. މުލީގައެވެ. ފަސް ރަށެއްގައި ބަލި ޖެހިފައިވާ ދެމީހުން އެބަ ތިއްބެވެ. އެއީ ކ. މާފުށްޓާއި ޅ. ހިންނަވަރާއި ވ. ތިނަދުއާއި ފ. ނިލަންދޫ އާއި ނ. މިލަދޫގައެވެ. ބަލިޖެހިފައިވާ އެކަކު 21 ރަށެއްގައި އެބަ ތިއްބެވެ. 

މިހާރު ރަށްރަށުގައި ކޮވިޑް ޖެހިފައި ތިބީ މާލެއިން އެނބުރި ރަށްރަށަށް ގޮސް ހޯމްކަރަންޓީންގައި ތިބި މީހުނަށެވެ. ރަށްރަށުގައި ބަލި ޖެހިފައިވާ މީހުން ތިބީ ހޯމް އައިސޮލޭޝަންގައެވެ. 

ރަށްރުށުން ކޮވިޑް ޖެހި ރަނގަޅުވާ މީހުންގެ ޢަދަދު ވަކިން އެޗްޕީއޭއިން ހާމައެއް ނުކުރައްވައެވެ. އެހެންކަމުން ރަށްރަށުން މީހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމުލަ ޢަދަދެއް ނޭނގެއެވެ. ނަމަވެސް މުޅި ރާއްޖެއިން މިހާތަނަށް 7225 މީހުންނަށް ބަލި ޖެހިފައިވާއިރު 4561 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފަނަރަ ރިސޯޓެއްގައި 11 ފަތުރުވެރިންނާއި 15 މުވައްޒިފުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިން ހާމަކުރައްވައެވެ. 

މިއަދު މުޅި ރާއްޖެއިން އަލަށް ބަޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު އުޅެނީ 178 ގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.