މާލެ ސަރަހައްދުގައި ރޭގަނޑު 8:00 ން ފަތިހު 5:00 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މާލެ ސަރަހައްދުގައި ރޭގަނޑު 8:00 ން ފަތިހު 5:00 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ. މި ނިންމުމަށް ޢަމަލުކުރަން ހަމަޖައްސަވައިފައި ވަނީ މާދަމާ ރެއިން ފެށިގެންނެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤް ވިދާޅުވީ މިފިޔަވަޅުގެ ބޭނުމަކީ ރޭގަނޑު ބޭރުގައި އުޅޭ މީހުން ވީހާވެސް މަދުކުރުން ކަމަށެވެ .ބަލީގެ ހާލަތަށް ބަލައި، އިތުރަށް އެޅޭނެ ފިޔަވަޅުތަކާމެދު ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރައްވަމުންގެންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މި ނިންމުމަކީ ވެސް އެގޮތުން އެޅުމަށް ނިންމެވި ފިޔަވަޅެއްކަން ފާހަގަ ކުރެއްވިއެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މާދަމާރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ރޭގަނޑު 8 ން ފަތިހު 5:00 އާ ދެމެދު އުޅަނދު ދުއްވުން މަނާ ވާނެއެވެ. މިފިޔަވަޅާއި އެކު މާލެ ސަރަހައްދުގައި ރޭގަނޑު 10 ން ފަތިހު 5:00އާ ހަމަޔަށް ބޭރަށް ނިކުމެ އުޅުން ކުރިންވެސް މަނާކޮށްފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.

އުޅަނދު ފަހަރު ދުއްވުން މަނާ ގަޑީގައި، ދުއްވާނަމަ އުޅަނދު ފަހަރު ޖުރިމަނާކޮށް ޓޯ ކުރެވޭނެކަމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ޖުރިމަނާ ކޮށް ފިޔަވަޅު އަޅާނީ ފުރަތަމަ ފަހަރު ނަޞޭޙަތް ދެއްވުމަށް ފަހު ދެވަނަ ފަހަރަށް އަމުރާ ޚިލާފުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ބޭރުގައި އުޅުން މަނާ ގަޑީގައި އެއްގަމު އުޅަނދު ދުއްވައިފިނަމަ މީހާއާއި އުޅަނދުވެސް ޖުރިމަނާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ހާލަތުގައި ވެސް ފިޔަވާޅު އަޅުއްވާނީ ތަކުރާރުކޮށް އަމުރާ ޚިލާފުވުމުން ކަމަށް ވިދާޅުވިއެވެ. އުޅަނދު ފަހަރު ދުއްވަނީ ވެރި މީހާ ނޫން ކަމަށް ވިއަސް އުޅަނދު ޖުރިމަނާ ކުރެވެނެކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން އުޅަނދު ފަހަރުގެ ވެރިފަރާތުން މިކަމަށް ސަމާލު ވުމަށް ފުލުހުން އެދި ވަޑައިގެންނެވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.