ކޮވިޑް-19 އާ ގުޅިގެން ވަކި ފަރުދުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނަށް އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފިއެވެ.
މިއީ ކޮވިޑް 19 އާގުޅިގެން ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި 2.5 ބިލިއަން ރުފިޔާގެ އިޤްތިޞާދީ ޕެކޭޖްގެ ދަށުން ދޫކުރާ ލޯނެވެ. މި ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ އާމްދަނީ ލިބޭ ކުންފުނިތަކާއި އަމިއްލަ މަސައްކަތް ކުރާ އާންމު ފަރުދުންނަށެވެ.
އެސްޑީއެފްސީން ލޯނަށް ހުޅުލުމާގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައިދިނުމަށާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން ތަޢާރަފްކޮށްފައިވާ ލޯނެއްކަމަށެވެ. މި ލޯނުގެ ޝަރުތުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށް ވާން ޖެހެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެންނާއި އަދި ލޯނުގެ އެހީދޭ މުއްދަތުގެ ތެރޭގައި ވެސް އެ ވިޔަފާރިއަކުން އެއްވެސް ދިވެހި މުވައްޒަފަކު ވަކިނުކުރުން ހިމެނެއެވެ.
މި ލޯނު ދުކުރުމަށް ހަމަޖައްސަވައިފައި ވަނީ ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި ހަ މަހުގެ ގްރޭސް ޕީރިއެޑަކާއެކު ތިން އަހަރުގެ ދުވަހުގެ ތެރޭ ދައްކަންޖެހޭ ގޮތަށެވެ.