ކޯވިޑް 19 އަށް ޓެސްޓްކުރި ޢަދަދު ލައްކައަކަށް ވުރެ އިތުރު ވެއްޖެ

ކޯވިޑް 19 އަށް ޓެސްޓްކުރި ޢަދަދު ލައްކައަކަށްވުރެ އިތުރު ވެއްޖެއެވެ.

ކޮވިޑާ ގުޅޭ ރާއްޖޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކޮވިޑަށް ޓެސްޓްކުރި ޢަދަދު ވަނީ 100233 އަކަށް އަރާފައެވެ. މި ޢަދަދުގެ ތެރޭގައި ރިޕީޓް ސާމްޕަލްގެ ޓެސްޓްތައް ވެސް ހިމެނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު އުޅެނީ ގާތްގަޑަކަށް އެއް ހާހުގައެވެ. އިއްޔެގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ދުވާލެއްގެ މައްޗަށް ޓެސްޓް ހެދިފައިވާ މިންވަރު އުޅެނީ 933 ގައެވެ އޭގެ ކުރީ ދުވަހުގެ ޢަދަދު އުޅެނީ 1125 ގައެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރުމުގެ ޤާބިލްކަން ވަނީ އިތުރުކޮށްފައެވެ. އައިޖީއެމްއެޗާއި ފުލުހުންގެ ލެބޯޓްރީއާއި ޓްރިޓޮޕާއި އޭޑީކޭގައިވެސް ކޮވިޑަށް ޓެސްޓް ކުރެވެއެވެ. އަދި ބައެއް އަތޮޅުތަކުގައި ވެސް ކޮވިޑަށް ޓެސްޓް ކުރުމުގެ ޤާބިލްކަން ވަނީ އިތުރުކޮށްފައެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ދާދި ފަހުން ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު 1000  ޓެސްޓް ކިޓް ރާއްޖެ ގެނެވޭނެއެވެ. މިހާރު ބާކީ ހުރީ 15000 ޓެސްޓް ކިޓް ކަމަށް ނަޒްލާ ވިދާޅުވިއއެވެ. ކޮންމެ ކިޓަކުން ގާތްގަނޑަކަށް 200 އެއްހާ ޓެސްޓް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 6370 އެވެ. މިހާރު ބަލި ޖެހިފައިވާ މީހުންގެ ޢަދަދަކީ 2431 އެވެ. ބަލިން ރަނގަޅުވެފައިވަނީ 3915 މީހުންނެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނީ 161 މީހުންނަށެވެ. އައި ސޮލޭޝަން ފެސިލިޓީތަކުގައި 1355 މީހުން އެބަ ތިއްބެވެ. މިހާތަނަށް ކޯވިޑްގައި މަރުވެފައި ވަނީ 25 މީހުންނެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދުއެވެ.

ދުވާލެއްގެ ތެރޭގައި އަލަށް ކޯވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އުޅެނީ 100 އިން މަތީގައެވެ. އިއްޔެގެ ޢަދަދުތަކަށް ބާލާއިރުވެސް އަލަށް ބަލި ޖެހުނު މީހުންގެ ޢަދަދު އުޅެނީ 145 ގައެވެ. އޭގެތެރޭގައި ދިވެހިންގެ ޢަދަދު އުޅެނީ 123 ގައެވެ. މިހާރު ރާއްޖޭގެ 20 ރަށެއްގައިވެސް ކޯވިޑް ބަލީގެ މީހުން އެބަ ތިއްބެވެ. މީގެއިތުރުން މިހާރު ބަލިޖެހިފައިވާ މީހުންގެ ތެރޭގައި 12 ރެސޯޓެއްގައި ހަތް ފަތުރުވެރިއަކާއި 12 ސްޓާފަކުވެސް ހިމެނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.