އިންޑިޔާ ކަނޑުގެ ހުޅަނގުގައި ހަރަަކާތްތެރިވާ ސޯމާލިޔާ ކަނޑުފޭރޭ މީހުން ޕެނަމާގެ ދިދަ ނަގާފައިވާ އާގުބޯޓެއް އަތުލައިގެންފިއެވެ. އިއްޔެ ލިބުނު ޚަަބަރުތައް ބުނާގޮތުގައި ބޯޓު އަތުލައިގަތީ ބުދަ ދުވަހުގެރޭގެ ވަގުތެއްގައެވެ. މިއީ 2017 ގެ ފަހުން ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ބޯޓެއް އަތުލައިގަތް ފުރަތަމަ ފަހަރެވެ.
ގަރްދާފޫ ސަރަހައްދުގެ ގަވަރުނަރު މޫސާ ޞަލާޙު ވިދާޅުވިގޮތުގައި އެ އާގުބޯޓު ދަތުރުކުރަމުން ދަތުރުކުރަމުން ދިޔައީ ޔުނައިޓެޑް އެމިރޭޓްސް (ޔޫއޭއީ) އިން ފުރައިގެން ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫއަށް ދިއުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޯޓަށް އަރައި ބޯޓު ހިފީ ކަނޑުފޭރޭ 6 މީހުންނެވެ. ބޯޓުގައި ތިބީ ކިތައް ފަޅުވެރިންކަމާއި، އެއީ ކޮން ގައުމުތަކެއްގެ ބައެއްކަން އަދި ސާފުވެފައި ނުވާއިރު، އެމީހުން ސަލާމަތްކުރުމަށް މިހާރު ދަނީ ވާހަކަދައްކަމުންނެވެ.
އިންޓަނޭޝަނަލް މެރިޓައިމް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކަނޑުފޭރޭަ ސޯމާލިޔާ މީހުންގެ އެންމެ ބާރުގަދަ ދުވަސްވަރު، 2011 ވަނަ އަހަރު އެމީހުން ވަނީ 237 އާގުބޯޓެއް އަތުލައިގަނެ، އެތައް ސަތޭކަ ބަޔަކު ރަހީނުކޮށްފައެވެ.
ފަަހަކަށް އައިސް އާގުބޯޓު ދުއްވާ ކުންފުނިތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަަދަކޮށް، ސޯމާލިޔާއާއި ދުރުން ދަތުރުކުރަން ފަށައި، އަމިއްލަ ސެކިއުރިޓީ ކުންފުނިތަކުގެ އެހީތެރިކަން ހޯދަން ފެށުމުން ކަނޑުފޭރުން އޮތީ ގާތްގަނޑަކަށް ހުއްޓިފައެެވެ. މީގެ އިތުރަށް ގުޅިފައިވާ ބައިނަލްއަގުވާމީ ކޯލިޝަނެއްގެ ދަށުން ކަނޑުގެ ސިފައިންގެ މަނަވަރުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށުމަކީވެސް ކަނޑުފޭރުން މަދުވެގެެން ދިޔަ ކަމެކެވެ.
އަނެއްކޮޅުން ކަނޑުގެ ޖަރީމާތަކާ ބެހޭ އިސް މުސްތަޝާރަކު އިިއްޔެ ހާމަކުރެއްވި ގޮތުގައި، ކަނޑުފޭރޭ މީހުން 2015 އަހަރުއްސުރެ ސޯމާލިޔާގައި ރަހީނުކޮށްފައި ތިބި އީރާނުގެ ތިން މީހަކު ވަނީ އިއްޔެ ދޫކޮށްލާފައެވެ. މި ތިން މީހުންނަކީ 2015 ވަނަ އަހަރުގެ މާރިޗު މަހު ކަނޑުފޭރޭ މީހުން އަތުލައިގަތް އީރާނުގެ މަސްބޯޓު 'އެފްވީ ސިރާޖު' ގެ ފަޅުވެރިންގެ ތެރެއިން މިހާތަނަށް ދޫނުކޮށް ތިބި މީހުންނެވެ.
ރަހީނުންނަށް އެހީތެރިވުމުގެ ޕްރޮގްރާމްގެ ކޯޑިނޭޓަރު ޖޯން ސްޓެޑް ވިދާޅުވިގޮތުގައި އީރާނު މީހުން ދޫކޮށްލުމާއެކު، ސޯމާލީޔާ މީހުންގެ ކަނޑުފޭރުމުގެ ބާބެއް ނިމިގެން ދިޔައީއެވެ. އަދި ރަހީނުންގެ ވޭނާއި ކެކުޅުމަށް ނިމުމެއް އައީއެވެ.