ކޮވިޑް-19 ގެ ހިޔަނީގައި ހިންގާފައިވާ "ބޮޑުޖަރީމާ"

ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު

ކޮވިޑާ ގުޅިގެން ޤައުމުގެ އިގްތިސާދު އިންތިޙާއަށް މިވަނީ ދަށަށް ގޮސްފައެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި އާމުދަނި ވަނީ ހުއްޓިފައެވެ. ފަތުރުވެރިކަން ހުއްޓުމަކަށް އައިސް ދައުލަތަށް އާމުދަނީ ލިބެން އޮތް މަގުތައް ހުއްޓުނެވެ. އަލުން ބޯޑަރު ހުޅުވާލިތާ މަހަކަށްވުރެ ގިނަދުވަސް ވެފައިވާއިރު ހީކުރިވަރާ ގާތަށްވެސް ފަތުރުވެރިންނެއް ނާދެއެވެ. ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ރާއްޖެއަށް ފަތުރުވެރިން އެކަށީގެންވާ ގޮތެއްގައި އަންނަން ފަށާނީ 2022 ހިސާބުގައެވެ.

ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިޞާދު ހުއްޓުމަކަށް އައިސް ގައުމަށް ބޭރުފައިސާ ވަންނާން އޮތް މަގުވަނީ ބަންދުވެފައެވެ. ދައުލަތް ހިންގުމަށް ބޭރުގެ ދައުލަތް ތަކާއި މާލީ އިދާރާތަކުގައި މިދަނީ "ނާށިގަނޑު" ހިފައިގެން ސަލާން ޖަހަމުންނެވެ. މާލީ ވަރީރުގެ ބަހުންނަމަ ގައުމުގެ އިގްތިސާދު އޮތީ "ވެންޓިލޭޓަރު" ގައެވެ. "ވެންޓިލޭޓަރުގައި" އޮތް އިގްތިސާދުން ކޮންމެ ކުރަންޖެހޭ ޚަރަދުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ކޮވިޑާ ގުޅިގެން ކުރަން ޖެހޭ ޚަރަދު ތަކެވެ. އެހެންކަމުން އެކަމަށް ހެލްތު މިނިސްޓްރީއަށް ޚާއްސަ ބަޖެޓެއް ކަނޑައެޅުނެވެ. ނަމަވެސް އެބަޖެޓުން ހިންގާފައިވާ ޚަރަދުތަކުގެ އޮޑިޓުން ފެންނަން އޮތީ މަކަރާއި ހީލާތާއި އޮޅުވާލުމާއި ޚިޔާނާތެވެ. ކޮވިޑް ނަމުގައި ހިންގާފައިވާ ޖަރީމާއެވެ.

ޖަރީމާގެ ނިވައިފަތްގަނޑަކަށް "ޑަބްލިޔޫއެޗްއޯ"

ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވައިވާ ޖަރީމާއަށް ބަލާއިރު އެންމެބޮޑު މަކާރާއި ހީލަތެއް ހަދައިފައި ވަނީ 145 ވެންޓިލޭޓަރު ހޯދަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައެވެ. އޭގެ ތެރެއިން ވެސް75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގެ މައްސަލަ އޮތީ ވަކިން ގޯސްކޮށެވެ. މަކަރާއި އޮޅުވާލުމުގެ ތެރެއިން އެ ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައިވަނީ އެ ކުންފުންޏަކީ ޑަބްލިޔުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ކަމަށް ދައްކުވައިގެންނެވެ. ނަމަވެސް އެއީ  ބޮޑު ދޮގެއް ކަން ޑަބްލިޔުއެޗްއޯއާ ހަވާލާދީ އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތު ތަކުން އެނގެއެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އަކީ ޑަބްލިއު.އެޗް.އޯ އާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫނެވެ. ޑަބްލިއު .އެޗް.އޯ ގެ ރިކޮމެންޑެ ޑް ސަޕްލަޔަރެއް ވެސް ނޫނެވެ. އަދި ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް، މިނިސްޓްރީ އޮފް ހެލް ތާ ހިއްސާކޮށްފައި ނުވާކަންވެސް ޑަބްލި އު.އެޗް.އޯ އިން އޮޑިޓަށް ދީފައިވާ މަޢުލޫމާތު ތަކުން އެނގެއެވެ.  

ބިޑް ކޮމެޓީން ހަދައިފައިވާ ގޯސްތައް އިންތިހާ

ކޮވިޑާ ގުޅުވައިގެން ހެލްތް މިނިސްޓްރީން ކުރި ޚަރަދުގެތެރެއިން ހިންގާފައިވާ ޖަރީމާތަކުގައި އެންމެބޮޑު އިހުމާލެއް ވަފައި ވަނީ ބިޑް ކޮމެޓީންކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ. އެންމެ ބޮޑު އިހުމާލެއް ވެފައިވަނީ 75 ވެންޓިލޭޓަރު ގަތުމަށް 34 މިލިއަން ރުފިޔާ އަށް ދުބާއީގެ އެގްޒެކިއުޓާސް އާ ހަވާލު ކުރުމުގައެވެ. އެކުންފުންޏަކީ މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ކުންފުންޏެއްތޯ ވަޒަންކޮށްފައެއް ވެސް ނުވެއެވެ. އެކުންފުންޏަކީ ދިވެހި ސަރުކާރާއެކު މީގެ ކުރިން ވިޔަފާރީގެ މުޢާމަލާތެއް ކޮށްފައިވާ ފަރާތަކަށް ނުވާއިރު، އެ ކުންފުނީގެ ފަންނީ ޤާބިލްކަން ދެނެގަތުމަށް، މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް މީގެ ކުރިން އެ ފަރާތުން ކޮށްފައިވާ ޕްރޮޖެކްޓްތަކާއި، ކުންފުނީގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއްގެ އިތުރުން، ކުންފުނީގެ މާލީ ޤާބިލުކަން ވަޒަންކުރުމަށްޓަކައި، ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާނާއި، މާލީ ޤާބިލުކަން އަންގައިދޭނެ އެއްވެސް މައުލޫމާތެއް ހޯދާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

"މީގެ އިތުރުން، އެ ފަރާތުގެ ވެބްސައިޓުން މި މަ ޢުލޫމާތު ހުރިތޯބެލުމަށް، މި މުއާމަލާތާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުންނާއި އިންޓަނެޓު މެދުވެރިކޮށް، މި އޮފީހުން ބެލިބެލުމުން އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގގެ ވެބްސައިޓެއް ވެސް ނެތްކަން ފާހަގަ ކުރެވުނެވެ." އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެޑްވާންސްގެ ގޮތުގައި އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށްވާ 30.9 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ދެ ފަހަރެއްގެ މަތިން ދޫކޮށްފައިވާއިރު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދައިފައެއް ނުވެއެވެ. މިފަދަ ގެރެންޓީއެއް ނުހޯދުމުން އެގްޒެކިއުޓާސް އިން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. ނަތީޖާއަކަށްވާނީ މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތުމެވެ.

އޮޑިޓަށް ހެލްތް މިނިސްޓްރީން ދެއްވައިފައިވާ މަޢުލޫމާތުން އެނގެން އޮތް ގޮތުގައި އެގްޒެކިއުޓާސް ޕްރޮޖެކްޓްގެ ޖުމުލަ އަގުގެ 90 އިންސައްތަ އެޑްވާންސްކޮށް ދައްކާފައިވަނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދުމަށް ވަގުތު ނަގާތީއެވެ. އަދި ތަކެތި ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވް ނުކޮށްފިނަމަ ތަކެތި ނުލިބޭނެ ކަމަށާއި، ވެއަރ ހައުސް ޗާޖުގެ ގޮ ތުގައި ކޮންމެ ދުވަހަކު 25 ހާސް އެމެރިކާ ޑޮލަރު ދައްކަން ޖެހޭކަމަށް އެ ކުންފުނިން ބުނުމުންނެވެ. އަދި އެ ކުންފުނީގެ ގުދަނުގައި ތަކެތި ސްޓޮކް ކުރެވިފައި ހުރިކަމަށްބުނެ އޮޅުވައިލައިފައި ވަނިކޮށެވެ.  

ވެންޓިލޭޓަރު ފަދަ ސްޕެޝަލައިޒްޑް މެޑިކަލް އިކުއިޕްމަންޓްތަކަކީ، އެ ތަކެތީގެ ވިޔަފާރި ކުރާ އޭޖެ ންޓުން ގިނަ އަދަދަކަށް ސްޓޮކްކޮށްގެން ގެންގުޅޭ އެއްޗެއް ނޫންކަން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންނަށް އެނގެންޖެހޭއިރު، އޭޖެންޓަކު، އެ ފަރާތުގެ ގުދަނުގައި 75 ވެންޓިލޭޓަރު ޝިޕްކުރެވޭ ޙާލަތުގައި ހުރިކަމަށް ބުނުމަކީ  އެ މައުލޫމާތުގެ ސައްޙަކަމާމެދު ސުވާލު އުފައްދައި، މަކަރާ ހީލަތުން އޮޅުވާލުމުގެ އަމަލުތަކެއް ހިންގަފާނެކަމަށް ސަމާލުވާންޖެހޭނެ ކަމެއްކަން އޮޑިޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެގްޒެކިއުޓާސް އިން 14 ދުވަހުގެ ތެރޭގައި 75 ވެންޓިލޭތަރުފޯރުކޮށްދެވޭނެކަމަށް ބުނެފައި ވީނަމަވެސް، އެއްބަސްވުމުގައި ސޮއިކުރިފަހުން ހަތަރު މަސްދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ވެންޓިލޭޓަރުތައް ހަމައަށް ލިބިފައި ނުވުމަކީ، މިކަމުގައި އެ ކުންފުނިން އޮޅުވާލާފައި ވާކަމަށް ތުހުމަތުކުރެވޭ ކަމެއްކަމަށް އޮޑިޓްގައި ފާހަގަކުރައްވައފައި ވެއެވެ.  

އެގްޒެކިއުޓާސް އިން ފޯރުކޮށްދޭންޖެހޭ 75 ވެންޓިލޭޓަރުގެ ތެރެއިން ފޯރުކޮށްދީފައިވާ 11 ވެންޓިލޭޓަރަކީވެސް އެއްބަސްވުމުގައިވާ ފީޗަރސްތައް ނުހިމެނޭ އެއްބަސްވެފައިވާ ފެންވަރުގެ އަދި އެބްރޭންޑްގެ  ވެންޓިލޭޓަރަށް ނުވާތީ، އެތަކެތި ބަލައި ނުގަތުމަށް ފަންނީ ޓީމަކުން ލަފާދީފައިވާކަންވެސް އޮޑިޓުން އެނގެއެވެ. ސަޕްލައިކޮށްދީފައި ވާ 11 ވެންޓިލޭޓަރުގެ ތެރޭގައި ހިމެނެނީ 10 ޕޯޓަބަލް ވެންޓިލޭޓަރާއި 1 އައި.ސީ.ޔޫ ވެންޓިލޭޓަރެވެ.

"އައި.ޖީ.އެމް. ހޮސްޕިޓަލުގެ 3 ޑަކްޓަރަކާއި 2 ނަރުހުން އަދި މިނިސްޓްރީގެ 2 ބަޔޯމެޑިކަލް އިންޖިނިއަރުން ހިމެނޭ ގޮތުން 7 މީހުންގެ ޓީމަކުން ތައްޔާރުކޮށްފައިވާ ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓުގައިވެސް މި ވެންޓިލޭޓަރުތަކާގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް ލަފާ ދީފައިވަނީ، މި ވެންޓިލޭޓަރުތަކުން، އެ ތަކެތި ގެނައުމުގެ ބޭނުން ނުހިފޭނެތީ، އެ ތަކެތި ބަލައިނުގަތުމަށެވެ." އޮޑިޓް ރިޕޯޓްގައި ވެއެވެ.

އެގްޒެކިއުޓާސްއާއެކު އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައި.ސީ.ޔޫ ވެންޓިލޭޓަރެވެ. ނަމަވެސް ދިވެހި ކުންފުނިތަކުން ފޯރުކޮށް ދިނުމަށް އެއްބަސް  ވެފައިވާ އައި .ސީ .ޔޫ ވެންޓިލޭޓަރުތަކުގެ އަގަށްވުރެ އެގްޒެކިއުޓާސްއިން ފޯރުކޮށްދޭން އެއްބަސްވި އައިސީޔޫ ވެންޓިލޭޓަރު އަގު ބޮޑުކަންވެސް އޮޑިޓުން ވަނީ ހާމަވެފައެވެ. އެއީ ވެންޓިލޭޓަރަކަށް 501150 ރުފިޔާއެވެ.

މެޑްޓެކުން ހުށަހަޅައިފައިވަނީ އައިސީޔޫ ވެންޓިލޭޓަރަކަށް  288914 ރުފިޔާއެވެ. އެހެން ކަމުން އަގުގެ ތަފާތަށް ބަލާއިރު 212236 ތަފާތެއް އަގުގައި އުޅެއެވެ. ނާޑް އިން ހުށަހަޅައިފައިވާ އަގަކީ 351577 ރުފިޔާއެވެ. އަގުގެ ތަފާތަށް ބަލާއިރު 140573 ރުފިޔާގެ ތަފާތު އުޅެއެވެ.

އެކި ފަރާތްތަކުން އެކި އަދަދަށް ވެންޓިލޭޓަރު ހޯދުމަށް އެދިފައިވާ އުސޫލު އެނގެންނެތުން

ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް ވެންޓިލޭޓަރު ގަތުމަށް ތިން ފަރާތަކުން އަގު ހޯދައިފައިވާއިރު އެކި ފަރާތްތަކަށް އެކި އަދަދަށް ބަހާލާފައިވަނީ، ކޮންކޮން ކަންކަމަކަށް ބަލައިގެންކަން ލިޔެކިއުމުން އެނގެން ނެތްކަން އޮޑިޓް ރިޕޯޓުން ފާހަގަ ވެއެވެ. އަގު ހުށަހެޅުމަށް ފުރުސަތު ދިންއިރު މެޑްޓެކަށް 30 ވެންޓިލޭޓަރު، ނާޑަށް 10 ވެންޓިލޭޓަރު އަދި އެސް.ޓީ.އޯ އަށް 15 ވެންޓިލޭޓަރު ވަނީ ބަހާލައިފައެވެ.

މެޑްޓެކުން 30 ވެންޓިލޭޓަރު ގަތުމަށް އަގު ހުށަހަޅަން އެދުނު ނަމަވެސް، އެ ފަރާތަށް، ބިޑް ކޮމެޓީން ޙަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ހޯދުމަށެވެ. އެކި ފަރާތްތަކުގައި ކޯޓޭޝަން ހޯދުމަށް މާރޗް 18 ގައި އެދިފައިވާއިރު މެޑްޓެކުން 50 ވެންޓިލޭޓަރު ގަތުމަށް އޭގެ ދެދުވަސް ކުރިން އަގު ހޯދާފައިވާކަން ވެސް އޮޑިޓް ރިޕޯޓުން އެނގެއެވެ. މާރޗް 18 ގައި 30 ވެންޓިލޭޓަރަށް ކޯޓޭޝަން ފޮނުވަން އެދި މެޑްޓެކަށް ކުރި އީ-މެއިލްއާ ގުޅިގެން 50 ވެންޓިލޭޓަރ ރިޒާވް ކުރެވިފައިވާކަމަށް ބުނެ އެކުންފުނިން ހެލްތު މިނިސްޓްރީއަށްވަނީ އީމެއިލްކޮށްފައެވެ. އެހެންކަމުން، އެހެން ފަރާތްތަކަށް އަގުހުށަހެޅުމަށް ފޮނުވުމުގެ ކުރިންވެސް، 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމާގުޅޭގޮތުން މެޑްޓެކާ މުއާމަލާތު ކުރެވިފައިވާކަމަށް ބެލެވެން އޮތުމުން ވަކި ފަރާތަކަށް ފަހިވާގޮތަށް މި ޕްރޮކިއުމަންޓްގެ މަސައްކަތްތަށް ގެންގޮސްފައިވާކަމަށް ބެލެވޭކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ވެންޓިލޭޓަރު ގަތުމަށް ނާޑްއާއެކު ވެފައިވާ އެއްބަސް ވުންތަކުނެވެސް ފެންނަން އޮތީ އޮޅުވާލުމެވެ. ވިހި ވެންޓިލޭޓަރުގެ އަގު ހޯދަން އެކި ފަރާތްތަކަށް ފޮނުވިކަމަށް ބިޑް ކޮމިޓީގެ ޔައުމިއްޔާގައި ބަޔާންކޮށްފައި ވީނަމަވެސް، ވާދަވެރި ފަރާތްތަކުން އަގުބެލިކަން އެނގެން ނެތްކަން އޮޑިޓުން ފާހަގަ ވެއެވެ.  އެއްވެސް ފަރާތަކަށް 20 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އަގު ހުށަހެޅުމަށް ދައުވަތު ދީފައިވާ ކަން އެނގޭނޭ ލިޔުމެއް އޮޑިޓަށް ފޯރުކޮށްދީފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. މާރޗް 18 ގައި އަގު ހުށަހެޅުމަށް އެދިފައިވަނީ އެސް.ޓީ.އޯ އިން 15 ވެންޓިލޭޓަރު އަދި ނާޑުން 10 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށެވެ. ނާޑުން 20 ވެންޓިލޭޓަރަށް އަގު ހުށަހެޅި ނަމަވެސް، އެއީ ކޮންފަރާތަކުން އެދިގެން ހުށަހެޅި ހުށަހެޅުމެއް ކަމެއް ލިޔެކިއުންތަކުން އެނގެންނެތްކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެސް.ޓީ.އޯ އަކީ، އެމް.އޯ.ޔޫ އެއްގެ ދަށުން ހެލްތު މިނިސްޓްރީއަށް ބަޔޯ މެޑިކަލް ސާމާނާއި ބޭސް ފޯރުކޮށްދެމުން އަންނަ ސަރުކާރުގެ އަޣްލަބިއްޔަތު ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، އެސް.ޓީ.އޯ އަށް އަދަދު މަދުކޮށް އަގު ހުށަހެޅުމަށް ނިންމާފައިވަނީ ކޮން ސަބަބަކާއި ހުރެކަން ލިޔެކިއުމުން އެނގެން ނެތްކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ކުރުމުއްދަތު ޖަހައިގެން ބޮޑު އަގުގައި ބިޑްތައް ކާމިޔާބުކުރި ފަރާތްތަކަށް ވަނީ މުއްދަތު އިތުރުކޮށްދީފައި

ކޮވިޑް 19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކޮންފައިވާ ޚަރަދު ތަކުގެ އޮޑިޓުން އެނގޭ ގޮތުގައި ވެންޓިލޭޓަރުގެ އިތުރުން އެހެން ތަކެތި ހޯދުމުގައިވެސް ކުރުމުއްދަތު ޖަހައިގެން ބިޑްތައް ބޮޑު އަގުގައި އެކިފަރާތްތަކަށް ދިނުމަށްފަހު މުއްދަތު އިތުރުކޮށްދީފައިވާކަން ފާހަގަ ކުރެވެއެވެ. ބިޑްތަކުގައި ހުށަހަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ބިޑް ކޮމެޓީން ވަޒަންކޮށްފައިވާކަން އެނގެން ނެތްކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މެޑްޓެކުން 10 ދުވަހުގެ ތެރޭގައި 50 ވެންޓިލޭޓަރު ސަޕްލައިކުރުމަށްވަނީ ޙަވާލުކޮށްފައެވެ. 19 މާޗްގައިވެވުނު އެއްބަސްވުމުގެ ދަށުން، 29 މާޗް ގައި މެޑްޓެކުން ވެންޓިލޭޓަރުތަށް ޙަވާލުކޮށް އިންސްޓޯލްކޮށްދޭން ޖެހުނުނަމަވެސް، އެމުއްދަތުގެ ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށްދެވިފައެއް ނުވެއެވެ. މެޑްޓެކުން އެދިގެން ދެ ފަހަރެއްގެ މަތިން އެއްބަސްވުމުގެ މުއްދަތު ވަނީ އިތުރުކޮށްދީފައެވެ. އެމުއްދަތުގެތެރޭގައި ފޯރިކޮށްދީފައި ވަނީ 18 ވެންޓިލޭޓަރެކެވެ. ބާކީ 32 ވެންޓިލޭޓަރުގެ ތެރެއިން އެންމެ ފަހުން ގެންނަ 6 ވެންޓިލޭޓަރު 15 ޖުލައި 2020 ގައި ފޯރުކޮށްދިނުމަށް އެދިފައި ވީނަމަވެސް، ބާކީ ހުރި 32 ވެންޓިލޭޓަރުވެސް 31 ޖުލައި 2020 އަށް ފޯރުކޮށްދިނުމަށް  މިނިސްޓްރީން މުއްދަތު އިތުރުކޮށްދެއްވިއެވެ. އަދި 31 ޖުލައިގެ އިތުރަށް މުއްދަތު އިތުރު ނުކުރެވޭނެކަމަށްވެސް، މެޑްޓެކަށް އަންގާފައި ވެއެވެ. އެހެންކަމުން، މި 50 ވެންޓިލޭޓަރު 10 ދުވަސްތެރޭ ސަޕްލައިކޮށްދިނުމަށް ފުރަތަމަ އެއްބަސްވިނަމަވެސް، އެއްބަސްވުމުގެ މުއްދަތަށް އިތުރުކުރެވުނު ދުވަސްތައް ހިމަނައިގެން ޖުމްލަ 124 ދުވަސް އިތުރުކޮށް ދީފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.  

އެންމެ އަވަހަށް ތަކެތި ފޯރުކޮށްދޭފަރާތަށް އިސްކަންދީގެން ވެންޓިލޭޓަރު ފޯރުކޮށްދޭނެ ފަރާތް ކަނޑައަޅާފައި ވީނަމަވެސް، އެ ތަކެތި ފޯރުކޮށްދިނުމަށް މެޑްޓެކާ ހަވާލުކުރުމުގެ ކުރިން، އެ ފަރާތުން ހުށަހަޅާފައިވާ 10 ދުވަހަކީ، އެ ދުވަސްވަރު ވެންޓިލޭޓަރަށް އޮތް ޑިމާންޑް އިތުރުވެފައިވާ މިންވަރާއި، ދަތުރުފަތުރަށް އޮތް ގޮންޖެހުމަށް ބަލާއިރު، މިފަދަ ގިނަ އަދަދެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެކަށީގެންވާ މުއްދަތެއްތޯ ބިޑް ކޮމިޓީން ވަޒަންކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް މެޑްޓެކުން ކުރީގައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ބިޑްތަކަށް ބަލާއިރު، 4 ވެންޓިލޭޓަރެއް ފޯރުކޮށްދިނުމަށް 25 ފެބްރުއަރީ 2020 ގައި 15 ދުވަހާއި 25 ދުވަހުގެ މުއްދަތެއް ހުށަހަޅައިފައިވާއިރު، ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، 50 ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި، މި ތަކެތި ފޯރުކޮށްދެވިދާނެތޯ ބިޑް ކޮމިޓީން ވަޒަންކޮށްފައިވާކަން ލިޔެކިއުމުން އެނގެން ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ކޮވިޑާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ޚަރަދު ތަކުގެ ތެރެއިން ހިންގަފައިވާ ޖަރީމާ އޮޑީޓް ރިޕޯޓުން ސާފުކޮށް އެނގެއެވެ. ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިންނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުން ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައެވެ. ހޯދަންޖެހިފަވަނީ މިޖަރީމާގެ އަޑީގައި ތިބި ބައެކެވެ. މިޖަރީމާގެ ތެރެއިން ނާޖާއިޒް މަންފާތަކެއް ބަޔަކު ހޯދާފައިވާނަމަ އެކަމެވެ.  އަދި އެބައެކެވެ. އޭސީސީ އާއި ފުލުހުން ގުޅިގެން މިހާރު ވަނީ މި ޖަރީމާގެ ތަހުގީގު ފަށާފައެވެ. ނަމަވެސް  ވެންޓިލޭޓަރުގެ މައްސަލައިގައި އޭސީސީ އިން ކުރިން ނެރުނު ދިރާސާ ރިޕޯޓުގައި، އޮޑިޓް ރިޕޯޓުން ފާހަގަ ވެފައިވާ ޖަރީމާތަކުގެ އަސަރު އެއްގޮތަކަށް ވެސް ފެންނަން ނެތުމުން އެ ފާޑުކިއުން ވަނީ އެ މުއައްސަސާއަށް ކުރިމަތިވެފައެވެ. އޭސީސީ ން ނެރުނު ރިޕޯޓްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ވެސް ވަނީ ދިރާސާކުރަން ފަށައިފައެވެ. އެމައްސަލައާ ގުޅިގެން އޭސީސީގެ މެންބަރުންނާގުޅޭ މައްސަލައެއް ފުލުހުންނަށް ވެސް ވަނީ ހުށަހެޅިފައެވެ. އެހެންކަމުން ހެލްތް މިނިސްޓްރީގެ ޖަރީމާތައް ތަހުގީގު ކުރުމުގައި ވަކި މީހަކަށް ބެލުމެއްނެތި މައްސަލަ ތަހުގީގުކުރެވޭނީ އޭސީސިއަށް ކުރެވޭ ތުހުމަތުތައް ވެސް ސާފުވެގެންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.