ބޯޑަރު ހުޅުވާލިފަހުން ފުރަތަމަ ފަހަރަށް ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވްވި ފަތުރު ވެރިއަކީ އިނގިރޭސި ވިލާތު ރައްޔިތެކެވެ.
ފަތުރުވެރިޔާ ޕޮޒިޓިވްވެފައި ވަނީ ފުރަން ވެގެން ހެދިޓެސްޓުން ކަމަށް އެޗްއީއޯސީގެ ނޫސްވެރިންގެ ބަދަލުވުމުގައ އެސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވިއެވެ. ބޯޑަރު ހުޅުވާލެވިފަހުން މިހާތަނަށް ރާއްޖެއިން އައި ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މި ފަތުރުވެރިޔާ ކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. ފަތުރުވެރިޔާ ހުރީ އޮބްލޫސަން ރިސޯޓް ގައެވެ. އޭނާގެ ޙާލު ރަނގަޅު ކަމަށާއި އޭނާގެ އާއިލާ ކޮވިޑަށް ޓެސްޓް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ޕޮޒިޓިވްވި ފަތުރުވެރިޔާގެ ކޮންޓެކްޓުންގެ ޢަދަދެއް ހާމައެއް ނުކުރައްވައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަނބުރާ ޤައުމަށް ދިއުމުގެ ކުރިން ކޮވިޑަށް ޓެސްޓްކުރުން އެޗްއީއޯސީގެ ތެރެއިން ކުރިއަށް ގެންދެވުމަށް މިހާރު ވަނީ ނިންމަވައިފައެވެ. ފަތުރުވެރިންގެ ޓެސްޓް ހަދަން ފެށި ނަމަވެސް ދިވެހިން ކޮވިޑަށް ޓެސްޓް ކުރުމުގައި ދައްޗެއް ކުރިމަތި ނުވާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދެތިން ދުވަހަށް ވެސް ޓެސްޓް ކުރަންޖެހެނީ ވިއްސަކަށް ފަތުރުވެރިންކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ބޯޑަރު ހުޅުވާލި ފަހުން 1800 އެއްހައި ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.