ސުޝާންތު ސިންހްގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ސީބީއައި ގެ މައްޗަށް އަމުރުކޮށްފި

ޖޫން މަހުގެ 14ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ބޮލީވުޑް ތަރި ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް އެގައުމުގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ މައްޗަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. އަދި މި މައްސަލަައިގެ ތަހުގީގުގައި މިހާތަނަށް އެއްކޮށްފައިވާ ހުރިހާ ހެއްކެއް އެ އޭޖެންސީއާ ހަވާލުކުރުމަށް މުމްބާއީ ފުލުހުންގެ މައްޗަށް ވެސް އެ ކޯޓުން އަމުރުކޮށްފައިވެއެވެ. އެ ކޯޓުގެ ހުކުމުގައި ބުނެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މައްސަލަ ބަލައިދިނުމަށް އެދި ސުޝާންތު ސިންހް ރާޖްޕުތުގެ ބައްޕަ ޕަތްނާއަށް ހުށަހެޅި ހުށަހެޅުން ސައްހަ ކަމަށާއި ސީބީއާއި އައިން މައްސަލަ ބަލައިދިނުމަށް ޕަތްނާ އަށް އެދެވޭނެ ކަމަށެވެ.

ސުޝާންތު މަރުގެ ޚަބަރު ފެތުރެން ފެށިތާ 3 ގަޑިއެއް ހާއިރުތެރޭގައި މުމްބާއީ ފުލުހުން ވަނީ ސުޝާންތު މަރުވީ ދަންޖެހިގެން ކަމަށް ބުނެފައެވެ. އޭނާގެ އާއިލާ އާއި އޭނާ ދަންނަ މީހުންނަށް އެ ވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ސުޝާންތު މަރުވީ ބޮލީވުޑުން އިތުރު ޕްރޮޖެކްޓްތައް ނުލިބި، ފައިސާގެ ގޮތުން ދަތިވެ ޑިޕްރެޝަންގައި އުޅެ، ކެތް ނުކުރެވިގެން ކަމަށް ބުނެ މުމްބާއީ ފުލުހުންނާއި ބޮލީވުޑްގެ މީޑިއާއިން ޚަބަރު ފެތުރިއެވެ. ނަމަވެސް ސުޝާންތުގެ މަރުގައި ނޭނގޭ އެތައް ކަމެއް ހިމެނޭ ކަމަށް ބުނެ އާއިލާ އާއި ބައެއް ގާތް ރައްޓެހިން އޭނާގެ މަރުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފެށިއެވެ.

ޖޫން 14 ވަނަ ދުވަހު އޭނާ މަރުވުމުގެ ކުރިން އޭނާއާއެކު ދިރިއުޅެމުން ދިޔަ ސުޝާންތުގެ "ގަރލް ފްރެންޑް' ކަމަށް ބުނާ ރެއާ ޗަކްރަވަތީ ވަނީ ޖޫން މަހުގެ އަށްވަނަ ދުވަހު އެގެއިން ނުކުމެގެން ގޮސްފައެވެ. އޭނާއާ ސުޝާންތާ ގާތް ގުޅުމެއް އުފެދި ރެއާ ސުޝާންތުގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ 2019ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. މިހާރު ތިލަވެފައި ހުރި މައުލޫމާތަށް ބަލާއިރު އެގެއަށް ބަދަލުވެ މަޑުމަޑުން އަތްގަދަ ކުރަމުން ގޮސް އޭނާވަނީ ސުޝާންތުގެ ގޭގައި މަސައްކަތް ކުރަމުން ދިޔަ އޭނާއަށް ވަފާތެރި ހުރިހާ މުއައްޒަފުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާފައެވެ. އަދި އަ ވަޒީފާތައް ދީފައިވަނީ އޭނާ ބޭނުން ބަޔަކަށެވެ.  

މުއައްޒަފުން ބަދަލުކުރިނަމަވެސް އެގޭގައި ދިރިއުޅެމުންދިޔަ ސުޝާންތުގެ ގާތް އެކުވެރިޔާ ސިދާތު ޕިތާނީ ފޮނުވައެއް ނުލައެވެ. ޖުލައި މަހުގެ 28ވަނަ ދުވަހާ ހަމައަށް އޭނާ ދިރިއުޅެމުން ދިޔައީ ސުޝާންތުގެ ގޭގައެވެ. އޭނާއާ ރެއާއާ ގާތް ގުޅުމެއް އޮންނަކަން ސިދާތު މީޑިއާއަށް ދީފައިވާ އިންޓަވިއުތަކުން އެނގެއެވެ. ރިޕަބްލިކްޓީވީއަށް ދިން ލައިވް އިންޓަވިއުއެއްގައި އޭނާ ވަނީ ރެއާ ބުނެގެން ކޮންމެ ރެއަކު ސުޝާންތަށް ދެ ގުޅަ ބޭސް ދޭ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޯޗެއްތޯ އާއި ކީއްވެގެން ދޭ ބޭހެއްތޯ ރެއާ ގާތު އަހާފައިނުވާ ކަމަށެވެ. އެއް އިންޓަވިއެއްގައި ވެސް ސިދާތު އޭނާގެ ވާހަކަތައް އެތައް ފަހަރަކު ބަދަލުކުރަމުން ދިޔައެވެ. ބައެއް ޓީވީތަކުން ރެއާގެ ކޯލް ރިކޯޑު ހޯދާފައިވާ އިރު ސިދާތާއި ރެއާ ސުޝާންތު މަރުވި ފަހުން ވެސް ވާހަކަ ދައްކާފައިވެއެވެ. އަދި ސުޝާންތުގެ މަރުވި ދުވަހާއި އޭގެ ފަހުން ރެއާ އާއި މުމްބާއީގެ އެސިސްޓެންޓު ޕިލިސް ކޮމިޝަނަރާއި ދެމެދު މުއާމަލާތްތައް ހިނގާފައިވާ ކަންވެސް ސާބިތުވެއެވެ.

ރެއާއާއި ބޮލީވުޑް މީޑިއާ އިން ފަތުރަމުން ދިޔަ ޑިޕްރެޝަންގެ ވާހަކަ ނިމުމަކަށް އައިސްފައިވަނީ ސުޝާންތުގެ ބައްޕަ ފައިސާ އާއި އެހެނިހެން ބޮޑެތި ތުހުމަތުކޮށް ޕަތްނާއަށް މައްސަލަ ހުށަހެޅުމުން އެމައްސަލަ ތަހުގީގުކުރަން ފެށުމުންނެވެ. ޖޫން 14ގައި ސުޝާންތު މަރުވެފައިވާ އިރު އޭގެ ކުރީ ދުވަހުވެސް ބޮލީވުޑްގެ ބޯދެތި ޕްރޮޖެކްޓްތަކަކާ ގުޅޭގޮތުން އޭނާ ވަނީ މަޝްހޫރު ޑައިރެކްޓަރަކާ ވާހަކަ ދައްކާފައެވެ. އޭނާ ވަނީ އެކަން މީޑިއާ ހާމަކޮށް އޭނާގެ ސޯޝަލްމީޑިއާގައި ވެސް އެވާހަކަ ހިއްސާ ކޮށްފައެވެ.

ސުޝާންތު މަރުވި ދުވަހު އެގެއަށް ދެ އެމްބިއުލާންސް ގެންދިޔާ ވާހަކަ އާއި އޭނާ ދިރިއުޅޭ ގެއާއި ދޮޅު ކިލޯ މީޓަރު ދުރުގައި ހޮސްޕިޓަލެއް ހުރި ނަމަވެސް ގެންގޮސްފައިވަނީ 6 ކިލޯ މީޓަރު ދުރުގައި ހުންނަ ކޫޕަރ ހޮސްޕިޓަލަށް ކަމަށް ވެސް ވެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ކަންކަމާއި ހަވާލުވެ ހުރީ ސުޝާންތުގެ ގާތް އެކުވެރިއެއް ކަމަށްވާ ސަންދީޕް ސިންހް ކަމަށް އޭނާ ވަނީ އަމިއްލައަށް ޓީވީގައި އިއުތިރާފުވެފައެވެ. ސުޝާންތު މަރުވި ދުވަހުގެ ސީސީޓީވީ ބައެއް ފުޓޭޖުތަކުން އޭނާ އެމްބިއުލާންސަށް އެރުވި ވަގުތު އެގެއިން ބޮޑު ކަޅުކޮތަޅެއް ނެރޭތަން ފެނެއެވެ. އަދި ކޮންބައެއް ކަން ނޭނގޭ އަންހެނަކާއި ފިރިހެނަކުވެސް ފެނެއެވެ. މި ފިރިހެން މީހާއަކީ ކާކުކަން އިންޑިއާގެ ބައެއް ޓީވީ ތަކުން ވަނީ މިހާރު ހޯދާފައެވެ. އޭނާވަނީ ސުޝާންތުގެ މަރަށްފަހު ދިރިއުޅޭތަން އެތައް ފަހަރަކު ބަދަލުކޮށްފައެވެ. އަދި މިހާރު އޭނާ މުމްބާއީގައި ނޫޅޭ ކަމަށް ވެސް ރަސްމީ ފަރާތްތަކާ ހަވާލާދީ އެ މީޑިއާ ތަކުން ބުނެއެވެ.

ސުޝާންތުގެ މަރާ ގުޅިގެން މައްސަލައިގެ ހަގީގަތް ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އޭނާގެ ފޭނުންނާއި ބައެއް ސިޔާސީ ފަރާތްތަކުން މުމްބާއީ ފުލުހުންނަށް ފާޑުކިއުންތައް އަމާޒުކުރިއެވެ. އަދި ސުޝާންތަށް އިންސާފު ހޯދައިދިނުމަށް އާއިލާ އާއި ފޭނުން ސޯޝަލްމީޑިއާގައި ފެށި މަސައްކަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ ބިލިއަނަށްވުރެ ގިނަ މީހުން ގުޅުނެވެ. ނަމަވެސް މި މައްސަލައަށް ބޮޑުކުރިއެރުމެއް ލިބެންފެށީ ރާޖާ ސަބާގެ މެންބަރު ސުބްރަމާނިއަން ސްވާމީ މި ކެންޕޭނާ ގުޅުނު ހިސާބުންނެވެ. ސޯޝަލްމީޑިއާގައި ކެންޕޭނު ކުރުމުގެ އިތުރުން ބޮޑުވަޒީރު މޯދީއަށް އޭނާ ދެ ސިޓީ ފޮނުވިއެވެ.

މީގެ އިތުރަށް އިންޑިއާގެ ޓީވީ ދެ ޗެނެލަކުން ވެސް މި ކެންޕޭނާ ގުޅި ތަހުގީގު ފެށިއެވެ. ރިޕަބްލިކް ޓީވީއާއި ޓައިމްސް ނައު އިން ހިންގި 'ސްޓިންގް އޮޕަރޭޝަން" ތަކުން ވަނީ މުމްބާއީ ފުލުހުން ހާމަކޮށްފައިނުވާ އެތައް މައުލޫމާތެއް ހާމަކޮށް ސުޝާންތާ އެކު އެކި ދުވަސްވަރު މަސައްކަތްކުރި އޭނާގެ ގާތް އެތައް ބަޔަކާ ބައްދަލުކޮށް ސުޝާންތުގެ މަރަކީ ބަޔަކު ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް ކަން ހާމަވާވަރަށް މައުލޫމާތު އާއްމުކޮށްފައެވެ. ސުޝާންތާއި ރެއާގެ ކޯލް ރިކޯޑާއި، ވަޓްސްއެޕް މެސެޖުތަކާއި، އަދި ކުރިން ފެނިފައިނުވާ އެތައް ވީޑިއޯއަކާއި ސުޝާންތުގެ ޑައިރީގައި ހިމެނޭ މުހިއްމު މައުލޫމާތު ވެސް މި ޗެނަލްތަކުން ހާމަކުރިއެވެ.

ސުޝާންތު ދަންނަ އެންމެން ވެސް ބުނެފައިވާ ގޮތުގައި އޭނާއަކީ ދުރާލާ ކަންކަމަށް ތައްޔާރުވާ އަދި އެ ޕްލޭންތައް ލިޔެ އެކަންކަން ހާސިލުކުރުމަށް މަސައްކަތްކުރާ މީހެކެވެ. އޭނާ މަރުވީ ދުވަހު އޭނާގެ 20 ޑައިރީ އަކާއި އިތުރު އެތައް ނޯޓު ފޮތެއް މުމްބާއީ ފުލުހުން ގެންދިޔަ ކަމަށް ސިދާތު ޕިތާނީ ބުނެފައިވެއެވެ. ޓީވީ ޗެނެލްތަކުން ސުޝާންތުގެ ޑައިރީގެ މައުލޫމާތު ހޯދި ނަމަވެސް ޑައިރީގެ އެންމެ ފަހު 3 ގަޑު އިރާލާފައިވާ ކަމަށް އެޗެނަލްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި އަހަރަށް އޭނާ ރާވާފައިވާ ކަންކަން ފްލޯޗާޓެއްގެ ގޮތުގައި ލިޔެފައި ހުއްޓެވެ. އޭނާއަކީ ވަރަށް ތަރުތީބު މީހެއް ކަމަށް އެކުވެރީންނާއި ކުރީ ގެ މުއައްޒަފުން ބުނަމުންދިޔަ ވާހަކަތައް ޑައިރީން ފެނެއެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި މިއަހަރު ކުރާން ރާވާފައި ހުރި ކަންކަމާއި އަމިއްލަ މީހާގެ ކުރިއެރުމަށް ކުރާނެ ކަންކަމާއި ފިލާންތްރިފީގެ ގޮތުން ކުރާނެ ކަންކަން ޑައިރީގައި ހުރި ފްލޯ ޗާޓުތަކުން ފެނެއެވެ. އޭނާ ރާވާފައި އޮތީ މިއަހަރު ހޮލީވުޑާ ގުޅޭށެވެ. އަދި މިހާރަށް ވުރެ ރަނގަޅަށް އިނގިރޭސި ބަސްވެސް ދަސްކުރާށެވެ. ވަކިވަކީން ޕްލޭން ކުރާއިރު ކުރިއަށް އެއް އަހަރުގެ ޕްލެނާއި 5 އަހަރުގެ ޕްލޭނާއި އަދި އެއް ދުވަހުގެ ޕްލޭން ވެސް އޭނާ ހުންނަނީ ލިޔެފައެވެ. ދުވަހުގެ ޕްލޭންތަކަށް ބަލާއިރު ފަތިހު 4 ޖަހާއިރު ހޭލުމާއި ތެދުވެ އެނދު ތަންމަތި އެޅުން ފަދަ ކުދިކުދި ކަންކަންވެސް ހުންނަނީ ދުރާލާ ރާވާފައެވެ.

އޭނާގެ ކުރީގެ ބައެއް ސްޓާފުން ބުނާ ގޮތުގައި އޭނާއަކީ ދުވަހަކުވެސް ދޮރުތަޅުލައިގައި ނިދާ މީހެއް ނޫނެވެ. ނަމަވެސް އޭނާ މަރުވެފައި އޮއްވައި ފެނުނު ދުވަހު ކޮޓަރީގެ ދޮރު ހުރީ ތަޅުލާފައި ކަމަށް ސިދާތު ޕިތާނީ ވަނީ ބުނެފައެވެ. އަދި ދޮރުހުޅުވާން މީހަކު ގެނައި ކަމަށާއި ނަމަވެސް ދޮރު ހުޅުވުމުގެ ކުރިން އެމީހާ ފޮނުވާލާފައިވާ ކަމަށް އޭނާ ވަނީ ޓީވީގައި އިއުތިރާފުވެފައެވެ. ސުޝާންތު މަރުވީ ދަންޖެހިގެން ކަމަށް ބުނި ނަމަވެސް އޭނާ ދަންޖެހިފައި ހުއްޓައި ފެންނަ އެއްވެސް ފޮޓޯއެއް ނެތެވެ. އަދި ސިދާތު ބުނާ ގޮތުގައި މަޅުގަނޑު ކަނޑައި އޭނާ އެނދު މަތީގައި ބޭއްވީ އޭނާއެވެ. ސުޝާންތަކީ ސިދާތަށް ވުރެ އިސްކޮޅުން ދިގު މީހަކަށްވެފައި ސުޝާންތުގެ އެނދާއި ފަންކާއާއި ދެމެދު ސުޝާންތުގެ އިސްކޮޅު ނެތުމުން މިއީ ވެސް އޭނާގެ މަރާ މެދު ސުވާލު އުފެދޭ ކަމެކެވެ.

ސުޝާންތަކީ އާދަޔާ ޚިލާފު ފަންނާނެކެވެ. އޭނާ ފިލްމީ ދާއިރާއާ ގުޅުނީ އިންޖިނިއަރިން ކިޔަވަމުން ދިޔަ ދުވަސްވަރު ކޯސް ނިމެން އެއް އަހަރު އޮއްވައެވެ .ނަމަވެސް ސްޓޭންފޯޑް ޔުނިވަރސިޓީއިން ކިޔެވުމުގެ ފުރުސަތުވެސް އޭނާއަށް އޮތީ ލިބިފައެވެ. ތަރިތަކާއި ހިސާބާއި، އަދި މިހާރު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އާޓިފިޝާލް އިންޓެލިޖެންސްގެ ދާއިރާއަކީ ބޮލީވުޑާ އެއްވަރަށް އޭނާ ސަމާލުކަން ދިން ދާއިރާތަކެވެ. ކޯވިޑްގެ ދުވަސްވަރު އޭނާ ދިޔައީ ކޯޑިން ވެސް ދަސްކުރަމުންނެވެ. އޭނާގެ އަމިއްލަ ލައބްރަރީގައި 1200 އަށްވުރެ ގިނަ ފޮތް ހުރެއެވެ. ފިލްމް ޝޫޓިންތަކުގައި ވެސް އޭނާ ފިޒިކްސް ފޮތް ގެންގުޅޭ ކަމަށް ވެއެވެ. އޭނާގެ ދުރު ރާސްތާ ޕްލޭންގައި ފިޒިކްސް އާއި އެސްޓްރޮނޮމީ އަދި އާޓިފިޝާލް އިންޓެލިޖެންސްގެ ދާއިރާއިން ކުދީން ތަމްރީނުކުރުމަށް ރާވާފައިވެއެވެ. މިދިޔަ އަހަރުވެސް އޭނާ ވަނީ ނާސާއަށް ކުދީންތަކެއް ފޮނުވާފައެވެ.

މިއަދު ސުޕްރީމް ކޯޓުގެ އަމުރުން ސުޝާންތާ އޭނާގެ އާއިލާ އަދި އޭނާއަށް ތާއީދުކުރާ މީހުންނަށް ހިތް ހަމަޖެހުން ގެނެސްދީފިއެވެ. ސުޝާންތުގެ މަރާއެކު ބޮލީވުޑްގެ އެކި ފަންތީގެ މީހުންނަށް އިނގިލި ދިއްކުރެވެން ފެށުމުން އެ މީހުންގެ ސޯޝަލްމީޑިއާވަނީ މުޅިން ފަޅުވެފައެވެ. ސުޝާންތުގެ ދިފާއުގައި އެއްޗެއް ބުނެލި މަދު ތަރިންގެ ތެރޭގައި ކްރިތީ، ޝްރައްދާ، ކަންގަނާ، އަދި ބައެއް ޓީވީ ތަރިން ހިމެނެއެވެ. އޭނާގެ މަރަށް ދެ މަސްވުމުން ފޭނުން ކުރަމުން ދިޔަ ކެންޕޭނާ ވަރުން ދަވަން އާއި އަނޫޕަމް ޚޭރް ގުޅުނެވެ. މިއަދު ސުޕްރީމް ކޯޓުގެ އަމުރަށްފަހު އަކްޝޭ ކުމާރް ވެސް ވަނީ އެކަމާ އުފާ ފާޅުކޮށް ޓުވީޓުކޮށްފައެވެ. ދެ މަސް ދުވަސް ވަންދެން ސުޝާންތައް ތާއީދުކުރާ މީހުން އަމީތާބާއި، ޝާހް ރުކް ޚާނާއި އާމިރް ޚާނާއި ސަލްމާން ޚާން ފަދަ ތަރިން ގާތު އާދޭސްކުރަމުން ދިޔައިރު އެމީހުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. ސުޝާންތަށް އިންސާފު ހޯދުމަށް އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒީލޭންޑް، ފަދަ އެތައް ގައުމެއްގައި ވަނީ ބިލް ބޯޑުވެސް ހަރުކޮށްފައެވެ.

ދެ މަސް ދުވަސް ވަންދެން ސުޝާންތުގެ ފޭނުންކުރި ހިތްވަރަށް ނިމުމެއް އައި ނަމަވެސް ސުޝާންތުގެ ދައްތަ ޝުވެތާ ސޯޝަލްމީޑިއާގައި ބުނި ގޮތުގައި މިއީ އިންސާފާ ގާތަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. މިނިވަން ތަހުގީގީ އިދާރާއަކުން މައްސަލަ ބެލުމުން ސުޝާންތުގެ މަރުގެ ހަގީގަތް އެނގޭނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އިންޑިއާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސުޝާންތުގެ މަރުގެ މައްސަލައަކީ އިންޑިއާގައި މިހާތަނަށް އެންމެ ގިނަބަޔަކު ވަރުބަލިކަމެއް ނެތި އިންސާފު ހޯދުމަށް ކުރި އެންމެ ބޮޑު މަސައްކަތެވެ. ސީބީއައިގެ ތަހުގީގުން ސުޝާންތުގެ މަރުގެ ހަގީގަތް އެނގުމަކީ އޭނާގެ އާއިލާ އާއި ހެޔޮއެދޭ މީހުންގެ އެދުމެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.