މަސްވެރިންނަށް ހަމައަގު ހޯދައިދޭން ކާށިދޫ ދާއިރާގެ މެމްބަރ ޢަބަދުﷲ ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިގަތުމަށް، ބޭނުންވާ އެއްވޯޓް މަދުވެގެން ތަޅުމުން ބޭރުކޮށްލައިފިއެވެ. މައްސަލަ ބަލައިގަތުމަށް ބޭނުންވަނީ 19 ވޯޓެވެ. ނަމަވެސް މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވިއެވެ.
މަސްވެރިންނަށް ހަމައަގު ހޯދައި ދިނުމުގެ އިތުރުން ޗައިނާއާއެކު ރާއްޖޭން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ވެސް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލައިފައިވެއެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ވަނީ، މަސްވެރިންނަށް ހަމަ އަގު ނުލިބޭކަމަށާއި މަސްކިރުމަށްފަހު ލިބެންޖެހޭ ފައިސާގެ ރަސީދު ދިނުމަށް ފަހު، ފައިސާ ނުދީ ހިފަހައްޓަމުންދާ މަންޒަރު ފެންނަ ކަމަށެވެ. ދަތިހާލުގައި މަސްވެރިމް އުޅެމުން ދަނިކޮށް ކޮވިޑްގެ ސަބަބުން އިގްތިސާދަށް އެރި ލޮޅުންތަކާއެކު މަސްވެރިންނަށް ލިބުނު ގެއްލުން އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާކަން ވަނީ ފާހަގަކުރައަވައިފައެވެ. މިކަމުގެ ސަބަބުން މަސްވެރި އާއިލާތަކަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ޖާބިރުގެ ކުއްލި މައްސަލައިގައި ވެއެވެ.
ދިވެހި ސަރުކާރުން ޗައިނާއާއެކު ވެފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ ދަށު މަސްވެރިންނަށް ލިބެން ޖެހޭ މަންފާތަކާއި މަސްވެރިކަމުގެ ދޮރުތަށް ބަންދުކޮށްފައިވާކަމަށްވެ ސް ޖާބިރުގެ މައްސަލައިގައި ވެއެވެ. އަދި ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން މަސްވެރިންނަށް ލިބެންޖެހޭ މަންފާ ހޯދައި ދިނުމަށް އެއެއްބަސް ވުން ތަންފީޒުކުރުމަށްވެސް ވަނީ ގޮވާލައްވައިފައެވެ. ސަރުކާރުން މަސްވެރިނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކިރަމުންދާކަމަށާއި ކުރިމަތިވެފައިވާ ދަތިތައް ތަޙައްމަލު ނުކުރެވެގެން، މަސްވެރިންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކުރުމަށް އެންމެފަހުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރާ ހިސާބަށް ކަންކަން ގޮސްފައިވާކަމުގެ ބިރު ހީވެފައިވާކަމަށް ވެސް ޖާބިރުގެ ކުއްލި މައްސަލައިގައި ވެއެވެ.