ޗައިނާއިން ލިބުނު ފަދަ ލުއި ލޯނު އެހެންތަނަކުން އެވަގުތު ލިބޭކަށް ނެތް: ޖިހާދު

ތަރައްޤީގެ  މަޝަރޫޢުތަކަށް ޗައިނާއިން ލޯނުނަގައިފައިވަނީ އެވަރުގެ ލުއި ގޮތަކަށް އެހެން ތަނަކުން އެވަގުތު ލޯނު ލިބެން ނެތުމުން ކަމަށް ކުރީ ސަރުކާރުގެ ނާއިބް ރައީސް އަދި ކުރީގެ މާލީ ވަޒީރު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޖިހާދު ވިދާޅުވީ ބްރިޖްގެ މަސައްކަތައް ޗައިނާގެ އެގްޒިން ބޭންކުން ލޯނު ނެގީ އެމަނިކުފާނު މާލީ ވަޒީރުކަމުގައި ހުންނަވަނިކޮށް ކަމަށެވެ. ބްރިޖުގެ މަސައްކަތަށް ނެގި ލޯނަކީ ކުޑަ އިންޓަރެސްޓަކާއެކު ދިގު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް ނަންގަވައިފައިވާ ލޯނެއްކަމަށެވެ. އެފަދަ ގޮތަކަށް ލޯނު ދެނޭ އެހެން ބަޔަކު، އޭރު ބެލިބެލުމުން ނެތްކަމަށް ވެސް ޖިހާދު ވިދާޅުވިއެވެ. އަދި ބްރިޖްގެ މަސައްކަތަށް ނަގައިފައިވާ ލޯނުގެ އިތުރުން ހިލޭ އެހީވެސް ލިބިފައިވާކަން ޖިހާދު ފާހަގަ ކުރެއްވިއެވެ. މިތަފްޞީލްތައް ޖިހާދު ހާމަކުރެއްވީ މިއަދުގެ ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި މެމްބަރުން ވަރަށްގިނަ ފަހަރު ކުރެއްވި ސުވާލެއް ސާފުކޮށް ދެއްވުމުގެ ގޮތުންނެވެ. ޗައިނާއަށް ވަރަށް ބޮޑަށް ޤައުމުދަރާފާނެކަމަށާއި ޗައިނާއިން ލޯނު ނެގީ ކީއްވެގެންތޯއެވެ. މިސުވާލުތަކަށް ޖަވާބު ދެއްވުމުގެ ކުރިން ޖިހާދު ވިދާޅުވީ މި ސުވާލަކީ ކޮށްލަން ރަނގަޅު ސުވާލެއްކަމަށެވެ.  

"ދިގު މުއްދަތަކަށް ކުޑަ އިންޓަރެސްޓަކަށް ނެގިފައިވާ ލޯނެއްއެއީ, އެވަރު ލޯނެއް އެހެން ފަރާތަކުން ދޭން އަޅުގަނޑު ބެލިއިރަކު ނެތް. އެހެން ކަމުން އެއީ ދައުލަތަށް މާބޮޑު ބުރައެއް އަންނާނެކަމެއް ނޫން" ކަމަށް ޗައިނާއިން ބްރިޖްގެ މަސައްކަތަށް ނެގި ލޯނާ ބެހޭގޮތުން ޖިހާދު ވިދާޅުވިއެވެ.

ލޯނު ދޫކުރުމުގައި ޤައުމުތަކުން ވެސް ގެންގުޅެ މިންގަނޑުތަކެއް ހުންނަކަމަށް މާލީ ދާއިރާގެ ތަޖުރިބާރު ކުރީގެ ނާއިބް ރައީސް ފާހަގަކުރެއްވިއެވެ. އެއީ އެޤައުމަކުން ކަނޑައަޅައިފައިވާ މިންގަނޑަށްވުރެ މައްޗަށް ލޯނު ދޫނުކުރުކުން ކަން ފާހަގަ ކުރެއެވިއެވެ.

ޖިހާދު ވިދާޅުވީ އެމަނިކުފާނު ވަޒީރުކަމުގައި ލޯންތައް ނަގައިފައިވާނީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދައްކަންޖެހޭ ދަރަންޏަކީ އެކަށީގެންވާ ވަރެއްތޯ ބެލުމަށް ފަހުގައިކަމަށެވެ. ރާއްޖޭގެ ދަރަނީގެ ޙާލަތު ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އައީ ޤަވާޢިދުން ބައްލަވަމުން ގެންދެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

 ދަރަނި މެނޭޖް ކުރުމަކީ މިއަދު އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫންކަން ފާހަގަ ކުރައްވައި ޖިހާދު ވިދާޅުވީ 1985 ވަނަ އަހަރުން ފެށިގެން ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްގެ ޙައިޞިއްޔަތުން ދަރަނި މެނޭޖް ކުރުމުގައި އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައި ވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިކަމަށެވެ. "ޑެޓް މެނޭޖަމަންޓް ޑިޕާރޓްމަންޓެއް" ފިނޭން މިނިސްޓްރީގައި އޮންނާނެކަމަށާއި އެތާންގައި ތިބެނީ ވަރަށް ޕްރޮފެޝަނަލް މުވައްޒަފުންތަކެއްކަން ވެސް ފާހަގަ ކުރެއްވިއެވެ.  އެތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ މާލީ އިދާރާތަކުގެ މިންގަނޑުތަކާއި ޤާނޫނުގެ ތެރެއިން މަސައްކަތް ކުރައްވާ ވަރަށް ތަޖުރިބާކާރު މުވައްޒަފުން ތަކެއްއެކަމަށްވެސް ޖިހާދު ފާހަގަ ކުރެއްވި އެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.