
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، އިންޑިޔާގެ ނައިބު ރައީސް އެމް. ހާމިދު އަންސާރީއާ މިރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިންޑިޔާގެ ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓަލްގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ސަރަޙައްދީ ރައްކާތެރިކަމާ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން، ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމުގެ މުހިންމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.