ބޮޑުފިނޮޅު ބިދޭސީންގެ ބައެއް ވަކީލުންގެ މައްސަލަ ބާކައުންސިލަށް ހުށަހަޅަން ފުލުހުން ނިންމައިފި

ތަޙްޤީޤާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފަތުރާ ފުލުހުންގެ ތަޞައްވަރު ކިލަނބުކުރަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ބޮޑުފިނޮޅުގެ ހަމަނުޖެހުމުގައި ހައްޔަރު ކުރި 19 ބިދޭސީންގެ ބައެއް ވަކީލުންގެ މައްސަލަ ބާކައުންސިލަށް ހުށަހަޅަން ނިންމައިފައިވާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިމައްސަލައިގައި ފުލުހުންގެ މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ ބައެއް ބިދޭސީންގެ ފަރާތުން ވަކާލާތު ކުރައްވާ ބައެއް ވަކީލުން، ހަގީގަތާ ހިލާފު ވާހަކަދައްކައި، ފުލުހުންގެ މަސައްކަތަށް ދަތިކޮށް ފުލުހުންގެ ތަޞައްވުރު ކިލަނބުކުރަން މަސައްކަތް ކުރިމަކީ ވަކީލުންގެ ސުލޫކާ ހިލާފަށް އެ ވަކީލުން ކޮށްފައިވާ ކަންކަމަށެވެ. އެހެންކަމުން އެމައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ނިންމެވީ ކަމަށެވެ.

މިދިޔަ މަހު ތިންވަނަ ދުވަހު ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އެރަށުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެޢަމަލު ހިންގުމުގައި އިސްކޮށް އުޅުނު 19 ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ވަނީ ދިވެހީންތަކެއް ރަހީނުކޮށް މައްސަލަ  ޙައްލުކުރަން ދިޔަ ބައެއް ފުލުހުންނާ ވެސް ކުރިމަތިލާފައެވެ. ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް މިހާރު އެމީހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހައްޔަރު ކުރެވުނު ބިދޭސީންގެތެރެއިން ފަސް މީހަކަށް ދައުލަތުން ޤާނޫނޫ ވަކީކލުން ހަމަޖައްސައިދެއްވައިފައިވާއިރު ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ވެސް ފަސް ބިދޭސީއަކަށް ޤާނޫނީ ވަލީލުން ހަމަޖައްސައި  ދެއްވައިފައިވާ ކަމަށެވެ. ނަމަވެސް 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ނޫސްބަޔާން ނެރެ ޓީބީ ޕްރޮގަރާމްތަކަށާއި ސޯޝަލް މީޑިއާގައި މަޢުލާމާތު އާއްމު ކުރަމުން ދަނީ ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ވަކީލުންނާ އެއްވެސް ގުޅުމެއް ނެތިކަމަށް ވަނީ ފާހަގަ ކޮށްފައެވެ. ފުލުހުންގެ ތަޙްޤީޤުން އެޖަމްޢިއްޔާގެ ވަކީލުންނަށް އެއްވެސް ދައްޗެއް ކުރިމަތިވެފައިވާ ނުވާކަން އެ ޖަމްޢިއްން ނެރުނު ނޫސްބަޔާނަކުން ފާހަގަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނަވާރަ ބިދޭސީންގެ ބައެއް ވަކީލުންނަށް ފުލުހުން ތުޙުމަތު ކޮށްފައިވާ ކަންކަމުގެ ތެރޭގައި ތަޙްޤިޤަށް ގަސްތުގައި ހުރަސް އަޅައި ވަކި  ބަޔަކަށް މަންފާ ހޯދައިދޭންއުޅޭ ކަމަށް ބެލެވޭ ގޮތަށް، ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުން ލައްވާ ތަޙްޤީޤް ރެކޯރޑީންގެ ތެރޭގައި ބުނުވަން އުޅުން ހިމެނެއެވެ. އަދި އެމީހުންނަށް ލިބެންޖެހޭ މުސާރައާއި  ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ  ބަންދުގައި ތިބި މީހުންނަށް މަޖަބޫރު ކުރުވާކަން ތަޙްޤީޤަށް ފާހަގަ ކުރެވިފައިވުން ހިމެނެއެވެ. އަދި ބޮޑު ފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅޭ ބައެއް މަޢުލޫމާތު  އާއްމުންނަށް އޮޅޭ ގޮތަށް މިޑިއާ ތަކުގައި ވާހަކަ ދައްކުން ހިމެނެއެވެ. ފުލުހުންނާއި މައްސަލައާ ގުޅުން ހުރި ފަހާރަތްތަކަށް ތަފާތު ތުޙުމަތުކުރުން ވެސް ހިމެނެއެވެ. ޖިނާއީ ތަޙްޤިޤް ތަކުގައިބައިވެރިވާ ވަކީލުން  އާންމުކޮށް ޢަމަލުކުރާ ޕްރޮފެޝަނަލް މިންގަނޑުތަކާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރަމުން ދިއުންވެސް ހިމެނޭކަމަށް ފުލުހުންގެ ތުޙުމަތުތަކުގެ ތެރޭގައި ހިމެނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.