ކޯވިޑާ ގުޅިގެން އަޅާ ފިޔަަޅުތަކާމެދު މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން މަޝްވަރާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

 ކޯވިޑާގުޅިގެން އަޅާ ފިޔަަޅުތަކާމެދު މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން މަޝްވަރާކުރަން ނިންމަވައިފިއެވެ. މިމައްސަލަ ވަނީ މިއަދު ބޭއްވުމަށް ހަމަޖައްސަވައިފައިވާ އެކޮމެޓީގައި ބައްދަލުވުމަށް އެޖެންޑާ ކޮށްފައެވެ.

މިއަދު 11 ޖަހާއިރު ބޭއްވުމަށް ފުރަތަމަ ތާވަލު ކުރެއްވި މިބައްދަލުވުން މިހާރުވަނީ މެންދުރު 1:00 އަށް ފަސް ކޮށްފައެވެ. ބައްދަލުވުމުގެ އެޖެންޑާގައިވާ ގޮތުން ކޯވިޑް-19 އާގުޅިގެން ހެލްތު މިނިސްޓްރީން އާއްމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާ މެދު މަޝްވަރާ ކުރުން ހިމެނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދެވުމަށް ރާވައިފައިވާ ގޮތް ދެނެގަނެ އެކަންކަން ދިރާސާކުރުން ކުރިއަށް ގެންދާނެ ގޮތްތަކާމެދު މަޝަވަރާ ކުރުން ވެސް ހިމެެނެއެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް މިހާރު އަޅައިފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި ރޭގަނޑު 10 އިން ފަތިހު ފަހެއް ޖެހުމާހަމައަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އެގަޑީގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި މަގުމަތީގައި އުޅުމާއި އުޅަނދު ފަހަރު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ. އެހެންކަމުން  9:30 ފެށިގެން ފަތިހު ފަހެއް ޖެހުމާ ހަމައަށް ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިތައްވެސް ބަންދު ކުރަން ޖެހެއެވެ.  މީގެ އިތުރުން މާލެ ސަރަޙައްދުފައި ފަސް މީހުނަށްވުރެ އިތުރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. މާލެ ސަރަޙައްދުގެ އިތުރުން ބަލި މީހުން ތިބި ރަށްރަށުގައި ވެސް ވަނީ މާސްކު އެޅުން މަޖްބޫރު ކޮށްފައެވެ. އަދި ހޯމް ކަރަންޓީނަށް ރަށްރަށަށް ދިއުމުގެ ހުއްދަ، ޞިއްޙީ ފަރުވާއަށް މާލެއައިސް ތިބި މީހުނާއި ޒަރޫރީ ބޭނުމަށް ދާންޖެހޭ މީހުންނަށް ފިޔަވައި އެހެން މީހުންނަށް ދިނުން ވަނީ ހުއްޓާލައިފައެވެ. އަދި މުދާ އުފުލާ ސަޕްލައި އުޅަނދު ފަހަރާއި އެނޫންވެސް އެހެނިހެން އުޅަނދު ފަހަރު ބަނދަރުކުރާނެ ވަކި ސަރަޙައްދުތަކެއް ވަނީ ކަނޑައަޅައިފައެވެ.

މިފަހަކަށް އައިސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އޭގެތެރޭގައި ދިވެހިންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.