
ޞިއްހީ ދާއިރާއިން ކޮވިޑަށް ޕޮޒިޓިވްވި މަސައްކަތްތެރިން ނުވަތަ ޞިއްޙީ އެހީތެރިންގެ ޢަދަދު 64 އަށް އަރައިފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެވެ.
މިރޭގެ ޕްރެސް ކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ ތެރެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން 37 މީހުންނަކީ މިދިޔަ މަހު ބައްޔަށް ޕޮޒިޓިވްވި މީހުން ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނާއި ސާފުކުރާ މީހުންވެސް ހިމެނޭކަން ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މިދިޔަ މަހު ވަނީ އައިޖީއެމްއެޗުންވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައެވެ. އޭޑީކޭއާއި ޓްރީޓޮޕްގައި މަސައްކަތް ކުރާ ޞިއްޙީ މަސައްކަތްތެރިންގެ ބަޔަކަށް ވެސް ވަނީ ބަލި ޖެހި ރަނގަޅުވެފައެވެ.
ޞިއްޙީ ޚިދުމަތް ތެރިން ބައްޔަށް ޕޮޒިޓިވްވާ ޢަދަދު އިތުރު ވަމުންދާތީ އިތުރު ފަރާތްތައް ތަމްރީނު ކުރުމުގެ ޙަރަކާތްތައް ވެސް ފަށްޓަވައިފައިވާ ކަމަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްއީއޯސީގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާތީ އެ ސެންޓަރަށްވެސް އިތުރު މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ކޯލް ސެންޓަރުގެ ޚިދުމަތްވެސް އަތޮޅުތަކުން ދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.