
ދިވެހިރާއްޖޭގައި ކޯވިޑް-19 ވެކްސިން މިހައިތަނަށް ޖަހާފައިވާ 170000 މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ އެންމެ 30 މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބަލި ޖެހުނު 30 މީހުންނަށްވެސް ބަލި ޖެހިފައިވާ ކަމަށް ލަފާ ކުރެވެނީ ވެކްސިން ޖެހުމުގެ ކުރިންވެސް ބަލި އަރާފައިވާތީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވެކްސިން ޖެހުމުގެ ހެޔޮ ނަތީޖާ ފެންނަ ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނަށް މި މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ވާހަކަފުޅު ދެއްކެވި ގޮތުން އެއީ ރަސްމީ އިދާރާއަކުން ލިބިވަޑައިގެންނެވި މައުލޫމާތެއްކަން ދޭހަވެއެވެ.