ކޮވިޑަށް ފަރުވާ ދިނުމަށް 55 އިންސައްތަ ޑޮކްޓަރުންނާ ނަރުހުން ބޭނުންކުރެވޭނެ: މަބްރޫކް

  ކޮވިޑަށް ފަރުވާ ދިނިމަށް ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ 55 އިންސައްތަ ބޭނުން ކުރައްވާނެކަމަށް ކޮވިޑާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ކަނޑައަޅައިފައިވާ ތަރުޖަމާނު މަބްރޫކް ޢަބަދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

އޮންލައިން ކޮށް ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި ހުރި ކެޕޭސިޓީއާ އެކަށީގެންވާ ވަރަށް ޚިދުމަތް ދެއްވޭނީ ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ ނިސްބަތް ދަށް ކުރެއްވިގެން ކަމަށެވެ. ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮވިޑަށް ފަރުވާ ދިނުމަށް ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ 55 އިންސައްތަ ބޭނުންކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. އެއަދަދު ހަމަޖުރުމަށް ރާއްޖެއަށް މިވަތު އައިސް ތިބި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނާއި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދިފައިވާ މީހުންވެސް ބޭނުންކުރައްވާނެކަމަށެވެ. އެޢަދަދަށް ޑޮކްޓަރުންނާއި ނަރުހުން ހަމަ ނުވާނަމަ އަތޮޅުތަކުންވެސް ޑޮކްޓަރުންނާ ނަރުހުން މާލެއަށް ގެންނާނެކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ 905 ޑޮކްޓަރުންނާއި 2970 ނަރުހުންނެވެ. މަބަރޫކް ވިދާޅުވީ އެހެން ބަލިބައްޔަށް ވެސް ފަރުވާން ދޭންޖެހޭއިރު ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުން ނުކުރެވޭނެކަމަށެވެ.

ދުވާލަކަށް ބަލިޖެހޭ މިންވަރު ދަށްކޮށްގެން ގޮސް ބަލިޖެހޭ ނިސްބަތް އެންމެ އުސްމިނަށް ދިއުމަށް މަހެއް ނުވަތަ ދެމަހެއްހާ ދުވަސް ވާނަމަ އެހެން ޤައުމުތަކުން ވެސް ޑޮކްޓަރުންނާއި ނަރުހުން ލިބިދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭރު އެޤައުމުތަކުގައި ބަލި އޮންނާނީ ކޮނަޓްރޯލް ކުރެވުމާ ގާތަސް އައިސްފައި ކަމަށް ވިދާޅުވިއެވެ. ބޭރުން ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ކުރަމުން އައި މަސައްކަތަށް މި ދަނޑިވަޅު މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާރު ތައްޔާރު ކުރާ ހޮސްޕިޓަލުވެސް މިމަހު އެކާވީސް ވަނަދުވަހު ނިމި ޚިދުމަތް ދެވޭނެކަމަށް ވިދާޅުވިއެވެ. އަދި ބައެއް ވެންޓިލޭޓަރތައްވެސް ހަމަ އެދުވަހު ލިބޭނެކަމަށް ވިދާޅުވިއެވެ. މިހާރު ގެނައުމަށް މަސައްކަތްކުރަމުންދާ 135 ވެންޓިލޭޓަރ މިމަހުގެ ނިޔަލަށް ލިބޭނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ 200 ވެންޓިލޭޓަރ ހަމަ ކުރުމަށެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ނަޒްލާ ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް އިތުރު ކުތުރު ކުރުމުގެ ގޮތުން އައިސީޔޫގައި ކްރިޓިކަލް ފަރުވާ ދެވޭ ވަރަށް ޑޮކްޓްރުންނާއި ނަރުހުން ތަމްރީނު ކުރައްވައިފައި ވާކަމަށެވެ.

ކޮވިޑު މުޖުތަމަޢަށް ފެތުރި ޕީކަށް ނުވަތަ ކުންނަށް ދާ ޙާލަތުގައި ފަރުވާ ދެވޭނެ ކެޕޭސިޓީ ރާއްޖޭގައ ނެތްކަށާއި ދޭހާހެއްހާ މީހުން އެހާލަތުގައި މަރުވާނެކަމަށް އަންދާޒާ ކުރައްވާކަމަށް އެ އަންދާޒާ ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ޑޮކްޓަރ ސީނާ މޫސާ ވަނީ ވިދާޅުވެއްޖެއެވެ.

މިހާތަނަށް މާލެއިން ވަނީ އަށް މީހަކު ކޮވީޑަށް ޕޮސިޓިވްވެފައެވެ. ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި މިހާތަނަށް 274 މީހަކު ފަހާގަ ކުރެވިފައިވާ ކަމަށް ވެސް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މީހުންގެ އަލާމާތް ފެންނަނަމަ، އެމީހުންނާ ކޮންޓެކްޓްވާ މީހުން ވެސް އައިސޮލޭޓް ކުރެވޭކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.