(25 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ކުޑަދޮރުގެ ކައިރީގައި އިނދެގެން ވާރޭ ވެހޭތަން ބަލަނީއެވެ.
އޭނާގެ ހަނދާނަށް އެ ވަގުތު އައީ ޢަބްދުލްޤާދިރް ޖީލާނީ ވަރަށް ކުރިން ވިދާޅުވެފައިވާ ވާހަކަފުޅެކެވެ.
"ﷲ އިންސާނާ ބަލިކަށި ކުރައްވަނީ އޭނާ އެންމެ ބޮޑަށް ލޯބިވާ މީހުންގެ އަތްމަތީންނެވެ. އިންސާނާ ވާން ޖެހެނީ ފޫގޮސްފައިވާ ކަންވާރެއް ފަދައިންނެވެ. މީހުން ލޯބިން އޭގެ ތެރެއަށް ވަދެފައި ބޭރަށް ނުކުމެގެން ހިނގައިދާނެއެވެ."
ﷲ އޭނާ ބަލިކަށި ކުރެއްވީ އޭނާ އެބަޔަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހުންގެ އަތްމަތީންނެވެ. އެއީ ހުމާޔޫނާއި ފަރިޝްތޭއާއި ތައިމޫރެވެ. ހަގީގީ އިމްތިޙާނަކީ އެއީއެވެ.
އެވަގުތު ކާރުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. އޭނާ ހިމޭންކަމާއެކު ބަލަހައްޓައިގެން އިނީއެވެ.
ކާރުގެ ބަރުގޮނު ހުއްޓައިނުލައި އަޅަނީއެވެ. ވާރޭގެ ތެރެއިން ހުމާޔޫން ދޮރާށްޓާ ދިމާއަށް ދިޔަތަން އޭނާއަށް ފެނުނެވެ.
އޭނާ ދޮރާށީ ހުޅުވައިލުމާއެކު ކާރު އެތެރެއަށް ވަދެއްޖެއެވެ. އެތެރެއަށް ވަދެ މަޑު ކުރުމާއެކު ފުރަތަމަ ކާރުން ފޭބި މީހާ އޭނާއަށް އެނގުނެވެ. އެއީ ފަވާދެވެ. އޭނާއަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ލޮލުގައި އޮތީ ވަށައިދުނިގަނޑު ނެތް އައިނެކެވެ. ބޯހުރީ އިހަށްވުރެ ތުނިކޮށް ކޮށައިފައެވެ.
އޭނާ ކާރުގެ ފަހަތު ދޮރު ހުޅުވުމަށް ފަހު އަތުގައި ހިފައި ދަމައިފައި ކަހަލަ ގޮތަކަށް އެ ނެރުނީ މުޢީޒެވެ. އެއީ އިސްކޮޅުން ދިގު ހިމަތޮޅި ޒުވާނެކެވެ. ފަވާދް އޭނާ ހުމާޔޫނާ ދިމާއަށް ގެންދިޔައެވެ. ހުމާޔޫން ހައިރާންވެފައި ބަލަހައްޓައިގެން ހުރީއެވެ.
ވާރޭގެ އަޑު ގަދަކަމުން އެމީހުން ދައްކާ ވާހަކައިގެ އަޑެއް ނީވެއެވެ. ތިން މީހުންވެސް ތިބީ ވާރޭގައި ތެމިގެންނެވެ. ފަވާދް ވަރަށް ބާރަށް ވާހަކަ ދައްކަމުން ދިޔައެވެ. ހުމާޔޫން ހަށަން ބަނދެލައިގެން ހުރެ އަޑު އަހަނީއެވެ. އޭނާ ހުރީ މެހެމަލަށް ފުރަގަސް ދީގެންނެވެ. އެހެންވީމާ މޫނު މައްޗަށް ވަމުންދާ ގޮތެއް ނޭނގެއެވެ.
ދެން ފެނުނީ މުޢީޒް ދެއަތް ޖޯޑުކުރި ތަނެވެ. އޭނާގެ މޫނުމަތީގައި ހުރީ ވާރޭފެން ކަމެއް ލޮލުން ފައިބާ ކަރުނަ ކަމެއް ސާފުކޮށް ބުނާކަށް ނޭނގެއެވެ. އޭނާ ރޮމުން ވާހަކަ ދައްކަމުން ހުމާޔޫންގެ ކިބައިން މައާފަށް އެދެމުން ދިޔައެވެ. އެވަގުތު ފަރިޝްތޭ ނުކުމެގެން އައިތަން ފެނުނެވެ. އޭނާވެސް ކޮންމެވެސް ވާހަކައެއް ދެއްކިއެވެ.
މެހެމަލް ދޮރުގެ ފޮތިގަނޑު ދަމައިލިއެވެ. އެ މަންޒަރު އިތުރަށް ބަލާކަށް އޭނާ ބޭނުމެއް ނުވިއެވެ.
އިރުކޮޅެއް ފަހުން އިވުނީ ފަރިޝްތޭގެ އަޑެވެ. އޭނާ އެ އަންނަނީ ފަވާދާއި މުޢީޒް ގޮވައިގެން މެހެމަލް ގާތަށެވެ.
ފަރިޝްތޭ ދޮރު ހުޅުވައިލިއެވެ. މެހެމަލް އިނީ ދޮރަށް ފުރަގަސް ދީގެންނެވެ.
"މެހެމަލް..." އޭނާ ފުރަތަމަ އިވުނީ ފަވާދްގެ މޮޅިވެރި އަޑެވެ. "މުޢީޒް ހުމާޔޫނަށް ހުރިހައި ވާހަކައެއް ތެދަށް ކިޔައިދީފި. އަހަންނަށް ކުރިން އެނގުނު ނަމަ... މެހެމަލް. އަހަންނަށް މާފު ކުރޭ. އަހަރެމެން އެންމެން މިތިބީ މެހެމަލަށް ވަރަށް ބޮޑަށް އަނިޔާވެރި ވެފައި."
"ދައްތާ. އަޅުގަނޑަށް މާފު ކުރައްވާ." އެއީ މުޢީޒެވެ. އޭނާ ރޮނީއެވެ. "އެ ހުރިހައި ކަމެއް ކުރާށޭ އަޅުގަނޑު ގާތު ބުނީ މަންމަޔާއި އާރްޒޫދައްތަ. ދައްތާ. މަންމަ އުޅެނީ ވަރަށް ބަލިވެ. މަންމަ މިހާރު އިހަށް ހެންނެއް ނޫން. އަބަދު ރޮނީ. ގައިގައި އަޅާ ވޭނެއްގެ ސަބަބުން... ދައްތާ. އަޅުގަނޑުމެންނަށް..." މުޢީޒު ވާހަކަ ދައްކަމުން ދިޔައިރު މެހެމަލްގެ އެތެރެހަށިން އެހެން އަޑެއްވެސް އިވެމުން ދިޔައެވެ.
"ފަހެ، އެހެންކަމުން، ކަލޭގެފާނު ޔަތީމާ ނިކަމެތިކޮށް ނުލައްވާށެވެ." (ޟުޙާ ސޫރަތުގެ 9 ވަނަ އާޔަތް)
"ދައްތާ. ހުމާޔޫންބޭބެ އޭނާ ދޫކޮށްލީމާ... އާރްޒޫދައްތަ އަމިއްލައަށް މަރުވެގެންފި. މަންމަގެ ހާލު ވަރަށް ދެރަ. ދައްތަ އަހަރެމެންނަށް ބަދުދުޢާ ނުކުރައްވާތި."
"ދޭ މުޢީޒު. އަހަރެން މުޢީޒަށް މާފުކޮށްފިން... އެންމެންނަށް މާފުކޮށްފިން."
އޭނާ އަދިވެސް އިނީ ކުޑަދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ދައްތާ. އާރްޒޫދައްތަ ނަރަކައިން މުއްތި ކުރައްވާތޯ ދުޢާކޮށް ދެއްވާތި. އޭނާއަށް ބަދުދުޢާ ނުކުރައްވާތި."
"އަހަރެން ހެޔޮ ދުޢާ ކުރާނަން. މުޢީޒު ދޭ. ރަނގަޅަށް ބަސް އަހައިގެން އުޅޭތި. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އިންސާނުންގެ ލޯތްބާއި ވަފާތެރިކަމުގެ އަސްލު ސިފަ އަހަންނަށް ދައްކައިދިނީ މުޢީޒު. ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން ދޭ."
މުޢީޒު ކޮޓަރިން ނުކުމެއްޖެއެވެ.
"މެހެމަލް... މެހެމަލަށް އަހަރެމެންނަށް މާފު ކުރެވޭނެތަ؟" އެ އިވުނީ ބަލިވެ އިނދަޖެހިފައިވާ ފަވާދްގެ ބަލިކަށި އަޑެވެ.
"ބައްޕަގެ އެއްފަޅި ވާގި ނެތިއްޖެ. ބައްޕަ މެހެމަލްގެ މަތީން ވަރަށް ހަނދާން ކުރޭ. މަންމަވެސް އުޅެނީ ވަރަށް ބޮޑަށް ބަލިވެ. ދިރިހުއްޓަސް މަރުވެފައިވާ މީހެކޭ އެއްފަދައިން. ސިދްރާގެ ފިރިމީހާ މަރުވެއްޖެ. އޭނާގެ ފިރިމީހާގެ އާއިލާގެ މީހުން އޭނާ އަހަރެމެން ގާތަކަށް ނުފޮނުވި. އޭނާއާއި އޭނާގެ ޔަތީމް ދަރިފުޅު އެމީހުންގެ ގޭގައި ދިރިއުޅެނީ ވަރަށް ދަތި ހާލުގައި. މެހެމަލާއި ބޮޑުދައިތަ އުޅުނު ހާލަށްވުރެ މާ ދެރަ ހާލެއްގައި. މެހެރީން..."
"ފަވާދް ބޭބޭ. ތިޔަ ވާހަކަ ހުއްޓައިލާ. އަހަންނަށް އެއްވެސް ވާހަކައެއް ކިޔައިދޭނެ ކަމެއް ނެތް. އަހަރެން މާފު ކޮށްފިން. ހުރިހައި އެންމެންނަށް މާފުކޮށްފިން. ތިޔަ ވާހަކަތައް ކިޔައިދީގެން އަހަންނަށް އިތުރު ހިތާމަ ނުޖައްސާ. މި ވަގުތު އަހަރެން ބޭނުން ވަނީ އެކަނި ހުރެލަން." އޭނާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
"އެންމެ ރަނގަޅު. މި އޮތީ މެހެމަލްގެ ހިއްސާ. ފާއިތުވެދިޔަ އަހަރުތަކުގެ ފައިދާޔާވެސްއެކު. ފަރިޝްތޭގެ ހިއްސާ އަހަރެން އޭނާޔާ ހަވާލު ކޮށްފިން. އުނދަގޫ ނޫނިއްޔާ އަހަރެމެންނަށް ހެޔޮ ދުޢާ ކޮށްދޭތި." ފަވާދް މޭޒުމަތީގައި ފައިލަކާއި ބަންދުކޮށްފައި އޮތް ސިޓީއުރައެއް ބާއްވައިލިއެވެ. އަދި ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ.
މެހެމަލް އެނބުރި ބަލައިލިއެވެ. ފަވާދް އިސްޖަހައިގެން ހުރެ ކޮޓަރިން ނުކުންނަނީއެވެ.
ފަވާދުގެ ނިމުން އަންނާނީ ކިހިނެއްތޯ އޭނާއަށް ލިބޭނީ ކޮން އަދަބެއްތޯ އަބަދުވެސް އޭނާގެ ހިތަށް އަރައެވެ. އެކަމަކު މި ދުނިޔެއަކީ އެއްވެސް ކަމެއްގެ ނިމުމެއް ނޫނެވެ. މިއީ އިމްތިހާނުގެ ގޮވައްޗެކެވެ. ކުރެވޭ ކުށް އެނގުމަކީވެސް އިމްތިހާނެކެވެ. އަސްލު ފައިސަލާ އޮންނާނީ ހިސާބު ބެއްލެވޭ ދުވަހުއެވެ.
މޭޒުމަތީގައި އޮތް ފައިލާއި ސިޓީއުރަޔާ ދިމާއަކަށް އޭނާ ނުބަލައެވެ. އެއީ އޭނާގެ ދިރިއުޅުން އެކޮޅުކޮޅުން ޖަހައިލީ ލިޔުންތަކެވެ. ފަވާދްގެ މަޅީގައި އޭނާ ޖެހުނީ އެ ލިޔުންތަކުގެ ޒަރީއާއިންނެވެ. މިއަދު ޚުދު ފަވާދް އެ ދަނީ އެ ލިޔުންތައް އޭނާޔާ ހަވާލު ކޮށްފައެވެ. އެކަމަކު އޭނާގެ އެންމެ ކަތިފިޔަވަޅަކުން އޭނާ އުފުލާން ޖެހުނީ ހާދަހާ ބޮޑު ބުރައެކެވެ.
ޅަ އުމުރުގެ ބައެއް ކަތިފިޔަވަޅު...
ވާރޭ ތުނި ކޮށްލައިފިއެވެ. ކުޑަދޮރުގެ ފޮތިގަނޑުވެސް އޮތީ ތެމިފައެވެ. ތެތް މަށީގެ ވަސް ކޮޓަރި ތެރެއަށް އެބަދުވައެވެ.
މެހެމަލް އެހެރީ ގަސްތަކާ ނުލައި ނަމަވެސް އޭނާގެ އިންތިޒާރުގައެވެ. އޭނާ މި ކޮޓަރިއަށް އަންނާނޭކަން މެހެމަލަށް އެނގެއެވެ.
މާގިނަ އިރުތަކެއް ނުވެ ކޮޓަރީގެ ދޮރުމަތީން ފިޔަވަޅެއްގެ އަޑު އިވިއްޖެއެވެ. މެހެމަލް އެނބުރި ބަލައިލިއެވެ.
ދޮރުމަތީގައި އެހެރީ ހުމާޔޫނެވެ. ވަރުބަލިވެފައިވާ މީހެއް ފަދައިންނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ހުމާޔޫން ހުރަސް ނުކުރާ ދޮރެކެވެ. ކޮޓަރިތެރެ ހުރީ ކިހިނެއްތޯ ބަލައިލާންވެސް ދޮރުމައްޗަކަށް ނާރައެވެ. އެކަމަކު މިއަދު އެހެރީ ދޮރުމަތީގައެވެ.
އޭނާ މަޑުމަޑުން އެތެރެއަށް ވަދެއްޖެއެވެ.
"މެހެމަލް..." އޭނާގެ އަޑު ހުރީ ކުރެހިފައެވެ، އޭނާ މަޑުމަޑުން އައިސް މެހެމަލްގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިފިއެވެ.
"މެހެމަލް. އަހަންނަށް މާފުކުރޭ." އޭނާގެ ލޯ ހުރީ ރަތް ވެފައެވެ. މޫނުމަތީން ފެންނަނީ އެތައް ގަރުނެއްގެ ވަރުބަލިކަމެވެ.
މެހެމަލް ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ. އެއީ ފަރުބަދައެއް އައިސް އޭނާގެ ގައިގައި ޖެހުނަސް އެ ފަރުބަދައެއް ބުރައިގެން ދާފަދަ ގަދަފަދަ މީހެކެވެ. މިއަދު އެހެރީ އޭނާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެންނެވެ. އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ މެހެމަލްގެ ހުރިހައި ކަމެއް ޖަހައިގަނެގެން ގެންދިއުމެވެ. އުފަލާވެސް އެކީގައެވެ. މިއަދުވެސް އޭނާގެ ކިބައިން ކަމަކަށް އެދެނީއެވެ. އޭނާގެ ކުރިމައްޗަށް އައީ އެއްޗެއް ބޭނުން ވެގެންނެވެ. އެންމެންނަކީވެސް އަމިއްލަ އެދުމުގެ މީހުންނެވެ.
ކޮންމެ މީހަކުވެސް ބޭނުންވަނީ އަމިއްލަ ޒަމީރުގެ ބުރައިން މިންޖުވާށެވެ. މެހެމަލް އިބްރާހީމް ވީތަނެއް އެކަކަށްވެސް ނޭނގެއެވެ. އޭނާއަށް ވީ ގޮތެއްވެސް ނޭނގެއެވެ.
"އަހަރެން ހަމައެކަނި ފަރިޝްތޭގެ ބަހުގެ މައްޗަށް ބުރަވެގެން... މިއަދު އޭނާ ބުނީ މެހެމަލާ އޭނާ ކުރި ސުވާލެއްގެ ޖަވާބު މެހެމަލް ދިން ގޮތުން އޭނާ ވަކި ކަހަލަ މާނައެއް ނެރުނީއޭ... އަހަރެން ފަރިޝްތޭއާ ހެދި..."
"ހުމާޔޫން ހުރިހައި ކަމެއް ކުރަނީ ފަރިޝްތޭގެ ސިކުނޑިން ވިސްނައިގެންތަ؟" މެހެމަލް ހަރުކަށި ރާގަކަށް އަހައިލިއެވެ. "ހުމާޔޫނަކީ ކުޑަ ކުއްޖެއް ނޫނެއްނު؟ އަހަރެންގެ އާއިލާގެ މީހުންނަކީ އަހަރެންގެ ދުޝަމްނުންކަން ހުމާޔޫން ނުދެނަހުރިންތަ؟ ފޮޓޯއަކީ ނުލާހިކު ފަސޭހައިން ހަދައިލެވޭ އެއްޗެއްކަން ނޭނގޭ ވަރަށް ހުމާޔޫން ޖާހިލުވީތަ؟"
"މެހެމަލް. ގަބޫލު ކުރޭ. އަހަރެން..."
"މަޑުކުރޭ ހުމާޔޫން. އަހަރެން ހުމާޔޫންގެ ވާހަކަ އެތައް ދުވަހަކު އަޑުއަހައިފިން. މިއަދު ހުމާޔޫން އަހަރެންގެ ވާހަކަ އަޑުއަހާ. ދައްތަގެ ވާހަކައަށް އިތުބާރު ކުރި ވާހަކަ އެބަބުނަމެއްނު؟ އަހަރެންގެ ސުވާލަކީ ދައްތަ ގާތު އެހީ ކީއްވެގެންހޭ. އަހަރެން ދެކެ ހުމާޔޫން ރުޅި އައި ވަރުން އަހަރެންގެ ވާހަކަވެސް އަހަން ޖެހުނީ އެހެން މީހުން ގާތު. މުޢީޒުގެ މޫނުމައްޗަށް އެ ފޮޓޯތައް ނުޖެހީ ކީއްވެގެން؟ ހުމާޔޫނަކީ ވަރަށް ކުޅަދާނަ، ގާބިލު ފުލުސް އޮފްސަރެއް ނޫންތަ؟ ހެވާއި ނުބައި ވަކި ކުރާކަށް ހުމާޔޫނަކަށް ނޭނގޭތަ؟ އާރްޒޫގެ ޚަސީލަތް ހުންނަ ގޮތް ނުދަންނަންތަ؟ ނޫނީ ބަލި އެނދުގައި ހޭނެތިފައި އޮތް އަންހެނެއްގެ މަތީން ފޫހިވީތަ؟ ހުމާޔޫން ހުރީ އަހަރެންގެ ފުށުން ސަލާމަތް ވާނޭ ބަހަނާއެއް ބޭނުން ވެފައި. ނޫންތަ؟ ހުމާޔޫން ބޭނުންވީ މިނިވަން ވާން. އެހެން ނޫންނަމަ އަހަރެންގެ ވާހަކަ އަޑު އެހީސް. ދިފާއުގައި އެއްޗެކޭ ބުނެލުމުގެ ފުރުސަތު އަހަންނަށް ދިނީސް. ކަލޭ އެހެން ކަންތައް ކުރީ ކީއްވެގެންހޭ އެއް ފަހަރު ނަމަވެސް އަހައިލީސް. އަހަރެންގެ ބަދަލުގައި މި ގޮތަށް ބަލިވީ ހުމާޔޫން ކަމަށް ވެފައި ހުމާޔޫން ކަންތައް ކުރި ގޮތަށް އަހަރެން ކަންތައް ކުރިނަމަ ކުރަން ޖެހޭނޭ އިހުސާސާ މެދު އެއް ފަހަރުވެސް ވިސްނައިލިންތަ؟"
ވާހަކަ ދައްކަމުން ގޮސް އޭނާގެ ނޭވާ އުފުރޭން ފަށައިފިއެވެ. އެވަގުތު ދުވެފައި އައިސް ތައިމޫރް ކޮޓަރިއަށް ވަދެއްޖެއެވެ. އަޑު ގަދަވެގެން ހޭލެވުނީކަން ނޭނގެއެވެ. އޭނާ އައި ގޮތަށް އައިސް މެހެމަލްގެ ގައިގައި އޮޅުލައިގެންފިއެވެ. އެކަމަކު މެހެމަލަކަށްވެސް އަދި ހުމާޔޫނަކަށްވެސް ތައިމޫރް ފެނުނުހެންނެއް ހިޔެއް ނުވެއެވެ.
"މެހެމަލް. އަހަންނަށް މާފުކުރޭ. ކާވެނި ރުޖޫޢަ ކުރަން އަހަރެން ބޭނުން. އަހަންނާ އެކީގައި ހިނގާ." ހުމާޔޫން އޭނާގެ އަތުގައި ހިފައިލާން އުޅުނެވެ. އެކަމަކު މެހެމަލް ފަހަތަށް ޖެހިލިއެވެ.
"އެކަމަކު ރުޖޫޢަވާކަށް އަހަރެން ބޭނުމެއް ނޫން. ރޮދިފަށް ކެނޑުނީމާ އަނެއްކާވެސް އައްސައިލެވިދާނެ. އެކަމަކު އޭގެ ފަހުން ގޮށެއް ފެންނާން ހުންނާނެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ރޮދިފަށް ކެނޑުނު ގޮތަށް ކެނޑިފައި އޮތުން."
"މެހެމަލް." ހުމާޔޫނަކަށް އޭނާ ދެއްކި ވާހަކަ ގަބޫލެއް ނުކުރެވުނެވެ. މާފަށް އެދެން ޖޯޑުކޮށްފައި އޮތް އަތް ވަކިވެއްޖެއެވެ.
މެހެމަލް ފުން ނޭވައެއް ލިއެވެ. "އަހަރެން ހުމާޔޫނަށް މާފުކޮށްފިން. ހިތުގެ އަޑިން މާފުކޮށްފިން. އެކަމަކު ރުޖޫޢަ ކުރާކަށް އަހަރެން އެއްބަހެއް ނޫން. އަހަރެންގެ ރުހުމާ ނުލައިވެސް ހުމާޔޫނަށް އެކަން ކުރެވިދާނެކަން އަހަންނަށް އެނގޭ. އެކަމަކު އަހަރެންގެ އުފަލާމެދު ވިސްނާ ކަމަށް ވަންޏާ ރުޖޫޢަ ނުކުރާތި. ހުމާޔޫން އަހަރެންގެ ދައްތަޔާ އިނދޭ. ހުމާޔޫނާއި ދައްތަޔާ ދެމީހުން ހެއްދެވީ އެކަކު އަނެކަކަށްޓަކައި. ދައްތަ އެހެރީ ހުމާޔޫންގެ އިންތިޒާރުގައި."
މެހެމަލް ދޮރާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. ހުމާޔޫން އެނބުރި ބަލައިލިއެވެ.
ދޮރުމަތީގައި ހުރެގެން ފަރިޝްތޭ ރޮނީއެވެ. ހުމާޔޫން ބަލައިލީމާ އޭނާ ރޮމުންރޮމުން ދުވެފައި ހިނގައްޖެއެވެ.
"އިތުރަށް ދައްތަ އިމްތިހާނުކުރަން ނޫޅޭ. ދައްތަޔާ އިނދޭ. ތައިމޫރާއި އަހަންނާ ދެމީހުން ވީމާ އަހަންނަށް ފުދޭ. ތިންވަނަ ފަރާތަކީ ﷲ. އަހަރެމެން މިގެއިން ދިޔަދީ. ހުމާޔޫނާ އެކީގައި އަހަރެމެންނަކަށް ދެނެއް ނޫޅެވޭނެ. އެއީ ވާނޭ ކަމެއް ނޫން."
ހުމާޔޫން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. ލޯ ހުރީ ތެމިފައެވެ.
"އަހަންނަށް މެހެމަލްގެ އަގު ވަޒަން ނުކުރެވުނީ..." އޭނާ ބޯ ހޫރައިލުމަށް ފަހު ކޮޅަށް ތެދުވެއްޖެއެވެ. އަދި ނުކުންނާން އެނބުރިލިއެވެ.
"ދަމުން ދޮރު ލައްޕައިލާތި."
މެހެމަލް އެހެން ބުނީމާ ހުމާޔޫން ކުޑަކޮށް މަޑުކޮށްލިއެވެ. އެކަމަކު އެނބުރި ބަލައެއް ނުލައެވެ. އެނބުރި ބަލައިލާނޭ ހިތްވަރު ނެތީ ކަހަލައެވެ. އޭނާ މަޑުމަޑުން ގޮސް ނުކުމެ އެހައިމެ މަޑުން ދޮރު ލައްޕައިލިއެވެ.
ހުމާޔޫން މެހެމަލްގެ ދިރިއުޅުމުން ނުކުތީއެވެ.
އޭނާގެ ލޮލުން ދެތިން ތިކި ކަރުނަ ވެއްޓުނެވެ.
ފަރިޝްތޭ ބުނި ގޮތުގައި ހަސްފަތާލުގައި އޭނާޔާ ވާހަކަ ދައްކާން ފަރިޝްތޭ އުޅުނެވެ. އޭނާ އަޑު ނޭހީއެވެ. އެ މަންޒަރު މިހާރުވެސް މެހެމަލްަގެ ހަނދާނުގައި ހަރުލައިފައި އެބަހުއްޓެވެ. އޭނާ ތެދުވެގެން ދިޔައީ ނަރުސްކުއްޖާ ގޮވީމައެވެ. އެހެންވީމާ ފަރިޝްތޭ ދައްކާން އުޅުނު ވާހަކަ ނުދެއްކުނީއެވެ. ފަރިޝްތޭ ހުމާޔޫނާ ގަޔާވާކަން އަބަދުވެސް އޭނާ ދަނެއެވެ. އެކަމަކު އަމިއްލަ ރަވައްޔާއިން އޭނާއަށް އެހެން ގޮތަކަށް ޔަގީންކޮށްދޭން ފަރިޝްތޭ މަސައްކަތް ކުރަމުން ގެންދިޔައީއެވެ. އެޔާއެކު ފަރިޝްތޭ އެކަހަލަ ޚިޔާލެއް ނުގެންގުޅޭނޭ ކަމަށް އޭނާވެސް ގަބޫލު ކުރީއެވެ. އެކަމަކުވެސް ފަރިޝްތޭގެ ހިތުގައި ހުމާޔޫނަށް އޮންނަ މަގާމަކީ އާދައިގެ މަގާމެއް ނޫންކަން އޭނާ ދަނެއެވެ. ހުމާޔޫނާއި އާރްޒޫ އެކީގައި އުޅޭތަން ފެނުމާއި އެ ދެމީހުންގެ ވާހަކަ އަޑު އިވުމަކީ އޭނާ ނުބައި ހިއެެއްގެ ތެރެއަށް ވަންނާން ޖެހުނު ސަބަބެވެ. އޭނާގެ ކާވެނީގެ ފަހުން ފަރިޝްތޭ ގައުމުން ބޭރަށް ދިޔައީ ކީއްވެގެންކަންވެސް އޭނާއަށް އެނގެއެވެ.
އޭނާއަށް ހުރިހަައި ކަމެއް އެނގެއެވެ. މިހާރު އޭނާ އެހެރީ ނުކުޅެދޭ މީހަކަށް ވެފައިކަންވެސް އޭނާއަށް އެނގެއެވެ. އޭނާގެ ކަޝިޝް ނެތިއްޖެއެވެ. ކުށުގެ އިހުސާސް ކުރެވުނީމާ ހުމާޔޫން އެނބުރި އައީއެވެ. އެކަމަކު އެއީ ފިރިހެނެކެވެ. މެހެމަލްގެ ނުކުޅެދޭ ފަސްބައިގައި އެލިގަނެގެން އޮންނާނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ އޭނާގެ ކަންފަތް ތޫނުކަން ނިކަން ދެކިބަލާށެވެ. އެބުނާ ރެކޯޑިންއެއްގައި އަނގޮޓީގެ ވާހަކަ ދެއްކީމާ އޭނާއަށް ވަރަށް ރީތިކޮށް ފާހަގަ ކުރެވިއްޖެއެވެ. އެކަމަކު މެހެމަލް "ފަވާދްބޭބޭ. ފަވާދްބޭބޭ." އޭ ގޮވަމުން ދިޔައިރު އެ ޖުމުލައިގައި އޮތް "ބޭބެ" އޭނާގެ ތޫނު ކަންފަތަކަށް ނުވަނެވެ. ހުމާޔޫން އޭނާގެ މީހަކަށް ވެގެން ހުންނާނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ ކޮންމެވެސް އެއް ދުވަހަކުން އެހެން އަންހެނެއްގެ އަވައިގައި ޖެހިގެން އޭނާ ދޫކޮށްލާނެއެވެ. އެހައިތަނުން އޭނާ އެކަނިވާނެއެވެ. އެކަމަކު އެފަދަ ދުވަހެއް އައިނަމަ އޭނާއަކަށް ކެތެއް ނުކުރެވުނީހެވެ. އިރުއިރުކޮޅާ ކުދިކުދިވެގެން ދާނޭހައި ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އެހެންވީމާ އޭނާ ގަސްތުކުރީ ފޫގޮސްފައިވާ ކަންވާރަށް ވާށެވެ. ފަރިޝްތޭ އިއުތިރާފުވިއެވެ. އެކަމަކު މާފަކަށް ނޭދެއެވެ. ހުމާޔޫން މާފަށް އެދިފިއެވެ. އެކަމަކު އިއުތިރާފެއް ނުވެއެވެ. އެކަމަކު ދެމީހުންވެސް އެތިބީ ޒިންމާއިން ބަރީއަ ވެއްޖެ ކަމަށް ގަބޫލު ކޮށްގެންނެވެ.
"ތައިމޫރް." އޭނާގެ އުނގުގައި ބޯ އަޅައިލައިގެން އޮތް ތައިމޫރްގެ ބޮލުގައި މެހެމަލް ފިރުމައިލިއެވެ.
"ހޫނ..." ތައިމޫރް އޮތީ ދެބަދޭތެރޭގައެވެ.
"ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ ކިޔައިދޭން ޖެހުނީމާ މަންމަ ކަންބޮޑުވާ ވާހަކަ ދަރިފުޅު ބުނީމެއްނު؟"
"ހޫނ..." ތައިމޫރް ނިދިބަރުކައިފައިވާ އަޑަކުން ބުނެލިއެވެ.
"މަންމަ ކަންބޮޑުވަނީ ކީއްވެގެންކަން އެނގޭތަ؟" މެހެމަލް ކަރުނަ ފޮހެލިއެވެ. "އެއީ ޔޫސުފް ޢަލައިހިއްސަލާމަކީ ވަރަށް ކެތްތެރި ބޭކަލަކަށް ވާތީ. އެކަލޭގެފާނު ބައްޕާފުޅު ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވޭ." އޭނާގެ ހަނދާނަށް އެހެން ކަމެއްވެސް އަތުވެއްޖެއެވެ.
"އެކަމަކު އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނު ގެންގޮސް އަނދިރި ވަޅަކަށް ވައްޓައިލީ." އޭނާގެ ލޮލުގެ ކުރިމަތީގައި މާޒީގެ މަންޒަރުތައް ނިއުޅުވޭން ފަށައިފިއެވެ.
"އޭގެ ފަހުން ހައެއްކަ ދިރުހަމަށް މިސުރުގެ ބާޒާރުގައި އެކަލޭގެފާނު ވިއްކައިލެވުނީ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އެޅުވުނު. އެތައް އަހަރަކު ޖަލުގައި ގައިދީއެއްގެ ގޮތުގައި އޮންނެވި. އޭގެ ފަހުން އެކަލޭގެފާނު މިސުރުގެ ފިނޭންސް މިނިސްޓަރަށް ވެވަޑައިގަތް. އެއީ އެކަލޭގެފާނު ވިއްކައިލެވުނު ސަހަރުގެ މާލީ ވަޒީރު. އޭގެ ފަހުން އެކަލޭގެފާނަށް އަޚުންނާ ބައްދަލުވެ ވަޑައިގަތް. އެއީ އެކަލޭގަފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އެޅުވި އަޚުން. އެކަލޭގެފާނު ގެކޮޅުން ނެރެ ވަޅަކަށް ވައްޓާއިލީ އަޚުން. އެމީހުން އެކަލޭގެފާނުގެ އަރިހަށް އައީ މާފަށް އެދެން. އެ މާތް ނަބިއްޔާ އެ ވަގުތު އެއްވެސް ޝަކުވާއެއް ނުކުރައްވާ. އިހުސާންތެރިކަމުގެ ވާހަކައެއް ނުދައްކަވާ. ވަގުތުން އެންމެންނަށް މާފު ކުރައްވައިފި. މަންމަ ކަންބޮޑުވަނީ އެހެން ވެގެން. ދަރިފުޅާ. މާފު ކުރުމުގައި އެ ދަރަޖައަށް މަންމައަށް ނުދެވޭތީ. ދަރިފުޅާ..."
މެހެމަލް ކުޑައިރުކޮޅަކު ޖަވާބަކަށް އިންތިޒާރު ކުރުމަށް ފަހު ކުޑަކޮށް ގުދުވެ ބަލައިލިއެވެ.
ތައިމޫރް އޮތީ ނިދައި މަރުވެފައެވެ.
ތޭވީސް
އެއީ ބޮޑު ކޮޓަރިއެކެވެ. ގޭގެ ޓީވީ ކޮޓަރިއެވެ. ކޮޓަރީގެ އެއް ބިތް ގާތްގަނޑަކަށް ފުރިފައި އެހެރީ ބޮޑު ޕްލަސްމާ ޓީވީއަކުންނެވެ. ޓީވީން ފެންނަނީ ރީތި، ހިތްގައިމު މަންޒަރެކެވެ.
ފެންނަނީ ބޮޑު މާލަމެކެވެ. މުޅި ތަން އޮތީ ދިއްލައި އަޅައިފައެވެ. މާލަން ފުރޭންދެން މީހުން އެބަތިއްބެވެ. އިސްޓޭޖުގައި ތިބީ ދަންނަބޭކަލުންނެވެ. ޕޯޑިއަމް ކައިރީގައި ހުރެގެން މީހަކު ވާހަކަ ދައްކަނީއެވެ.
ސޯފާގައި އިށީނދެގެން އިން ހުމާޔޫން ދާވޫދް ޓީވީގެ އަޑު ބާރުކޮށްލިއެވެ. އެޔަށް ފަހު ކަޅިވެސް ޖަހައިނުލައި ޓީވީއަށް ބަލަހައްޓައިގެން އިނީއެވެ.
"އެއީ މިއަދު ފައިސަލާ ކުރެވުނު ކަމެއް ނޫން. ޤުރްއާނަކީ ހަމައެކަނި ޢަރަބި ބަހުން އޮންނަ އެއްޗެއް ކަމާއި ތަރުޖަމާއަކީ ޤުރްއާން ނޫން ކަމަށް ކަނޑައަޅައި އެއްބަސްވީ ވިހިވަނަ ގަރުނުގެ ކުރީކޮޅުގައި."
ރޯޝަން މޫނެއްގެ ވެރި ޒުވާން ޢިލްމުވެރިޔާ ފަސޭހަކަމާއެކު އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާ ހުރީ ކޯޓުފަޓުލޫނުގައެވެ. މޫނުމަތީން ފެންނަނީ މަޑުމައިތިރިކަމާއި ހިތްހެޔޮކަމެވެ. ތުނބުޅިއެއް ހުއްޓެވެ. ބޮލުގައި ތާކިހަލެއް އޮތެވެ. އޭނާގެ ލޯ އާދަޔާ ޚިލާފަށް ރީތިކަމުގައި ފާހަގަ ކުރެވެއެވެ. ހީވަނީ ސާފު ބިއްލޫރިކޮޅެއް ހެންނެވެ. ހިނިތުންވުންވެސް އެހައި ފަރިއެވެ. މާލަމުގައި ތިބި މީހުން އޭނާގެ ވާހަކަ އަޑުއަހަން ހިމޭނުން ތިބީ އެ ޒުވާނާގެ ކިބައިގައި ހުރި އާދަޔާ ޚިލާފު ސިފަތަކެއްގެ ސަބަބުންކަން ޔަގީނެވެ.
"މިއަދުގެ ޒުވާނުން ކީރިތި ޤުރްއާން ހުޅުވައިލައިފައި ބުނާ ވާހަކައެއް އޮވޭ. އެމީހުން ބުނާ ގޮތުގައި އެމީހުން ޅައިރު އަޑުއަހާ ކަހަލަ އަސަރެއް ޤުރްއާނަކުން ފާހަގައެއް ނުކުރެވޭ. އެމީހުންނަށް އަޑު އިވިފައި އޮންނަނީ އަރަބި ކަރައިގެ މީހުން ޤުރްއާންގެ އަޑު އިވިފައި ސަޖިދައަށް ތިރިވާ ވާހަކަ. އަދި ވަގުތުން އީމާންވާ ކަމަށްވެސް އެމީހުންނަށް އޮންނަނީ އަޑު އިވިފައި. ޤުރްއާނަށް މުންކިރު ވުމަށް ފަހުގައިވެސް އަބޫޖަހުލު ފަދަ ޖައްބާރު ކާފަރުން ސިއްރުސިއްރުން ޤުރްއާން ކިޔަވާ އަޑު އަހަން އަންނަ ސަބަބަކީ ކޮބައިތޯ؟ އަރަބީންނަށް އެ ފެންނަ ކަހަލަ އަސަރެއް އަޅުގަނޑުމެންނަށް ފާހަގަ ނުކުރެވޭ ސަބަބަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް ފެންނަނީ ވާހަކަ ފޮތެއް. ދޭތެރެދޭތެރެއިން ކޮންމެވެސް ނަސޭހަތަކާއި ނަމާދާއި ޒަމާތުގެ ހުކުމްތައް އައި ނަމަވެސް ފެންނަނީ ވާހަކަ ފޮތެއް."
ހުމާޔޫން އަނެއްކާވެސް އަޑުގަދަ ކޮށްލިއެވެ.
"ޑޮކްޓަރ މޮރިސް ބުކާއީގެ ވާހަކަ ތިޔަ ބޭފުޅުން އަޑުއެއްސެވީމުތޯ؟" އޭނާ ވާހަކަ ދެއްކުން ހުއްޓައިލާފައި މާލަމުގެ ތެރެއަށް ނަޒަރެއް ހިންގައިލިއެވެ. އެންމެންމެ ތިބީ ހިމޭނުންނެވެ.
"ޑޮކްޓަރ މޮރިސް ބުކާއީއަކީ ފަރަންސޭސި ޑަކްޓަރެއް. އޭނާގެ ގާތަށް ފަރުވާ ހޯދަން އަންނަ ކޮންމެ މީހެއް ގާތު އޭނާ ބުނޭ ޤުރްއާނަކީ ހައްގު ބަހެއް ނޫނޭ. ބަޔަކު ހަދައިގެން އުޅޭ ފުލޯކު ވާހަކަތަކެކޭ. ބަލިމީހުން ބުނާނީ ކީކޭތޯ... އެމީހުން ހިމޭނުން ތިބެނީ. ދެންވީ ކިހިނެއްތޯ؟ ދިމާވީ ގޮތަކުން ސަޢޫދީ ރަސްގެފާނު ފައިޞަލަށް ބޭސް ފަރުވާ ކުރަން ބުކާއީއަށް އަންނާން ޖެހިއްޖެ. އޭނާ މި ވާހަކަ ހަމަ މި ގޮތަށް ރަސްގެފާނަށް ދަންނަވައިފި. ޤުރްއާނަކީ ބަޔަކު ހަދައިގެން އުޅޭ އެއްޗެކޭ... ރަސްގެފާނު ސުވާލު ކުރެއްވި... ކަލޭ ދުވަހަކުވެސް ޤުރްއާން ކިޔެވިންހޭ... އޭނާ ދަންނަވައިފި... އާދޭހޭ ކިޔެވީމޭ... ރަސްގެފާނު ސުވާލު ކުރައްވައިފި ކިޔެވީ ކޮން އެއްޗެއްހޭ. އޭނާ ދަންނަވައިފި ޤުރްއާނުގެ ތަރުޖަމާ ކިޔެވީމޭ. ރަސްގެފާނު ވިދާޅުވެއްޖެ. ޤުރްއާން ބާވައިލެއްވީ އަރަބި ބަހުންނޭ. އެހެންވީމާ ކަލޭ ތިޔަ ކިޔެވީއަކީ ޤުރްއާނެއް ނޫނޭ. ކަލޭ ކިޔެވީ ޤުރްއާން ކަމަށް އެ ތަރުޖަމާކުރި މީހަކު ބުނި އެއްޗެއް ނޫންހޭ."
"އޭގެ ފަހުން ދެ އަހަރު ދުވަސް ވާންދެން ޑޮކްޓަރ މޮރިސް ބުކާއީ އަރަބިބަސް ކިޔެވި. އެޔަށް ފަހު އަސްލު ޤުރްއާން ކިޔެވީ. އެޔާއެކު އިސްލާންވެސް ވެއްޖެ. އަޅުގަނޑުމެން ކިޔަވާ ޤުރްއާނުގެ މާނައެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެންވީމާ ބަލަނީ ތަރުޖަމާ. ތަރުޖަމާ ބެލުމަކީ ނުބައި ކަމެކޭ އަޅުގަނޑު ނުދަންނަވަން. އެކަމަކު އަޅުގަނޑުމެން ކިޔާ ތަރުޖަމާއަކީ ﷲ ބާވައިލެއްވި އެއްޗެއް ނޫން. އެހެންވީމާ ތަރުޖަމާގައި އުނިކަން ހުންނާނެ. ޤުރްއާނުގެ އަސްލު ދެނެގަންނާން ބޭނުމިއްޔާ ޖެހޭނީ އަރަބި ބަހުން ޤުރްއާން ދަސްކުރަން."
ފަރިޝްތޭ އައިސް ހުމާޔޫން އިށީނދެގެން އިން ސޯފާގެ ފުރަގަހުގައި ހުއްޓިއްޖެއެވެ. އޭނާވެސް ކަޅި ޖަހައިނުލައި ބަލަނީ ޓީވީއަށެވެ.
"އެކަން ކުރެވޭނޭ ދެ ގޮތެއް އެބައޮތް. އެއް ގޮތަކީ އަރަބިބަސް ރަނގަޅަށް ދަސްކުރުން. އަނެއް ގޮތަކީ ޤުރްއާން ފަހުމުވާ ވަރަށް އަރަބިބަސް ދަސްކުރުން. ޤުރްއާންގެ އަރަބި ދަސްކޮށްގެން ޤުރްއާން ފަހުމު ކުރެވޭވަރު ވާނެ... ސުވާލެއް އެބައޮތްތޯ؟"
އޭނާ މާލަމަށް ނަޒަރު ހިންގައިލިއެވެ.
އިސްޓޭޖުގެ ކައިރީގައި ހުރި މައިކްރޯފޯނުގެ ކައިރިއަށް އަންހެން ކުއްޖަކު އައިސް ހުއްޓިއްޖެއެވެ. "އައްސަލާމް ޢަލައިކުމް ޑޮކްޓަރ ތައިމޫރް ހުމާޔޫން."
"ވަޢަލައިކުމުއްސަލާމް." އޭނާ ސަލާން ބަލައިގަތެވެ.
"ސަރ. ދެންމެ ދެއްކެވި ވާހަކަފުޅު އަހައިފައި އަޅުގަނޑުގެ ހިތުގައި ސުވާލެއް އުފެދިއްޖެ. އަރަބި ބަހަކީ ނުލާހިކު އުނދަގޫ ބަހެއް. އެއީ އަޅުގަނޑުމެންގެ މާދަރީ ބަހެއް ނޫން. އާދައިގެ މީހަކު އެ ބަސް ދަސްކުރާނީ ކިހިނެއްތޯ؟"
ޑޮކްޓަރ ތައިމޫރް ހިނިތުންވެލިއެވެ.
"ދަސްކުރާނީ އާދައިގެ މީހާ ދުނިޔަވީ އިލްމު ލިބިގަތުމަށްޓަކައި އިގިރޭސިބަސް ދަސްކުރި ގޮތަށް. އެއީވެސް އަޅުގަނޑުމެންގެ މާދަރީ ބަހެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް އިނގިރޭސިބަސް އެބަ އެނގެއެއް ނޫންތޯ؟ އަރަބިބަސް ކިޔަވަން މާފަސޭހަ ވާނެ. އެއީ އިނގިރޭސި ބަހަށްވުރެ އަޅުގަނޑުމެންގެ ބަހާ މާ ގާތް ބަހަކަށް އަރަބި ބަސް ވާތީ."
އަންހެން ކުއްޖާ ހީނލިއެވެ. އެޔާއެކު މުޅި މާލަމަށް އެ ހިނިތުންވުން ފެތުރިގެން ދިޔައެވެ.
"އަޅުގަނޑުގެ ސުވާލެއެއް އެބައޮތް... ސަރ." ދެން މައިކްރޯފޯނުގެ ކައިރިއަށް އައިސް ހުއްޓުނީ ޒުވާން ފިރިހެން ކުއްޖެކެވެ. "މީގެ ކުރީ ދުވަހަކު ޑޮކްޓަރ ތައިމޫރް ދެއްކެވި ވާހަކަފުޅުގެ އަޑު އަހައިގެން އަޅުގަނޑު ޤުރްއާން ދަސްކުރާން ފެށިން. ކުރީކޮޅު ވަރަށް ރަނގަޅު. އެކަމަކު މިހާރަކު ކުރީގެ ކައިފިއްޔަތެއް ނެތް. ޤުރްއާން ކިޔެވީމާ އިހަށް ކުރެވޭ އިހުސާސެެއް ނުކުރެވޭ. ކިޔަވަން ފެށްޓިމާ ސިކުނޑި ދަތުރު ކުރަނީ އެހެން ދިމާއަކަށް."
ތައިމޫރް މައިކް ކައިރިކޮށްލުމަށް ފަހު ސީދާ އެ ކުއްޖާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެ ސުވާލުކޮށްލިއެވެ. "ދޮގު ހައްދަވަންތޯ؟"
"ކީކޭތޯ؟" އެ ކުއްޖާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"ހަނދުމަފުޅު ބަހައްޓަވާތި. ޤުރްއާނުން އަސަރު ކުރާނީ ތެދުވެރި އަމާނާތްތެރި ހިތަކަށް. އަމާނާތުގެ މަގުގައި އެޅުނު އެންމެ ކަތި ފިޔަވަޅެއްގެ ސަބަބުން ޤުރްއާން އެމީހާ ދޫކޮށްލި އިލްމުވެރިން އަޅުގަނޑު ވަނީ ދެކެފައި. އޭގެ ފަހުން އެ މީސްމީހުންނަކަށް ޤުރްއާނުގައި އަތެއްވެސް ނުލެވޭ."
ވާހަކަދައްކަމުން ދިޔައިރު ތައިމޫރް ހުމާޔޫންެގެ ބިއްލޫރި ލޮލުން ހިތާމައިގެ ކުލަވަރެއް ފައުޅުވިއެވެ.
ގޮނޑީގެ ފުރަގަހުގައި ހުރި ފަރިޝްތޭއަށް ބޭއިޚްތިޔާރުގައި ބަލައިލެވުނީ ފާރުކައިރީގައި ހުރި މޭޒަށެވެ. މޭޒުމަތީގައި އޮތީ ދާދި ދެންމެއަކު އޭނާ ގެނެސް ބޭއްވި މުސައްލައެވެ. މޭޒާ ޖެހިގެން ހުރި ހަރުގަނޑުގެ މަތީގައި ޚަތިމެއް އޮތެވެ. އުރައަކަށް ލައިފައި އޮތް ޚަތިމެކެވެ. އުރަ ވަރަށް ރީއްޗެވެ. އެކަމަކު އެޔަށް ހުރީ ހިރަފުސް އަރައިފައެވެ. އޭގައި މިއިން ދުވަހަކު މީހަކު އަތް ޖައްސައިނުލާކަން އެނގެއެވެ. އެ ޚަތިމާ ހަމައަށް އޭނާގެ އަތް ފޯރާނީވެސް ގޮނޑިއަކަށް އަރައިގެންނެވެ.
"ތެދުވެރިކަމާއި އަމާނާތްތެރިކަން އެމީހެއްގެ ކިބައިގައި ހުރި މީހަކު ބޭނުންވާ ހިދާޔަތު ކީރިތި ޤުރްއާނުން ހުންނާނީ އަބަދުވެސް ލިބިލިބި." ތައިމޫރް ބުންޏެވެ.
"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދައުރުގެ ތާރީޚަށް ބަލާއިރު އަޅުގަނޑުމެން އަބަދުވެސް ފާހަގަ ކުރަމުން ދަނީ އެއީ ޖާހިލިއްޔަތުގެ ޒަމާނެއް ކަމަށް. އެ ދުވަސްވަރު އުޅުނީ ޖާހިލު އަދި ތަނެއް ދޮރެއް ނުދަންނަ ބަޔަކު ކަމުގައި ކިޔައި އުޅެމު. އެއީ އަންހެން ދަރިން ދިރިތިއްބާ ވަޅުލާ ބަޔަކު ކަމުގައި ކިޔަމު. އެކަމަކު އެމީހުންގެ ކިބައިގައި ބައެއް ރީތި ސިފަވެސް ހުރި. އެއީ މެހުމާނުންނަށް ވަރަށް ބޮޑަށް ކަމޭހިތާ ބައެއް. ވަޢުދަށް ޙުރުމަތްތެރިކޮށް ހިތާ ބައެއް. އަންހެން ދަރިން ދިރިތިއްބާ ވަޅުލުމަކީވެސް އަރަބީންގެ ފަގީރު ގަބީލާތަކެއްގެ ތެރޭގައި އޮތް ކަމެއް. އެ ދުވަސްވަރުވެސް އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކު އުޅުނު. އެފަދަ މީސްމީހުން ފިދުޔަ ދީފައި އަންހެން ކުދިން ސަލާމަތް ކުރަމުންވެސް ގެންދިޔަ. ދެން އޮތީ ތެދުވެރިކަމުގެ ވާހަކަ. އެ ދުވަސްވަރުގެ އަރަބީންގެ މެދުގައި ތެދުވެރިކަން ވަރަށް ބޮޑަށް އަށަގެންފައި އޮތް. މީހަކު ދޮގެއް ހަދައިފިއްޔާ އެމީހުން ހައިރާންވޭ. އެބައިމީހުންގެ މައްޗަށް ޤުރްއާން ބާވައިލެއްވީ އެހެންވެގެން. އަޅުގަނޑުމެންގެ މައްޗަށް އެ ފޮތް ބާވައިލެއްވިނަމަ ވާނީ ކިހިނެއްތޯ؟ އަޅުގަނޑުމެންނަކީ ތެދު ބަހުން ވާހަކަ ދައްކާ ބަޔަކީމެއް ނޫން. އމާނާތްތެރިވާ ބަޔަކީމެއް ނޫން. އެއީ ޒިންމާއަކަށް ވިޔަސް، މީހެއްގެ އަބުރަަކަށް ވިޔަސް، ސިއްރަކަށް ވިޔަސް އަޅުގަނޑުމެންނަށް އާދަވެފައި މި އޮންނަނީ ޚިޔާނާތްތެރިވާން."
* * *
މެހެމަލް ހިނިތުންވެލައިފައި ޓީވީއަށް ބަލައިލިއެވެ.
އެއީ ދޯހާގައި އޮތް ސެމިނާރެކެވެ. ލާހޯރްގައި ހުރެގެން މެހެމަލް ސެމީނާރު އެ ބަލަނީ ޓީވީންނެވެ. ސެމިނާރު ނިމުމާއެކު ތައިމޫރް ރަށަށް އަންނާން ފުރާނެއެވެ. ރޭގަނޑު ތައިމޫރް ކާނީ އޭނާޔާއެކު ކަން މެހެމަލަށް އެނގެއެވެ. އެހެންވީމާ ތެދުވެގެން އެތެރެއަށް ވަންނާން ހިނގައިގެންފިއެވެ.
ތައިމޫރަށް ކެއްކުމަކީ އަބަދުވެސް ސީދާ އޭނާ ކުރާ ކަމެކެވެ. އާޣާ ކަރީމަށް ކައްކަނީ ގޭގެ ނޯކަރެކެވެ.
އޭނާ ކޮޓަރިޔާ ދިމާއަށް ދަމުން އާޣާ ކަރީމްގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. "އާޣާޖާން. ސައި ބައްލަވައިފިންތޯ؟"
އާޣާ ކަރީމް އޮތީ އެނދުގައި އޮށޯވެގެންނެވެ. އެއްފަޅި ވާގިނެތިފައި ވުމާއެކު އޭނާގެ އަނގައިގެ އެއްފަރާތުގައި ވާތްގެއް ނެތެވެ. މެހެމަލްގެ އަޑު އިވުނީމާ އޭނާ ހިނިތުންވެލެވޭތޯ މަސައްކަތް ކުރިއެވެ. އޭނާގެ ދަރިންނަށް ބުރައަކަށް ވީހިސާބުން އޭނާ ގެނެސްގެން ބަލަނީ މެހެމަލެވެ.
"ތައިމޫރް ބުނީ މިރެއަށް އަންނާނަމޭ." މެހެމަލް އެނދުކައިރިއަށް ޖެހިލައި އާޣާ ކަރީމްގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ. "އެހެންވީމާ މިރެއަށް ވަރަށް ރަނގަޅަށް ކައްކާނަން. ތިން މީހުން އެކީގައި ނުކާތާ ލައްކަ ދުވަސްވެއްޖެ."
އާޣާ ކަރީމް އަނެއްކާވެސް ހިނިތުންވެލެވޭތޯ އުޅުނެވެ. އެޔާއެކު އޭނާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.
"އާޣާޖާން. ފިކުރު ނުރައްވާ. އަޅުގަނޑު އެބަހުރީމެއްނޫންތޯ؟ ﷲ ތަޢާލާ އަޅުގަނޑަށް ބަލިން ޝިފާދެއްވި ގޮތަށް އިރާދަކުރެއްވިއްޔާ އާޣާޖާނަށްވެސް ޝިފާ ދެއްވާނެ." އޭނާ މަޑުމަޑުން އާޣާ ކަރީމްގެ ކަރުނަ ފޮހެލައި ދިނެވެ. "އަޅުގަނޑު މިސްކިތަށް ދާންވެސް އެބަޖެހޭ. އަޅުގަނޑުގެ ދަރެހެއް އެބައޮތް. ގަޑިއެއްހާއިރު ވާނެ. އަވަހަށް އާދެވޭތޯ ބަލާނަން." މެހެމަލް ތެދުވެގެން ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ.
އާޣާ ކަރީމް މިހާރު ރޮނީއެވެ.
އޭނާ ބޭރަށް ނުކުމެ ސިޑީގެ ކައިރީގައި ހުރި ހަމައިސްކޮޅުގެ ލޯގަނޑުގެ ކައިރިއަށް ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ. މިހާރު ލޯގަނޑުން ފެންނަނީ އުމުރުން ދުވަސްވީ މީހެކެވެ. އެކަމަކު ރީތިކަމެއް ނުގެއްލެއެވެ. އޭނާ ހިނިތުންވެލިއެވެ.
މިއަދުވެސް އޭނާއަކީ ހަމަ އިހަށްހައި ތާޒާ އަދި ރީތި އަންހެނެކެވެ. ކޮންމެ ދުވަހަކު ހެނދުނު އޭނާ ހަމަ ކުރިންވެސް ކުރި ދަތުރު ކުރެއެވެ. ދަނީ އެއް މަގަކުންނެވެ. އެއް ދިމާއަކަށެވެ.
އޭނާ ޓީވީ ނިއްވައިލިއެވެ. ތައިމޫރްގެ ޕްރޮގްރާމް ނިމިއްޖެއެވެ. މޭޒުމަތީގައި އޮތް ދަބަސް ނަގައިގެން އޭނާގެ ހުދު ބޭރުގަނޑުލީ މުޞަޙްފް ހިފައިގެން އޭނާ އާޣާ ހައުސްގެ ދޮރާށިން ބޭރަށް ނުކުމެއްޖެއެވެ.
* * *
މިސްކިތަށް ދިއުމުގެ ކުރީން އޭނާ ބަސް ހުއްޓާ ތަނަށް ދެއެވެ. އެއީ ކޮންމެ ދުވަހަކު އޭނާ ކުރާ ކަމެކެވެ. އޭނާ އެއްކަލަ ކަޅު އަންހެން ކުއްޖާ ފެނޭތޯ ހޯދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެއީ އޭނާއަށް ޤުރްއާން ތައާރަފުކޮށްދިން ކުއްޖާއެވެ. އޭނާ ބޭނުންވަނީ އެ ކުއްޖާއަށް ޝުކުރު އަދާކުރާށެވެ.
ހެދުނުގެ ފިނިފިނި ވައިރޯޅި ޖެހެމުން ދިޔައެވެ. ދުރުން ދޫނިތައް ގޮވާ އަޑު އިވެއެވެ. އޭނާ މުޞްފަހް މޭގައި ޖައްސައިލައިގެން އައިސް ބަސްހުއްޓާ ތަނުގެ ގޮނޑިއެއްގައި އިށީނދެއެްޖެއެވެ. މިއަދުވެސް އޭނާ އައީ އެ ކުއްޖާ ފެނިދާނޭ ކަމުގެ އުއްމީދުގައެވެ.
ކުރީރޭ ވަރަށް ބޯކޮށް ވާރޭ ވެހުނެވެ. އެހެންވީމާ މަގުތައް އޮތީ ތެތާއެވެ. އޭނާ އިސްޖަހައިލައިގެން އިނދެ ބިންމަތީގައި ހިރެމުން ދިޔަ ހިންޏަށް ބަލަނީއެވެ.
ފަނަރަ މިނިޓު ފާއިތު ވެގެން ހިނގައްޖެއެވެ. އެކުއްޖާގެ ޚަބަރެއް ނުވެއެވެ.
މާޔޫސީއާއެކު މެހެމަލް ތެދުވެގެން ދާން ތައްޔާރުވެއްޖެއެވެ.
އެވަގުތު ފިޔަވަޅެއްގެ އަޑު އިވިގެން އޭނާ އިސްއުފުލައި ބަލައިލިއެވެ.
ދުރުން އަންހެން ކުއްޖަކު އަންނާތީ އެބަ ފެނެއެވެ.
ކޮނޑުގައި ދަބަހެއް އޮތެވެ. އަތުގައި މޯބައިލް ފޯނެއް އޮތެވެ. އިސްތަށިގަނޑު އޮތީ ކޮނޑާ ހަމައަށް ކޮށައިފައެވެ. ލައިގެން ހުރީ ޖީންސަކާއި ކުރުތާއެކެވެ. އަންނަނީ ޗުވިންގަމް ކަމުންނެވެ. އެއައި ގޮތަށް އައިސް ގޮނޑީގައި އިށީނދެއްޖެއެވެ.
"ކީކޭ ހިތައިގެން އުޅޭ ގޮލައެއްތަ؟" އެކުއްޖާ ނުރުހުމުގެ ރާގަކަށް މިހެން ބުނެލުމަށް ފަހު މޯބައިލް ފޯނު ދަބަހަށް ލައިފިއެވެ.
މެހެމަލް އިނީ އެ ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެވަގުތު އޭނާގެ ކުރިމަތީގައި މާޒީގެ މަންޒަރެއް ސިފަވެގެން ދިޔައެވެ.
އެ ކުއްޖާ އެކި ދިމަދިމާއަށް ތަންގީދީ ނަޒަރަކުން ބަލާން ފަށައިފިއެވެ. މެހެމަލް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އިންކަން އެނގުނީމާ ސިހުނެވެ.
މެހެމަލް އަވަސްއަވަހަށް އިސްޖަހައިލިއެވެ. ކައިރީގައި ގޮނޑިމަތީގައި އެ ކުއްޖާގެ ދަބަސް އޮތެވެ. ދަބަހުގެ ބޭރުގައި އެކި ވަރުވަރުގެ އަކުރުން އެ ކުއްޖާގެ ނަން ލިޔެފައި އޮތެވެ.
"ޢިޝާ ޙައިދަރް."
މެހެމަލަށް ހިނިތުންވެލެވިއްޖެއެވެ. އޭނާގެ ހަނދާނުގެ ފީތާ ހަލުވިކަމާއެކު ނިއުޅުވެމުން ދަނީއެވެ.
"ސަލާމް." އެ ކުއްޖާ ޗުވިންގަމް ކަމުން މެހެމަލާ ދިމާއަށް ބުނެލިއެވެ. މެހެމަލް އިސްއުފުލައި ބަލައިލިއެވެ.
"ސަލާމް."
"އަޅުގަނޑު ކޮންމެ ދުވަހަކު ތިޔަ ބޭފުޅާ މިތަނުން ދެކެން. އަދި..." އެ ކުއްޖާ މެހެމަލްގެ އުނގުމަތީގައި އޮތް ދަބަހަށް ބަލައިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އެ ދަބަސް މަތީގައި އޮތް މުޞްޙަފަށެވެ. "ތިޔަ ފޮތްވެސް ކޮންމެ ދުވަހަކު ދެކެން. ވަރަށް ފަރުވާތެރިކަމާއެކު ގެންގުޅުއްވާތީވެސް ފެނޭ. ތިޔައިގައި މާ ޚާއްސަ ވާހަކަތަކެއް ހުރީތޯ؟"
މެހެމަލް އޭނާގެ މުޞްޙަފަށް ބަލައިލިއެވެ. އެ ފޮތް މިހާރު ފެންނަނީ ގަދީމީ ފޮތެއްގެ ގޮތުގައެވެ. އެ ފޮތް އޭނާ ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންވީމާ އިހަށް ހުރި އައު ކަމެއް ނެތެވެ. ސަފުހާތައްވެސް ހުރީ ރީނދޫވާން ފަށައިފައެވެ. ބޭރުގެ ހުދުކުލަވެސް މިލަ ކުލައަކަށް ވެފައެވެ.
"އާނ. މިއީ ވަރަށް ޚާއްސަ ފޮތެއް." މެހެމަލް ހިނިތުންވެލިއެވެ.
"އެ ޚާއްސަ ކަމަކީ ކޮބައިތޯ؟" އެކުއްޖާ އަހައިލިއެވެ.
"މި ފޮތުގައި އޮތީ ޢިޝާ ހައިދަރްގެ ވާހަކަ. އޭނާގެ ދިރިއުޅުމުގެ ވާހަކަ. އޭނާއަށްޓަކައި ހުރި މެސެޖުތަކެއްވެސް މި ފޮތުގައި އެބަހުރި. ޚާއްސަ ވަނީ އެހެން ވެގެން."
އެ ކުއްޖާ އަނގަ ހުޅުވިފައި ބަލަހައްޓައިގެން ހުރެފައި އަހައިލިއެވެ. "ކޮން ޢިޝާ ޙައިދަރެއް؟"
"އެއީވެސް މި ދުނިޔޭގައި އުޅޭ ކުއްޖެއް. ހިތާމަވެރި ދިރިއުޅުމެއް އުޅޭ ކުއްޖެއް. މީހުން ދައްކާ ވާހަކަތަކާ ހެދި ނުރުހުންވެފައި ހުންނަ ކުއްޖެއް. އެއްވެސް މީހަކަށް އެ ކުއްޖާގެ ހިތުގެ ހާލަތެއް ނޭނގޭ. އެ ކުއްޖާ ބޭނުންވަނީ ދުނިޔޭގައި އޭނާގެ މަގާމު ހާސިލުކުރަން."
އެ ވަގުތު ބަހުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. ބަސް އަންނަތަން މެހެމަލަށް ފެނިއްޖެއެވެ.
"އަހަރެން ދަނީ. ތިޔަ އުޅެނީ އެ ބަހަށް އަރާކަށްނު؟ އަވަހަށް ދޭ." މެހެމަލް ދަބަހާއި މުޞްޙަފް ހިފައިގެން ތެދުވެއްޖެއެވެ. އެ ކުއްޖާ އާގަމަވެފައި އިނީއެވެ.
މެހެމަލް މަޑުމަޑުން ދުރަށް ދާން ހިނގައިގެންފިއެވެ.
"ބައްލަވާ... މަޑުކުރައްވަބައްލަވާ." އެކުއްޖާ ކުއްލިއަކަށް ބަހަކާ ބަހެއް ކޮށްފައި އޭނާގެ ފަހަތުން ހިނގައިގެންފިއެވެ.
(ނިމުނީ)
V reethi ibrai theri vahakaye
V v v reethi vaahaka eh. Maashaa Allah
Naeem ashaai aafathis team ah v v bodah shukuriyyaa. Jazaakumullaah
Asdhi mivahaka kiuhvi kiumtherinah bunelah muahaf gayge matha ranfilaa mtheega nubaava konme dhuvahakues sofha eh kiyaalasheve
Mivaahaka tharjama kurehvi musannifuge visnumah v.v bodah shukru verivah miliumuge emuni eturumai eh usloob Aai aneh usloob gulhifa vanee v.v.v. furihama ah?????????????
މާޝާﷲ މިވަރުގެ ވާހަކައެއް އަދި ކިޔައެއް ނުދެވޭ ވަރަށްވެސް އަސަރުގަދަ ﷲ އެކިމީހުން އިމްތިޙާނު ކުރައްވަނީ އެކި ހިތަށް އެބައިވެސް ވަރަށް ރީތި ތަރުޖަމާއެއް ވިޔަސް އެހެން ބަހަކުން އޮތް އެއްޗެއް ބަދަލު ކުރަން ވީމަ ބޭނުންކުރާ ބަސްމަގު ގެންނަ ގޮތް އެވެސް ތަފާތުވޭ މިވާހަކައިގެ ބަސްތމަގު ގެނެސްދެއްވާފައިވާ ގޮތް ވަރަށް އަސަރުގަދަ ވަރަށް ބޮޑަށް ޝުކުރިއްޔާ މިކަހަލަ ޢިބުރަތްތެރި ރީތި ވާހަކައެއް ގެނެސް ދެއްވި ކަމަށްޓަކައި
Maasha Allah varah furihama vaahaka eh. Vaahaka in foaru kohdhee faivaa message thah varah rangalhu. ?
jazakAllah khair. varah reethi vaahaka eh.
.ވަރަށް ގިނަ ވާހަކަ ކިޔއްޖެ. ޢެކަމަކު މިހާ ރީތި ވާހަކައެއ ނުކިޔަން.ވަރަށް ފުރިހަމަ.ތަލިން ކުޅުހިކިއްޖެ ވާހަކައިގެ މުސައްނިފަށް ސާބަސް.ނައީމުގެ ތަރުޖަމާކުރުމަށް 100?...ދެން ވެސް އިންތިޒާރު ކުރެވެނީ މިކަހަލަ ރީތި އިބްރަތްތެރި ވާހަކައަކަށް.
މާޝާ ﷲ....ނިމްރާ އަޙްމަދުގެ ވާހަކަތަކަކީ އަބަދުވެސް ވަރަށް ރީތި އިބުރަތުން ފުރިފައިވާ ވާހަކަތަކެއް...ހާއްސަކޮށް މިވާހަކައާއި "އަލިފް" ވާހަކަ....
މިފަދަ ރީތި އިބުރަތްތެރި ވާހަކައެއް ތަރުޖަމާކޮށް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވިކަމަށްޓަކައި ނަޢީމްބޭބެއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ....ﷲ ނަޢީމްބޭބެއަށް ރަޙްމަތްލައްވާށި....