
ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓި ބިދޭސީއަކު ނިޔާވެއްޖެއެވެ. މިމީހާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންގެންދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނިޔާވި މީހާ ވެއްޓުނީ ހުޅުމާލޭ ފޭސް 2 ގައި އެމް.ޕީ.އެލް އިން ހަދަމުންގެންދާ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެނދުރު 1:40 ހާއިރުއެވެ.
ނިޔާވި މީހާއަކީ ބަނގްލަދޭޝް މީހެކެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.