ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރައި ލިބުންއޮތީ ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާގެ ތެރެއިން ކޯޓުތަކުންކުރާ ހުކުމެއްގެ މައްޗަށް ކަމަށް ސްޓޭޓު އެސެޓު ރިކަވަރީ ކޮމިޝަނުގެ ޗެއާޕާސަން އަދި ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. "ގެއްލިފައިވާ ފައިސާ ހޯދަން މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ނަވާވީސް ބިލިއަން ހަތްސަތޭކަ ތިރީސް ފަސް މިލިއަން ދުއިސައްތަ ތިރީސް އެއްހާސް ހަތްސަތޭކަ ތިރީސް ހަތްރުފިޔާ ހަލާރި އަޅުގަނޑުމެން ބަލަމުން މިދާ މައްސަލަތަކުންނާއި ބަލައި ނިމިފައިވާ މައްސަލަތަކުން ދައުލަތަށް މުޅި ޖުމްލަ ލިބެން އެބަޖެހޭ،" މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވިއެވެ.
މިހާތަނަށް ބަލައި ނިމިފައިވާ މައްސަލަތަކުން ޖުމްލަ "ތިންބިލިއަން އަށްސަތޭކަ ފަންސާސް މިލިއަން އަށްސަތޭކަ އެގާރަހާސް ދުއިސައްތަ ހަތްދިހަ ދެ ރުފިޔާ ދިހަލާރި،" ދައުލަތަށް ލިބެންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރަށް މިހާރު ބަލަމުންދާ މައްސަލަ ތަކުގެ ޖުމްލަ އަދަދަކީ "ފަންސަވީސް ބިލިއަން އަށްސަތޭކަ އަށްޑިހަ ހަތަރު މިލިއަން ފަސް ސަތޭކަ އެކާވީސް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތަރެއް ޕޮއިންޓް ނުވައެއް ހައެއް ރުފިޔާ" ކަމަށް ވެސް މިނިސްޓަރ އަޒުލީން ވިދާޅުވިއެވެ.
މިފައިސާގެ ތެރެއިން ބައެއް މިހާރު ލިބިފައިވާ ކަމަށާއި އިތުރު ފައިސާ ދެއްކުމުގެ މަރުހަލާގެ ބައެއްކަންކަން ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންވީމާ އެސެޓް ރިކަވަރީ ކޮމިޝަނުން ކުރައްވާ މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވައިލާން ބޭނުންވޭ، މި ނަވާވީސް ޕޮއިންޓް ހަތެއް ބިލިއަންރުފިޔާ ދިވެހިދައުލަތުން ގެއްލިފައިވާކަން ފެނުނު ކަމުގައި ވިޔަސް މިފައިސާތައް ލިބުން ބިނާވެފައި މިވަނީ ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާއިން ކޯޓުތަކުން ކުރާ ހުކުމެއްގެ މައްޗަށް،" އަޒުލީން ވިދާޅުވިއެވެ.
ދައުލަތަށް ގެއްލިފައިވާ އެތައްހާސް މިލިއަން ރުފިޔާއެއް ހޯދުމުގެ މަސައްކަތް އެކޮމިޝަނުން ކުރައްވަމުން ގެންދަވަނީ އެންޓިކޮރަޕްޝަން ކޮމިޝަން، ބަންޑާރަނާއިނުގެ އޮފީސް، ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހާއި، އޮޑިޓަރޖެނެރަލް އޮފީހާ ގުޅިގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަނީ ސިޔާސީ އެއްވެސް މަގުސަދެއް އޮވެގެންނޫން ކަމަށާއި ރައީސް ޔާމީންގެ މަގުސަދަކީ ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ހޯއްދަވައި ދެއްވައި ތަރައްގީ ގެނެސް ދެއްވުން ކަމަށްވެސް އަޒުލީން ވިދާޅުވިއެވެ. އެ މަސައްކަތުގައި ސިޔާސީ އެއްވެސް ފަރާތެއްގެ ފަހަތުން ވަޑައިނުގަންނަވާނެ ކަމަށާއި މަސައްކަތް ކުރަމުން ގެންދަވާއިރު އެފަދަ ކަމެއްގައި ސިޔާސީ ބޭފުޅަކު ހިމެނޭ ކަމަށްވާނަމަ އެކަން ބެލުމަކީ އެހެން ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެ ކޮމިޝަނުން ބައްލަވަމުންދާ މައްސަލަތަކުގެ ތެރޭގައި އެއާމޯލްޑިވްސްއާއި، އެފްޕީއައިޑީގެ މައްސަލަވެސް ހިމެނެއެވެ. އެ ކޮމިޝަނުން ބައްލަވަނީ ވަކި ދުވަސްވަރެއްގައި އެކަނި ހިނގާފައިވާ އެފަދަ ކަންކަން ނޫންކަމަށާއި ދައުލަތުން ފައިސާއެއް ގެއްލިފައިވާނަމަ ކޮންމެ ދުވަސްވަރެއްގައި ހިނގާފައި ވިޔަސް އެކަމެއް ބައްލަވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތުގައި އެ ކޮމިޝަނުން ސުވާލު ކުރައްވަން ބޭނުންވި އެންމެންވެސް އެކަމަށް އެއްބާރު ލެއްވުން ދެއްވައިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް އިޚުލާސްތެރިކަމާއެކު މިކުރަނީ. މިއީ ހަމައެކަނި އެސެޓް ރިކަވަރީ ކޮމިޝަންގެ ޒިންމާއެއްނޫން،" ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.