
މިއަދުވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވި 33 މީހުންގެ ތެރެއިން ދިވެހިންގެ ޢަދަދު އިތުރު ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހިންގެ ޢަދަދަކީ 23 އެވެ. އިތުރަށް ހިމެނެނީ ހަ ބަނގްލަދޭޝީންނާއި ހަތަރު އިންޑިއަނުންނެވެ.
ކޯވިޑްގެ ނިއުނޯމަލްގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ދިވެހިންގެ ޢަދަދު އުޅެނީ ވަރަށް ބޮޑުތަނުން މަތީގައެވެ. އިއްޔެގެ ތަފާސް ހިސާބަށް ބަލާއިރުވެސް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 29 މީހުންނަކީ ދިވެހިންނެވެ.
މިއަދު ޕޮޒިޓިވް މީހުންނާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު ވަނީ 2999 އަށް އަރާފައެވެ. މިހާރު ބަލިޖެހިފައި ފަސޭހަނުވެ ތިބީ 600 މީހުންނެވެ. މިހާތަނަށް 2369 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑްގައި މިހާތަނަށް ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް 67985 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޓެސްޓް ކޮށްފައެވެ.