މޭލެތެރެއިން ކޮވިޑްގެ ބަލި މީހަކު ފެނުމާއެކު ލޮކްޑައުން ކުރުމުގެ ނަތީޖާ މިވަނީ ފެންނަން ފަށައިފައެވެ. ލޮކްޑައުންގެ ސަބަބުން ކޮވިޑާ ގުޅިގެން ކުރިން ދެއްކި ބިރުވެރި އަންދާޒާތަކަށް މިވަނީ ހެޔޮ އަސަރެއް ކޮށްފައެވެ.
ޑޮކްޓަރ ޝީނާ މޫސާ ވަނީ ލޮކްޑައުންގެ ޙާލަތަށް ފަހު ކޮވިޑް ހާލަތަށް އަންނާނެކަމަށް ލަފާ ކުރައްވާ އާ އަންދާޒާތައް ހާމަކުރައްވައިފައެވެ. ގިނަބަޔަކަށް ކޮވިޑް ޖެހި ޕީކަށް ދާނެ ކަމަށް ނުވަތަ ޙާލަތު އެންމެ ގޯސްވާނެކަމަށް ޑޮކްޓަރ ޝީނާގެ އާ އަންދާޒާ ތަކުން ދައްކަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ގާތްގަޑަކަށް 1500 މީހުންނަށް ބަލި ޖެހިފައި ތިބެދާނެކަމަށް އަންދާޒާ ކުރައްވައެވެ. ނަމަވެސް ރާއްޖޭގައި ޓެސްޓް ކުރުމުގެ ޤާބިލްކަންހުރި މިންވަރަށް ބަލާއިރު ބަލިޖެހިގެން ފެންނާނީ 400 އެއްހާ މީހުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ކޮވިޑްގެ މިހާރުގެ ޙާލަތަށް ބަލާއިރުވެސް ދުވާލެއްގެ މައްޗަށް 300 އެއްހާ މީހުން ފެންނަން ޖެހޭނެކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.
މިހާރުގެ އަންދާޒާއިން ދައްކަނީ ޙާލަތު އެންމެ ގޯސްވާ ދުވަހު އަލަށް 34 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހިދާނެކަމަށެވެ. އެދުވަހު އަލަށް ހޮސްޕިޓަލަށް ވައްދަންޖެހޭ މީހުނާއެކު ޖުމަލަ 300 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހިދާނެކަމަށެވެ. ކޮވިޑްގައި މުޅި ޖުމުލަ 13،500 މީހުން ހޮސްޕިޓަލުގައި އެޑް މިޓްކޮށް ފަރުވާ ދޭން ޖެހިދާނެކަމަށް މިހާރުގެ އަންދާޒާތަކުން ދައްކައެވެ. ޙާލަތު އެންމެ ގޯސްވެ ޕީކަށްދާ ދުވަހު އެކަނިވެސް އައިސީޔޫއަށް 12 މީހުން ލާންޖެހިދާނެކަމަށް މިހާރުގެ އަންދާޒާތަކުން ދައްކައެވެ. ނަމަވެސް ކުރިން އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންނާއެކު ޙާލަތު އެންމެ ގޯސްވާ ދުވަހު އެކަނިވެސް 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހިދާނެކަމަށް އަންދަޒާތަކުން ދައްކައެވެ.
ކުރީގެ އަންދާޒާތަކުން ދައްކާ ގޮތުން ޕީކަށް ދާދުވަހު ނުވަތަ ޙާލަތު އެންމެ ގޯސްވާ ދުވަހު އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ އެދުވަހު އެކަނިވެސް 1300 މީހުން ހޮސްޕިޓުގައި އެޑްމިޓް ކުރަންޖެހދާނެއެވެ. ނަމަވެސް ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅައިފިނަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު 300 އަށް ދަށްކުރެވިދާނެއެވެ. ފިޔަވަޅު ތަކެއް ނާޅާ ތިބެއްޖެނަމަ އެންމެ ޕީކަށް ދާ ދުވަހު ނުވަތަ ޙާލަތު ގޯސްވާ ދުވަހު 400 އަށް ވުރެ ގިނަ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާނަމަ ޕީކް ދުވަހެއްގައި އެންމެ ގިނަ ވެގެން ވެސް އައިސީޔޫ އަށް ލާންޖެހޭނީ 100 އެއްހާ މީހުން ކަމަށް ކުރީގެ އަންދާޒާ ގައި ބުނެއެއެވެ. އެއީ މިހާރުގެ އަންދާޒާތަކުންވެސް ދައްކާ މިންވަރެވެ. އެހެންކަމުން އެދުވަސް އަންނަން ވާއިރަށް 100 ވެންޓިލޭޓަރު ތައްޔާރީ ޙާލަތުގައި ހުންނަން ޖެހޭނެއެވެ.
ކުރީގެ އަންދާޒާތަކުން ދައްކާ ގޮތުން ކޮވިޑުން ރައްކާތެރިވާން އެއްވެސް ފިޔަވަޅެއް ނާޅައި ތިބިނަމަ ގާތްގަނޑަކަށް އެއްލައްކައެއްހާ މީހުން މިބަލީގެ ޝިކާރައަކަށް ވެދާނެއެވެ. އެއީ ގާތްގަޑަކަށް 98500 މީހުންނެވެ. އެއީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ހަތަރު ބައިކުޅަ އެއްބައެވެ. މިއަންދާޒާތަކުން ދައްކާ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅާތިއްބާ ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގެންފިނަމަ 10،891 މީހުން ރާއްޖެއިން މަރުވެދާނެއެވެ. ހަމައެކަނި މާލެ ސަރަހައްދުން ވެސް 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިދާނެއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެއެވެ.
ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅާ އޮތް ހާލަތުގައި މުޖުތަމައުގެ ތެރޭން މީހަކަށް ބަލިޖެހޭ ދުވަހުން ފެށިގެން 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2،500 މީހުންނަށް ބަލި ޖެހިދާނެކަމަށް ކުރިން ވަނީ އަންދާޒާކޮށްފައެވެ. ބަލި ފެތުރެންފަށާތާ 40 ވަނަ ދުވަހު 5000 އަށް ވުރެ ގިނަ މީހުންނަށް އެއްދުވަސް ތެރޭގައި ބަލި ޖެހޭނެކަމަށް ވެސް އޭރު ވަނީ އަންދާޒާކޮށްފައެވެ. އަދި 47 ދުވަހުގެ ތެރޭގައި ޕީކަށް ނުވަތަ އެންމެ ނުރައްކާ ހާލަތަށް ދާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
ނަމަވެސް ލޮކްޑައުންގެ ސަބަބުން މިޢަދަދުތައް މިހާރުގެ އަން ދާޒާއިން ދައްކަނީ ބަލީގެ ޝިކާރައަކަށް ވާނީ 77،305 މީހުން ކަމަށެވެ.
ކޮވިޑް ޖެހޭ މީހުންގެ 15 ޕަސެންޓާއި 20 ޕަސަންޓާ ދެމެދުގެ ޢަދަދަކަށް މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭނެ ކަމަށް އަނަދާޒާ ކުރެއެއެވެ. އަދި ފަސް ޕަސެންޓް މީހުން އައިސީޔޫ ގައި ފަރުވާން ދޭންޖެހޭނެކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ. މަރުވާ މީހުންގެ ނިސްބަތް އުޅެނީ ދެ އިންސައްތައިގައެވެ.
މިހާރުވެސް ވަނީ ގޭބިސީތަކަށް ބަލި ވަންނަން ފަށައިފައި، ސާމާލުވޭ!
ކޮވިޑްގެ ފަހުގެ އަންދާޒާ ތަކުން މިވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިގެން ގޮސްފައެވެ. ހަމަ އެއާކު ކަންބޮޑުވުން ތަކެއްގެ ސިގްނަލްވެސް ޑޮކްޓަރުން ވަނީ ދެއްވައިފައެވެ. އެއީ އަޅުގަނޑުމެން ދިރިއުޅޭ ގޭ ބިސީތަކަށް އޮތް ކޮވިޑްގެ ނުރައްކަލުގެ ސިގްނަލެވެ. ޕީކަށް ދާއިރު ކޮވިޑްގެ ޝިކާރައަކަށް ވެފައި ތިބޭނީ ގިނައިން ތޮއްޖެހިފައިވާ ތަންތަތަނުގައި އުޅޭ މީހުންކަމަށް ޑޮކްޓަރ ޝީނާ ލަފާ ކުރައްވައެވެ. ނަމަވެސް މަދުން މީހުން ދިރިއުޅޭ ގޭބިސީތައް ވެސް ހިމެނޭނެކަން ފާހަގަ ކުރެއްވިއެވެ. ޕީކަށް ފަހު ދެންއަންނަ ދުވަސް ތަކުގައި ކޮވިޑް ކޭސްތައް ފެނުން ބޮޑަށް ގާތީ ގޭބިސީ ތަކުން ކަމަށް ޑޮކްޓަރުން ލަފާ ކުރައްވައެވެ. މިމަހުގެ އިތުރުވުން ކުޑަކުރެވިއްޖެ ނަމަ ގޭ ބިސީތަކަށް ވަންނަ ވަރުވެސް ކުޑަކޮށްލެވޭނެ ކަމަށްވެސް ޑޮކްޓަރުން ލަފާކުރައްވައެވެ. ގޭބިސީތަކަށް ކޮވިޑް ވަނުމުގެ ފުރުޞަތު އޮތީ ޚިދުމަތަށް ނުކުމެ އުޅޭ މީހުންނާއި ޑެލިވަރީގެ ޒަރީއާއިންނެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި އެކަންކަމަށް ބަލައިގެން އުޅުމަށް ޑޮކްޓަރުން އިލްތިމާސް ކުރައްވައެވެ. އެއީ ބޭރަށް ނުކުމެ އުޅޭ އިރުވެސް ގައިދުރުކަން ބެހެއްޓުމެވެ. ޑެލިވަރީގެ ތެރެއިން ވެސް ގެއަށް ވެއްދޭ ތަކެއްޗަށް ރައްކާތެރި ވުމެވެ. އެތަކެތިން ޖަރާސީމު ނައްތާލުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. ބަލައިގެން ނޫޅޭނަމަ މިހާރު ޑޮކްޓަރުން އަންދާޒާ ކޮށްފައިވާ ވަރަށް ވުރެ މާ އަވަހަށް ގޭބިސީތަކުން ކޮވިޑް ބަލީގެ މީހުން ފެންނަން ފަށައިފާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދެއްވައިފައެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަން އޮތީ ހަމަ އަޅުގަނޑުމެންގެ އަތް މަތީގައެވެ.
ޓެސްޓްކުރުމުގެ ޤާބިލްކަން ދަށްވުމުން އަސްލު ތަޞައްވަރު ގެއްލިފައި!
ކޮވިޑް ބަލީގެ މީހުންގެ ޢަދަދު ފެންނަން އޮންނަނީ ޓްސްޓް ކުރުމުގެ ޤާބިލްކަން ހުންނަ މިންވަރަކުންނެވެ. ގިނައިން ޓެސްޓް ހެދޭނަމަ ގިނަ ޕޮޒިޓިވް ކޭސް ފެނެއެވެ. ޓެސްޓް ކުރެވޭ ނިސްބަތް މަދުނަމަ ޕޮޒިޓިވް ކޭސްތައް ވެސް މަދު ވެއެވެ. ނަމަވެސް އޭގެ މާނަކީ އަކީ ކޮވިޑް ބަލިޖެހިފައިވާ މީހުން މުޖްތަމަޢުގައި ނެތުން ނޫންކަމަށް ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ. ރައްތެރިކަމުގެ ފިޔަވަޅުތައް މުހިންމުވާ އެންމެ މުހިންމު ސަބަބަކީ ވެސް އެއީ އެވެ. އަދި ރާއްޖޭގައި ޕޮޒިޓީވްވާ ގިނަ މީހުންނަކީ އަލާމާތެއް ނުފެނި ރަނގަޅުވެގެންދާ މީހުންނެވެ.
ކޮވިޑްގެ އަންދާޒާތައް ދާދިފަހުން ހާމަ ކުރައްވަމުން ޑޮކްޓަރ ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޓެސްޓިންގް ސްޓްރެޓެޖީ ނުވަތަ އުޞޫލު ބަދަލު ނުކުރައްވާނަމަ އަންދާޒާތަކާ އެއްވަރަށް ބަލި މީހުން ނުފެންނާނެކަމަށެވެ. މިހާރުގެ ރޭޓަށް ބަލާއިރު ވެސް ދުވާލަކަށް 300 އެއްހާ މީހުން ބަލިޖެހިފައި ތިބޭނެކަމަށް އޭނާ އަންދާޒާ ކުރައްވައެވެ. އަދި ރާއްޖޭގައި އެންމެ ޕީކަށް ދާނެ ކަމަށް އަންދާޒާ ކޮށްފައިވާ ދުވަހު 15 ސަތޭކައެއްހާ މީހުންނަށް ބަލި ޖެހޭނެކަމަށް އަންދާޒާ ކޮށްފައިވީނަމަވެސް ރާއްޖޭގައި ޓެސްޓް ކުރުމުގެ ޤާބިލްކަން ހުރި މިންވަރަށް ބަލާއިރު ބަލިޖެހިގެން ފެންނާނީ 400 އެއްހާ މީހުން ކަމަށް ޑރ ޝީނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ ބޭނުންވާ ވަރަށް ނެތްކަމަށް ސަރުކާރުން ވެސް ޤަބޫލު ކުރައްވައެވެ. ޤާބިލްކަން އިތުރުކުރުމަށް ދާދި ފަހުން ވަނީ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި ވެސް ބައްޔަށް ޓެސްޓްކުރަން ފަށައިފައެވެ. އެންމެ ބޮޑު ދަތި ކަމަކީ ބޭނުންވާ މެޝިންފަދަ ވަޞީލަތްތައް ލިބުމުގައި ހުރި ދަތިކަން ކަމަށް ކޮވިޑާ ބެހޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ފާހަގަ ކުރައްވައެވެ. ވަޞީލަތްތައް ލިބުމުގައި ދަތިވެފައި ވަނީ ދުނިޔޭގެ ހުރިހާ ޤައުމަކުން ވެސް އެއް ފަހަރާ ވަޞީލަތަށް ބޭނުން ޖެހިފައި ވުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިމަހު ކުރީ ކޮޅު ގެންނަން މަސައްކަތް ކުރިމެޝީން ވަނީ ނުގެނެވިފައެވެ. މިހާރު އަންދާޒާކޮށްފައިވަނީ މިމަހު ފަހުކޮޅު އެ މެޝިން ލިބޭނެއެވެ.
ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވޭ ވަރަށް ބަލާއިރު މިސަރަޙައްދުގައި ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ ބައެއް ކޮވިޑަށް ޓެސްޓްކުރެވޭ ޤައުމަކީ ރާއްޖެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި އޭޝިޔާގައި ފަސްވަނައިގައި ހިމެނޭއިރު ދުނިޔޭގެ ނިސްބަތުން އާބާދީއަށް ބަލާއިދު އެންމެ ގިނައިން ޓެސްޓް ހެދޭ 25 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކައުމުން ޑްބަލިޔޫއެޗްއޯ އިންވެސް އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި މިންގަނޑަށް ބައްލަވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ރާއްޖެއަށް ވުރެ ހާލުގައިވާ ތަންތަނަށް ރާއްޖެއަށްވުރެ އިސްކަންދެއްވާނެކަން ވެސް ފާހަގަ ކުރެއްވިއެވެ.
"ޓެސްތް ކިޓްގެ ވާހަކަ ދައްކާއިރު ސާކް ޤައުމުތަކުގައި ރާއްޖެއާ ގާތަށްވެސް ޓެސްޓް ހެދޭ ޤައުމެއް ނެތް. އޭޝިއާއަށް ބަލާއިރު އެންމެ ރަނގަޅަށް ޓެސްޓް ހެދޭ ފަސް ޤައުމުތެރޭގައި ރާއްޖެ ހިމެނޭ. ދުނިޔޭގެ ނިސްބަތަށް ބަލާއުރު ޓޮޕް 25 ގައި ޓެސްޓް ކުރެވޭ ނިސްބަތުން ރާއްޖެ ހިމެނޭ." ރާއްޖޭގެ ޓެސްޓިން ރޭޓް ދުނިޔޭގެ ނިސްބަތުން ރަނގަޅުކަން ފާހަގަ ކުރައްވަމުން މަބްރޫކް ވިދާޅުވިވެ.
އެންމެ ގޯސް ހާލަތަށް ލޮކްޑައުން ވަރުގަދަ ކުރުން!
ލޮކްޑައުންގެ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް ގެ އަންދާޒާތަކަށް ވަނީ ހެޔޮ ބަދަލެއް ގެނެވިފައެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ޕީކަށް ދާނެކަމަށް ނުވަތަ ކޮވިޑްގެ ޙާލަތު ގޯސްވާނެކަމަށް އަންޒާ ކުރާ ޙާލަތަށް ތައްޔާރުވުމަށް ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންއުޅޭ ވާހަކަ ތަކެއް މީސް މިޑިއާގައި ދައުރުވަމުން ދިޔައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދިޔައީ އެލޮކްޑައުންއަށް ތައްޔާރު ވަމުންނެވެ. ކުރިން ކުއްލިއަކަށް ލޮކްޑައުންއަށް ދިއުމުން ދިމާވި އުދަނގޫތަކުގެ ތަޖްރީބާއިންނެވެ. ނަމަވެސް ސަރުކާރުން ވިދާޅުވީ ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމައިފައި ނުވާކަމަށެވެ. އެފަދަ ފިޔަވަޅެއް ސަރުކާރުން އަޅާނީ އާންމުކޮށް އެންގުމަށް ފަހުކަމަށެވެ. ކުއްލި އަކަށް ކަންކަން ނިންމުމުގެ ބަދަލުގައި ރައްޔިތުންނަށް ތައްޔާރުވުމަށް ފުރުޞަތުދީ ކަންކަން ނިންމުމަކީ މިފަދަ ޙާލަތެއްގައި ވަރަށް މުހިންމު ކަމަކަށް ވާނެއެވެ. ނޫންނަމަ ސަރުކާރަށް ވެސް އާއްމު ރައްޔިތުންނަށްވެސް އުފުލަންޖެހޭ ތަކްލީފް ކޮވިޑަށްވުރެ ބޮޑު ކާރިސާއަކަށްވެގެން ހިނގައި ދާނެއެވެ.