ނައިޖީރިޔާގެ ސްޓޭޓަކުން އެ ސްޓޭޓުގެ ސަރުކާރާ ބަޑިތައް ހަވާލުކުރާ މީހުންނަށް ކޮންމެ ބަޑިއެެއްގެ ބަދަލުގައި ދެ ގެރި ދޭން ނިންމައިފިއެެވެ.
ހުޅަނގު އުތުރު ޒަމްފަރާ ސްޓޭޓުން ބުނީ ބަޑީގެ ބަދަލުގައި ގެރި ދޭން ނިންމީ ހަތިޔާރުއެޅި ގޭންގުތަކުން ހިންގާ ހަރުކަށި އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ.
"ތައުބާވެ ބަޑި ހަވާލުކުރާ ކޮންމެ ގޭންގު މެންބަރަކަށް ބަދަލުުގައި ދެ ގެރި ދެވޭނެ." ޒަމްފަރާގެ ގަވަރުނަރު ބެއްލޯ މަޓަވައްލޭ ވިދާޅުވިއެވެ.
ޒަމްފަރާ ސްޓޭޓުގެ ރަށްފުށުގެ ހިސާބުތަކުގައި ގޭންގުތަކުން ދޭ ހަަމަލާތަކުގައި އެތައް ބަޔަކު މަރުވަމުންދާތާ އަހަަރުތަކެއް ވެއްޖެއެވެ. އާއްމުކޮށް ހަމަލާތައް ބަދަލުކުރެވިފައި ވަނީ މޮޓޯސައިކަލުގައި އައިސް ހަމަލާދޭ ހަތިޔާރު ގޭންގުތަކާއި ގެރިބަކަރި ހުއްހައްޕާ މީހުންގެ ތެރެއިން ހަތިޔާރުއެޅި މީހުންގެ މެދުގައެވެ. ސަރުކާރުން ހިންގި އަސްކަރީ އޮޕަރޭަޝަންތަކުން ގޭންގުތަކުން މީހުން މެރުން ހުއްޓުވުމަކަށް ގެނެވިފައި ނުވެއެވެ. އަދި ސުލްހަ ގާއިމުކުރުމަށް ކުރެވުނު މަޝްވަރާތައްވެސް ވަނީ ނާކާމިޔާބުވެފައެވެ.
ގެރިއަކީ މޮޓޯސައިކަލުގައި ދެވޭ ހަމަލާތަކުގެ ފަހަތުގައި ވާކަމަށް ތުހުމަތުކުރެވޭ ފުލާނީ ގަބީލާގެ މީހުންގެ މެދުގައި ވަރަށް އަގުހުރި އެއްޗެކެވެ. އެހެންނަމަވެސް، ފުލާނީން ވަނީ ގެރިބަކަރި ހުއިހައްޕާ މީހުންނަށް ހަމަލާދެނީ އެމީހުންކަމަށް ދެކެވޭ ވާހަކަަތައް ދޮގުކޮށްފައެވެ.
ނައިޖީރިޔާގައި އާއްމުކޮށް ގެރިއެއްގެ އަގަކީ 1 ލައްކަ ނައިރާ (4 ހާސް ދިވެހި ރުފިޔާ) އެވެ. ކަޅު ބާޒާރުގައި އޭކޭ-47 ބަޑިއެެއްގެ އަގު ގެރިއަކަށްވުރެ ފަސްގުނަ ބޮޑެވެ.
"ހަތިޔާރު އެޅި ގޭންގުތަކުގެ ތެރެއިން ތައުބާވާން ބޭނުންވާ މީހުން ބަޑި ގަތީ އެމީހުން އަތުގައި ހުރި ގެރި ވިއްކާފައި. މިހާރު ޖަރީމާތަކާއި ދުރުގައި އެމީހުންގެ ހަޔާތް ވޭތިކުރަން ބޭނުންވީމާ އަހަރުމެން މި އެދެނީ އެމީހުންގެ އޭކޭ-47 ބަޑި ގެނެސް ބަދަލުގައި ދެ ގެރި ލިބިގަތުމަށް." ގަވަރުނަރު މަޓަވަައްލޭ ވިދާޅުވިއެވެ.
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ނައިޖީރިޔާގެ ހުޅަނގު އުތުރު ސްޓޭޓުތަކާއި، އަވަށްޓެރި ނައިޖަރުގައި ދެވުނު މިފަދަ ހަމަލާތަކުގައި 8 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި 2 ލައްކަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ.