މުޞްޙަފް - 65

(14 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ސަބަބު އަހްނަނަށް ނޭނގެނީތަ؟" މެހެމަލް އިސްޖަހައިލިއެވެ. "ވާވެފައިވާ އަންހެނަކާއެކީ ދިރިއުޅެވޭނީ ކިހައި ދުވަހަކަށް؟ އަހަރެން ބަލަހައްޓަން އުޅެވޭނީ ކިހައި ދުވަހެއް ވާންދެން؟ އަހަރެންގެ ބައްޔާ ހެދި އޭނާ ފޫހިވީ. އަހަންނަށް އެކަން ވަރަށް ރަނގަޅަށް އެނގޭ."

"ހަމައެކަނި ސަބަބަކީ އެއީތަ؟"

"ދެން އޮންނާންވީ ކޮން ސަބަބެއް؟"

"واللّـه أعلم. އެންމެ ރަނގަޅު. އެކަމަކު ކުރާ ކޮންމެ ކަމެއް ވަރަށް ރަނގަޅަށް ވިސްނާފައި ކުރާތި. ވަކި ގޮތަކަށް ކަނޑައަޅައި ފައިސަލާ ކޮށްފިއްޔާ އެ ކަމެއްގެ މައްޗަށް ހިތްވެސް އެއްބަސް ކުރުވާތި." ފަރިޝްތޭ އާދައިގެ މަތީން އޭނާގެ ކޮލުގައި ލޯބިން ޖަހައިލިއެވެ. "އަދި އެއް ކަމެއް ހަނދާން ކުރާތި. އަހަރެން ކޮއްކޮ ދެކެ ވަރަށް ބޮޑަށް ލޯބިވޭ. ކޮއްކޮ ރަނގަޅު ނުވަނީސް ދޫކޮށްލާފައި އަހަރެން އެއްވެސް ތަނަކަށް ނުދާނަން."

މެހެމަލް ތެމިފައިވާ ލޮލަކާއެކު މަޑުމަޑުން ހިނިތުން ވެލުމަށް ފަހު ބޯ ޖަހައިލިއެވެ.

* * *

ހުމާޔޫނާ ވަކިވުމުގެ ވާހަކަ މެހެމަލް ދެއްކިއިރު ފަރިޝްތޭގެ ކުރިމަތީގައި ކިތަންމެ ވަރަކަށް ހިތްވަރު ކުރި ނަމަވެސް އޭނާގެ ހިތް އޮތީ ހަލާކުވެފައެވެ. އޭނާގެ ސިކުނޑީގައި އެނބުރެނީ ހުމާޔޫނާ އެކީ ލޯބިން އުޅުނު އެއް އަހަރު ދުވަހެވެ. އޭގެ ފަހުން ފާއިތުވެގެން ދިޔަ ހުރިހައި ދުވަހެއް ދިޔައީ އޭނާގެ ސިކުނޑީގެ ފަރުދާއަށް އެއްވެސް މަންޒަރެއް ނާރައެވެ.

ހުމާޔޫނާއެކު ހަމަޖެހިގެން ލޯބީގައި ވޭތުކުރި އެއް އަހަރު ދުވަސް... އެ ދުވަސްވަރު ދެމީހުން އެތައް ގަޑިއިރެއް ވާންދެން ވާހަކަ ދައްކައެވެ. ރެސްޓޯރަންޓުތަކަށް ގޮސް އުށްބައްތީގެ އަލީގައި ތިބެގެން ރޭގަނޑު ކައިހަދައެވެ. އެއްވެސް ކަމަކާ ނުލައި ކާރު ދުއްވައިލާން އޭނާ ގޮވައިގެން ނުކުމެއެވެ. ރޭގަނޑު ޓެރަސް މައްޗަށް އަރައި ތިބެގެން އެތައް ގަޑިއިރެއް ވާންދެން ވާހަކަ ދައްކައެވެ... މި ހުރިހައި ކަމެއް ފިލްމެއްގެ ރީލެއް ފަދައިން އޭނާގެ ކުރިމަތީގައި ނިއުޅުވެމުން ދިޔައެވެ. އެއިން ކޮންމެ ހަނދާނަކާ ގުޅިގެން އޭނާގެ ހިތަށް އާދަޔާ ޚިލާފު ފުން އަސަރެއް ކުރަމުން ދިޔައެވެ.

މިހާރު މިއޮތީ މުޅީން މަންޒަރު ބަދަލުވެފައެވެ. ތައިމޫރް އޭނާޔާއެކު ނެތިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ ހުމާޔޫން އޭނާ ގެއިން ނެރެލައިފިއްޔާ ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ އޭނާގެ ބޮޑުބޭބެއިން ގާތަށް ހެއްޔެވެ؟ އެމީހުން އޭނާ ބަލާނޭ ހެއްޔެވެ؟ ނުވަތަ އޭނާ ދާނީ ފަރިޝްތޭއާ އެކު ހެއްޔެވެ؟ އެކަމަކު ފަރިޝްތޭއަކީވެސް އެކަނި އުޅޭ މީހެކެވެ. ހުމާޔޫންގެ ގޭގައި މެހުމާނެއްގެ ގޮތުގައި އުޅޭ މީހެކެވެ. އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

އޭނާއަށް އިހުސާސް ކުރެވެނީ މެންދުރުގެ ހޫނުގަދަ އަވީގައި މީހަކު އޭނާ މަގު މެދުގައި އެކަނި ބަހައްޓައިފައި ދިޔައީ ކަމުގައެވެ. ވަންނާނޭ ތަނެއް ނެތެވެ. ހިޔާވެލާނޭ ތަނެއް ނެތެވެ. ކުރިމަގުގެ ބިރުވެރިކަން އޭނާގެ މައްޗަށް ބޮޑު ފުރޭތައެއް ފަދައިން ވެރިވާން ފަށައިފިއެވެ. އޭނާއަކަށް އެ ސުވާލުތަކަކުން ސަލާމަތެއް ނުވެވުނެވެ.

އެ ސުވާލުތައް ބޮލުން ފުހެ އެއްލައިލާން އޭނާ މަސައްކަތް ކުރާނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ކޮންމެވެސް ދުވަހަކުން ބޭނުން ވާނެކަން ޔަގީނެވެ. އޭނާއަށް ސުވާލުތަކުގެ ޖަވާބު ލިބެނީ އެންމެ ފޮތަކުންނެވެ. އެއީ މުޞްޙަފެވެ. އެ ފޮތް އިޝާރާތް ކުރަނީ އެންމެ އާޔަތަކަށެވެ. ކޮންމެ ދިމާއަކުން ފޮތް ހުޅުވިޔަސް އޭނާއަށް ފެންނަނީ ހަމަ އެންމެ އާޔަތެކެވެ. އެއް ވާހަކައެކެވެ.

""އަދި ތިޔަބައިމީހުން ސަޖިދަކުރާ ޙާލު (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ ޙާލު އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި (حِطَّةٌ އޭ) އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި ޢަފޫ ކުރެއްވުމޭ ދަންނަވާށެވެ!"

ސުލައިމާނުގެފާނުގެ ހައިކަލްގެ ދޮރާށި ކޮބައިހެއްޔެވެ؟ އޭނާ ރަށުން ބޭރުކޮށްލެވެނީ ސަވާރީއަކާވެސް ނުލައެވެ. އެތެރެއަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟

އިރާކޮޅު މެހެމަލް މާ ބޮޑަށް ފޫހިވާން ފަށައިފިއެވެ. އެހެންވީމާ ބިލްގީސް އޭނާ ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ.

ތައިމޫރް ބޮޑު ކޮޓަރިތެރޭގައި، ސޯފާއެއްގައި ފޮތްތަކެއް ފަތުރައިގެން އިނެވެ. މެހެމަލް އަންނަތަން ފެނުނީމާ އިސްއުފުލައި ބަލައިލުމަށް ފަހު އަނެއްކާވެސް ފޮތްތަކާ ދިމާއަށް ބަލާން ފަށައިފިއެވެ. އޭނާ ދަހިވެތިކަމާއެކު ތައިމޫރާ ދިމާއަށް ބަލައިލިއެވެ. ބިލްގީސް ފެންޑާއަށް ވަންނާން ހުންނަ ދޮރާ ހަމައަށް ފުރުޅޮލީ ގޮނޑި ގެނެސްފިއެވެ. މެހެމަލް ބިއްލޫރިގަނޑުން ބަލައިލިއެވެ. ތައިމޫރް އޮތީ ސީދާ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ބިއްލޫރިގަނޑުން ވަރަށް ރީތިކޮށް ހިޔަނި ފެންނާން ހުއްޓެވެ.

ބިލްގީސް ފެންޑާއިން ލާފައި ގޮސް ގޮނޑި ބޭރަށް ނެރެފިއެވެ. ތާޒާވައި އައިސް އޭނާގެ މޫނުގައި ބީހިލިއެވެ. އޭނާ ލޯ މަރައިލުމަށް ފަހު މޫސުމުގެ ތާޒާކަން އިހުސާސް ކުރާން މަސައްކަތް ކޮށްލިއެވެ. އެވަގުތު ފާރުގެ އަނެއް ފަރާތުން ކިޔަވާ އަޑު އިވުނެވެ.

"އަދި ރޭގަނޑުގެ އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ." (ޟުޙާ ސޫރަތުގެ 2 ވަނަ އާޔަތް)

އޭނާ ސިހިފައި ލޯ ހުޅުވައިލިއެވެ. އޭނާ ގެއަށް އައިތާ މިހާރު މަހެއްހައި ދުވަސް ވެއްޖެއެވެ. އަދި އެންމެ ދުވަހަކުވެސް މިސްކިތަކަށް ނުދެއެވެ. އެއީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ.

"ބިލްގީސް. އަހަރެން ގޮވައިގެން މިސްކިތަށް ހިނގާ." ކުއްލިއަކަށް މިސްކިތަށް ދާހިތް ވެއްޖެއެވެ.

ބިލްގީސް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ބޯ ޖަހައިލުމަށް ފަހު މިސްކިތާ ދިމާއަށް ހިނގައިގެންފިއެވެ.

"ދައްތަ ކޮބާ؟" ފަރިޝްތޭވެސް ގޮވައިގެން ދާންވީއޭ އޭނާގެ ހިތަށް އެރިއެވެ.

"ފަރީއްކުޅުއްވައިގެން އަވަހާރަފުޅު ލައްޕަވައިފި."

"އެހެން ދޯ؟" ފަރިޝްތޭ ހުންނާނީ ވަރުބަލިވެފައިކަން އޭނާއަށް އެނގެއެވެ. ހެނދުނު އޭނާ އުޅުނީ ފިޒިއޯތެރަޕިސްޓު ގޮވައިގެން މެހެމަލްގެ ކަސްރަތާއި މާލީހުގެ ކަންތައްތަކުގައެވެ. އެޔަށް ފަހު ބާޒާރަށް ގޮސް ބޭނުންވާ ތަކެތި ގަނެގެން އައީވެސް އޭނާއެވެ. ދެން ފެށީ ގޭތެރެ ސާފު ކުރާށެވެ. މެންދުރު ދިޔައީ މިސްކިތަށެވެ. އެހެންވީމާ ވަރުބަލިވެސް ވާނެއެއް ނޫންހެއްޔެވެ؟ އެހެންވީމާ ފަރިޝްތޭއަށް ގޮވުމުގެ ޚިޔާލު ދޫކޮށްލައިފިއެވެ.

މިސްކިތުގެ ގޯތި ތެރޭގައި އޮތީ އިހެކޭ އެއްގޮތަށް ވިނަ ހައްދައިފައެވެ. އޭނާ އިހަށް ދުށް ގޮތަށް އެހައިމެ ރީތިކޮށް ކޮށައި އޮމާންކޮށްފައެވެ. އެ ހުދުކުލައިގެ އާލީޝާން އިމާރާތާއި ސަންގުމަރުމަރުހިލައިގެ ތަޅުގަނޑުން މިހާރުވެސް ހުރީ އޮފު އަރައަރައެވެ. އަޑުގަދަ ދުނިޔެއިން ވަކިވެ، ހިމޭންވެފައިވާ ހިތްގައިމު މާހައުލެކެވެ.

މިސްކިތުގެ އެތެރެއަކީ މުޅީން އެހެން ދުނިޔެއެކެވެ. ފިނިފިނި، ތާޒާ، ހިތްފަސޭހަ ދުނިޔެއެކެވެ. ވަށައިގެން ފެތުރިފައި އޮންނަނީ ހިތްހަމަޖެހުމެވެ.

ކުޑަކުއްޖެކޭ އެއްފަދައިން އޭނާ އުފަލުން ފޮޅިއްޖެއެވެ. ލޯ ވިދާން ފަށައިފިއެވެ. ވަށައިގެން ހޯދާ ބަލާން ފަށައިފިއެވެ. ބިލްގީސް މަޑުމަޑުން ގޮނޑި ދުއްވަމުން ދިޔައެވެ.

ފެންޑާއަށް އެރުމާއެކު ފެންނާން ފެށީ ޚަތިމު ކިހިލީގައި ޖަހައިގެން ހިނގާ ކުދިންނެވެ. ހުދު ކުލައިގެ ޔުނިފޯމުގައި ތިބި ކީރިތި ޤުރްއާނުގެ ދަރިވަރުންނެވެ. އޭނާ ފެނުނީމާ ކުދިން ސަލާން ގޮވަމުން ދިޔައެވެ.

"ވަޢަލައިކުމުއްސަލާމް... ވަޢަލައިކުމުއްސަލާމް..." އޭނާ ހިނިތުންވަމުން ޖަވާބު ދެމުން ގެންދިޔައެވެ. އެތަނުން އެއްވެސް ކުއްޖަކަށް އޭނާއަކީ ކާކު ކަމެއް ނޭނގެއެވެ. އޭނާއަކަށް އެއިން އެއްވެސް ކުއްޖަކު ނޭނގެއެވެ. އެކަމަކުވެސް ކުރިން ސަލާން ގޮވައިލާނީ ތިމަންނާއޭ ބުނާ ކަހަލަ ގޮތަކަށް ސަލާން ގޮވަމުން ގެންދިޔައެވެ. އޭނާގެ ހިތަށް އާދަޔާ ޚިލާފު އުފާވެރިކަމެއް ވެރިވިއެވެ. މި މާހައުލާއި، މި ފާރުތަކާއި، އިމާރާތް... މިއީ އޭނާގެ ވުޖޫދުގެ ހިއްސާއެއް ކަހަލައެވެ. މިހައި ގިނަ ދުވަހު ދުރުގައި ހުރެވުނީތީވެސް އޭނާ ހައިރާންވިއެވެ.

އޭނާ ތެމިފައިވާ ދެލޮލާއެކު ސަލާމުގެ ޖަވާބު ދެނީއެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެގެން އިނދެއެވެ. އެއްވެސް ކުއްޖަކު އޭނާއަށް ވީ ކީއްތޯވެސް އަހައެއް ނުލައެވެ. ކުޑައިމީސް ކުރުމުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައެއް ނުލައެވެ. އޭނާ އެތެރޭގެ މަންޒަރުތަކަށް ބަލަހައްޓައިގެން އިނީއެވެ.

އެހެން އިންނަތާ އެތައް އިރެއް ވީފަހުން ބިލްގީސް މާރުކޭޓަށް ދާ ވާހަކަ ދައްކައިފިއެވެ.

"މިރޭ ސާހިބުގެ ޚާއްސަ މެހުމާނުން ގެއަށް އަންނާނެ. ފަރިޝްތޭ މެޑަމް އޮތީ ބަކަރިމަސް ތެލުލާށޭ ވިދާޅުވެފައި. އަޅުގަނޑު މި ހުންނަނީ ހަނދާން ނެތިފައި. މިތާގައި މަޑުކޮށްލައްވާ. ކައިރީގައި ހުރި މާރުކޭޓުން މަސް ގަނެގެން އަޅުގަނޑު އަންނާނަން."

"ނޫނޭ. އަހަރެންވެސް ދާނަން. މިއަދު ބޭނުން ވަނީ ތަންތަން ބަލައިލާން. ހިނގާ."

މެހެމަލްގެ މޫނަށް ވެރިވެފައި ވަނީ އާދަޔާ ޚިލާފު އުޖާލާ ކަމެކެވެ. މި މާހައުލަށް ނުކުމެވުނީމާ ހިތަށް ވަރަށް ބޮޑު އުފާވެރި ކަމެއް ވެރިވެއްޖެއެވެ. މި އުފާވެރިކަމާއެކު ދުނިޔެއާ މުގާބިލާ ކުރާން އޭނާ ތައްޔާރު ވެއްޖެއެވެ.

ބާޒާރަށް ދާކަށްވެސް މިއަދަކު އޭނާ ބިރެއް ނުގަނެއެވެ.

ބިލްގީސް އާދައިގެ މަތީން އެކި ކަހަލަ ވާހަކަ ދައްކަމުން ދިޔައެވެ. ރަށުގެ މަރުކަޒޭ ކިޔާ ސަރަހައްދު އޮންނަނީ ވަރަށް ކައިރީގައެވެ. އެ ހިސާބަށް ގޮސްފައި އޭނާ މަސްވިއްކާ ފިހާރައަކަށް ވަދެއްޖެއެވެ. މެހެމަލް ބޭރުގައި އިނީއެވެ.

އެއްގަމު އުޅަނދުތައް ކޮޅުކޮޅުމައްޗަށް ދުއްވަނީއެވެ. އަޑުފައްގަނޑުގެ ތެރޭގައި މީހުން ވާހަކަ ދައްކަނީވެސް އެހައި ބާރަށެވެ. އަލިވެސް އެހައި ގަދައެވެ.

މާގިނައިރުތަކެއް ނުވެ ކުރިން ލިބުނު ހިތްހަމަޖެހުން ގެއްލިއްޖެއެވެ. އޭނާގެ ހިތްބިރު ގަންނާން ފަށައިފިއެވެ.

"އަވަސް ކުރޭ ބިލްގީސް." ކޮތަޅު ހިފައިގެން ބިލްގީސް އަންނަތަން ފެނުނީމާ އޭނާ ބުނެލިއެވެ.

"ޖެހިގެން އެހެރަ ތަނަށް ވަދެ ތައިމޫރަށް ޕިއްޒާއެއް ގަނެގެން އަޅުގަނޑު އަންނާނަން. މާގިނަ އިރެއް ނުވާނެ. ޕިއްޒާ ނުގެންދިޔައިއްޔާ ތައިމޫރް ނުކާނެ."

ބިލްގީސް ގޮނޑި ކޮއްޕަމުން އެބުނާ ތަނާ ދިމާއަށް ހިނގައިގެންފިއެވެ. މެހެމަލް އުނދަގޫވެފައި އިނދެގެން މަގުމައްޗަށް ބަލަނީއެވެ. ކާރުތައް ފެނުނީމާ އޭނާގެ ހިތްހަމަ ނުޖެހުން އިތުރުވާން ފަށައިފިއެވެ. އޭނާގެ ގައިގައި ޖެއްސީވެސް އެކަހަލަ ކާރެކެވެ.

ބިލްގީސް ގޮސް މަޑުކޮށްލީ އަވަސް ކާނާ ވިއްކާ ރެސްޓޯރަންޓެއްގެ ދޮށަށެވެ. ގޮނޑި ބޭރުގައި ބެހެއްޓުމަށް ފަހު އޭނާ ގޮސް އެތެރެއަށް ވަދެއްޖެއެވެ. ރެސްޓޯރަންޓުގެ ބިއްލޫރިގަނޑުން އެތެރެ ބަލަހައްޓައިގެން އިނދެގެން އޭނާ ވިސްނަމުން ގެންދިޔައީ އޭނާގެ އެކްސިޑެންޓުވީ ދުވަހު އައި ކާރާ މެދުގައެވެ. އެ ކާރު ދުއްވަން އިނީ ކާކު ބާވައެވެ؟ އެމީހަކު ހައްޔަރުކުރި ބާވައެވެ؟ ހުމާޔޫން އެމީހަކާއިގެން ދައުވާކުރި ބާވައެވެ؟ އެމީހަކު ޖަލަށް ލީ ބާވައެވެ؟ އެމީހަކަށް ކޮންމެ ގޮތެއް ހެދިޔަސް އޭނާއަށް ލިބުނު ގެއްލުން ފޫބެއްދޭނޭ ގޮތެއް ނުވާނެއެވެ.

"އަޅާ ނުލާށެވެ. އަހަރެން އެންމެންނަށް މައާފު ކޮށްފީމެވެ."

އޭނާ ބޯ ހޫރައިލިއެވެ. އަދި ބިއްލޫރިގަނޑުން އެތެރެއަށް ބަލާން ފަށައިފިއެވެ. ބިލްގީސް ދިޔައީ ކޮން ދިމާއަކަށް ބާވައެވެ؟

ކަޅި ހިންގަމުން ދަނިކޮށް އޭނާއަށް ފެނުނު މަންޒަރަކުން ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. ވަރަށް ސާފުކޮށް އެތެރެ އެހެރީ ފެންނާށެވެ. އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި އިނދެގެން އެ ހިނިތުންވަނީ ހުމާޔޫނެވެ. އޭނާ ބަލަހައްޓައިގެން އިނީއެވެ. އެއީ ހާދަހާ ރީތި ހިނިތުންވުމެކެވެ. އެ ހިނިތުންވުން އެންމެ ފަހުން ފެނުނީ ކޮން ދުވަހަކު ހެއްޔެވެ؟ ހުމާޔޫނަށް ހިނިތުންވާން އެނގޭ ހެއްޔެވެ؟

އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ހުމާޔޫންގެ ކުރިމަތީގައި އިށީނދެގެން އިން އަންހެން ކުއްޖާއެވެ. އަތްކުރު ގަމީހެއް ލައިގެން އިން މިޒަމާނުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ހިނިތުންވޭވެފައި ވާހަކަ ދައްކަނީއެވެ. ހުމާޔޫން ވެސް އެ ހިނިތުންވަނީ އެ ކުއްޖާގެ ވާހަކަޔާ ގުޅިގެންނެވެ.

އެއީ އޭނާ ވަރަށް ރަނގަޅަށް ދަންނަ ކުއްޖެކެވެ. އެއީ އާރްޒޫއެވެ. އެއީ ހަމަ އާރްޒޫ ހެއްޔެވެ؟

(ނުނިމޭ)

10 ޚިޔާލު

  1. ރޯދަ މަހު ވަރަށް ރަނގަޅަށް އަޕްލޯޑް ކުރަމުން އައީ. ކޮންމެ ދުވަހަކު ހެނދުނު 9.15 ގަ ވޭ. ރޯދަ ނިމުން ފަހުން އކި ގަޑި ތަކުގަ ޖުރަނީ. ބައެއް ދުވަސް ދުވަހު މިސް ވެސް ވޭ. އަސްލު ކޮންމެ ދުވަހަކު ގެނެސްދޭން ދަތިވާ ނަމަ ހަފްތާގެ ގެނެސްދޭ ވަކި ދުވަސް ތަކެއް ކަނޑައަޅާފަ ބުނެލާނަމަ. މިހާރު ކޮންމެ ދުވަހަކު އެތައް ފަހަރަކު ރީފްރެޝް ކޮށްލަ ކޮށްލަ މި އިންނަނީ. ވާހަކަ ވަރަށް ރީތި. ވަރަށް ފުރިހަމަ ތަރުޖަމައެއް. އަބަދުވެސް މިކަހަލަ އިބުރަތްތެރި ވާހަކަ ގެނެސްދެއްވައްޗޭ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.