އިސްލާމްއާބާދުގައި ހިންދޫ ފައްޅިއެއް އަޅަން ޕާކިސްތާނުގެ ޢިލްމުވެރިންގެ މަޖިލީހުން ތާއީދުކޮށްފި

ޕާކިސްތާނުގެ ސިޔާލްކޯޓުގައި ހުންނަ ޖަަގައްނާތު ފައްޅި

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބިނާކުރާ ފުރަތަމަ ހިންދީ ފައްޅީގެ މަޝްރޫއާއިގެން ކުރިއަށް ދިއުމަށް ޕާކިސްތާނުގެ ގިނަ އިލްމުވެރިންތަކެއް ހިމެނޭ މަޖިލީހަކުން ތާއީދުކޮށްފިއެެވެ.

އިސްލާމީ ތަފާތު ފިކުރުގެ ދީނީ ޢިލްވެރިންނާއި، ގާނޫނީ މާހިރުން ހިމެނިވަަޑައިގަންނަވާ ޕާކިސްތާން އުލަމާ ކައުންސިލް (ޕީޔޫސީ) އިން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގައި ގާނޫނު އަސާސީގައި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދީފައި ވެއެވެ.

"ފައްޅި ބިނާކުރުމާ މެދު އުފައްދައިގެން އުޅޭ މައްސަލަތައް އަހަރުމެން ކުށްވެރިކުރަން. ހައްދު ފަހަނައަޅާފައިވާ އިލްމެވެރިންގެ މި އަމަލަކި ރަނގަޅު ކަމެއް ނޫން." ޕީޔޫސީގެ ޗެއާމަަން ހާފިޒު މުޙައްމަދު ޠާހިރު މަޙްމޫދު އަޝްރަފީ ވިދާޅުވިއެވެ.

"ޣައިރު މުސްލިމުން އެމީހުން އަޅުކަންކުރާ ތަންތަން ހެދުމާއި، އެމީހުންގެ އަގީދާއާއި ސަގާފަތާ އެއްގޮތަށް ދިރިއުޅުމަކީ ގާނޫނުއަސާސީއާއި އިސްލާމީ ޝަރީއަތުގައި ހުރިހާ ޣައިރު މުސްލިމުންނަށް ދީފައިވާ ހައްގުތަކެއް. ފައްޅި އެޅުމާ ދެކޮޅު ހަދާ މީހުންގެ އެ ގަބޫލުކުރަނީ އިސްލާމީ ޝަރިއަތުގެ ނުބައި މަފްހޫމެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޕީޔޫސީން ބުނީ އެ ކައުންސިލްގެ ވިސްނުން ޕާކިސްތާނުގައި ދީނީ ކަންކަމުގައި ލަފާ ދިނުމަށް އޮންނަ ގާނޫނީ އެންމެ މަތީ އިދާރާ، ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީ (ސީއައިއައި) އަށް ހުށަހަޅާނެ ކަމުގައެވެ.

ޕާކިސްތާނުގެ މިނިސްޓަރ އޮފް ރެލިޖަސް އެފެއާޒް ނޫރުލް ޙައްޤު ޤާދިރީ ވިދާޅުވި ގޮތުގައި މިހާރު ހަގީގަތުގައި ފައްޅި ބިނާކުރުމާމެދު މައްސަލައެއް ނެތެވެ. އޮތް މައްސަލައަކީ ރައްޔިތުންގެ ފައިސާއިން ފައްޅި އަޅަން ޖެހޭތޯ ނުވަތަ ނޫންތޯއެވެ. އިސްލާމްއާބާދުގެ އެޗް 9 އެޑްމިނިސްްޓްރޭޓިވް ޑިވިޝަންގައި އޮތް 20 ހާސް އަކަފޫޓުގެ ބިމެއްގައި ކްރިޝްނާ ފައްޅި ބިނާކުރުމަށް ޕާކިސްތާނު ސަރުކާރުން ވަނީ 100 މިލިއަން ޕާކިސްތާން ރުޕީސް (9.425 މިލިއަން ދިވެހި ރުފިޔާ) ކަނޑައަޅާފައެވެ.

ހިންދޫންނަކީ މުސްލިމުން ފިޔަވައި ޕާކިސްތާނުގެ އެންެމެ ގިނަ މީހުންނެވެ. ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޕާކިސްތާނުގައި 7.5 މިލިއަން ހިންދޫން އުޅެއެވެ. އެހެންނަމަވެސް، ޕާކިސްތާނުގެ ހިންދޫން ބުނާ ގޮތުގައި އެ ގައުމުގައި 9 މިލިއަން ހިންދޫން އެބަތިއްބެވެ. ޕާކިސްތާނުގައި އެންމެ ގިނަ ހިންދޫން އުޅެނީ ސިންދު ޕްރޮވިންސުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.