މުޞްޙަފް - 61

(8 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިގޭގައި ދެތިން ހަތަރު މީހުން ދިރިއުޅެމުން މި ގެންދަނީ ބީރައްޓެހިންގެ ގޮތުގައެވެ.

ފަރިޝްތޭ މިސްކިތަށް ދަނީ ހަވީރުއެވެ. އޭނާ މިހާރު ކިޔަވައިދެނީ ހަވީރު އޮންނަ ކުލާހަށް ކަމުގައި ވެދާނެއެވެ. މެހެމަލް އެއް ދުވަހަކު އެ ސުވާލު ކުރީމާ އުދާހާއެކު ހިނިތުންވެލިއެވެ.

"ހަސްފަތާލަށް ދާން ޖެހޭތީ ހެނދުނު ކުލާހަށް ދެވޭގޮތް ނުވީ." އިތުރު ވާހަކަ ނުދައްކައި ބުރުގާ ރަނގަޅު ކުރަމުން އޭނާ ނުކުމެގެން ހިނގައްޖެއެވެ.

ފަރިޝްތޭ ވަރަށް ފަރުވާތެރިކަމާއެކު މެހެމަލްގެ ކަންތައްތައް ބަލަހައްޓައެވެ. ބޭހާއި، މާލީސްކުރުމާއި، ކަސްރަތުކުރުވުމާ މި ނޫނަސް ހުރިހައި ކަމެއް ބަލަހައްޓަނީ ފަރިޝްތޭއެވެ. މީގެ އިތުރަށް ފިޒިއޯތެރަޕިސްޓް އައީމާ އޭނާޔާއެކު މެހެމަލަށް އެހީތެރިވުމާއި ކެއިންބުއިމުގެ ހުރިހައި ކަމެއްވެސް ބަލަހައްޓަނީ އޭނާއެވެ. އޭނާ ވަރުބައްޔެއްވެސް ނުވެއެވެ. ހެޔޮކަމެއް ކޮށްދޭ ކަމުގެ ވާހަކަވެސް ނުދައްކައެވެ. އެކަހަލަ ގޮތަކަށް ހީކުރެވިދާނޭފަދަ އެއްޗެކޭވެސް ދުވަހަކުވެސް ނުބުނެއެވެ.

އެ ދުވަހު ހަވީރުވެސް ފަރިޝްތޭ މިސްކިތަށް ހިނގައްޖެއެވެ. އުޑުމަތި އޮތީ ބަނަވެފައެވެ. ވިއްސާރަވިލާ ނަގައި ބޯމަތިކޮށްފައެވެ. ހުމާޔޫން ހަވީރަކު ގެއަކަށް ނާދެއެވެ. ތައިމޫރް ވީ ތަނެއް ނޭނގެއެވެ. މެހެމަލް އިނީ އޭނާގެ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާށެވެ.

މާގިނައިރުތަކެއް ނުވެ ހެސްކިޔާފައި ވިދައި ގުގުރާން ފަށައިފިއެވެ. އެޔާއެކު ބޯކޮށް ވާރޭވެސް ވެހިގެންފިއެވެ.

މީގެ ކުރިއަކުން އޭނާ ވާރޭ ދެކެ ބިރެއް ނުގަނެއެވެ. އެކަމަކު މިއަދު ބިރުގެންފިއެވެ. ހުމާޔޫނެއް ނެތެވެ. ފަރިޝްތޭއެއް ނެތެވެ. އެކަނި ހުންނާން ޖެހުނީމާ މާ ބޮޑަށް އެކަނިވެރިކަންވެސް އިހުސާސްވާން ފަށައިފިއެވެ.

ފުލުފުލުގައި ވިދައި ގުގުރަނީއެވެ. އޭނާގެ ހިތުގެ ތެޅުންވެސް އަވަސްވާން ފަށައިފިއެވެ. ދާ ހިއްލާން ފަށައިފިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ގޮވާނީ ކާކަށް ހެއްޔެވެ؟

އޭނާ ފުރޮޅުލީ ގޮނޑި ދުއްވައިފައި ފެންޑާއަށް ނުކުމެއްޖެއެވެ. އޭނާ ދިޔައީ ފޯނު ބަހައްޓައިފައި ހުރި ތަނަށެވެ. ފޯނުގެ ކައިރީގައި ކުޑަ ނޯޓު ފޮތެއް އޮވެއެވެ. އެއީ ނަންބަރު ލިޔެފައި އޮންނަ ފޮތެކެވެ. އޭނާ ތުރުތުރުއަޅާ އޮތް އަތަކުން ފޯނުގެ އަތްގަނޑު ނަގައިފިއެވެ. އަދި ފަރިޝްތޭގެ ނަންބަރަށް ގުޅައިލިއެވެ.

ފޯނު ރަނގަބީލުވާ އަޑު އިވެއެވެ. އެކަމަކު ޖަވާބެއް ނުދެއެވެ. އޭނާ ކުލާހުގައި ކިޔަވައިދެނީކަން ނޭނގެއެވެ. އެވަގުތު އޭނާގެ ކަޅި ހުއްޓުނީ ނޯޓު ފޮތުގައި އޮތް ނަންބަރަކަށެވެ.

ކުޑައިރުކޮޅަކު ވިސްނައިލުމަށް ފަހު ތެޅިތެޅި އޮތް ހިތަކާއެކު އޭނާ އެ ނަންބަރަށް ގުޅައިލިއެވެ.

ތިންވަނަ ރަނގަބީލާއެކު ހުމާޔޫން ފޯނު ނަގައިފިއެވެ.

"ހަ... ހަލޯ... ހުމާޔޫން؟" އޭނާއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.

"ކާކު؟"

"އަހަރެން... މެހެމަލް."

"ހޫނ... ކީކޭ؟" ފިނި ގޮތަކަށް ހުމާޔޫން އަހައިލިއެވެ.

"ކޮން... ކޮންތާކު ތިހިރީ؟"

"ކިހިނެއްވީ؟" އޭނާގެ އަޑުގައި ނުރުހުމުގެ އަސަރު ހުއްޓެވެ.

"އެ... ޠޫފާނެއް އަތުވެއްޖެ. އަހަރެން ބިރުގަންނަނީ... ގެއަށް އާދޭ." އޭނާގެ އަރު ބެދެނީއެވެ.

"ހޫނ... އަހަރެން މިހިރީ ބައްދަލުވުމެއްގައި. މިހާރު ދާނީ ކިހިނެއް؟"

"ނޭނގޭ... އެކަމަކު އާދޭ. ކޮންމެ ގޮތެއް ހަދާފައިވެސް އާދޭ." ބޭރުގައި ޠޫފާން ވަރުއަރަމުން ދަނީއެވެ. އެޔާއެކު އޭނާގެ ލޮލުން ކަރުނަވެސް ފައިބަނީއެވެ.

"އަހަންނަކަށް ނުދެވޭނެ. ފަރިޝްތޭއަށް ގޮވާ. ނޫނީ ކޮންމެވެސް ނޯކަރަކަށް ގޮވާ."

"ފަރިޝްތޭ ގެޔަކު ނެތް. ހުމާޔޫން އާދޭ..."

"ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް؟ ތިޔަހެން ބަލިކަށި ކަމުގެ ޑުރާމާ ކުޅެގެން އަހަރެންގެ ހަމްދަރުދީ ހޯދިދާނެ ކަމަށް ދެކޭ ކަމަށް ވަންޏާ ތިޔަ ޚިޔާލު ބޮލުން ނެރެ އެއްލައިލާ. އަހަންނަށް އަހަރެންގެ ދިރިއުޅުމާއިގެން ކުރިއަށް ދިޔަދީ. ﷲ އަށްޓަކައި... އަހަރެން ދޫކޮށްލާ." ހުމާޔޫން ފޯނު ބާއްވައިފިއެވެ.

މެހެމަލަށް ބުނާނޭ އެއްޗެއް، ހަދާނޭ ގޮތެއް ނޭނގުނެވެ. ފޯނުގެ އަތްގަނޑު ބާއްވާކަށްވެސް އޭނާއަކަށް ނޭނގުނެވެ. ފާއިތުވެގެން ދިޔައީ ކިހައި ވަގުތެއް ކަމެއް ނޭނގެއެވެ. ކިތައް ފަހަރު ވިދައިލީކަމެއް ކިތައް ފަހަރު ގުގުރައިލީކަމެއް ނޭނގެއެވެ. ވާރޭ ވެހުނީ ކިހައި ވަރަކަށް ކަމެއް ނޭނގެއެވެ. އޭނާއަކަށް އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. އާގަމަވެފައި އަތްގަނޑު ކަންފަތުގައި ޖައްސައިގެން ހުރެވުނީއެވެ. ހީވަނީ ފޯނު ކައިރީގައި ބަހައްޓައިފައި ހުރި ބުދެއް ހެންނެވެ.

އެތައް އިރެއް ވުމަށް ފަހު ފޯނުގެ އަތްގަނޑު އަތުން ދޫވެގެން ވެއްޓިއްޖެއެވެ. ބިންމަތީގައި ޖެހުނު އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ލޮލުން ކަރުނަ ފައިބާން ފަށާއިފިއެވެ. މާގިނަ އިރުތަކެއް ނުވެ ކުޑަކުއްޖެއްހެން ބާރަށް ރޯން ފަށައިފިއެވެ.

އެ ހުރިހައި އެއްޗެއް އެކީ ހަމަ ހުމާޔޫން ހެއްޔެވެ؟ އެހައި ބޮޑަށް ރުޅި އައިސްފައި ހަޅޭއް ލެވީ ހުމާޔޫން ހެއްޔެވެ؟ އޭނާ ފޫހިވީ ހެއްޔެވެ؟ އާނއެކެވެ. އެއީ ފިރިހެނެކެވެ. ރީތި ފިރިހެނެކެވެ. ކޯމާއެއްގައި އޮތް އަނތްބެއްގެ ފަސްބައިގައި އެލިގަނެގެން އޮންނާނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ މިހާރު އޭނާއަކަށް މެހެމަލްގެ ބޭނުމެއް ނެތެވެ. މެހެމަލްގެ ފެނުނީމާވެސް މިހާރު ވާނީ ފޫއްސެވެ. އޭނާޔާ އިނދެވުނީތީ މިހާރު ހިތާމަވެސް ކުރާނެއެވެ. އެއީ ވަގުތީ ޖަޒުބާތެއްގެ ތެރެއިން އެޅުނު ޅައެއްޗެއް ކަމުގައި ދެކޭނެއެވެ.

ފިޔަވަޅެއްގެ އަޑު އިވިގެން އޭނާ އިސް އުފުލައި ބަލައިލިއެވެ. ސޯފާގެ ފުރަގަހުގައި ތައިމޫރް ހުރެގެން އޭނާޔާ ދިމާއަށް ބަލަނީއެވެ. ލޮލުން ފެންނަނީ ރުޅިވެރިކަމެވެ.

"ތައިމޫރް..." އޭނާ ކަރުނަޔާއެކު ގޮވައިލިއެވެ. "ދަރިފުޅާ... މިތަނަށް މަންމަގެ ކައިރިއަށް އާދެބަލަ." އޭނާ ދެއަތް ދިއްކޮށްލިއެވެ. ދުވެފައި އައިސް އޭނާގެ ގައިގައި ބައްދައިލާނޭ ކަމުގެ އުއްމީދުގައެވެ. ހުމާޔޫންގެ ރަވައްޔާގެ ސަބަބުން ލިބުނު ހިތްދަތިކަމަށް ލުޔެއް ލިބިދާނެވެސް ތޯއްޗެކެވެ.

"ނުދާނަން. އަހަރެން މިހިރީ ރުޅި އައިސްފައި." ތައިމޫރް ބާރަށް ބުނެލިއެވެ. ހުމާޔޫންގެ ވާހަކައަށްވުރެ އެ ދެތިން ލަފުޒުގެ ހިތިކަން ވަކިން ކުޑައެއް ނޫނެވެ. ހުމާޔޫނަކީ ބޮޑު މީހެކެވެ. މިއީ އެންމެ ހަތް އަހަރުގެ ކުޑަ ކުއްޖެކެވެ.

"ދަރިފުޅާ... މަންމަ ކީއްކުރީ؟ މަންމަ ދެކެ ރުޅި އަންނަނީ ކީއްވެގެން؟"

"އަހަރެން ދޫކޮށްލާފައި ދިޔައީމާ. އަހަރެން އެންމެ ބޭނުންވީ ވަގުތު ދިޔައީ..." ތައިމޫރް ބުންޏެވެ. އެއީ ކޮން ކަހަލަ ބޮޑެތި ވާހަކަ ހެއްޔެވެ؟ އެ އުމުރުގެ ކުއްޖަކު އަމިއްލައަށް އެކަހަލަ ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ "އަހަރެން ރުޅި އާދޭ... ހުރިހައި ކަމަކާ ހެދި... ރުޅި އާދޭ..."

ތައިމޫރް ދުވެފައި ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ދެން އިވުނީ ކޮޓަރީގެ ދޮރު ވަރަށް ބާރަށް ލެއްޕި އަޑެވެ.

"ދަރިފުޅާއެވެ. ދަރިފުޅު ދޫކޮށްލީ މަންމަގެ އަމިއްލަ އިޚްތިޔާރުގައި ހެއްޔެވެ؟ މަންމަ ދެކެ ރުޅި އަންނަނީ އެހައި ވަރުގެ ކަމަކާ ހެދި ހެއްޔެވެ؟ ދަރިފުޅަށް ތިޔަ ވާހަކަތައް ދަސްކޮށްދިނީ ބައްޕަ ހެއްޔެވެ؟" އޭނާ ވިސްނަމުން ހިތާއި ހިތާ ވާހަކަ ދައްކަމުން ދިޔައެެވެ.

އޭނާ މަޑުމަޑުން ގާޑިޔާ ދުއްވަމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެނދު ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި އޭނާގެ މުޞްޙަފް އޮތެވެ.

ބޭރުގަނޑުގައި "م" (މީމު) ލިޔެފައި އޮތެވެ. އެއީ ކޮން އިރަކު ކީއްވެގެން ޖެހި އަކުރެއް ހެއްޔެވެ؟ އަދިވެސް ހަނދާނެއް ނުވެއެވެ. އޭނާ ފަތިސް ނަމާދުން ފައިބައިގެން ކިޔައިފައިވާ ހިސާބުން ފޮތް ހުޅުވައިލިއެވެ. އެތަނުން ފަށައިގެން ކިޔަވާން ފަށައިފިއެވެ.

"އެއުރެން ބުނާބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުންދާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."

އޭނާ ޔަގީންކޮށްލުމުގެ ގޮތުން އަނެއްކާވެސް އެ އާޔަތަށް ބަލައިލިއެވެ.

"އެއުރެން ބުނާބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުންދާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެންނަށް އެ ދޮގުކުރެވެނީ ކަލޭގެފާނެއް ނޫންކަން ކަށަވަރެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ ﷲގެ ހެކިތަކާމެދުގައެވެ." (އަލްއަންޢާމް ސޫރަތުގެ 33 ވަނަ އާޔަތް)

"ޔާ ﷲ!" އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބާން ފަށައިފިއެވެ. "ކޮންމެ ފަހަރަކު... ކޮންމެ ފަހަރަކު... އިބަ ﷲ އަށް މިއަޅާގެ ހިތުގެ ހާލު އެނގިވޮޑިގެންފަތެވެ. މިއަޅާއަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވެއެވެ." އޭނާ ފަހަރަކު އަކުރެއްގައި އިނގިލި ޖައްސަމުން ކިޔަމުން ދިޔައެވެ. އެއީ އޭނާގެ ވާހަކައެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވައި ﷲ ތަޢާލާ ވާހަކަފުޅު ދައްކަވަމުން އެ ގެންދަވަނީ އަހަރެމެންނާއެވެ. އަހަންނާއެވެ.

އޭނާއަށް ރޮވިއްޖެއެވެ. މި ފަހަރަކު ދެރަ ވެގެންނެއް ނޫނެވެ. މިހާރު އެ ފައިބަނީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނައެވެ. ހިތްހަމަޖެހުމުގެ ކަރުނައެވެ.

"އިބަ ﷲ މިފަދައިން މިއަޅާއާ ވާހަކަފުޅު ދައްކަވަމުން ގެންދަވާނަމަ ލެހެއްޓެވި ކޮންމެ ހާލަތަކަށް މިއަޅާ މިހިރީ ރުހިގެންނެވެ. ރުހިގެންނެވެ. ރުހިގެންނެވެ." އޭނާ އިސް އުފުލައިލިއެވެ. އަދި ދެލޯ ފޮހެލިއެވެ.

ދެން އޭނާ ނުއެއް ރޯނެއެވެ. ދެން އޮތީ ކެތްތެރިވުމެވެ. ޠާއިފްގެ ހިލަތައް އައިސް ގައިގައި ޖެހެން ފަށައިފިއެވެ.

ކެތްތެރިވުމާއި ޝުކުރުކުރުން... އޭނާ އެ ދެވަލުގައި ބާރަށް ހިފަހައްޓައިލިއެވެ. ދެން ރުއިމެއް ނެތެވެ.

* * *

ވަރަށް ހިތް ފަސޭހަ ރީތި ހަވީރެކެވެ. ކޮލޮނީގެ މަގުތައް ހުރީ ކުނި ކަހައި ސާފުކޮށްފައެވެ. މިހާރު ހުރީ ގަސްގަހުން ވެރިފައި ހުރި މަލާއި ދޮން ފަތެވެ.

ބިލްގީސް އޭނާގެ ފުރުޅޮލީ ގޮނޑި ކޮއްޕަމުން މަގުގެ އެއް ފަރާތުން ހިނގަމުން ދިޔައެވެ. އެކި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މެހެމަލް އަނގަޔަކުން ނުބުނެއެވެ. ބިލްގީސްގެ ވާހަކަ އަޑު އަހާން ހިމޭނުން އިނީއެވެ. އެ ދުވަހުގެ ޠޫފާނަށް ފަހު މޫސުން ފިނި ވެއްޖެއެވެ. ބޭރަށް ނުކުމެ އުޅޭން ހިތް ފަސޭހަ ގޮތަކަށް މާހައުލު ބަދަލު ވެގެން ހިނގައްޖެއެވެ.

ކުރިމަތީން ފެންނަނީ ފިހާރައާއި ރެސްޓޯރަންޓުތަކެވެ. އެއީ އެ ކޮލޮނީގެ ވިޔަފާރި ސަރަހައްދެވެ. އެ ހިސާބަށް ދާން އޭނާ ޖެހިލުންވާތީ ކުރިއަށް ނުދާށޭ ބިލްގީސް ގާތު ބުނެފިއެވެ.

"ޕާކު ތެރެއަށް ހިނގާ."

ބިލްގީސް ޕާކާ ދިމާއަށް ގޮނޑި އަނބުރައިލިއެވެ.

"މެޑަމްގެ އެކްސިޑެންޓުވީ ދުވަހު ސާހިބު ވަރަށް ބޮޑަށް ކީރިތި ކުރެއްވި. އަޅުގަނޑު ދުށިން..."

ކާކު؟ ހުމާޔޫންތަ؟"

"އާދެ. އޮފީހަކަށްވެސް ވަޑައެއް ނުގަނޭ. ޗުއްޓީ ނަންގަވައިގެން ރެޔާއި ދުވާލުގެ ހުރިހައި ވަގުތެއް ހޭދަކުރެއްވީ ހަސްފަތާލުގައި. ތައިމޫރް ބަލައި ބޮޑުކުރީ އަޅުގަނޑު. އެއީ ވަރަށް ލޯބި ކުއްޖެއް... އުމުރުން ހަތަރު އަހަރު ފުރުނީމާ ހަސްފަތާލަށް ދާއިރު ތައިމޫރް ދަނީ މާ ހިފައިގެން. ތައިމޫރް މެޑަމްއާ ވަރަށް ގިނައިން ވާހަކަ ދައްކާ."

"ދެން މިހާރު މިވީ ކިހިނެއް؟" މެހެމަލް މަޑުމަޑުން އަހައިލިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.