ޙައްސާސް މައްސަލަ ތަކުގެ މަޢުލޫމާތު ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަކުރުމަށް ފުލުހުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދި ވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަކަމަށް އެދި ވަޑައިގެންނެވީ ފުލުހުނާ މިއަދު ހަވީރު ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ. ރައިސް ވިދާޅުވީ ފުލުހުން ބަލަމުންދާ ޙައްސާސް މައްސަލަތަކުގެ މަޢުލޫމާތު ހާމަކުރަންޖެހޭ ވަގުތު ހާމަނުކުރުމުން އެކަމުގެ ބަދުނާމު ފުލުހުންނާއި ސަރުކާރުގެ ބޮލުގައި އެޅެމުންދާކަމަށެވެ. ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިހާރު އެއްވެސް ހުރަހެއް ނަތުމުން ބައެއް މީޑިއާތަކުން ބައެއް ފަހަރު މަޢުލޫމާތު ހާމަކުރާ ގޮތުން ރައްޔިތުންނަށް ކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅޭކަމަށް ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. އެކަން އެގޮތަށް ދިމާވަނީ ރައްޔިތުންނަށް ތެދު މަޢުލޫމާތު އެނގެން ބޭނުންވާ ވަގުތުގައި ހާމަ ނުކުރެވުން ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެހެންކަމުން އެންމެ މަސްލަޙަތު ހުރިގޮތަކީ ފުލުހުން ބަލަމުން ދާޚައްޞާސް މައްސަލަތަކުގެ މަޢުލޫމާތު އޭގެ ވަގުތުގައި ހާމަކުރުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން މިފަދަ ބަދުނާމެއް ބޮލުގައި އެޅޭކަށް އެންމެ ފުލުހެއްވެސް ބޭނުމެއް ނުވާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ޢަދުލު އިންސާފް ޤާއިމް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ފެށުން ވެސް ގުޅިފައި ވަނީ ފުލުހުންގެ ޚިދުމަތާ ފުލުހުނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙްޤީޤް އަވަސް ކުރުމާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން ވެސް އަންހެނުންނާއި ކުޑަކުދިންނަށް ޖިމްސީ ގޯނާކުރުމުގެ މައްސަލަ ތަކަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އެފަދަ މައްސަލަތަކުގެ ތަހްޤީޤް އަވަސްކޮށް ޝަރީޢަތް އަވަސްކޮށް އަވަހަށް އިންސާފު ޤާއިމްކުރެވެންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.