ދެކުނު އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީގައި ފާއިތުވި އަންގާރަ ދުުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ލީޑަރު ލަޒާރުސް ޗަކްވޭރާ މަގާމުގެ ހުވައިކުރައްވައިފިއެވެ.
"(ރައްޔިތުންނަށް) ޚިދުމަތްކުރާ ސަރުކާރެއް ހަގީގަކަށް ހެދިދާނެ ކަމާމެދު ގައުމުގެ އިތުބާރު އަހަރުމެން އަލުން އަނބުރައި ހޯދާނަން. (ހަމައެކަނި) ވެރިކަންކުރާ ސަރުކާރެއް ނޫން. އުއްމީދު އާކުރާ ސަރުކާރެއް. ރުޅިވެރިކަން އުފައްދާ ސަރުކާރެއް ނޫން. އަޑުއަހާ ސަރުކާރެއް. އަޑުގަދަކުރާ ސަރުކާރެއް ނޫން. ތިޔަބޭފުޅުންނަށްޓަކާ ހަނގުރާމަކުރާ ސަރުކާރެއް. ތިޔަބޭފުުންނާ ހަނގުރާމަކުރާ ސަރުކާރެއް ނޫން." ވެރިރަށް ލިލޯންގްވޭގައި އޮތް ހުވައިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗަކްވޭރާ ވިދާޅުވިއެވެ.
އެ ގައުމުގެ އިލެކްޓޯރަލް ކޮމިޝަން އިއުލާންކުރި ނަތީޖާގައި ވާގޮތުން ޗަކްވޭރާ ވަނީ ވޯޓުގެ %58.57 ހޯއްދަވައިގެން މިހާރުގެ ރައީސު ޕީޓާ މުތާރިކާ ބަލިކުރައްވާފައެވެ. ރައީސު މުތާރިކާ ބަލިވެވަޑައިގަންނަވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، މިހާ އޮމާންކަމާއެކު އިދިކޮޅު ލީޑަރު މޮޅުވިކަން އިއުލާންވެގެން ދިއުންވީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ.
އިންތިޚާބުގައި ލީ 4.4 މިލިއަން ވޯޓުގެ ތެރެއިން ޗަކްވޭރާ ވަނީ 2.6 މިލިއަން ވޯޓު ހޯއްދަވާފައެވެ. ރައީސު މުތާރިކާއަށް ހޯއެްދެވުނީ 1.7 މިލިއަން ވޯޓެވެ.
ފާއިތުވި އަހަރު މޭ މަހު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސު މުތާރިކާއެވެ. ނަމަވެސް އެ އިންތިޚާބުގައި މަކަރުހަދާފައިވާކަން ސާބިތުވެ ފާއިތުވި ފެބްރުވަރީ މަހު ދަސްތޫރީ ކޯޓުން ވަނީ އެ އިންތިޚާބު ބާޠިލުކޮށް އަލުން ބޭއްވުމަށް އަމުރުކޮށްފައެވެ. މިއީ މަލާވީގެ ތާރީޚުގައި މިފަދައިން އިންތިޚާބެއް ބާޠިލުކުރި ފުރަތަމަ ފަހަރެވެ. އަދި 2017 ވަނަ އަހަރު ކެންޔާގައި ބާޠިލުކުރި ރިޔާސީ އިންތިޚާބަށް ފަހު އެފްރިކާގެ ތާރީޚުގައި ބާޠިލުކުރި ދެވަނަ އިންތިޚާބެވެ.
ބާޠިލުކުރި އިންތިޚާބު މަލާވީގެ އާއްމުންގެ މެދުގައި މަޝްހޫރުވެފައި ވަނީ "ޓިޕެކްސް އިންތިޚާބު" ގެ ނަމުގައެވެ. އެއީ އެ އިންތިޚާބުގައި ޚާއްސަ ޓިޕެކްސްއެއް ބޭނުންކޮށްގެން އިދިކޮޅު މީހުންގެ ވޯޓު ބަދަލުކޮށްފައި ވާތީއެވެ.
އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަތް ރައީސު މުތާރިކާ ހުންނެވީ ހިތްޕުޅު ހަމަނުޖެހިފައެެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ "ގަބޫލުނުކުރެވޭ" ކަމަށެވެ. އެހެންނަމަވެސް، އޭނާގެ "އިޚްލާސްތެރި އުއްމީދަކީ ފަހަތަށް ގެންދިއުމުގެ ބަދަލުގައި ގައުމު ކުރިއަށް ގެންދިއުން" ކަމުގައެެވެ.
5 އެޕްރީލް 1955 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ލުޒާރުސް ޗަކްވޭރާއަކީ މަލާވީއާއި، ދެކުނު އެފްރިކާއާއި، އެމެރިކާއިން ނަސާރާ އަގީދާގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވީ ނަސާރާ ދީނުގެ ފާދިރީއެކެވެ. ދީނީ ގޮތުން އެތައް ފޮތެއް ލިއުއްވާފައިވާ ޗަކްވޭރާ ވަނީ 2014 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުުގައި ވެސް ވާހަކަފުޅު ދައްކަވާފައެވެ.