ކޮވިޑް- 19 އާއި ގުޅިގެން ދޭ އެހީގޮތުގައި ކޮންގްރެސްއިން ފާސްކުރި ޕެކޭޖްގައި ހިމެނޭ ފަރާތްތަކަށް ފޮނުވި ފައިސާ މަރުވެފައިވާ 1.1 މިލިއަން މީހުންނަށް ފޮނުވިފައިވާކަން ހާމަވެއްޖެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ގަވަމެންޓް އެކައުންޓެބިލިޓީ އޮފީސް (ޔޫއެސްޖީއޭއޯ) އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ވާގޮތުން ކޮންގްރެސްއިން ޕެކޭޖްގައި ހިމެނޭ ފައިސާގެ ތެރެއިން އެޕްރީލް މަހު ފޮނުވި 1.4 ބިލިއަން ޑޮލަރު ވަނީ މަރުވެފައިވާ 1.1 މިލިއަން މީހުންނަށް އޮޅުމަކުން ފޮނުވިފައެވެ. އެއީ މީހަަކަށް 1200 ޑޮލަރު މަގުންެނެވެ.
"އިގްތިސާދީ ޙާއްސަ ހާލަތުގައި ދޭ ފައިސާ މަރުވެފައިވާ މީހުންނަށް ފޮނުވައިވަރު ގިނަކަމުން ފާހަގަވެގެން ދަނީ ސަރުކާރުން ފަރުދުންނަށް ދޭއިރު، ސައްކަން ކަށަވަރުކުރުމުގެ މުހިއްމު ފިޔަވަޅުތައް މެދުކެނޑުމެއް ނެތި އަޅަންޖެހޭކަން." ޔޫއެސްޖީއޭއޯގެ ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި ވާގޮތުން، މިކަން މިހެން ދިމާވީ 2008-2009 ގެ އިގްތިސާދީ ދަތިކަމުގެ ދުވަސްވަރު ފައިސާ ފޮނުވުމަށް ބޭނުންކުރި ސިސްޓަމެއް ބޭނުންކޮށްގެން މިފަހަރު ފައިސާ ފޮނުވި އިރު، ޔޫއެސް ޓްރެޝަރީގެ ސިސްޓަމާ އިންޓާނަލް ރެވެނިއު ސާވިސް (އައިއާރްއެސް) ގެ ސިސްޓަމް ސިންކްރޮނައިޒްކޮށްފައި ނުވާތީއެވެ.
"އައިއާރްގެ ސިސްޓަމް ހުންނަނީ ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއިން ބަަލަހައްޓާ މަރުވާ މީހުންގެ ރެކޯޑްތަކާ ގުޅިފައި. އެހެނަސް ޓްރެޝަރީއާއި އެތަނުގެ ފައިސާ ދޫކުރާ އޮފީސް ކަމުގައިވާ ބިއުރޯ އޮފް ފިސްކަލް ސާވިސްގެ ސިސްޓަމްތައް (އެ ރެކޯޑްތަކާއި) ގުޅިފައި ނުހުރޭ." ޔޫއެސްޖީއޭއޯއިން ފާހަަގަކޮށްފައި ވެއެވެ.
އެމެރިކާގެ ކޮންގްރެސްއިން މާރިޗު މަހު ފާސްކުރި 'ކޮރޯނާވައިރަސް އެއިޑް، ރިލީފް އެންޑް އެކޮނޮމިކް ސެކިއުރިޓީ (ކެއާސް) ގާނޫނުގެ ދަށުން، އެމެރިކާގެ މަަސައްކަތްތެރިންނަށާއި، ދަތިހާލުގައި ޖެހޭ އަމިއްލަ ވިޔަފާރިތަކަށް އެހީވުމަށް 2 ޓްރިލިއަން ޑޮލަރު ކަނޑައަޅާފައި ވެއެވެ.
މި ގާނޫނުގައި ވާ ގޮތުން އަހަރަކު 75000 ޑޮލަރަށް ވުރެ ދަށް އާމްދަނީއެެއް ލިބޭ ފަރުދުންނަށް 1200 ޑޮލަރު އަދި 150000 އަށްވުރެ މަދުން އާމްދަނީ ލިބޭ ދެމަފިރިންނަށް 2400 ޑޮަލަރު ލިބޭނެއެވެ. މިއީ އެއް ފަހަރު ދެވޭ އެހީއެކެވެ.
ދުނިޔޭގައި ކޮވިޑް- 19 ގެ ހާލަތު އެންމެ ގޯސް ގައުމުކަމަށްވާ އެމެރިކާގައި 2.4 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، މި ބަލީގައި 1 ލައްކަ 24 ހާސް މީހުން ވަނީ މަރުވެފައެވެ.