ދިގު 30 އަހަރުގެ އިންތިޒާރަކަށްފަހު ޕްރެމިއަ ލީގުގެ ޗެމްޕިއަންކަން ހުކުރު ވިލޭރޭ ލިވަޕޫލަށް ލިބިއްޖެއެވެ.
ޓީވީން ކުޅިބަލަންތިބި ލިވަޕޫލްގެ ކުޅުންތެރިންނަށް ޗެމްޕިއަންކަން ލިބުނީ ޕޮއިންޓު ތާވަލުގައި ލިވަޕޫލާއި ވާދަކުރަމުންއައި މެންޗެސްޓަ ސިޓީ ހުކުރު ވިލޭރޭ ޗެލްސީ އަތްދަށުވެ 2-1 ލަނޑުން ބަލިވުމުންނެވެ.
ކުޅެން ހަތް މެޗު ބާކީ އޮތްވާ ލިވަޕޫލަށް ޗެމްޕިއަންކަން ކަށަވަރު ޔަގީންވީ ލިވަޕޫލަށް ލިބިފައިވާ ޕޮއިންޓު މެންޗެސްޓާ ސިޓީއަށް ލިބޭނެ ހުރިހާ ދޮރެއް ބަންދުވުމުންނެވެ.
ލިވަޕޫލުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ވެރިންނާއި ތަރުހީބުދޭ މީހުން އުފައު ފައުޅުކޮށް ބެރުޖަހައި ނަށައި ކައިބޮއި އުފައު ފަޅުކުރަމުންއެބަދެއެވެ. ތާރީޚީ ބޮޑު ކާމިޔާބީއެއް ލެއްވުމުންނެވެ.
އަމިއްލަ ގައުމުގެ ޓޮޓެމްހަމް ވަރަށް ކުޑަކުޑަ ތަފާތަކުން ބަލިކޮށްގެން ނަމަވެސް މިދިޔައަހަރުގެ ޗެމްޕިއަންސް ލީގު ހޯދީ ލިވަޕޫލުންނެވެ. އެ ކްލަބުން ވަނީ ކްލަބް ވޯލްޑްކަޕް ހޯދާފައެވެ.
އިނގިރޭސި ފުޓުބޯޅައިގެ ތާރީޚަށް ބަލާއިރު ހަތް މެޗުކުޅެން އޮތްވާ އެއްވެސް ޓީމަކަށް މީގެ ކުރިން ޗެމްޕިއަންކަމެއް ނުލިބެއެވެ. ލިވަޕޫލުން މި ސީޒަންގައި ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. ކުރިއަށް އޮތް ހަތް މެޗުން 15 ޕޮއިންޓު ލިބިއްޖެނަމަ ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމުގެ ރެކޯޑު އެ ޓީމަށް ގާއިމުކުރެވޭނެއެވެ.
ލިވަޕޕޫލަށް ޕްރެމިއަ ލީގުގެ ޗެމްޕިއަންކަން ނުލިބި ރޭގަނޑުގެ ނިދިގެއްލި ހިތާމައިގެ ކަރުނަ ލޮލުން ފައިބަމުންދާތާ 30 އަހަރު ވެގެންދިޔައިރު އިނގިރޭސިވިލާތުގައި ހަބޭފުޅަކު ބޮޑުވަޒީރުކަން ކުރައްވައިފިއެވެ. އެމެރިކާގައި ފަސްބޭފުޅަކު ރައީސްކަން ކުރައްވައިފިއެވެ. ދުނިޔޭގައި އެތައް ހަނގުރާމައެއްކޮށް ސުލްހައިގެ އެތައް އެއްބަސްވުންތަކެއްގައި ސޮއިކުރެވި އެތައް އިންގިލާބެއް ގެނެވުނު އިރު، އެތައް ހާސް މިލިއަން ޑޮލަރެއް ތަށި ހޯދުމުގެ ނިޔަތުގައި ލިވަޕޫލުން ހޭދަކޮށްފައިވެއެވެ. އެތައް ސަތޭކަ ކުޅުންތެރިން ކްލަބަށް ގެނެސް ބުރަ މަސައްކަތް ކުރުވައި ނަތީޖާއެއް ނުފެނިގެން ގެއަށާއި ރަށަށް އެ ކުޅުންތެރީން ފޮނުވައިލައިފައިވެއެވެ.
ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ލިވަޕޫލަށް މިދިޔަ އަހަރުފެށި ޕްރެމިއަ ލީގު މިއަހަރު ލިބުނީ 2015 ވަނަ އަހަރު ޓީމަށް ގެނައި ކޯޗު ޖަރުމަނުގެ ޖާގަން ކްލޮޕް ޓީމަށް ގެނައި ކުޅުންތެރިންނާއި މެދުކެނޑުމެއްނެތި އޭނާގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތުގެ ސަބަބުންނެވެ. ލިވަޕޫލްގެ ކާމިޔާބީގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހިއްސާ އޮތަސް ދިފާއަށް ކުޅޭ ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކް އާއި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި ކުރިއަށް ކުޅޭ ކެމަރޫންގެ ލަނޑުޖެހުންތެރިޔާ ސަޑިއޯ މާނޭ އާއި މިސްރުގެ ގޯލުޖަހާ މެޝިން މުޙައްމަދު ޞަލާޙުގެ ދައުރު ވަރަށް ބޮޑެވެ.
ލިވަޕޫލާ ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހަފުތާގައެވެ. ދަނޑަށް ބެލުންތެރިން ނުވައްދާތީ ލިވަޕޫލުގެ ސަޕޯޓަރުން އެ ރަސްމިއްޔާތު ބަލަންޖެހޭނީ ޓީވީންނެވެ.