ޕަބްލިކް ޓްރާންސްޕޯޓާބެހޭ ބިލެއް ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީން މިކަން ހާމަކުރެއްވީ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން، ޕަބްލިކް ޓްރާންސްޕޯޓާބެހޭ ބިލު ޑްރާފްޓް ކުރުމަށް އެކުލައިފައިވާ ސަބްކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން، އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތުމަތު ނިއުމާއެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެކުލަވާލާ، އާއްމު ދަތުރުފަތުރާ ބެހޭ ބިލް ކުރިއަށް އޮތް ދެހަފަތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެކަމުގެ ޔަޤީންކަން ބަންޑާރަނާއިބް އޮފީހުން ދެއްވައިފައިވާކަށެވެ. އެހެން ކަމުން އެބިލް މަޖިލީހަށް ފޮނުވުމުން ދެބިލް އެއްކޮށްލައިގެން މަސައްކަތް ކުރިއަށް ގެންދެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާ ބިލްޑްރާފްޓްކޮށްފައިވަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކަމަށް ވެސް ނިޢުމާ ފާހަގަ ކުރެއްވިއެވެ. ޕްލޭނިން މިނިސްޓްރީގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބައިވެރިވުން ބިލް ޑްރާފްޓް ކުރުމުގައި ހިމެނޭ ކަމަށް ޑެޕިއުޓީ މިނިސްޓަރ ނިޢުމާ ވިދާޅުވިއެވެ. ރާއްޖޭގައި ނެޝަނަލް ފެރީ ނެޓްވޯކެއް ޤާއިމް ކުރުމާބެހޭގޮތުން، ފައިނޭޝަލް އެސެސްމެންޓަކާއި، ބިޒްނަސް އެސެސްމެންޓެއް ހަދާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް ވަނީ މަޖިލީހުން ޑްރާފްޓް ކުރަމުންދާ ބިލަށް ގިނަ އިޞްލާޙުތަކެއް އަންނަން ޖެހޭކަން ފާހަގަ ކުރައްވައިފައެވެ. ސަރުކާރުން އެކުލަވާލާ ބިލް ދެހަފްތާތެރޭގައި މަޖިލީހަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވާތީ މަޖިލީހުން ޑްރާފްޓް ކުރަމުންދާ ބިލްގެ މަސައްކަތް މަޑު ޖައްސާލުމަށް އެދިވަޑައިގަތެވެ. ޤާނޫނެއްގައި ހުންނަން ޖެހޭ ވަރަށް ވުރެ ތަފްޞީލީ ކަންތައްތަކެއް މަޖިލީހުގެ ބިލްގައި ހިމެނިފައިވާ ކަމަށް ވެސް އެބިލަށް ޚިޔާލު ފާޅުކުރެއްވި އެކި މުއައްސަސާތަކުގެ ބޭފުޅުން ފާހަގަ ކުރެވިއެވެ. އެފަދަ ކަންކަމަކީ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދެއްގައި ހިމެނެންޖެހޭނެ ކަންތައްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. އާންމު ދަތުރު ފަތުރުގެ ނިޒާމް ހިންގުމަށް ޓްރަސްޓް ފަންޑެއް ގާއިމު ކުރުމަށްވެސް މަޖިލީހުން ޑްރާފްޓް ކުރާ ބިލްގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ދަތުރުފަތުރާބެހޭ ބިލެއް ޑްރާފްޓް ކުރަން ފަށައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްނެންގެވުމުގެ މަތިން މަޖިލީހުން ބިލް ޑްރާފްޓްކުރުމަށް ފެށްޓެވި މަސައްކަތުގެ ތެރެއިންނެވެ. އެމައްސަލައިގައި މަޖިލީހުގެ ރައީސާއި އެޓާނީ ޖެނެރަލްއާ ދެމެދު ހިޔާލު ތަފާތުވުން ތަކެއްވެސް އުފެދިގެން ދިޔައެވެ.