ކޮރޯނާވައިރަހާ ގުޅިގެން ވައިގެ ނުސާފުކަމަށް ހެއު ބަދަލެއް އައިކަމުގައިވިޔަސް ގޮނޑުދޮށްތަކާއި މޫދާއި ކަނޑުގެ މާހަލަށް ވަނީ ނޭދެވޭ ބަދަލުތަކެއް ކުރިމަތިވެފައެވެ.
ފުރާންސުގައި ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމާއަތަކުން ބުނިގޮތުގައި ގިނައަދަދެއްގެ ފޭސް މާސްކާއި އަންގި އެމީހުންނަށް ވަނީ ގޮނޑުދޮށުން ފެނިފައެވެ.
އެޖަމާއަތުން ކަނޑު އަޑިއަށް ފީނައިގެން ވީޑިއޯ ކުރުމުން ކަނޑުއަޑީގައި ހުރި މާސްކާއި އަންގިވެސް ވަނީ ފެނިފައެވެ.
ތިމާވެށި ސާފުތާހިރުކުރުމަށް މަސައްކަތްކުރާ އެޖަމާއަތުން ހާމަކުރިގޮތުގައި މާސްކާއި ރަބަރު އަންގި ގޮނޑުދޮށުން ފެނުމަކީ ނުރައްކަލުގެ ރަނގަބީލެކެވެ. އެއީ ގޮނޑުދޮށުގައި ހުރި ކޮރޯނާވައިރަސްގެ ކުނި މޫދަށާއި ކަނޑަށް ގިނައަދަދަކަށް ހިނގައިދާނެތީއެވެ.
ފުރަބަންދަށް ލުއިދިނުމާއި ފުރަބަންދު ނިމުމަކަށް ގެނައުމުން ޔޫރަޕުގެ މީސްމީހުން މިހާރު ވަނީ ގޮނޑުދޮށުން އުފާލިބިގަންނަން ފަށާފައެވެ. އެކަން އެމީހުން ފަށާއިރު މާސްކާއި ރަބަރު އަންގި ގޮނޑުދޮށާއި މޫދުން ފެނުމަކީ ނަފުސާނީ ގޮތުންވެސް ނޭދޭވޭ އަސަރެއް ކުރާނެކަމެއްކަމަށް ތިމާވެއްޓަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ދަނީ ބުނަމުންނެވެ.
ތިމާވެއްޓަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި ކަނޑުއަޑިން މާސްކާއި ރަބަރު އަންގި ފެނުމަކީ މޫދުގެ ތިމާވެއްޓަށް އަލަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައެކެވެ.
"ކޮރޯނާވައިރަސްގެ ކުނިން ގޮނޑުދޮށާއި މޫދާއި ކަނޑުތައް ސާފު ކުރުމަކީ އަލަށްކުރިމަތިވި ވަރަށް ބޮޑު ޗެލެންޖެއް. މިކަމުން ސަލާމަތްވާން ބޮޑު ހޭދައެއް ކުރަންޖެހޭނެ." ޖަމްއިއްޔާއެއްގެ ވެރިއަކު ވިދާޅުވިއެވެ.
ކްރޯނާވައިރަސްއާ ގުޅޭ ކުނި މޫދުގައި ގިނަވުމަކީ ފަރުތަކުގެ ދިރުމަށް ވެސް ކުރިމަތިވެދާނެ މައްސަލައެކެވެ.