މާދަމައިންފެށިގެން ދެވޭ ލުޔަކީ ނިއުނޯމަލް އަށް ދިއުމަށް ދެވޭ ޓެސްޓެއް ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބަދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާދަމައިން ފެށިގެން ދެވޭ ލުއިތަކުގައި ޢަމަލު ކުރަންޖެހޭ މުހިންމު ކަންކަމުގެ މައްޗަށްވެސް ތަރުޖަމާނު މަބްރޫކް ވަނީ ވާހަކަ ދައްކަވައިފައެވެ. މަބްރޫކް ވިދާޅުވީ ހުރިހާ ކަމަކީ ލިޔުމުން ބަޔާން ކުރެވޭނެކަންތައްތައް ނޫން ކަމަށެވެ. އަމިއްލަ ވިސްނުމުގެ ބޭނުން ކޮށްގެންވެސް ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދަނޑި ވަޅަކީ ތިމާގެ މީހުންނާއި ރައްޓެހިންނަށް ޒިޔާރަތްކުރާ ޙާލަތަކަށް ނުހެއްދެވުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ކޮންމެހެން ބޭނުން ޖެހޭ ކަންކަމުގައި ނޫނީ ބޭރަށް ނުނުކުތުމަށް ވެސް އޭނާ އެދި ވަޑައިގެންނެވިއެވެ. ތޮއްޖެހިގެން ނުތިބުމަށާއި ތަންތާގައި އަތްނުލުމަށާއި ސެނިޓައިޒްކުރުމަށް ސަމާލުކަން ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ. އޮފީސްތަކުގެ މަސައްކަތަށް ނުކުތް ނަމަވެސް ބައްދަލުވުންތައް ކުދިކުދި ކޮޓަރިތަކުގައި ނުބާއްވައި ކުރިންވެސް ބާއްވަމުން ގެންދެވި ގޮތަށް ވާރޗުއަލްކޮށް ބޭއްވުމަށް އިލްތިމާސް ކުރެއްވިއެވެ. މާދަމައިން ފެށިގެން ދެވޭ ލުއިތަކާއެކު ވަކިގޮތަކަށް އުޅެން ފަރިތަވާންޖެހޭ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މާދަމައިން ފެށިގެން ދެވޭ ލުއިތަކުގައި ކަންކަން ދާގޮތަކަށް ބައްލަވައިފައި ނޫނީ ތިންވަނަ ފިޔަވައްސަށް ނުވަތަ ނިއު ނޯމަލްއަށް ނުދެވޭނެ ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ވިދާޅުވީ މާދަމައިން ފެށިގެން ދެވޭ ލުއިތަކުގައި ފުލުހުން އަދާ ކުރަމުން ދާނީ މޮނިޓަރިންގެ ދައުރެއް ކަމަށެވެ. ތަންތަނުގައި މީހުން ގިނަވާ ކަމަށްވާނަމަ ނަޞޭހަތްތެރިވަމުން ދާނެކަމަށްވެސް ވިދާޅުވިއެވެ. ވަކި ޢުމުރުގެ ބަޔަކަށް ވަކި ވަގުތެއް ޚާއްޞަކޮށްފައިވާއިރު އެކަންކަމަށް އިޙްތިރާމް ކުރަން ޖެހޭނެކަމަށް އޭސީޕީ ނަވީން ވިދާޅުވިއެވެ. ފުރަބަންދުގައި ކުރިން ކުރަމުން ގެންދެވި ގޮތަށް ޖުރިމަނާކުރުން ފަދަކަން ކަންކަން ނުކުރައްވާނެކަމަށް ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން ފުލުހުންގެ ހުއްދަޔާ ނުލައި ރޭގަނޑު 10 ޖަހަންދެން ބޭރަށް ނުކުމެ އުޅެވޭނެއެވެ.