ދެވުނު ލުއިތަކާއެކު އިތުރު ފަރުދީ ޒިންމާތަކެއް!

މާލެ ސަރަޙައްދަށް ކޮވިޑް 19 ފެތުރެން ފެށުމާއެކު އޭޕްރީލް 15 އިން ފެށިގެން ވަނީ ފުރަބަންދުކޮށްފައެވެ. މާލޭގެ އިތުރުން ބަލި ފެތުރުނު އެހެން ސަރަޙައްދުތައްވެސް އެކި މިންވަރަށް ފުރަބަންދުކުރިއެވެ. މާލޭ ސަރަޙަދުގެ ފުރަބަންދަށް ކުޑަ މިނަވަރެއްގެ ލުއިތަކެއް ލިބިގެން ދިޔައީ މީގެ ދެހަފުތާއެއްހައި ދުވަސް ކުރިންނެވެ. އެލުއިތައް އިޢުލާނު ކުރައްވަމުން ސަރުކާރުން ވިދާޅުވީ ބަލީގެ ޙާލަތާއި މީހުންގެ ޢަމަލުތަކަށްބަލައި ދެހަފުތާ ފަހުން އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އެއީ ބަލި ފެތުރޭ މިންވަރާއި ޖިސްމާނީ ގައިދުރުކަމާއި ބޭރުތެރޭގައި މާސްކު އެޅުންފަދަ ކަންކަމެވެ.  ދެވަނަ ފަހަރަށް ދެވޭ ލުއިތައް ރޭ ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. ފުރަތަމަ ދެވުނު ލުއިތަކާ އަޅައި ބަލާއިރު ދެވަނަ ފަހަރަށް މިވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދެއްވައިފައެވެ. މިލުއިތައް ލިބިގެން މިދަނީ ފުރަބަންދަށް ދެމަސް ދުވަސް ވުމަށް ފަހުއެވެ.

ފުލުހުންގެ ހުއްދަޔާ ނުލައި ހުރިހާ ޢުމުރެއްގެ ބަޔަކަށްވެސް ބޭރުގައި އުޅެވޭނެ

މިމަހުގެ 15 އިން ފެށިގެން ދެވޭ ލުއިތަކުގެ ތެރޭގައި އެންމެ މުހިންމު ކަމަކީ ފުލުހުންގެ ހުއްދަޔާ ނުލައި ބޭރުގައި އުޅެވޭގޮތް ވުމެވެ. ނަމަވެސް އެގޮތަށް އުޅެވޭނީ ރޭގަނޑު ދިހައެއް ޖެހުމާ ހަމައަށެވެ. އޭގެ ފަހުން ބޭރުގައި އުޅޭނަމަ ފުލުހުންގެ ހުއްދަ ހޯދަންޖެހެއެވެ. މިލުއިތައް ދެވުނު ކަމުގައި ވިއަސް ކޮންމެހެން ބޭނުން ޖެހޭ ކަންކަމުގައި ނޫނީ ބޭރަށް ނުނުކުތުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

އާންމުންނަށް ބޭރުގައި އުޅުމުގެ ފުރުޞަތު ހުޅުވާލެއްވި ނަމަވެސް ގިނަވެގެން އެއްވެ އުޅެވޭނީ ތިން މީހުންނަށެވެ. އެއަށްވުރެ ގިނައިން އެކުގައި ގްރޫޕްހަދައިގެން ބޭރުގައި އުޅުމަކީ މަނާކަމެވެ. ހުއްދަޔާ ނުލައި ބޭރުގައި އުޅުމަށް ހުޅުވާލެއްވި ނަމަވެސް ވަކި ގަޑިތަކެއް ވަކި ބަޔަކަށް ޚާއްޞަ ކުރެވިފައިވެއެވެ. އެގޮތުން ދޮށީ ޢުމުރުގެ މީހުންނަށް މިހާރުވެސް އޮންނަ ގޮތަށް ފަތިހު ފަހަކުން ހެދުނު އަށަކަށް ހުއްދަޔާ ނުލައި ބޭރުގައި އުޅެވޭނެއެވެ. ކުޑަކުދިންނަށް ވެސް ބޮޑެތި މީހުންނާއެކު ބޭރުގައި އުޅެވޭނީ ހަވީރު ހަތަރަކުން ހަޔަކަށެވެ. އަދި ކަސްރަތުކުރާ މީހުންނަށް ޚާއްޞަ ގަޑިއަކީ އިރުއޮއްސި ހަޔަކުން  ނުވައަކަށެވެ.

ޕާކުތަކާއި މައިޒާންތައް ވެސް ހުޅުވާލާނެ

މިމަހުގެ ފަނަރައިން ފެށިގެން ޕާކުތަކާއި މައިޒާންތައް ފަދަ ތަންތަންވެސް ޙުޅުވާލައްވާނެއެވެ. ހުޅުވާލާއިރު އެތަންތަނުގައި އަތް ދޮވުން ފަދަ ޚިދުމަތްތައް ދެވޭގޮތް އިންތިޒާމު ކުރަން ޖެހެއެވެ. އެފަދަ ތަންތަނަށް ދާ ފަރުދުންވެސް އެމީހުންގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ޚިޔާރު ކުރަންޖެހެއެވެ. ގައިދުރުކަމާއި މާސްކު އެޅުމާއި ސެނެޓައިޒްކުރުންފަދަ އަމިއްލަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ. ލުއި ދެވުނު ނަމަވެސް ޙާލަތު ބަދަލު ވަމުންދާނަމަ ބައެއް ކަހަލަ ހިފެހެއްޓުން ހިފަހައްޓަން ޖެހިދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ  މިމަހުގެ 15 އާ ހަމައަށް މިއޮތް ތިން ދުވަހަކީ ބޭރަށް ނުކުތުމުގެ ތައްޔާރީތަކަށް ލިބުނު ތިން ދުވަސް ކަމުގައި ދެކެން ޖެހެއެވެ. ބޭރުގައި އުޅުމަށް ތައްޔާރުވުމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބަދުލް ޢަޒީޒުވެސް ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އަތުގައި އެންމެ މާސްކެއް އޮތް މީހުން އިތުރު މާސްކު ހޯދުން ފަދަ ކަންކަން ކުރިއަށް އޮތް ތިންދުވަހުގެ ތެރޭގައި ކުރުން މުހިއްމު ކަމުގައެވެ. ޚިދުމަތްދޭ ތަންތަނުގައިވެސް ގައިދުރުކަމާއި ސާފުތާހިރުކަމުގެ މިންގަނޑުތައް އިންތިޒާމު ކުރުމަށްވެސް އޭނާ އެދިވަޑައިގަތެވެ.

 އާންމު ފިހާރަތަކާއި ބައެއް ޚިދުމަތްތައް ވެސް ހުޅުވާލާނެ

ޖޫން 15 އިން ފެށިގެން ދެވޭ ލުއިތަކުގެ ތެރޭގައި އާއްމު ފިހާރަތަކާއި އާއްމު ބައެއް ޚިދުމަތްތައް ވެސް ހިމެނެއެވެ. ފިހާރަތައް އާއްމުކޮށް ހުޅުވާލާއިރު އެތަންތަނަށް އެއްފަހަރާ ވަދެވޭނެ މީހުންގެ ޢަދަދު އާއްމުންނަށް ފެންނާނެ ގޮތަށް ތަނުގެ ބޭރުގައި ތަތްކޮށްފައި ބަހައްޓަންޖެހޭނެއެވެ. ގައިދުރުކަން ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހެއެވެ. ތަނުން ބޭރުގައި މަޑުކުރަން ޖެހޭ އިރު ވެސް ބިންމަތީގައި ތިންފޫޓުން ތިންފޫޓުން ފާހަގައެއް ޖަހައިފައި ބަހައްޓަން ޖެހޭނެއެވެ.

މިދެވޭ ލުއިތަކާއި އެކީގައިވެސް ފިހާރަތަކާއި އާއްމު ޚިދުމަތް ދޭ ތަންތަން ހުޅުވައިފައި ބެހެއްޓޭނީ ރޭގަނޑު 9 ޖެހުމާ ހަމައަށެވެ. ނަމަވެސް ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ޚިދުމަތް ރޭގަނޑު 11 ޖެހުމާ ހަމައަށް ދެވޭނެއެވެ. އާއްމުކޮށް ބޭރުގައި އުޅުމުގެ ހުއްދަ އޮންނަނީ ރޭގަނޑު 10 އާ ހަމައަށް ކަމަށް ވާތީ އޭގެ ފަހުން ޑެލިވަރީކުރާ ފަރާތްތަކަށް ވެސް ބޭރުގައި އުޅެވޭނީ ފުލުހުންގެ ހުއްދަޔާއެކުގައެވެ. ރެސްޓޯރެންޓް ކެފޭތައް ވެސް ޑެލިވަރީގެ އިތުރުން ޓޭކްއަވޭއަށް ޖޫން ފަނަރައިން ފެށިގެން ހުޅުވާލެވޭނެއެވެ. ނަމަވެސް އެތަންތަނުގައި ގައިދުރުކަމުގެ އިންތިޒާމުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި ހުންނަންޖެހެއެވެ  ޚިދުމަތްދޭ ތަންތަން ހުޅުވާލެއްވި ނަމަވެސް ބަންދު ކޮށްފައި ހުންނަ ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ. ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ސިނާޢީ މަސައްކަތްތަކާމެދު ޢަމަލު ކުރެވެމުންދާނީ ކުރިންވެސް އޮތް އުޞޫލަށް ކަމަށް ހެލްތް މިނިސްޓްރިން ވިދާޅުވިއެވެ.

 އެއްގަމު ދަތުރުފަތުރާއި ކަނޑު ދަތުރުފަތުރުވެސް ހުޅުވާލާނެ

މިމަހަގު ފަނަރަގައި ދެވޭ ލުއިތަކުގެ ތެރޭގައި އެއްގަމު ދަތުރުފަތުރާއި ކަނޑު ދަތުރުފަތުރު ހުޅުވާލުމަށް ވަނީ ނިންމަވައިފައެވެ. އާންމު ކަނޑު ދަތުރުފަތުރުވެސް މާލެ ސަރަޙައްދަށް ނޫނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ޖޫން 15 އިން ފެށިގެން ހުޅުވާލެވޭނެއެވެ. ނަމަވެސް މާލެއަށް އައިސް ފުރުމުގައި ވަކި އުޞޫލުތަކެއް އަދިވެސް އޮންނާނެކަމަށް ހެލްތު މިނިސްޓްރީން ރޭ ވިދާޅުވިއެވެ.

ސަރަޙައްދީ އެއަރޕޯޓުތައް ވެސް އެތެރޭގެ އުދުހުން ތަކަށް މިމަހު 15 އިން ފެށިގެން ހުޅުވާލުމަށް ހެލްތު މިނިސްޓްރީން ލަފާ އަރުވައެވެ. މާލެ ސަރަޙައްދުގެ ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީގެ ޚިދުމަތައްތައްވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުން ގެންދެވޭނެއެވެ. އެ ގައިޑްލައިންތައް އެޗްޕީއޭ އިން ކުރިން ވަނީ އިޢްލާނު ކޮށްފައެވެ.

މާރުކޭޓްތައް ހުޅުވާލުން

މިމަހުގެ ފަނަރައިން ދެވޭ ލުއިތަކުގެ ތެރޭގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ހުޅުވާލުން ވެސް ހިމެނެއެވެ. ނަމަވެސް އެތަންތަނުގެ ޚިދުމަތަށް ހުއްދަ ދެއްވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ ގައިޑްލައިންތަކަށް ފެތޭ ގޮތަށް އެތަންތަން ބަދަލު ކުރުމުންނެވެ. އެޗްޕީއޭއާ ގުޅިގެން މާލެސިޓީ ކައުންސިލުން އެތަންތަން އާންމުނަށް ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ. މާރުކޭޓުތައް ހުޅުވާލާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ޖިސްމާނީ ގައިދުރުކަމަށާއި ސާފުތާހިރުކަމަށެވެ. ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، ގައިދުރުކަން ގާއިމް ކުރެވޭނެ މިންގަނޑުތައް އެޗްޕީއޭގެ ލަފާގެ މަތިން ސިޓީކައުންސިލުން އެތަންތަނުގައި ޤާއިމްކުރައްވާނެކަމަށް ހެލްތު މިނިސްޓްރީން ރޭ ވިދާޅުވިއެވެ. މިފަދަ އާންމު ތަންތަނުގައި އުޅޭ އިރުވެސް އެންމެ މުހިންމީ ފަރުދީ ޒިންމާއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލައި އިތުރު ގިނަ ލުއިތަކެއް ޖުލައިން ފެށިގެން ލިބޭނެ

ދެހަފަތާއަށް ލިބޭ ލުއިތަކުގެ އިތުރުން އިތުރު ލުއި ތަކެއް ޖުލައިމަހުން ފެށިގެން ދިނުމަށް ވަނީ ހަމަޖައްސަވައިފައެވެ. ރާއްޖޭގެ ބޯޑަރާއި ޓޫރިޒަމާއި މިސްކިތްތަކާއި ސްކޫލުތައް ހުޅުވި އެނޫންވެސް ގިނަ އާންމު ޚިދުމަތަކެއް ޖުލައިމަހުން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމަވައިފައެވެ.

އެކުގައި ބޭރަށް ނުކުމެ އުޅެވޭނެ މީހުންގެ ޢަދަދު  10 މީހުންނަށް އިތުރު ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. ޖަމާޢަތުގައި ނަމާދުކުރުމަށް މާލެ ސަރަޙައްދުގެ މިސްކިތައް ވެސް ހުވާލުމަށް ވަނީ ނިނަމަވައިފައެވެ ސްކޫލުތަކާއި ޔުނިވަރސިޓީ ކޮލެޖްފަދަ ތަންތަން ވެސް އެޗްޕީއޭއިން އެމުއައްސަސާތަކާ ގުޅިގެން ކަނޑައަލާ އުޞުލުތަކާ އެއްގޮތަށް ހުޅުވާލެވޭނެއެވެ. ސަރުކާރުގެ އޮފިސްތައްވެސް އާއްމުކޮށް ހުޅުވާލާނެއެވެ

ޖިމްތަކާއި ރެސްޓޯރެންޓްތަކާއި ސަލޫންތައް ވެސް އެތަންތަނުގައި ތިބެގެން ޚިދުމަތް ހޯދުމަށް ޖުލައި މަހުން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމަވައިފައެވެ. މިކަންކަންވެސް ޙުޅުވާލެވޭނީ އެތަންތަނުގައި ވަކި އުޞޫލުތަކަކުން ޚިދުމަތް ދެވޭ ގޮތަށެވެ. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ އިޖްތިމާއީ ގައިދުރުކަން ހިފެހެއްޓުމެވެ.

ލުއިތަކާއެކުވެސް ހިފެހެއްޓުންތަކެއް ގެންގުޅެންޖެހޭ  

ޖޫން 15 އިން ފެށިގެން ބޮޑެތި ލުއި ތަކެއް ދިންކަމުގައި ވިއަސް ޖިސްމާނީ ގައިދުރުކަން ހިފެހެއްޓުމާއި ކޮންމެހެން ބޭރުގައި އުޅެންޖެހޭ ކަމެއްގައި ނޫނީ ބޭރުގައި ނޫޅުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ. ހާލަތު ގޯސްވާނަމަ ފުރަބަންދަކަށް ނުދިޔަ ނަމަވެސް އިތުރު ހިފެހެއްޓުން ތަކެއް ހިފަހައްޓަން ޖެހިދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. ޖޫން ފަނަރައިން ފެށިގެން ދެވޭ ލުއި ތަކަކީ ވެސް ދެހަފްތާއަށް ދެވޭ ލުއިތަކެކެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ ޖޫން ފަނަރައިން ފެށިގެން ދެވޭ ލުއިތަކަކީ މިހާރު ފެންނަށް އޮތް މަންޒަރަށް ބަލާ ގެނެދެވޭ ލުއި ތަކެއް ކަމަށެވެ. ފުރަބަންދު އަދިވެސް ދެމިގެންދާނެކަން ފާހަގަ ކުރައްވައި މަބްރޫކް ވިދާޅުވީ ވަކި ގަޑިތަކެއްގައި ވަކި ކަންތައްތަކެއް ކުރުމަށް ލުއި ތަކެއް ދެވެމުންދަނީ ކަމަށެވެ.

"ކޮންމެ ކަމަކީ ވެސް ވަގުތާއި ހާލަތާ ގުޅިގެން ބަދަލުވެދާނެކަންކަން." މަބްރޫކް ވިދާޅުވިއެވެ.  

އަލަށް ދެވޭ ލުއިތަކާއެކު ފިޔަވަޅުތަކެއް އެޅުމުގެ އުސޫލު ނުގެންގުޅުނުނަމަވެސް ފަރުދީ ޒިންމާ އުފުލުމަށް ހެލްތު މިނިސްޓްރީންވެސް އިލްތިމާސް ކުރައްވައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހުރިހާބޭފުޅުންވެސް މިހާރު މިއޮތް ޙާލަތަކީ ނިއުނޯމަލް ކަމަށް އަހުލުވެރިވެ ސެލްފް ޑިސިޕްލިން ހިފަހައްޓައި އަމިއްލަ ސަލާމަތަށް ފިޔަވަޅުތައް އެޅުމާއި އެޗްޕީއޭގެ އިރުޝާދުތައް ފޮލޯކުރުން (ޢަމަލުކުރުން) ފިޔަވަޅު އެޅުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް." ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ ޢަބްދުﷲ ވިދާޅުވިއެވެ.

ޑޮކްޓަރ އިބްރާޙިމް އަފްޒަލް ވިދާޅުވީ ބޭނުންވާ ވަރަށް ގައިދުރުކަން ނުބެހެއްޓޭ ޙާލަތްތަކުގައި މާސްކު އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ފިހާރަފަދަ ތަންތަނަށް ގޮސް ޚިދުމަތް ހޯދުމުގައާއި ޚިދުމަތް ދިނުމުގައި އެކަށިގެންވާ ގައިދުރުކަން ނުބެހެއްޓޭނަމަ މާސްކު އަޅަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަންދު ތަންތަނުގެ ތެރޭގައި ވެސް މާސްކު އެޅުމަށް ޞިއްޙީ މާހިރުންއިލްތިމާސް ކުރައްވައެވެ.

ދެވޭ ލުއިތަކާއެކު ފަރުދީ ޒިންމާ ނުއުފުލާނަމަ ކޮވިޑްގެ ބިޔަ ރާޅެއް އަޅުގަނޑުމެންގެ ބޯމައްޗަށް އަނެއްކާ ވެސް ބިންދާލުމަކީ ގާތުގައި ވާކަމެއްކަން އެހެން ޤައުމުތަކުގެ ތަޖްރިބާއިން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.