މުޞްޙަފް - 35

(5 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އާޣާ ކަރީމް ޗެކަށް ބަލައިލިއެވެ.

އެވަގުތު މެހެމަލްގެ ނަން ގޮވައިފިއެވެ. އޭނާ ތެދުވެ އެއް ފަހަރު ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު އިސް އުފުލައިގެން ހުރެ ފުރިހަމަ އިތުބާރާއެކު ހެކިން އަރާ ކޮށިގަނޑާ ދިމާއަށް ހިނގައިގެންފިއެވެ.

އާޣާ ކަރީމް އެއް ފަހަރު ޗެކަށް އަނެއް ފަހަރު މެހެމަލާ ދިމާއަށް ބަލައިލަބަލައިލާ އިނީއެވެ.

މެހެމަލާ ދިމާއަށް ޚަތިމެއް ދިއްކޮށްލެވިއްޖެއެވެ. އޭނާ އާޣާ ކަރީމާ ދިމާއަށް ކަޅިވެސް ޖަހައި ނުލައި ބަލަހައްޓައިގެން ހުރެ ޚަތިމުގެ މަތީގައި އަތް ބޭއްވުމަށް ފަހު ހުވައި ކޮށްފިއެވެ.

އާޣާ ކަރީމް އަނެއްކާވެސް ޗެކާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު ރުޅި އައިސް ރަތް ވެގެން ހުރެ ޗެކު ވީދައިލިއެވެ.

މެހެމަލް ހިތި ގޮތަކަށް ހިނިތުންވެލިއެވެ. އަދި ވަކީލުގެ ވާހަކަތަކަށް ސަމާލުކަން ދިނެވެ. ވަކީލު އޭނާޔާ ސުވާލު ކުރަނީއެވެ.

* * *

ފަވާދްގެ ކަފާލަތު ބާތިލުކޮށްފިއެވެ. އޭނާޔާ ދެކޮޅަށް ހުރި ހެކިތައް މާ ގިނައީއެވެ. އެހެންވީމާ އޭނާ އަނެއްކާވެސް ޖަލަށް ލައިފިއެވެ.

އެނބުރި ގެއަށް ދިޔަ މަގުމަތީގައި އޮތީ މަރުގެ ހިމޭންކަން ވެރިވެފައެވެ. މެހެމަލް އިނީ އާޣާ ކަރީމްގެ ކާރުގެ ފަހަރު ގޮނޑީގައެވެ. ހިމޭނުން އިނދެގެން ބޭރު ބަލަނީއެވެ. ކާރު އައިސް ގެއަށް ވަނީމާ އެންމެ ފުރަތަމަ ފޭބީ އޭނާއެވެ.

ގޭގެ އަންހެނުން އޭނާޔާ ދިމާއަށް ހިނގައިގަތެވެ.

"ކިހިނެއްވީ؟"

އޭނާ އަނގައިންވެސް ނުބުނެ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"އެ އިހުސާންތެރިކަން ހަނދާން ނެތް އަންހެންދަރި ފަވާދާ ދެކޮޅަށް ހެކިބަސް ދީފި."

"ގޮތްކުޑަ."

"އެކަމަކު ފިކުރު ބޮޑު ކުރާނޭ ކަމެއް ނެތް. ފަވާދް ވަރަށް އަވަހަށް މިނިވަން ވެދާނެ. ގަޒިއްޔާއަކު އެހައި ވަރެއް ނެތް."

ޣަފްރާނާއި އަސަދާ ދެމީހުން ހިތްވަރުދޭން މަސައްކަތް ކުރި ނަމަވެސް މެހެތާބްގެ ގައިން ލޭ ހުސްވީ ކަހަލައެވެ. މޫނު ހުދު ވެއްޖެއެވެ.

"އަހަރެން ދަރި... ފަވާދް..." އޭނާ މޭގައި ދެއަތުން ތަޅަމުން ހަރު އަޑުން ރޯން ފަށައިފިއެވެ. އަރިއަޅައިލައިގެން ވެއްޓޭން ދާން ފެށީމާ ނާޢިމާއާއި ފިޒާއާ ދެމީހުން އައިސް ހިފަހައްޓައިފިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި ގޭތެރެއަށް ބޮޑު ހައިޖާނެއް ވެރިވެއްޖެއެވެ. މެހެމަލް ކުޑަދޮރުގެ ފޮތިގަނޑު ކުޑަކޮށް ކަހާލައިގެން ބޭރުގެ މަންޒަރުތައް ބަލާން ހުއްޓެވެ. އޭނާގެ މޫނުމަތީން ފެންނަނީ ހިތްހަމަޖެހުމުގެ އަސަރެވެ. ބިއްލޫރިކޮޅެއް ކަހަލަ ލޮލުން އާދަޔާ ޚިލާފު ވިދުވަރެއް ފާޅުވޭވޭ ހުއްޓެވެ.

އެގާރަ

އޭނާ ހުރީ ތަނބަކަށް ލެނގިލައިގެން އިށީނދެގެންނެވެ. ހުސްފަޔާއެވެ. ވިނަގަނޑުގެ އިހުސާސް ފަޔަށް ކުރީމާ ލިބޭ އަރާމެެއްގެ ސަބަބުން އެހެން އިނީއެވެ. އޭނާ އިނީ ޚަތިމެއް ހިފައިގެން ކިޔަވާށެވެ. ކުލާސް ނިމިއްޖެއެވެ. އެހެންވީމާ ކުދިންތައް ކޮޅުކޮޅުމައްޗަށް ހިނގާތަނާއި ނުކުމެގެން ދާތަން ފެނެއެވެ. އޭނާ ކިޔަވަނީ ކަހުފް ސޫރަތެވެ. މިއަދަކީ ހުކުރު ދުވަހެވެ.

"އައްސަލާމް ޢަލައިކުމް." ސާރާ އައިސް ހަރުފަތް މަތީގައި އިށީންނަމުން ސަލާން ގޮވައިލިއެވެ.

އޭނާ ބޮލުގެ އިޝާރާތުން ސަލާން ބަލައިގަތުމަށް ފަހު ކިޔެވުން ކުރިއަށް ގެންދިޔައެވެ.

ސާރާ އުނގުމަތީގައި ފޮތެއް ބާއްވައިގެން އޭނާގެ ނޯޓުތައް ބަލާން ފަށައިފިއެވެ. ފަރިޝްތޭ ދޮރާށި ކައިރީގައި އެހެން ކުއްޖަކާ ވާހަކަ ދައްކާން ހުއްޓެވެ. އެ ކުއްޖާ އާދޭސް ކުރާ ކަހަލަ ގޮތަކަށް ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ފަރިޝްތޭ ނޫނެކޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރައިލާތަން ފެނެއެވެ. ހަމަ އާދައިގެ މަޑުމައިތިރިކަމާއެކީގައެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރު ފައުޅުވާ ފަދަ ގޮތަކަށެވެ.

"ސާރާ. ކީއްކުރަނީ؟"

"ފަރިޝްތޭދައްތަ ދެއްވި އެސައިންމަންޓެއް ހަދަނީ." އޭނާ އިސް އުފުލައިލިއެވެ. "ދީނާއި މަޒުހަބުގެ ތަފާތަކީ ކޮބާ؟"

"ދީނަކީ އިނގިރޭސި ބަހުން ކިޔައި އުޅޭ ރިލިޖަން. މިސާލަކަށް އިސްލާމް ދީން. މަޒުހަބަކީ ދީނުގެ ތެރޭގައި ތިބެގެން ބަޔަކު ގަބޫލު ކުރާ ވަކި ފިގުހީ އުސޫލުތަކެއް. މިސާލަކަށް އަހުލުއްސުންނާ ވަލްޖަމާޢާ. ނުވަތަ ޝިއީން. އަދި ބައެއް ކަހަލަ ފިގުހީ ފިރުގާތަކަކީވެސް މަޒުހަބު. މިސާލަކަށް މާލިކީ މަޒުހަބު. ޝާފިޢީ މަޒުހަބު. އެނގިއްޖެތަ؟"

"އާނ. މެހެމަލަށް ވަރަށް ރަނގަޅަށް ފަހުމުވެފައި އެބަހުރި."

"އެއް ދުވަހަކު ފަރިޝްތޭ އަހަންނަށް ވިސްނައިދިނީ." މެހެމަލް ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ. އޭނާ އަދިވެސް އެ ކުއްޖާޔާ ވާހަކަ ދައްކަނީއެވެ. ސާރާވެސް މިހާރު އިނީ ފަރިޝްތޭއާ ދިމާއަށް ބަލާށެވެ.

"ފަރިޝްތޭގެ ލޯ އަހަންނަށް ވަރަށް ކަމުދޭ." މެހެމަލަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"އާނ. ވަރަށް ގުޅޭ. އަހަންނަށްވެސް ފާހަގަ ކުރެވޭ."

"ގުޅެއޭ؟" އޭނާ ޖޯޝާއެކު ސާރާއާ ދިމާއަށް ބަލައިލިއެވެ. "ސާރާ. ހަމަ ހަގީގަތުގައިވެސް ގުޅޭ ދޯ؟ ފަރިޝްތޭގެ ލޯ ފެނުނީމާ އަހަރެން ދަންނަ ކޮންމެވެސް މީހަކާ ގުޅެއޭ އަބަދުވެސް ހިތަށް އަރާ. ގުޅެނީ ކާކާ ކަން ސާރާއަށް އެނގޭތަ؟"

"މެހެމަލަކަށް ނޭނގޭތަ؟" ރަބީޢާ ހައިރާން ވެފައި އަހައިލިއެވެ.

"އޭނާގެ ދެބެއިންގެ ދެދަރި ކުއްޖަކާ ދޯ؟"

"ދެބެއިންގެ ދެދަރިއޭ؟ ދެބެއިންގެ ދެދަރި ކާކު؟"

"އަޅާ ނުލާ. ބުނެބަލަ... ކާކާތަ ވައްތަރީ؟"

ރަބީޢާ ހައިރާން ވެފައި އިރުކޮޅަކު އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށް ފަހު ހީނގަތެވެ. "މެހެމަލް. އޭނާގެ ލޯ ވައްތަރީ މެހެމަލްގެ ލޮލާ. އެއްވެސް ތަފާތެއް ނެތް. ލޯގަނޑަކުން ދުވަހަކުވެސް އަމިއްލަ ލޯ ނުދެކެންތަ؟"

"އަހަންނާއޭ؟" މެހެމަލަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އަމިއްލަ ސޫރަ ތާއަބަދު ކުރިމަތީގައި ނުހުންނާތީ ފާހަގަ ނުކުރެވެނީ ކަމުގައި ވެދާނެއެވެ.

އަންހެންކުއްޖާ ބުނި ކޮންމެވެސް އެއްޗެއްގެ ސަބަބުން ފަރިޝްތޭ ހިނިތުންވެލިއެވެ. ހިނިތުންވެލީމާ އޭނާގެ ލޮލުގެ ހިމަކޮޅު ކުޑަވެގެން ދެއެވެ. އެއީ މެހެމަލް ހިނިތުންވެލީމާވެސް ވާ ގޮތެވެ. އޭނާއަށް ފަރިޝްތޭއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކިހައި އިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ.

އެ ދުވަހު ގެއަށް އައިސް އެނދުގައި އިށީނދެގެން އުނގުމަތީގައި ފޮތް ބާއްވައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޭނާ އެތައް އިރެއް ވާންދެން އިނެވެ. ސިއްސައިގެން ގޮސް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ މުސްރަތު ކޮޓަރިއަށް ވަނީމައެވެ.

"މަންމާ. ވާހަކައެއް އަހައިލަންތަ؟"

"އާނ. އަހާބަލަ." މުސްރަތު އަލަމާރީން ކޮންމެވެސް އެއްޗެއް ހޯދަން ފަށައިފިއެވެ.

"މަންމަގެ ބޭބެއާ... އަހަރެންގެ ބޮޑުބޭބެއާ ދިމައެއް ނުވޭތަ؟"

"ނުވޭ." މުސްރަތު ކުޑައިރުކޮޅަކަށް ހުއްޓުން އަރައިފައި އަނެއްކާވެސް ހޯދަން ފަށައިފިއެވެ.

"ބޮޑުބޭބެގެ ހުންނަނީ އެންމެ އަންހެން ދަރިއެއް ދޯ؟"

"އާނ. ހީވަނީ އެހެން."

"އެ ކުއްޖާގެ ނަމަކީ ކޮބާ؟"

"ނޭނގޭ. އެ ކުއްޖަކު ލިބުނީ އަހަރެން މީހަކާ އިންފަހުން." މުސްރަތު އަލަމާރިން ހެދުމެއް ނަގައިގެން ނުކުމެގެން ހިނގައްޖެއެވެ.

ކާވެނީގެ ފަހުން އޭނާގެ މަންމަޔާއި ބޮޑުބޭބެއާ ދިމާނުވާކަން އޭނާއަށްވެސް އެނގެއެވެ. މަންމަޔާއި ބައްޕަގެ ކާވެނިކުރީ މަންމަގެ އާއިލާގެ ނުރުހުމުގައެވެ. އެހެންވީމާ އާއިލާގެ އެއްވެސް މީހަކު އޭގެ ފަހަކުން މަންމަޔަކާ ގުޅުމެއް ނުބާއްވައެވެ. އެއީ މެހެމަލް ދެނަހުރި ކަންކަމެވެ. މިއަދު ފަރިޝްތޭގެ ލޯ ފެނުނީމާ އޭނާގެ ހިތަށް އެރީ ފަހަރެއްގައި...

"އަހަރެމެން މިހާރު ފައިސަލާކޮށް ނިންމައިފިން." ބޭރުން މެހެތާބް ވަރަށް ބާރަށް ބުނި އަޑު އިވުނީމާ އޭނާ ސިހުނެވެ. އޭނާ ފޮތް ބާއްވައިފައި ހުސްފަޔާ ކޮޓަރިން ނުކުމެއްޖެއެވެ. މަޑުމަޑުން ގޮސް ފެންޑާގެ ދޮރު ހުޅުވައި ސިއްރުން ބަލައިލިއެވެ.

އާޣާ ކަރީމާއި މެހެތާބާ ދެމީހުން ސޯފާގައި އިށީނދެގެން ތިއްބެވެ. ރަސްކަލަކާއި ރަނިކަނބަލަކާ ހެންނެވެ. ކުރިމަތީގައި މުސްރަތު ނިކަމެތި ވެގަނެގެން ކޮޅަށް ހުއްޓެވެ.

"މުސްރަތުގެ ދަރިފުޅު ގާތުވެސް ބުނޭ." މެހެތާބް ބޮޑާކަމާއެކު މުސްރަތާ ދިމާއަށް ބަލައިލިއެވެ. "އަހަރެމެން އޭނާ ޅީދަރިއަކަށް ހެދީމާ އެ ކޮށް ދެވެނީ ވަރަށް ބޮޑު ހެޔޮކަމެއްކަން ހަނދާން ކުރާތި. ކަލޭމެން ދެމައިން އުމުރު ދުވަހު މަސައްކަތް ކޮށްގެންވެސް އެ ހެޔޮ ކަމުގެ ބަދަލެއް ނުދެވޭނެ."

"އެކަމަކު ފަހަރި..." މުސްރަތުގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. "މެހެމަލް... މެހެމަލް ވަސީމާ އިންނާކަށް ގަބޫލެއް ނުވާނެ."

"ވަސީމް؟" މެހެމަލަށް ދެ ފިޔަވަޅެއް ފަހަތަށް ޖެހިލެވިއްޖެއެވެ.

މީގެ ދިހަވަރަށް ދުވަސް ކުރީން ފަރީދާ މިގެއަށް އައިސް ވަސީމްގެ ކުޅިގަނޑުގެ ވާހަކަ ކިޔައި ދިނެވެ. އެއީ އޭނާ ލޮލުން ދެކި އަތުން ހިފި ވާހަކަތަކެކެވެ. ފަރީދާއަކީ މެހެމަލްގެ ބައްޕަޔާ ދެބެއިންގެ ދެދަރި މީހެކެވެ. ރަށު ތެރޭގައި ކަމެއް ވެއްޖެއްޔާ އެކަމެއްގެ ޚަބަރު އެންމެ ފުރަތަމަ އަރާނީ ފަރީދާގެ ކަންފަތަށެވެ. އެ ދުވަހު ފަރީދާ ވާހަކަ ދައްކާން ފެށީމާ މެހެތާބް އެ ވާހަކަ ހުއްޓުވިއެވެ. އެކަމަކު އޭގެ ފަހުން ކޮންމެވެސް ކާވެނި ޕާޓީއެއްގައި ފަރީދާ އެވާހަކަ ފަށައިފިއެވެ. ފަވާދް ހައްޔަރު ކުރި ވާހަކަ އޮބިގެން ނުދަނީސް އަނެއްކާއަނެއް ވާހަކަޔާ މެހެތާބަށް ކުރިމަތިލާން ޖެހުނީއެވެ.

މުޅި ޕާޓީ ހަނގުރާމައިގެ މައިދާނަކަށް ބަދަލު ވެއްޖެއެވެ. މެހެތާބް އެކަންޏެވެ. އަނެއްކޮޅުގައި ދޮޅަހަކަށް އަންހެނުންނެވެ. އެމީހުން ދިޔައީ އޭނާއަށް ކުރެވުނު ވަރަކަށް މަލާމާތް ކުރަމުންނެވެ.

"އެއްޗެކޭ ހީނުކުރާތި... މެހެތާބް ފަހަރި. ވަސީމް މަސްތު ވެފައި ހިނގައިނުގަނެވިގެން އުޅެނިކޮށް ގެއަށް ގެންގޮސް ދިނީ އަހަރެންގެ ދަރިފުޅު ސަމީޢު."

"އެ ވަގުތު ސަމީޢު އެތާގައި ކީއްކުރީ؟" މެހެތާބް ރުޅިގަނޑު ކޮންޓުރޯލު ކުރެވޭތޯ މަސައްކަތް ކުރިއެވެ.

ވަސީމްގެ ކާވެނި އޮތީ އާޣާ ކަރީމަށް ބޮޑުބޭބެ ކިޔާ އާޣާ ސިކަންދަރުގެ ދަރިއަކާ ކުޑައިރު ހަމަޖައްސައި ނިންމައިފައެވެ. މިހާރު އާޣާ ސިކަންދަރުގެ އާއިލާގެ މީހުން ފުރަތަމަ އުޅުނީ ދުރުދުރުން ނުދެނަހުރި ކަމަށް ހަދައިގެންނެވެ. ފަހުން ހުރިހައި ކަމެއް ބޭޒާރުވެ ވަސީމްގެ އުޅުން ހުންނަ ގޮތް އެނގުނީމާ ފޯނުކޮށްފައި ކާވެނީގެ ވަޢުދު އުވައިލައިފިއެވެ.

"މެހެތާބް ފަހަރި. އެއީ ކުޑައިރު ކުރެވުނު މޮޔަ ކަމެއް. އާއިލާގެ އެއްވެސް މީހަކު އެ މީހެއްގެ ދަރި ދެވާން ނުރުހޭ މީހަކާ އަޅުގަނޑުމެންގެ ދަރިފުޅު ދެވާނީ ކިހިނެއްތޯ؟"

"ކަލޭމެން ބަލަން ތިބޭތި. އަހަރެން މި އާއިލާގައި އިން އެންމެ ރީތި ކުއްޖާޔާ އަހަރެންގެ ވަސީމް ދެވާފައި ދައްކާނަން." މެހެތާބް ރުޅި އައިސް ރަތްވެފައި ބުންޏެވެ.

މިހާރު މި އޮތީ މޮޅު ހައްލެއް ހޯދައިފައެވެ. މެހެމަލް ކޮންޓުރޯލު ކުރާށާއި އާއިލާގެ އަބުރު ނަގަހައްޓާށާއި މުދާގަނޑު އަތުން ބީވިޔަ ނުދޭން އަޅާ މޮޅު ފިޔަވަޅެއްގެ ގޮތުގައި އާޣާ ކަރީމަށާއި މެހެތާބަށް ފެނުނު ހައްލަކީ މިއީއެވެ. އެއް ތީރުން ތިން ޝިކާރައެއް ކުރީއެވެ.

* * *

މެހެމަލް އިސް ޖަހައިލައިގެން ހުރެ މަގުގެ އެއް ފަރާތުން ހިނގަމުން ދަނީއެވެ. ލޮލުން ކަރުނަ ފައިބަނީއެވެ. އިސްތަށިގަނޑު ރޫޅިގެން ވެއްޓިއްޖެއެވެ. އޮތް ގޮތެއް އޭނާއަކަށް ނުވެސް އެނގެއެވެ.

މިއީވެސް ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ކަންތައްތައް ހެއްޔެވެ؟ މިއީ މެދުވެރި ވެދާނޭ ކަމަށް އޭނާ ދުވަހަކުވެސް ހީކުރި ކަހަލަ ކަމެއް ނޫނެވެ. އޭނާގެ ކަރަށް މަޅިއެއް ފެތި ބާރު ވަމުންދާ ކަމުގައި އިހުސާސް ކުރެވޭނެ ފަށައިފިއެވެ.

އުދާސް ވެފައިވާ ގަސްތައް އެ ހުރި ގޮތަށް މިއަދުވެސް އެބަހުއްޓެވެ. ދޫނިތައް އެނބުރި ހާލިހާއްޔަށް އަންނަނީއެވެ. އެއީ އޭނާ ދަންނަ ރާސްތާއެކެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ދަނިކޮށް މީހަކު އޭނާއަށް ގޮވައިލީ އަޑު އިވިއްޖެއެވެ.

"މެހެމަލް... މަޑުކޮށްބަލަ."

އެކަމަކު އޭނާ މަޑެއް ނުކުރިއެވެ. އޭނާ ނުކުމެ އެހެރީ މަޑުކުރާ ކަހަލަ މަގަކަށް ނޫނެވެ.

"މެހެމަލް." އޭނާ ދުވެފައި އައިސް މެހެމަލާ އަރައި ހަމަކޮށްފިއެވެ. "އަޑުއަހާބަލަ."

އޭނާޔާ އަރައި ހަމަކޮށްފައި މާނޭވާ ލެވިފައި އެހެރީ ހުމާޔޫން ދާވޫދެވެ. ހުރީ ޓްރެކްސޫޓެއް ލައިގެންނެވެ. ދުވެ ނިންމާފައި ގެއަށް އަންނަނީއެވެ.

"މެހެމަލް. ކިހިނެއްވީ؟ އަހަރެން ގާތުވެސް ނުބުނާނަންތަ؟"

އޭނާ ހުއްޓިއްޖެއެވެ. ވަރަށް މަޑުމަޑުން އިސް އުފުލައިލިއެވެ. އޭނާގެ ބިއްލޫރި ދެ ލޮލުން މިހާރުވެސް ކަރުނަ ފައިބަނީއެވެ.

"އަހަރެން ހުމާޔޫން ގާތު ވާހަކައެއް ބުނަން ޖެހެނީ ދެމީހުންގެ މެދުގައި ކޮން ގުޅުމެއް އޮވެގެން؟"

"އިންސާނިއްޔަތުގެ ގުޅުމަކީ ގުޅުމެއް ނޫންތަ؟"

"އާނ. އެއީ ގުޅުމެއް ނޫން." އޭނާ އަނެއްކާވެސް ބާރަށް ހިނގައިގެންފިއެވެ.

"އެންމެ ރަނގަޅު. ވެގެން އުޅޭ ކަމެއް ބުނެބަލަ."

"އަހަރެންގެ ބޮޑުބޭބެ އަހަރެންގެ ކާވެނި އޭނާގެ އާވާރާ ދަރިޔާ ކުރަން ނިންމައިފި."

"ދެން ރޮނީ ކޮން ކަމަކާ؟"

"އަހަރެން ޖެހެނީ އުފާކޮށް ލަވަ ކިޔައި ނަށަންތަ؟" އޭނާ ހުއްޓިފައި ހުމާޔޫނާ ދިމާއަށް އެނބުރިއްޖެއެވެ. އޭނާއަށް ކުރިމަތި ވަމުން މިދާ ހުރިހައި މުސީބާތެއްގެ އަސްލަކީ މި މީހާއެވެ.

"އެންމެ ރަނގަޅު. އޭނާޔާ ނީންނާނަމޭ ބުނޭ. އިންކާރު ކުރޭ. ނޫނީ އެހެން ކޮންމެވެސް ކަމެއް ކުރޭ. ތިޔަ ގޮތަށް އެ މީހުން ކުރާ އަނިޔާއަށް ކެތްކޮށްގެން ހުންނަންޏާ މަޑުމަޑުން ގޮސް ނޭވާ ހާސްވެ ހުވާސް ހިނގައިދާނެ."

މެހެމަލް ކަރުނައިން ފުރިފައިވާ ދެ ލޮލުން ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ. ހަމަ އެ ކިބުރުވެރިކަމެވެ. އެކަމަކު ފިކުރު ބޮޑުވުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ފެންނާން ހުއްޓެވެ.

"އަހަރެން މަރުވިޔަސް، ދިރިހުއްޓަސް އެއީ ހުމާޔޫނަކާ ބެހޭ ކަމެއް ނޫނެއްނު؟"

ހުމާޔޫން އަނގައިން ނުބުނެ ކުޑައިރުކޮޅަކު އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށް ފަހު ފުން ނޭވައެއް ލުމަށް ފަހު ބުންޏެވެ. "އާނ. އަހަންނަކާ ބެހޭ ކަމެއް ނޫން. އަހަންނަށް ވަރިހަމަ."

ހުމާޔޫން އެނބުރި ގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.