ށ. ނަރޫދޫ އާއްމު ޙާލަތަކަށް ގެނައިނަމަވެސް ދެ ހަފުތާއަށް ހިފެހެއްޓުންތަކެއް ގެންގުޅޭނެކަމަށް އެރަށު ކައުންސިލުން ބުނެފިއެއެވެ.
ކޯވިޑާ ގުޅިގެން ނަރުދޫގައި މަހަކަށް ވުރެ ގިނަ ދުވަސްވަންދެން އޮތް ފުރަބަންދުން އާއްމު ޙާލަތަކަށް ގެނައިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭވަނީ ހާމަކުރައްވައިފައެވެ. ނަރުދޫ ކައުންސިލުން މަޢުލޫމާތު ދެއްވި، އެކައުންސިލްގެ މެމްބަރު މުޙައްމަދު ނިޒާރު ވިދާޅުވީ އެޗްޕއޭއިން އެރަށުގެ ލޮކްޑައުން ނަގައި އާއްމު ޙާލަތަކަށް ގެނައި ނަމަވެސް ކޯވިޑާ ގުޅިގެން އެރަށުގައި އެކުލަވާލައިފައިވާ ޓާސްކް ފޯހުން ނިންމަވައިފައި ވަނީ ދެ ހަފުތާއަށް ހިފެހެއްޓުންތަކެއް ގެންގެންގުޅުމަށެވެ. އެގޮތުން ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތް ތަކަށް ވެސް ބޭރަށް ނުކުމެ އުޅެވޭނީ ޓާސްކްފޯސްގެ ޚާއްޞަ ހުއްދަޔަކާއެކު ގައެވެ. އާއިލާގެ މެމްބަރަކަށް ބައްދަލުކުރަން ވިއަސް ދެވޭނީ ހުއްދައާއެކު އެއްގަޑިއިރަށެވެ. އެގޮތަށް ޒިޔާރާތްކުރުމުގައި ހަމައެކަނި ހުއްދަ ނެގިގެން ނޫން ތަނަކަށް ނުދެވޭނެއެވެ. އެކަކު އަނެކަކު ބައްދަލު ކުރާއިރުވެސް ފަސްފޫޓުގެ ގައިދުރުކަން ބަހައްޓަން ޖެހެއެވެ. އާއްމު ހާލަތުގައި މީހުން ބޭރަށް ނުކުމެ އުޅޭ ގޮތަކަށް ދެހަފުތާ ވަންދެން ނޫޅެވޭނެއެވެ. ހުއްދައާއެކުވެސް ބޭރަށް ނުކުންނަން ޖެހެނީ މާސްކު އަޅައިގެން ރައްކާތެރި ފިޔަވަޅާ އެކުގައެވެ. މަސްވެރިކަމުގައިވެސް ގުރޫޕު ހަދައިގެންނެއް ނުދެވެއެވެ. ދެވޭނީ ގިނަ ވެގެން އެއްފަހަރާ ދެމީހަކަށެވެ. ރަށަށް އާންމު ދަތުރު ފަތުރެއް ހުއްދައެއް ނޫނެވެ. ހަމައެކަނި ރަށުގެ ދަނޑުވެރިކަމުގެ އާލާތްތައް ގަތުމަށް އަންނަ އުޅަނދު ފަހަރާއި ރަށަށް މުދާ ހިފައިގެން އަންނަ އުޅަނދަށް ނޫނީ މިދެ ހަފާތާގެ ތެރޭގައި ނާދެވޭނެއެވެ. ރަށުގެ މިސްކިތަށްވެސް ޖަމާއަތުގައި ނަމާދުކުރުމަކަށް އަދި ހުޅުވައެއް ނުލައެވެ.
ނަރުދޫއަކީ މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވި ރަށެވެ. އެރަށުގެ 11 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އެމީހުން މިހާރު ވަނީ އައިސޮލޭޝަނުން ދޫކޮށްލައިފައެވެ. އޭގެ ތެރެއިން ހަމީހަކު މީގެ ދެތިން ދުވަސް ކުރިން ވަނީ އަނބުރާ ރަށަށް ގެންގޮސްފައެވެ. ބާކީ ތިބިމީހުން މިއަދުގެ ވަގުތެއްގައި އަނބުރާ ރަށަށް ގެންނާނެކަމަށް ވެސް ރަށު ކައުންސިލުން ވިދާޅުވިއެވެ.